ދެ ޓޫރިސްޓަކު މަރުވި އެކްސިޑެންޓާ ގުޅިގެން މީހަކަށް ދައުވާކޮށްފި

މީގެ އެއް އަހަރު ކުރިން ކ. މާފުށީ ކައިރިން ކަނޑުމަތީގައި ހިނގި އެކްސިޑެންޓެއްގައި ދެ ފަތުރުވެރިއަކު މަރުވި މައްސަލައިގައި، ލޯންޗް ދުއްވި މީހާގެ މައްޗަށް ދައުލަތުން ދައުވާކޮށްފި އެވެ.


ޑިސެމްބަރު، 2015 ގައި ލޯންޗަކާއި ޑައިވިން ދޯންޏެއް ޖެހިގެން ހިނގި އެ ހާދިސާގައި މެލޭޝިއާގެ 16 އަހަރުގެ އަންހެން ކުއްޖާއި ޗައިނާގެ 42 އަހަރުގެ އަންހެނަކު މަރުވި މައްސަލާގައި ދައުވާކުރަނީ ފ. ނިލަންދޫ އުނިމާގޭ، އިބްރާހިމް ނާސިރުގެ މައްޗަށެވެ. އޭނާއަކީ ލޯންޗް ދުއްވަން އިން މީހާ އެވެ.

ނަސީރުގެ މައްޗަށް ކުރަނީ މީހަކު މަރުވެ ދިއުމުގެ އިހުމާލުގެ އަމަލެއް ކުރުމުގެ ދައުވާ އެވެ. އެއީ ޖިނާޔަތުގެ ހަތަރު ވަނަ ދަރަޖައިގެ ކުށެކެވެ.

އެ މައްސަލައިގެ ޝަރީއަތް މިއަދު ފަށަން ވަނީ ހަމަޖައްސައިފަ އެވެ.

މީގެ ކުރިން 2009 ގައި ކުރެއްދޫ އައިލެންޑް ރިސޯޓްގައި ކުއަޑް ބައިކެއް ގަހެއްގައި ޖެހި ހިނގި އެކްސިޑެންޓެއްގައި ދެ ފަތުރުވެރިއަކު މަރުވި މައްސަލައެއްގައި ވެސް އެ ބައިކް ދުއްވި މީހާގެ މައްޗަށް ވެސް ދައުވާކުރި އެވެ. އެކަމަކު އެ ދައުވާ ސާބިތުނުވާ ކަމަށް ކޯޓުން އޭރު ވަނީ ނިންމައިފަ އެވެ.