މާލޭގެ އިމާރާތްތަކެއް، މާލޭގައި މީހުން ދިރިއުޅޭ ތަންތަނުގެ ކުލި ކޮންޓްރޯލް ކުރަން ގޮވާލައި ، މަޖިލީހަށް މިއަދު ޕެޓިޝަނެއް ހުށަހެޅި.
02 މާޗް 2020 - 15:54
މާލޭގައި މީހުން ދިިރިއުޅޭ ތަންތަނުގެ ކުލި ކޮންޓްރޯލް ކުރުމަށް ގޮވާލައި 800 މީހުން ސޮއިކޮށްފައިވާ ޕެޓިޝަނެއް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ.
މާލޭ ޓެނަންޓްސް ޔޫނިއަން (އެމްޓީޔޫ) ގެ ނަމުގައި ދާދި ފަހުން އުފެއްދި ޖަމިއްޔާ އިން އެކުލަވައިލި އެ ޕެޓިޝަންގައި ރައްޔިތުންގެ މަޖިިލީހުގެ މެމްބަރެއްގެ ހައިސިއްޔަތުން ސޮއިކުރެއްވީ ކެންދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަލީ ހުސައިން ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.
އެ ޕެޓިޝަންގެ ބޭނުމަކީ، ދިރިއުޅުމަށް ކުއްޔަށް ދޫކުރާ ތަންތަނުގެ ކުލި ގާނޫނަކުން ކޮންޓްރޯލް ކުރަން ގޮވައިލުމެވެ. މިއީ، މާލޭގައި ކުއްޔަށް ދިރިއުޅޭ މީހުންގެ ހައްގުތައް ހިމާޔަތްކޮށް، ދިފާއުކޮށް އެހީތެރިކަން ފޯރުކޮށްދޭން އެމްޓީޔޫ އިން ރާވާފައިވާ ކަންކަމުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ކުރިން ބުނެފައި ވެ އެވެ.
އެ ޖަމިއްޔާ އިން ކުރިން ނެރުނު ނޫސް ބަޔާނެއްގައި ބުނިގޮތުގައި ކުލި ކޮންޓްރޯލް ކުރަން ޕެޓިޝަނެއްގައި ސޮއިކުރަނީ އެ ކަމަށް ރައްޔިތުންގެ މަޖިލީހުން ހައްލެއް ހޯދައިދޭން ގިނަ ބަޔަކު އެދެމުންދާތީ އެވެ. މާލޭގެ އާބާދީގެ 63 ޕަސެންޓަކީ ކުއްޔަށް ދިރިއުޅޭ މީހުން ކަން ބަޔާނުގައި ވެ އެވެ.
"..މިދިޔަ 10 އަހަރުގެ ތެރޭގައި ވެސް ކޮންމެ އަހަރަކުހެން ކުލި ދިޔައީ ބޮޑުވަމުންނެވެ. ވީމާ ރައްޔިތުންގެ އާމްދަނީ އަށް ރަނގަޅު ބަދަލެއް އަންނަމުން ނުދިއުމާ އެއްކޮށް، ކުލި ކޮންޓްރޯލް ނުކޮށްފި ނަމަ މާލޭގައި ދިރިއުޅޭ ގިނަ ބައަކު ފަގީރުކަމާއި ނިކަމެތިކަން އިހްސާސްކުރަން ޖެހިދާނެ ފަދަ ހާލަތެއް މެދުވެރިވުން ދުރަކު ނެތެވެ،" ބަޔާނުގައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޮންމަނިކު
03 March 2020
ކުލި ކޮންޓްރޯލް ކުރު މަކީ މާއުދަގޫ ކަ މެއްނޫން ( ހުލު މާލެގަ 25 ބުރީގެ 40 ޓަވަރު އަޅާފައި ގެދޮރުގެ ގޮތުގައި 600 އަކަފޫޓު ނެތް ކޮން މެ ދިވެހި ރައްޔިތަކައް 3 ރޫ މުގެ 900 އަކަ ފޫޓުގެ ފުލެޓު ދިނީ މަ ތިކަން ހައްލުވީ
