ޝަރީއަތް ހިންގާ މާލަމެއް: ކަނޑުމަތީގެ އެކްސިޑެންޓެއްގައި ދެ މީހަކު މަރުވި މައްސަލާގައި މަރުގެ ދިޔަ ދައްކަން ދެ މީހަކަށް ވަނީ ހުކުމް ކޮށްފައި -- ފޮޓޯ/މިހާރު
13 ޖެނުއަރީ 2020 - 14:21
މީގެ 12 އަހަރު ކުރިން، ހުޅުމާލޭ ކައިރިން ދޯންޏަކާއި ޑިންގީއެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ދެ މީހަކު މަރުވި މައްސަލައިގައި، އެ ދެ އުޅަނދު ދުއްވި ދެ މީހުން ކުށްވެރިވާ ކަމަށް ނިންމައި، މަރުގެ ދިޔައިގެ ގޮތުގައި 66،666ރ. ދައްކަން އެ ދެ މީހުންގެ މައްޗަށް ކްރިމިނަލް ކޯޓުން މިއަަދު ހުކުމްކޮށްފި އެވެ.
ޖެނުއަރީ، 2008 ގައި ހުޅުމާލެ އިން ހުޅުލެއާ ދިމާލަށް ދަތުރުކުރި ދޯންޏަކާއި ހުޅުމާލޭ ޖެޓީ ސަރަހައްދުން ސަފާރީއަކާ ދިމާލަށް ދަތުރުކުރި ޑިންގީއެއް ޖެހި ހިނގި އެކްސިޑެންޓުގައި، ޑިންގީގައި ތިބި ތިން މީހަކު މޫދަށް ވެއްޓި، އޭގެ ތެރެއިން ދެ މީހަކު މަރުވި އެވެ. އެ ވަގުތު، ޑިންގީ ދުއްވި މުހައްމަދު ގާސިމާއި ދޯނި ދުއްވި މުހައްމަދު އަބްދުﷲ މައްޗަށް ދައުލަތުން ކުރީ އޭރު އަމަލުކުރި ގާނޫނުލްއުގޫބާތުގެ ދަށުން އަމުރަށް ނުކިޔަމަންތެރި ވުމުގެ ދައުވާ އެވެ.
އެ ދެ މީހުންގެ މައްޗަށް ކުރި ހުކުމުގައި ވަނީ އެ ހާދިސާގައި އެ ދެ މީހުންގެ އިހުމާލު އޮތް ކަން ގާސިމްގެ އިއުތިރާފުންނާއި ހެކިތަކުން ސާބިތުވާތީ، އެ ދެ މީހުން ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅައިި، މަރުވި ދެ މީހުންގެ ތެރެއިން އެކަކުގެ ވާރިސުން މަރުގެ ދިޔަ ބޭނުންވާ ކަމަށް ބުނެފައިވާތީ މަރުގެ ދިޔައިގެ ގޮތުގައި އެއިން ކޮންމެ މީހަކު 66،666ރ. ހަ މަސް ތެރޭގައި ދެއްކުމަށެވެ އަދި ކައްފާރާގެ ގޮތުގައި ވިދިވިދިގެން ހަނދުމަހުގެ ދެ މަސް ދުވަހުގެ ރޯދަ ހިފަން އަންގާ ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.
އެ ހާދިސާ ހިނގިއިރު، އަމަލުކުރި ގާނޫނުލްއުގޫބާތުގައި އޮންނަ ގޮތުން އަމުރަށް ނުކިޔަމަންތެރިވެ، ކުރާ އަމަލެއްގެ ސަބަބުން މީހަކު މަރުވެއްޖެ ނަމަ އެ ކުށްކުރި މީހެއްގެ އަދަބަކީ އިސްލާމީ ޝަރީއަތުގައި އެކަމަށް އޮންނަ އަދަބެކެވެ. އަދި އިސްލާމީ ޝަރީއަތުގައި އެފަދަ މަރުތައް ހިމެނެނީ ގަސްދަކާ ނުލައި ކުރާ ކަމަކުން މީހަކު މަރުވުމުގެ އަމަލެއްގެ ގޮތުގައި ކަމަށްވާތީ އޭގެ އަދަބަކީ މަރުގެ ދިޔަ އަދި ކައްފާރާ ދިނުން ކަމަށް ހުކުމުގައިވެ އެވެ.
