ރިޕޯޓް / ކޯޓް

ކޯޓުގައި ހިނގާ މައްސަލަތަކުގައި ބަންދު އަމުރަށް އިސްތިއުނާފްގެ ދޮރު ބަންދު!

ކޯޓެއްގެ ޝަރީއަތުގެ މާލަން: ކޯޓުތަކަށް ތަބާއަވުން ލާޒިމް ވާނީ މަތީ ކޯޓުތަކުން ނިންމާ ނިންމުންތަކަށް

މަރުގެ ބޮޑު މައްސަލައެއްގައި ދައުވާ ލިބޭ މީހުންގެެ ތެރެއިން މީހަކު ބަންދުން ދޫކޮށްލަން ކުއްލި ގޮތަކަށް މި އަހަރު ކުރީކޮޅު ކްރިމިނަލް ކޯޓުން އަމުރުކުރި އެވެ. އެއީ ގޭންގަކުން ކުޑަކުއްޖަކަށް ހަމަލާދީ މަރާލީ މައްސަލައެއްގައި ދައުވާ ލިބުނު މީހެކެވެ. އާންމުކޮށް މަރުގެ މައްސަލަތަކުގައި ދައުވާ ލިބޭ މީހުންނަކީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބޭ ބައެއް ނަމަވެސް ޝަރީއަތް ހިނގަމުން ދަނިކޮށް ވަކި ހިސާބަކުން މީހާ ދޫކޮށްލަން އަމުރުކުރީ އެވެ.

މަރުގެ އެ މައްސަލާގައި ހުކުމް ކުރުމުގެ ކުރިން އޭނާ ދޫކޮޮށްލުމަކީ މުޖްތަމައަށް ނުރައްކާވެދާނެ ކަމަކަށް ވާތީ، އެ މައްސަލަ އިސްތިއުނާފް ކުރަން ދައުލަތުން މަސައްކަތް ކުރި އެވެ. އެކަމަކު އިސްތިއުނާފް ކުރަން ބެލިއިރު އެ ދޮރު އޮތީ އެއްކޮށް ބަންދުވެފަ އެވެ. އެންމެ ފަހުން ޖެހުނީ އޭނާ ދޫކޮށްލާފައި ބަހައްޓާށެވެ. ގިނަ ބަޔަކު ހީކުރީ އިސްތިއުނާފް ނުކޮށް، ގަސްދުގަައި ދޫކޮށްލީ ކަމަށެވެ. އެކަމަކު ހަގީގަތަކީ އެފަދަ ހާލަތްތަކުގައި އިސްތިއުނާފް ކުރުމުގެ ފުރުސަތު ނެތުމެވެ.

އެ މައްސަލާގައި އިސްތިއުނާފްގެ ދޮރު ބަންދުވީ ދައުވާ ލިބޭ މީހާގެ ބަންދާ މެދު ޝަރީއަތުގެ ފަނޑިޔާރު ނިންމާ ނިންމުންތައް އިސްތިއުނާފީ ކޯޓުތަކަށް ނުބެލޭނެ ކަމަށް ހައި ކޯޓުން ކަނޑައަޅާފައިވާތީ އެވެ.

ހައި ކޯޓުން މި އުސޫލު ކަނޑައެޅީ އެ ކޯޓުން 2012 ގައި ކުރި ހުކުމަކުންނެވެ. އެ ހުކުމުގައި ވަނީ ކޯޓުގައި ހިނގަމުންދާ މައްސަލަތަކުގައި ދައުވާ ލިބޭ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަކީ އެ މައްސަލައެއް ބަލާ ފަނޑިޔާރަށް ލިބޭ "ތަގްދީރީ ބާރެއް" ކަމަށެވެ. އަދި ފަނޑިޔާރަކު "ތަގްދީރީ ބާރުގެ" ތެރެއިން ނިންމާ ނިންމުންތައް އިސްތިއުނާފީ ކޯޓުތަކަށް ރިވިއު ނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ ކަމަށް ވެސް ހައި ކޯޓުގެ އެ ހުކުމުގައިވެ އެވެ.

