ރޯދަމަހަށް ލޯކަލް މާރުކޭޓު ތައްޔާރުކުރުމުގެ މަސައްކަތް މީހަކު ކުރަނީ: ކާޑުގެ އަގު ބޮޑުވި މައްސަލާގައި ދެ މިނިސްޓަރަކާއި އެސްޓީއޯގެ ވެރިން އަންނަ ހަފްތާގައި މަޖިލީހަށް ހާޒިރު ކުރާނެ. -- މިހާރު ފޮޓޯ: މުހައްމަދު ޝަރުހާން
06 އޮކްޓޯބަރ 2016 - 18:04
ހަމައެކަނި ފަގީރުންނަށް ސަބްސިޑީ ދޭން ނިންމައި، ކާޑުގެ އަގު 100 ޕަސެންޓް ބޮޑުކުރުމާ ގުޅިގެން ދެ މިނިސްޓަރަކާއި ބައެއް މުއައްސަސާތަކުގެ ވެރިން ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ އަށް ހާޒިރު ކުރަން މިއަދު ނިންމައިފި އެވެ.
ކޮމެޓީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ނުވަ މެމްބަރުންގެ އިއްތިފާގުން ފާސްވީ ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ކޮމެޓީ އަށް ހާޒިރު ކުރުމަށެވެ. އަދި އެންސްޕާ އާއި އެސްޓީއޯ އަދި ނެޝަނަލް ރަޖިސްޓްރޭޝަންގެ އިސްވެރިން ހާޒިރު ކުރުމަށް ވެސް ވަނީ ނިންމައިފަ އެވެ.
މި ބައްދަލުވުމުގައި ހުރިހާ ޕާޓީތަކެއްގެ މެމްބަރުން ވެސް ވަނީ، ކާޑުގެ އަގު ބޮޑުކުރުމާ ގުޅިގެން ގިނަ ބައެއްގެ ޝަކުވާ ލިބެމުންދާ ކަން ފާހަގަކުރައްވައިފަ އެވެ. އަދި ކަމާ ބެހޭ އިދާރާތަކުގެ އިސްވެރިން މަޖިލީހަށް ހާޒިރުކޮށް ޖަވާބުދާރީ ކުރުމުގެ މުހިންމުކަން އެ މެމްބަރުން ފާހަގަކުރެއްވި އެވެ.
ކޮމެޓީގެ މުގައްރިރު އަދި ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު ވިދާޅުވީ ސަރުކާރާއި މުއައްސަސާތަކުގެ އިސްވެރިން ކޮމެޓީ އަށް ހާޒިރު ކުރާނީ އަންނަ ހޯމަ ދުވަހުން ފެށިގެން ކަމަށެވެ. އަދި ޝެޑިއުލަކާ އެކު އެ ބޭފުޅުންނަށް ފަސޭހަ ގަޑިއެއްގައި މަޖިލީހަށް ހާޒިރު ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީ އަށް މި މައްސަލަ ބަލަން ފޮނުއްވީ އައްޑޫ މީދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ރޮޒެއިނާ އާދަމާއި މާފަންނު ހުުޅަނގު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ފަލާހާއި މަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހިމްް ޝަރީފް (މަވޯޓާ ޝަރީފް) އެވެ.
ކާޑުގެ ބާވަތްތަކުގެ އަގު ބޮޑުކުރުމާ ގުޅިގެން ގިނަ އަދަދެއްގެ ބަޔަކު ދަނީ ނުރުހުން ފާޅުކުރަމުންނެވެ. އެކަމަކު ހަނޑޫ، ހަކުރު އަދި ފުށް ރާއްޖެ ގެނެސް ވިއްކުމުގައި ވީހާ ވެސް އަގުހެޔޮ ކުރެވޭނެ ގޮތްތަކެއް ހޯދަން ސަރުކާރާ އެކު މަޝްވަރާކުރަން ފަށާފައިވާ ކަމަށް، އެ ތަކެތި އެތެރެކުރާ ސަރުކާރުގެ ވިޔަފާރި ކުންފުނި އެސްޓީއޯ އިން ވަނީ ބުނެފަ އެވެ. ކާޑުގެ ސަބްސިޑީ ކަނޑާލަން ޖެހުނީ، ސަރުކާރުން ބުނެފައިވާ ގޮތުގައި، ރާއްޖެ އަށް ބޭރުގެ ފަރާތްތަކުން މާލީ އެހީ ހޯދަން އުނދަގޫވެފައި ވާތީ އެވެ.