ޕެކޮންހީ
03 March 2020
1 މިލިއަން ރުފިޔާގެ ލޯނެއް 20 އަހަރަށް ބަހާލައިގެން ދައްކާގޮތަށް ނަގާފިނަމަ ކޮންމެ މަހަކު 11011 ރުފިޔާ ބޭންކަށް ދައްކަންޖެހޭ. އެއީ 10000ރ ގެ އިންޓްރެސްޓް އަދި 1011 ޕްރިންސިޕަލް އަމައުންޓް. އެހެންވީމަ ވިސްނާލާ ކުއްޔަށް ލުޔެއް ލިބޭނީ މި ކަމަށް ޙައްލެއް ލިބިގެން ދެއްތޯ؟
ގަބޫލެއްނުކުރެވޭ
03 March 2020
އެބައެއްގެ ރަށަށް އެބަޔަކު ދިޔައިމަ އެކަން ނިމުނީ. މާލެ މިއީ މާލޭގެ އާބާދީއަށްވެސް ނުފުދޭވަރުގެ ރަށެއް. ރާއްޖޭގެ އައްޑޫ . ލާމު އަދިވެސް ބޮޑެތި ރަާްތަކުގައި ހިތްފަސޭހަކޮށް އުޅެވެން އެބައޮތް. ވީމާ ހަމައެކަނި އައްޑޫ ހުވަދޫ ލާމު މީހުން އެނބުރި ރަށަށް ދިޔައިމަ މައްސަލަ ހައްލުވީ.
ފާތާނިކޭ
03 March 2020
މާލޭގެ ގޯތިތަށް ދިގުމުއްދަކަށް ނަގައިގެން އިމާރާތްކޮށް ކުއްޔަށްދީ ރިއަލް އެސްޓޭޓް ވިޔަފާރި ކުރަނީ ތިޔަބުނާ އައްޑޫ ހުވަދޫ މީހުން. އެހެންވީމާ އެމީހުން ބޭނުމެއް ނުވާނެ ދޯ މާލެ ދޫކޮށް ދާކަށެއް، އަދި މާލޭގެ ކުލީގެ އަގު ކުޑަކުރާކަށްވެސް.
ކަޅުމީހަ
03 March 2020
މަ ދެކޭ ގޮތުގައި ކުލި ކޮންޓްރޯލް ކުރަންވީއެއް ނޫނެވެ. އިމާރާތުގެ ވެރިންނަށް ބޭންކު ލޯނު ލުއި ކޮށްދޭންވީއެވެ. ކުލި ކޮންޓްރޯލް ކޮށްގެން ލޯން ހަލާސް ނުކުރެވޭނެ ވެރި ފަރާތްތައް ގިނަ ވާނެއެވެ. އޭރުން އެންމެ ފަހުން ޖެހޭނީ އުޅޭ ގެދޮރުން ނިކުންނާށެވެ. މީ ކުލި ދައްކަމުންދާ ރާއްޖެ ތެރޭ ރައްޔިތެއްގެ ޚިޔާލް
ފަރާޒް
03 March 2020
އަތުންފައިން މަސައްކަތެއް ނުކޮށް ދަރިއަށް ހަރަދު ނުދީ އުޅޭ މަލޭގެ ބޮޑުއާއިލާއަކަށް ނިސްބަތްވާ މީހަކު މިޖަމިއްޔާ ހަދައިގެން މިއުޅެނީ ހަގީގަތުގަ ކޮންބޭނުމަކުބާ؟
ަައަލިހަވާ
03 March 2020
މަވެސް އުޅެނީ އަނގަޔާ އަތާ ދިމާނުވެ ބޮޑު ކުލީގެ އަޅަކަށް ވެގެން، އެކަމަކު މަޖިލީހުން ކުލި ކޮންޓްރޯލް ކުރެވޭނެ ކަމަކަށް ނުދެކެން، ކުލީގެ އަސްލު ގުޅިފައިވަނީ ގެ ހަދަން ދޫކުރާ ލޯނުތަކާއި އެލޯނު ތަކުގެ މުސީބާތެއްފަތަ އިންޓްރެސްޓް ރޭޓާއި، ކުއްލިއަކަށް ކުލި ކޮންޓްރޯލް ކޮށްފި ނަމަ މިހާރު ލޯނު ނަގައިގެން ތިބި މީހުނަށް ލުއި ގޮތްތަކެއް ހަދާނުދީފި ނަމަ އެމީހުން ބަނގުރޫޓުވެ ބޭންކަށް ގެ ނަގާވަރު ވާނެ، ވަރަށް ސެންސިޓިވް ކަމެއް މި ކަމަކީ..