"ކަން ހިނގާފައިވާ ގޮތްތަކާއި ހުށަހެޅިފައިވާ ހެކިތަކާއި ގަރީނާތަކުގެ މައްޗަށް ބަލައި، އެންމެ އެކަށީގެންވާ ގޮތެއްގައި އެކަންކަން ވަޒަން ކުރެވޭނީ އެ މައްސަލައެއް މައުޟޫއީ ގޮތުން ބައްލަވާ ފަނޑިޔާރަށް ކަމާއި، މިހެންކަމުން އަދި ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކޮށް ބަންދާ މެދު ގޮތެއް ނިންމުމުގެ ގަވާއިދުގެ 13 ވަނަ މާއްދާ ފަރުމާ ކުރެވިފައިވާ ގޮތުން، ޝަރީއަތުގެ މަރުހަލާގައި ހައްޔަރު ނުވަތަ ބަންދާ މެދު ގޮތެއް ނިންމުމުގެ މައްސަލަތަކުގައި ގޮތެއް ކަނޑައެޅުމަކީ އެ މައްސަލައެއް ބައްލަވާ ފަނޑިޔާރަކަށް ލިބިގެންވާ ތަގްދީރީ ބާރެއް،" މަސްތުވާތަކެތީގެ މައްސަލައެއްގައި ދައުވާ ލިބޭ މީހަކު ގޭ ބަންދަށް ބަދަލުކުރުމުން ދައުލަތުން ކުރި އިސްތިއުނާފްގައި އިއްވި ހުކުމުގައިވެ އެވެ.

އެ ހުކުމުގައި އެގޮތަށް ކަނޑައަޅާފައި ވާތީ، ދައުވާ ލިބޭ މީހުންގެ ބަންދާ މެދު ޝަރީއަތެއްގައި ނިންމާ ނިންމުންތައް އިސްތިއުނާފް ކުރަން ހުށަހެޅިޔަސް ހައި ކޯޓުން އެ މައްސަލައެއް ބަލައެއް ނުގަނެ އެވެ.

ހައި ކޯޓު: ޝަރީއަތުގެ މަޖިލިހެއްގައި ބަންދާ މެދު ނިންމާ ނިންމުން އިސްތިއުނާފް ނުކުރެވޭނެ ކަމަށް ވަނީ ކަނޑައަޅާފައި --މިހާރު ފޮޓޯ/ނިޝާން އަލީ

ހައި ކޯޓުގެ އެ ހުކުމުގައި ކަނޑައެޅި އުސޫލުގެ ނަތީޖާ އަކީ ކޯޓުގައި ހިނގާ ޖިނާއީ މައްސަލަތަކުގައި ދައުވާ ލިބޭ މީހުންގެ ބަންދާ މެދު އެ މައްސަލައެއް ބަލާ ފަނޑިޔާރަކު ނިންމާ ނިންމުން އިސްތިއުނާފް ކުރުމުގެ ފުރުސަތު ބަންދު ވުމެވެ. މިސާލަކަށް މުޖްތަމައަށް ކިތަންމެ ނުރައްކާތެރި މީހަކު ދޫކޮށްލަން އަމުރުކުރިޔަސް ނުވަތަ ބަންދުކުރަން ނުޖެހޭ ވަރަށް އާދައިގެ މައްސަލައެއްގައި ހިމެނޭ މީހަކު ބަންދުކުރަން އަމުރު ކުރިޔަސް ކޯޓުގައި ހިނގާ މައްސަލައަކަށް ވެފައި، އެއީ އެ މައްސަަލައެއް ބަލާ ފަނޑިޔާރުގެ ނިންމުމަކަށް ވާތީ އެ މައްސަލައެއް އިސްތިއުނާފެއް ނުކުރެވޭނެ އެވެ.