ސަބްސިޑީ ކަނޑާލުމުން ހަނޑޫ ކިލޯއެއް މިހާރު މާލޭން ގަންނަން ލިބޭނީ 7.96ރ. އަށެވެ. މީގެ ކުރިން ހަނޑޫ ކިލޯއެއް ވިއްކީ 3.98ރ. އަށެވެ. ހަކުރު ކިލޯއެއް އަށް ރުފިޔާ އަށް އަދި ފުށް ކިލޯއެއްގެ އަގު 5.96 އަށް ވަނީ އަރާފަ އެވެ. ފުށް ކިލޯއެއް މިހާތަނަށް ވިއްކީ 2.96ރ. އަށެވެ. ހަކުރު ކިލޯއެއް ވިއްކީ ހަތަރު ރުފިޔާ އަށެވެ. ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި ކާޑުގެ ބާވަތްތަކުގެ އަގު މި އަށް ވުރެ ބޮޑުވާނެ އެވެ.
ކާޑުގެ ސަބްސިޑީ މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ފަގީރުންނަށް އެކަނި ދިނުމަށް ސަރުކާރުން ނިންމައި އެކަމަށް އެދި ފޯމް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ. ކާޑުގެ ސަބްސިޑީގެ ގޮތުގައި ސަރުކާރުން ފަގީރުންނަށް ދޭން ނިންމާފައި ވަނީ ގޭބިސީއަކަށް މަހަކު ގިނަވެގެން 240ރ. އެވެ. މިއީ އާއްމުކޮށް ގޭބިސީއެއްގައި ހަ މީހުން ތިބޭނެ ކަމަށް ބަލާފައި ބޮލަކަށް 40ރ. ގެ ނިސްބަތުން ކަނޑައަޅާފައިވާ މިންވަރެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފައްތާހު
07 October 2016
މާލޭ ރިޔާޒު....... ކަލޭވެސް އެބަ އުޅެންދޯ.....ޕަކާސް
ސަބްސިޑީ
06 October 2016
އެސްޓީއޯގެ ބޮޑެތި ސަސްސިޑީ އާއިބެހޭ ހުރިހާމައިލޫމާތެއް ރައްޔަތުންނަށް ލިބޭނެކަމައް ހީހުރަން.
ޙާދަހެއްވަޔޭ
06 October 2016
ކާޑުގެ އަގުތައްބޮޑުވީ އައިއެމްއެފުން ކުރުވިކަމެއްކަމަށްވާނަމަ އެމީހުން ބޭނުންވަނީ ރައްޔިތުންނަށް ދަތިކުރުވަންތާ...
ބަދީއު އެންޑް ބަސީރް
06 October 2016
ކާޑާ އެކު ކުލީގެ އަގުތައްވެސް އެބަޖެހޭ ކޮމެޓީ މެދުވެރިވެގެން ތިރިކުރަން. 19ސަތޭކައިގެ އަހަރުތަކުގާ ހުރިވަރަށް ތިރިކުރަން.
1234
06 October 2016
ކުދިންނޭ މިކަމާ އެހާ ވަރަށް ބޯނުގޮށްވާ! މީ ރައިސް ޔާމީން އަޑިން ހިންގާ ކޮންމެވެސް އެހެން ބޮޑު ކުޅިގަނޑެއްގެ ފޮރުވާ ރައްޔިތުންގެ އެޓެންޝަން އެހެން ދިމާލަކަށް ގެންދަން ކުރާ ކަމެއް.
ޢަބްދުﷲނާފިޒު
06 October 2016
ހަމަ ހިޔަޅެއް އުތަ، އހ.
މުހައްމަދު
06 October 2016
މި އާޓިކަލް ލިއުނު ބޭފުޅާ މާލޭގެ ފިހާރަތަށް ބަލާބަ، ތި ވިދާލުވާ އަގުގަ އެއްވެސް ފިހާރަ އަކުން ކާޑު ވިއްކަން ހުރިތޯ؟// މާލޭގެ ފިހާރަ ތަކުގަ އާންމުކޮށް ވިއްކަން ހުރީ ހަނޑޫ ކިލޯއެއް 9 ރުފިޔާ އަށް ހަކުރު9 ރުފިޔާ އަށް ފުއް ކިލޯ 8.50 ރުފިޔާ އަށް