ގުއިއްޒު
03 March 2020
ރާއްޖޭގައި ވިއްކާ ހުރިހާ އެއްޗެއްގެ އަގުލިސްޓް މަޖިލީހުން ހައްދަވައިދެއްވުން އެދެން.
ހާލު
03 March 2020
ހުޅުމާލެގައި25ބުރީގެ550 ފުލެޓުތައް ވީހާވެސް ގިނައިން އަޅަމުންދާންވީ އެވެ.އަދި ގުޅިމާލޭގައި ވެސް ހަމަ މިފަދައިންނެވެ. ދެން ފަހަރަކު ރަށަކުން މީހުން ހުޅުމާލެ ގުޅިމާލެ އަށް ބަދަލު ކުރާނީ އެވެ. އަދި ބަދަލުވާ ކޮންމެ މީހެއްގެ ގޯތި ދައުލަތަށްނަގައި ރަށް އެއްކޮށް ހުސްކޮއްލާނީ އެވެ. ދެން ރިސޯޓަށޭ ކިޔާ އޭރަކު ސަރުކާރުގައި ތިއްބެވި އަދުލުވެރި ވަގުންގެ ބައިގަނޑު ބައިއަޅާގޮތަށް(ޔާމިނު ސަރުކާރުގައިގޮތަށް)އެރަށްތައް ވިއްކާލާނީއެވެ.ދެން ބުރިޖެއްވެސް އަޅާނީއެވެ.
ގެދޮރު ނެތް މާލޭ މީހާ
03 March 2020
އަޅުގަނޑަކީވެސް މާލޭގައި ކުއްޔަށް ތަންތަން ހިފައިގެން ދިރިއުޅެމުންދާ މީހެއް، ކުޑަ ކުއްޔަކަށް ތަންތަން ލިބެން ބޭނުންވެސް ވޭ. އެކަމަކު ޤާނޫނަކުން އެކަމެއް ޙައްލެއް ނުކުރެވޭނެ. ޤާނޫނަކުން ކުލި ކުޑަ ކުރަން ނިންމައިފިނަމަ، "ބޭރަށް" ފެންނާނީ ކުޑަ ކުލި. އަޑި އަޑިން ބޮޑުކޮށް ޗާޖް ކުރާނެ. ސަބަބަކީ މާލޭ ސަރަޙައްދުގައި ގެދޮރަށް ބޮޑު ޑިމާންޑެއް އޮތީމަ. އަތޮޅުތެރެއިން ތަން ތަން ތަރައްޤީނުކޮށް މިކަމަށް ޙައްލެއް ނުލިބޭނެ.
އިސްމާއިޅް އަބުދުﷲ
03 March 2020
މުޅި ރާއްޖެތެރެ އެއްކޮށް އެންމެން ބޭނުންވަނީ މާލޭގައި އުޅޭށެވެ. ދައުލަތުގަ އެވަރުގެ ކެޕޭސިޓީ އެއްނެތެވެ. ނަމަވެސް ހުޅުމާލެޭގައި 25 ބުރީގެ 550 އަކަފޫޓުގެ ފުލެޓުތައް ވީހާވެސް ގިނައިން އަޅަމުންދާންވީ އެވެ. ދެން ފަހަރަކު ރަށަކުން މީހުން ހުޅުމާލެ ބަދަލު ކުރާނީ އެވެ. އަދި ބަދަލުވާ ކޮންމެ މީހެއްގެ ގޯތި ދައުލަތަށްނަގައި ރަށް އެއްކޮށް ހުސްކޮއްލާނީ އެވެ ދެން ރިސޯޓު ތަރައްގީ ކުރަން އެރަށްތަށް ކުއްޔަށް ދިނުމުން ދައުލަތަށް ފައިސާ ލިބޭނެ އެވެ.