ގާނޫނުއަސާސީގެ 56 ވަނަ މާއްދާގައި ބުނަނީ ޖިނާއީ އަދި މަދަނީ މައްސަލަތަކުގައި ކޯޓުތަކުން ކުރާ ހުކުމްތަކާއި ނެރޭ އަމުރުތަކާ މެދު ހިތްހަމަނުޖެހޭ ނަމަ އެ ނިންމުމެއް މަތީ ކޯޓެއްގައި އިސްތިއުނާފް ކުރުމުގެ ހައްގު އެ މައްސަލައެއްގައި ހިމެނޭ ފަރާތްތަކަށް ލިބިގެންވާ ކަމަށެވެ. އަދި ގާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބުނަނީ ހަތަރު ހާލަތެއް އޮވެގެން މެނުވީ ކޯޓަކުން ހުކުމް ކުރުމުގެ ކުރިން މީހަކު ބަންދުގައި ބަހައްޓައިގެން ނުވާނެ ކަމަށެވެ. ނަމަވެސް ހައި ކޯޓުން ކަނޑައަޅާފައިވާ އުސޫލުގެ އާޚިިރު ނަތީޖާއަކަށް ވެގެން ދަނީ އެ ދެ ހައްގުގެ ވެސް ކޮންމެވެސް މިންވަރެއް ހަނިވުމެވެ.

މިސާލަކަށް ފިހާރަކުން ކޮފީ ދަޅެއް ވަގަށް ނެގި ކަމަށް ބުނެ މީހަކަށް ދައުވާކޮށް، ޝަރީއަތް ހިންގަމުން ދަނިކޮށް، އޭނާއަކީ މުޖްތަމައަށް ނުރައްކާ މީހެއް ކަމަށް ބަލައި، ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކުރީ އެވެ. ހަގީގަތުގައި އެއީ މުޖްތަމައަށް އެއްވެސް ނުރައްކަލެއް ނެތް، އަދި ބަންދުގައި ބެހެއްޓުން ގާނޫނުއަސާސީ ހުއްދަ ކުރާ އެހެން ސަބަބެއް ވެސް މެދުވެރިވެފައި ނެތް މީހެކެވެ. އެކަމަކު އެ ނިންމުމަށް ޗެލެންޖް ކުރަން ހައި ކޯޓަށް ދާން ބަލާއިރު އެ ދޮރު އޭނާއަށް ބަންދެވެ. ދާދި ފަހުން އެފަދަ ކަމެއް ވަނީ ހިނގައިފަ އެވެ.

ބަންދާ މެދު ނިންމާ ނިންމުންތަކަކީ ވަރަށް ބޮޑު އަސާސީ ހައްގަކާ ގުޅިފައިވާ ކަމެއް. އޭގެ މައްސަލަތައް އެއްވެސް ގައިދެއް ނެތި އިސްތިއުނާފް ކުރެވޭނެ ފުރުސަތު އޮންނަން ވާނެ. އެއީ ޝަރީއަތުގެ މަރުހަލާގައި ހިނގަމުންދާ މައްސަލައަކަށް ވިޔަސް،

ދައުވާ ލިބޭ މީހެއްގެ ވަކީލަކު އައްޔަންކޮށްފައި ހުއްޓާ އެ ވަކީލުގެ ޣައިރު ހާޒިރުގައި، ބަންދު މުއްދަތު މަޖިލިސް ބާއްވައި، އޭނާގެ ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކުރި ކަމަށް ބުނާ މައްސަލައެއް ފެންމަތިވި އެވެ. ވަކީލަކު ހަމަޖައްސާފައި ހުރެއްޖެ ނަމަ އޭނާ އަށް ފުރުސަތު ނުދީ ނެރޭ ބަންދު އަމުރު މަތީ ކޯޓުތަކުން ބާތިލްކުރެ އެވެ.

