މަޑުއްވަރީގައި ފުލުހުންނާއި ސިފައިން ހަރަކާތްތެރިވަނީ. --ފޮޓޯ: މަޑުއްވަރީ އޮންލައިން
05 މާޗް 2020 - 17:31
ދީނީ ހަރުކަށި ފިކުރާ ދެކޮޅަށް ފުލުހުން ހިިންގި އޮޕަރޭޝަންގެ ތެރެއިން ރ. މަޑުއްވަރީން ހައްޔަރުކުރި މީހުންގެ ތެރެއިން ހަ މީހަކަށް ދައުވާކޮށް، ކްރިމިނަލް ކޯޓަށް ފޮނުވައިފި އެވެ.
ދީނީ ހަރުކަށި ފިކުރާ ދެކޮޅަށް މަޑުއްވަރީގައި މިދިޔަ ޖެނުއަރީ މަހު ހިންގި އޮޕަރޭޝަންގައި ބައެއް ގެތައް ފާސްކޮށް، މީހުން ހައްޔަރު ކޮށްފައިވެ އެވެ. އެ ރަށުގައި ފުޅާ ދާއިރާއެއްގައި ދީނީ ހަރުކަށި ފިކުރު ފަތުރަމުން ދިޔަ ކަމަށް އޭރު ފުލުހުން ބުނެފައިވެ އެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ބުނީ ހަރުކަށި ފިކުރު ގަބޫލު ކުރުމާއި ސީރިއާގައި ހިނގަމުންދާ ދާޚިލީ ހަނގުރާމާގައި ބައިވެރިވާން ދިވެހިން ފޮނުވަން މަސައްކަތް ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ހަ މީހެއްގެ މައްޗަށް ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ ދަށުން ދައުވާ ކޮށްފައިވާ ކަމަށެވެ.
އެގޮތުން، މަޑުއްވަރީ ގުލްއަލާގޭ އިބްރާހިިމް ޖިހާދާއި އެ ރަށު މީރާ، ހަސަން ރާޒީ އާއި މަޑުއްވަރީ މީޒާން، ހަސަން ސިޔާދުގެ އިތުރުން އެގޭ އާދަމް ސުހައިލް އާއި ނ. މަނަދޫ ގަހާ، އިބްރާހިމް ޝިބުނީގެ މައްޗަށް ޓެރަރިސްޓް ޖަމާއަތަކަށް ތާއީދު ކުރުމުގެ ދައުވާ ކޮށްފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުންޏެވެ.
ޖިހާދާއި ރާޒީގެ މައްޗަށް ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ މީހެއް ކަން ދޭހަވާ ފަދަ ލިޔުމެއް ގެންގުޅުމުގެ ދައުވާ ކުރުމުގެ އިތުރުން ރާޒީގެ މައްޗަށް އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާ އާއި މަޑުއްވަރީ ސައީދާ މަންޒިލް، މުހައްމަދު މައުޖޫދުގެ މައްޗަށް ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ މީހެއް ކަން ދޭހަވާ ފޮޓޯއެއް ގެންގުޅުމުގެ ދައުވާ ކޮށްފައިވާ ކަމަށް ވެސް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުންޏެވެ.
މަޑުއްވަރީގައި ކުޑަކުދިން ހައްގުތަކުން މަހްރޫމް ކުރުވުމާއި ކުޑަކުދިން ކައިވެނި ކުރުވުން ފަދަ ކަންކަން ކުރަމުންދިޔަ ކަމަށް ފުލުހުން ކުރިން ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުއްލާއުމަރު
06 March 2020
ޖިހާދީ ކުދިންނަށް ވެގެން ދުވާ އިރު އަތުގައި އޮރިޔާ ކާޑު ހުރޭ. ބޯހަލާކު
ހ
05 March 2020
އެމް ޑީ އެން މީހުން ކޮބާ
މަގޭޚިޔާލު
05 March 2020
އެމްޑީއެން ގެ ދީނަށް ފުރައްސާރަކުރި މީހުން އަދިވެސް ދައުލަތަށް 'އެންޓިޓެރަރިޒަމް' އާއި ގުޅޭލަފާ ދިނުމުގެ ވަޒީފާގައި