ދެ ޓޫރިސްޓަކު މަރުވި އެކްސިޑެންޓުގައި ލޯންޗު ދުއްވި ކައްޕި ކުށްވެރިވެ ބޮޑު ޖޫރިމަނާއެއް

މީގެ ހަތަރު އަހަރު ކުރިން، ޓޫރިސްޓުން ގޮވައިގެން ދަތުރުކުރި ޑައިވިން ދޯންޏަކާއި ލޯންޗެއް އެކްސިޑެންޓުވެ ދެ ޓޫރިސްޓަކު މަރުވި މައްސަލާގައި، ލޯންޗުގެ ކެޕްޓަންގެ މައްޗަށް ކުރި މީހަކު މަރުވެދިއުމުގެ އިހުމާލުގެ އަމަލެއް ކުރުމުގެ ދައުވާ ސާބިތުވެ 116،200ރ. އިން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.


ލޯންޗުގެ ކެޕްޓަނަކަށް ހުރި އިބްރާހިމް ނާސިރު ޖަލަށް ލުމަށް ހުކުމް ކުރި ނަމަ އޭނާގެ މައްޗަށް 1 އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ހުކުމެއް އިއްވޭނެ އެވެ. ނަމަވެސް ކުށް ކުރި ހާލަތާއި ކުށްވެރިޔާގެ ޒާތީ ހައިސިއްޔަތަށާއި މުޖުތަމައުގެ ބޭނުންތަކަށް ބަލައި އެހެން އަދަބެއް ކަނޑައެޅުމަށް ގާޒީ އަށް ލިބިދޭ އިހްތިޔާރުގެ ދަށުން ޖޫރިމަނާގެ ހުކުމަކަށް ބަދަލުކުރީ އެވެ. އެއީ އިބްރާހިމް ގަސްތުގައި ބަޔަކަށް ގެއްލުން ދިނުމަށް ހިންގި އަމަލަކަށް ނުވާތީ އާއި މިއީ އޭނާގެ މައްޗަށް ކުށެއް ސާބިތުވި ފުރުތަމަ ފަހަރު ކަމަށް ވާތީ އެކަމުގެ މައްޗަށް ރިއާޔަތްކޮށްފަ އެވެ.

ހުކުމުގައިވާ ގޮތުން އެކްސިޑެންޓް ހިނގި ޑިސެމްބަރު 17، 2015 ގައި އިބްރާހިމް އޭނާގެ ކެޕްޓަންކަމުގައި "ސަންލިޓް 1" ލޯންޗް އިރު އޮއްސުނު ވަގުތު ކ. ގުޅިން މާފުއްޓަށް ކުރި ދަތުރުގައި، "ފަރިހި 2" ދޯނީގައި ޖެހި އެކްސިޑެންޓުވި އިރު ދެ އުޅަނދު ވެސް ދުއްވާފައި ވަނީ ނެވިގޭޝަން ލައިޓް ވެސް ދިއްލައިގެންނެވެ. ނަމަވެސް ލޯންޗް ދުއްވާފައިވަނީ ކަނޑުމައްޗަށް ބެލުމުގެ ބަދަލުގައި ޖީޕީއެސް އަށް ބަލައިގެން އަދި އެކަށީގެންވާ ވަރަށް ވުރެ ބާރަށް ކަމަށް ހުކުމުގައިވެ އެވެ.

ލޯންޗް ޖެހުނު ދޯނި ދުއްވަމުން ދިޔައީ ގަޑިއަކު 6-7 މޭލު ބާރުމިނުގައި ނެވިގޭޝަން ލައިޓް ވެސް ދިއްލައިގެން ކަމަށް ވިޔަސް ލޯންޗު ދުއްވާފައި ދިޔަލެއް ބާރުކަމުން ލޯންޗުން ސަލާމަތްވާން ދޯންޏަށް އެއްވެސް ކަމެއް ނުކުރެވުނީ އެވެ. އަދި ލޯންޗުގައި ތިބި މީހުން ވަނީ ދޯނީގެ އަލި ކުރިން ފެނުނު ކަމަށް ވެސް ބުނެފަ އެވެ.

އިރުއޮއްސި 6:30 އެހާކަން ހާއިރު މާފުށީ ކައިރީގައި ހިނގި އެކްސިޑެންޓްގައި މަރުވީ ދޯނީގައި ތިބި ޓޫރިސްޓުންގެ ތެރެއިން މެލޭޝިޔާގެ 16 އަހަރުގެ އަންހެން ކުއްޖަކާއި 42 އަހަރުގެ ޗައިނާގެ ޓޫރިސްޓެކެވެ. ދޯނީގައި ހަ މީހަކު ތިއްބެވެ. ލޯންޗްގައި ހަތަރު މީހަކު ތިބި އިރު އެ މީހުންނަށް ބޮޑު ގެއްލުމެއް ނުވެ އެވެ.

ގާޒީ ހަސަން ނަޖީބް ހޯމަ ދުވަހު ކުރެއްވި ހުކުމުގައި ޖޫރިމަނާ ފައިސާ ފަސް މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް އަމުރުކުރައްވާފައިވެ އެވެ.