އެކަމަކު އެ މައްސަލާގައި އެ އަމުރު އިސްތިއުނާފް ކުރަން ހައި ކޯޓަށް ދެވޭކަށް ނެތެވެ. އޭނާ ބަންދުކުރަން އަމުރުކުރީ ދައުވާކޮށް ކޯޓުގައި ހިނގަމުންދާ ޝަރީއަތުގައި ކަމަށް ވެފައި، އެގޮތަށް ނިންމީ މައްސަލަ ބަލާ ފަނޑިޔާރު ކަމަށް ވާތީ އެވެ. ކުރުކޮށް ބުނާ ނަމަ އެފަދަ މައްސަލަތަކުގައި އޮތް ހަމައެކަނި ގޮތަކީ ކޮންމެ ފަދަ ނިންމުމެއް ނިންމިޔަސް ވަރިހަމަވެގެން ތިބުމެވެ. ފާހަގަކުރަން މި އުޅެނީ އެ މައްސަލަ އެވެ.

ހައި ކޯޓުން އެ އުސޫލު ކަނޑައަޅާފައި އޮތަސް ހުރިހާ ހާލަތެއްގައި އެއްވެސް އިސްތިސްނާއެއް ނެތި އެގޮތަށް އަމަލް ކުރަން ހައި ކޯޓުގެ މައްޗަށް ލާޒިމެއް ނުވެ އެވެ. ގާނޫނު އަސާސީ ބުނަނީ ކޯޓުތަކުން އަމަލްކުރުން ލާޒިމްވާނީ އެ ކޯޓަކަށް ވުރެ މަތީ ކޯޓުތަކުން ނިންމާ ނިންމުންތަކަށް ކަމަށެވެ.

އެހެންވެ އެ އުސޫލު ބަދަލުކޮށް ނުވަތަ އެ އުސޫލު އިތުރަށް މާނަކޮށްދީ، އެކަމުގައި އިސްތިސްނާ ހާލަތްތަކެއް ކަނޑައެޅުމުގެ ބާރު ހައި ކޯޓަށް އަދިވެސް އެބަ އޮތް ކަމަށް ގާނޫނީ ފަރާތްތަކުން ދެކެ އެވެ.

"ހައި ކޯޓަަށް އެ ކޯޓުގެ ނިންމުން ބަދަލު ކުރެވިދާނެ. އެހެން ނޫނީ ދެން އޮންނާނެ ގޮތަކީ ހައި ކޯޓުން އެފަދަ މައްސަލައެއް ބަލައިނުގަތީމަ އެކަން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުން،" ވަކީލަކު ވިދާޅުވި އެވެ.

ހައި ކޯޓުގެ އެ އުސޫލު ބަދަލުކުރަން ސުޕްރީމް ކޯޓަށް ދިއުމުގެ ފުރުސަތު އޮތީ ހުޅުވިފަ އެވެ. އެކަމަކު މިހާތަނަށް އެ އުސޫލު ބާތިލްކުރަން އެއްވެސް ފަރާތަކުން ސުޕްރީމް ކޯޓާ ހަމައަކަށް ނުދެ އެވެ.

ކޯޓުތަކުން ނިންމާ ނިންމުންތަކުގެ ތެރޭގައި ވެސް އިސްތިއުނާފް ނުކުރެވޭ ފަދަ ނިންމުންތައް ހުރެ އެވެ. ކޯޓަށް ހާޒިރުވާން ނެެރޭ އަމުރުތަކާއި ހިނގަމުންދާ މައްސަލަތަކުގައި ނިިިންމާ އިޖްރާއީ ނިންމުންތައް ވަކިން އިސްތިއުނާފެއް ނުކުރެވޭނެ އެވެ. އެކަމަކު މީހުންގެ މިނިވަންކަމާއި މުޖްތަމައުގެ ސަލާމަތާ ގުޅުން ހުރި ކަންކަމުގައި، ބަންދާ މެދު ގޮތެއް ނިންމުމުގެ މައްސަލަތަކަށް އިސްތިއުނާފް ކުރުމުގެ ފުރުސަތު އަބަދުވެސް އޮންނަން ޖެހޭ ކަމަށް ގާނޫނީ ތަޖުރިބާކާރުން ދެކެ އެވެ.