ރާއްޖޭގައި މަރުގެ ދިޔައިގެ ގޮތުގައި ނަގައި ދެވެނީ އެއް ލައްކަ ރުފިޔާ ކަމަށް ވިޔަސް، މި ފަހަރުގެ ހާދިސާ ހިނގާފައިވަނީ ހުރުމަތްތެރިވެގެންވާ މަހެއްގައި ކަމަށް ވާތީ މަރުގެ ދިޔައިގެ މިންވަރު އިތުރުވާނެ ކަން އިސްލާމީ ޝަރީއަތުގެ ނައްސުތަކުން އެނގޭ ކަމަށް ހުކުމުގައިވެ އެވެ. އެހެންވެ، މަރުގެ ދިޔައިގެ ގޮތުގައި ޖުމްލަ 133،333ރ. ދައްކަން ޖެހޭ ކަމަށް ކަނޑައަޅައި، އެ އަދަދު ދައުވާ ލިބުނު ދެ މީހުންނަށް ބަހައިލުމުން އެއިން ކޮންމެ މީހަކު ދައްކަން ޖެހޭނީ 66،666ރ. ކަމަށް ގާޒީ އަލީ ރަޝީދު ހުސައިން ކުރެއްވި ހުކުމުގައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސުވާލު
14 January 2020
ދަށުކޯޓުން މައްސަލައެއް ނިމެން 12 އަހަރު ނެގުމަކީ ހަމަ އަދުލް އިންސާފުތޯ، ޤާނޫނަށް އަކުރެއް އިތުރުކޮށްގެން ނަމަވެސް މަދުވެގެން 1 އަހަރުތެރޭ މައްސަލަ ނިންމާ ހުކުން ކުރުމަށް ފާސްކުރާނީ މަޖިލީހުގެ ކިތައް ގޮޑި ލިބުނީމަތޯ
ދޮންހިޔަލަ
14 January 2020
ޝަރީޢަތްކުރުމާބެހޭ ޤަވާޢިދުގެ 6 ގެ 76 ވަނަ މާއްދާ އުވިގޮސްފަވަނީ އިޖުރާއަތު ޤާނޫނު ވުޖޫދަށް އައުމުން، އެހެންވީމަ، މަރުގެ ދިޔަ ތިޔަ ނެންގެވީ ކޮން ޤާނޫނެއް ނުވަތަ ޤަވާޢިދަކަށް ރިޢާޔަތްކޮށްފަތޯ؟
ޖަމަލު
14 January 2020
ޤަތްލު ޚަޠައުގައި ޤާތިލު ދިޔަ ދޭކަށް ނުޖެހޭނެ. ޤާތިލު ޖެހޭނީ ކައްފާރާދޭން. ދިޔަ ދޭނީ ޤާތިލުގެ ޢާޤިލާ. އެބަހީ އޭނާގެ ބަފައިފުށުގެ ޢާއިލާ. އެމީހުންނަށް ނުދެއްކިއްޖެނަމަ ދެން ބައިތުލް މާލުން ދައްކާނީ.
ޝަހިންދާ
13 January 2020
ފުރާނަޔަކަށް 33،333 ރުފިޔާ؟ ކިހިނެތް އަގު ކުރީ؟ ފޯމިއުލާ ބޭނުން އަހަރެންވެސް.
ތުއްތުނާ
14 January 2020
މިއީ މަރުވި ދެ މީހުންގެ ތެރެއިން އެކަކުގެ މަރުގެ ދިޔަ ޖުމްލަ 133،333ރ.....ރާއްޖޭގައި މަރުގެ ދިޔައިގެ ގޮތުގައި ނަގައި ދެވެނީ އެއް ލައްކަ ރުފިޔާ.....ހުރުމަތްތެރިވެގެންވާ މަހެއްގައި ކަމަށް ވާތީ މަރުގެ ދިޔައިގެ މިންވަރު އިތުރުވާނެ ކަން އިސްލާމީ ޝަރީއަތުގެ ނައްސުތަކުން އެނގޭ ކަމަށް ހުކުމުގައިވެ.....މަރުވި ދެ މީހުންގެ ތެރެއިން އެކަކުގެ ވާރިސުން މަރުގެ ދިޔަ ބޭނުންވާ ކަމަށް ބުނެފައިވާތީ މަރުގެ ދިޔައިގެ ގޮތުގައި އެއިން ކޮންމެ މީހަކު 66،666ރ.....