"ކޯޓަށް ހާޒިރުވާން ނެރޭ އަމުރުތައް އިސްތިއުނާފް ނުކުރެވޭ ގޮތަށް އޮތުން ރަނގަޅު. އެއީ އިންސާފަށް ހުރަސް އަޅަން އިސްތިއުނާފްގެ މަރުހަލާގެ ބޭނުން ކުރުމުގެ ފުރުސަތު ނުދޭންވެގެން ކުރާ ކަމެއް. އެކަމަކު ބަންދާ މެދު ނިންމާ ނިންމުންތަކަކީ ވަރަށް ބޮޑު އަސާސީ ހައްގަކާ ގުޅިފައިވާ ކަމެއް. އޭގެ މައްސަލަތައް އެއްވެސް ގައިދެއް ނެތި އިސްތިއުނާފް ކުރެވޭނެ ފުރުސަތު އޮންނަން ވާނެ. އެއީ ޝަރީއަތުގެ މަރުހަލާގައި ހިނގަމުންދާ މައްސަލައަކަށް ވިޔަސް،" އެހެން ވަކީލަކު ވިދާޅުވި އެވެ.

އިސްތިއުނާފްގެ ހައްގު އެންމެންނަށް ފަހިކޮށްދީފައިވަނީ މުހިންމު ސަބަބުތަކަކަށްޓަކަ އެވެ. އިންސާފު ލިބޭކަން ކަށަވަރު ކުރުމާ އެކު އިންސާފުވެރިކަމާ އެކު ހުކުމް ކުރަން ފަނޑިޔާރަށް ބާރު އެޅުމަކީ އިސްތިއުނާފްގެ ހައްގު ދީފައި އޮތުމުގެ މުހިންމު ބޭނުމެކެވެ.

ދަށު ކޯޓެއްގައި ފަނޑިޔާރަކު ނިންމާ ނިންމުމެއް އެއަށް ވުރެ މަތީ ކޯޓެއްގައި، އެއަށް ވުރެ ގިނަ ފަނޑިޔާރުންގެ ބެންޗަކުން ބަލައި، ރިވިއު ކުރާނެ ކަން އެނގޭ ނަމަ ރަނގަޅަށް ހުކުމް ކުރަން ދަށު ކޯޓުގެ ފަނޑިިޔާރުންނަށް ބާރަކަށް ވާނެ އެވެ. އެހެންކަމުން ދައުވާ ލިބޭ މީހުންގެ ބަންދާ މެދު ނިންމާ ނިންމުންތަކަށް އިސްތިއުނާފްގެ ފުރުސަތު އެއްކޮށް ބަންދުވެފައި އޮތުމަކީ ވަރަށް "ނުރައްކާތެރި ކަމެއް" ކަމަށް ބެލެވެ އެވެ. މިއީ ޝަރުއީ ދާއިރާ އިން ވިސްނަން ޖެހޭނެ މައްސަލައެކެވެ.

9 ކޮމެންޓް, 6 ރިއެކްޝަންސް

icon happy icon happy 33%
icon sad icon sad 33%
icon angry icon angry 33%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މޯޑު

05 October 2016

މީ ދޫނިރާއްޖެ ހައްގުއޮންނާނީ ބާރުވެރި ފަރާތުގެ ޖީބުގަ. އޭނަދިންވަރަކަށް އެލިބޭނީ.

The name is already taken The name is available. Register?

މުހައްމަދު

05 October 2016

ބައެއް މަގުތައް ބައެއް ކަންކަމާހެދި ފުލުހުން ނުކުމެ ބަންދުކުރީމާ މަ ސައިކަލުގައި ދުއްވާފައި ދާން ބޭނުންވާ މަގަކުން ގޮސް މާރުކޭޓުން މަހެއްވެސް ގަނެއެއް ނުލެވެއެވެ. މި ވައްތަރުގެ ޙައްޤުތައް ރައްކާތެރިކޮށް ކަށަވަރުކޮށްދީފައި ބޭއްވުން މަވެސް އެދެމެވެ. ދަތިކަމެއް ނެތި މި މާލޭގައި ހެލިފެލި ނޫޅެވޭނަމަ ގެއްލިގެންދާ ޙައްޤުތައް ލިބޭނެ ގޮތެއް ހަދާފައި ބޭއްވުމަށް މަވެސް ގޮވާލަމެވެ.

The name is already taken The name is available. Register?

ޙަނީފް

05 October 2016

ނޫހުން ވަރަށް މަދުން ނޫނީ ނުފެންނަ ޒާތުގެ ލިޔުމެއް

The name is already taken The name is available. Register?

އަހުމްދު

05 October 2016

ޤާޒީއަކު ކަޑައެޅިގެން މީހަކަށް ގަޞްދުގައި ކުރާހުކުމަކުން އެޤާޒީއަށް އެއްވެސް އަސަރެއްކުރާނެ ގޮތެއް އޮވޭބާ. މިޤައުމުގެ ޤާޒީންކުރާ ނޭދެވޭ އަމަލުތަކަށް ފިޔަވަޅު އެޅޭބާ -

The name is already taken The name is available. Register?

އަލީ

05 October 2016

މިހެން ގިނަ ފަހަރައްވަނީ މީހާގެ މޫނައްބަލާފަ ކަންކަން ނިންމާތީ އެހެންވީމަ ދެންޖެހެނީ ތާކުންތާކުނުޖެހޭ ނިންމުމެއްވިޔަސް އޭގެ މަތީދެމިތިބެން އަނެއްކާވެސް ކޮންމެވެސް އެހެން މީހެއްގެ މޫނައްބަލާ އެނިންމުން އެހެން ގޮތަކައް ބަދަލު ކުރަންޖެހެންދެން.

The name is already taken The name is available. Register?

ސަރާ

05 October 2016

ވަރަށް ރަނގަޅު ލިޔުމެއް.

The name is already taken The name is available. Register?

ކްރިޓިކަލް

05 October 2016

ކުއްވެރިޔަކީ ކާކު ކަމެއް، އިނޮސެންޓީ ކާކު ކަމެއް ނޭނގޭ ގައުމެއްްގަ ރަންކޮޅާ އުޅެން ޖެހިފަ މިއޮތީ... ދެން ވާނެ ހައެތި ތި ވަނީ... ކަމެއްގަ ކޯޓައް ގޮސްގެން ލިބޭނެ އިންސާފެއް ނޯންނާނެ މިހާރަކު... އިންސާފަކި އެހާމެ އަގު ބޮޑުކޮއް ގަނެ ވިއްކާ އެއްޗެއް ރާއްޖޭގަ....

The name is already taken The name is available. Register?

ފފ

05 October 2016

ޖިނާއީ ޢިޖުރާއަތުގެ ޤާނޫނުގައި ބުނަނީ ކީކޭބާ؟

The name is already taken The name is available. Register?

މަ

05 October 2016

ޖިނާއީ އިޖުރާޢަތުގެ ޤާނޫނުގެ 198 ވަނަ މާއްދާއިން ކޯޓުން ކުރާ އެންމެހާ ޙުކުމްތަކާ އެންމެހާ އަމުރުތައް އެއްވެސް އިސްތިސްނާއެއް ނެތި އިސްތިޢުނާފްކުރުމުގެ ޙައްޤު ލިބިދޭ. އެހެންވީމަ ޖިނާއީ އިޖުރާޢަތުގެ ޤާނޫނަށް 2017 ޖެނުއަރީގަ ޢަމަލުކުރަންފެށީމަ މިކަމަށް ޙައްލެއް އަންނާނެކަމަށް ފެނޭ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454