ވަޑްޔައްތޮކިނަބާ
13 January 2020
12 އަހަރު ވަންދެން އެ ދެކުދިން ދުނިޔާގައި ތިބޭނެކަން އެބައެނގޭހެއްޔެވެ!
ބައިރޯ
13 January 2020
12 އަހަރު ފަހުން ތިމަރުވި މީހުންގެ ދަރިން މިހާރު ބޮޑެތިވެދާނެ، ލާރީގެ ބޭނުން ޖެހުނު ވަގުތު ގޮސްފި
އަސަދް
13 January 2020
މަރުގެ ދިޔައަކީ 100 ޖަމަލު. މިހާރު ޖަމަލުގެ އަގުންނަމަ އެއް މިލިއަން ދިވެހި ރުފިޔާއަށްވުރެ ބޮޑުވާނެ.
ބިސްބުރި
13 January 2020
އޮސްޓްރޭލިޔާގަ އުޅޭ ވަލު ޖަމަލުތައްވެސް ބައިވަރު. އެމީހުން އުޅެނީ އޭއްޗިއްސާ ހެދި އުނދަގޫވެގެން. އެހެންވީމަ ބަލަން ޖެހޭނީ ޖަމަލު ހޯދަނީ ކޮންތާކުންތޯ. އޮސްޓްރޭލިޔާގަ ޖަމަލެއް ޖެހިދާނެ 1 ޑޮލަރަށްވެސް.
ޖަމަލު
14 January 2020
އިސްލާމީ ބައެއް ޤައުމުތަކުގައި ދިޔައިގެ ގޮތުގައި ދޭ ފައިސާގެ މިންވަރު، ބާޒާރުގެ އަގުތަކަށް ބަލައި ދޭތެރެދޭތެރެއިން މުރާޖަޢާކުރޭ. ސައުދީގައި މިހާރު އޮންނަނީ ޢަމްދުގައި 4 ލައްކަ ރިޔާލް، ޚަޠައުގައި 3 ލައްކަ ރިޔާލް. އެއީ 1.2 މިލިޔަން ރުފިޔާއާއި 1.6 މިލިޔަން ރުފިޔާ. ރަނަކީ ވެސް ދިޔައިގެ އަޞްލެއްކަމަށް ބައެއް ޢިލްމުވެރިން ވިދާޅުވޭ. ރަނަށް ބަލައިގެން އަގު ކަނޑައަޅައިފިނަމަ އަދި އެޔަށްވުރެ މާ ބޮޑުތަން އަގުބޮޑުވާނެ.
މުހުތާޒު
13 January 2020
ކީއްކުރާނީ މީ ޝަރުއީ ހުކުމް. ގާނޫނުގަ އޮތްގޮތް.
އަލިފުޅޫ
13 January 2020
ހައެއްކަ ކޭސް އޮރެންޖުގެ ދިޔަ ވެސް ތިއަށް ވުރެ އަގު ބޮޑު!!!
ކަންނާޑި
13 January 2020
އަލިފުޅޫޫ ޫ! ތިޔަހެން ނުބުނޭ. މިހާރު ފަނޑިޔާރުގެތައް ވަރަށް އިންސާފުވެރިވާނެ. މަޙްޝަރު ދުވަހު ބައްލަވާ ހިސާބަށްވުރެވެސް މިހާރުގެ ފަނޑިޔާރުން އިންސާފުވެރިވާނެ. މިސަރުކާރަކީ އިންސާފު ހޯދާދޭ ސަރުކާރު.
މުހުތާޒު
13 January 2020
މީ ގާނޫނުގަ އޮތްގޮތް.
ރަންދެލި
13 January 2020
މަރުވި 2 މީހުންނަށް އިންސަފު ލިބުނީ؟ އެވެސް 12 އަހަރު ފަހުން؟