ރިޕޯޓް

ދެ ވަނަ ދައުރު ނިމެނީ، ކުރިމަގަށް މާޒީގެ ތަޖުރިބާ މުހިންމު

ކައުންސިލަރުންތަކެއް ޖަލްސާއެއްގައި: ލޯކަލް ކައުންސިލް އިންތިހާބު އަންނަ ޖެނުއަރީ މަހު އޮންނާނެ-- ފޮޓޯ/ އެލްޖީއޭ

ލޯކަލް ކައުންސިލްހެ އާ އިންތިހާބު ބާއްވައި، ރަށްރަށަށް އާ ވެރިންތަކެއް ހޮވާކަށް ދެން މާކަ ގިނަ ދުވަހެއް ނެތެވެ. އަންނަ އަހަރުގެ ޖެނުއަރީ މަހުގައި ބާއްވާ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު މި މަހު ފަހުކޮޅު ހުޅުވާލާނެ އެވެ. އެކަމަކު މީގެ ހަ އަހަރު ކުރިން ތައާރަފްކުރި ލާމަރުކަޒީ ނިޒާމުގެ ދެ ވަނަ ދައުރު ނިމި، ތިން ވަނަ ދައުރަކަށް ކުރިމަތިލާއިރު ސުވާލު އުފައްދަން ޖެހޭ ކަންތައްތަކެއް އެބަ ހުއްޓެވެ.

ފުރަތަމަ ސުވާލަކީ މިއެވެ؛ މިހާރު ތިބި ކައުންސިލަރުންނަށް އެމީހުންގެ ޒިންމާ އަދާކުރެވުނު ހެއްޔެވެ؟ ކައުންސިލަށް އަލުން ހޮވާނީ ކޮން ބައެއް ހެއްޔެވެ؟

ކަތީބުންނާއި އަތޮޅުވެރިންގެ ބަދަލުގައި ކައުންސިލްތަކެއް އުފެއްދީ ރަށުގެ ތަރައްގީއަށް ބޮޑެތި ކުރިއެރުންތަކެއް އަންނާނެ ކަމަށް ގަބޫލުކުރެވިގެންނެވެ. އެކަމަކު ވެރިންގެ އަދަދު ގިނަކޮށްގެން އައި ތަފާތެއް ނުފެނުނެވެ.

ށ. ފޯކައިދޫ ކައުންސިލް މެމްބަރުންތަކެއް: ކައުންސިލް އިންތިހާބަށް ގިނަ ރަށްރަށުގައި އަންނަނީ ތައްޔާރުވަމުން-- ފޮޓޯ/ އެލްޖީއޭ

ލާމަރުކަޒީ ނިޒާމު ރާއްޖެއަށް ތައާރަފް ކުރުމުގައި އިސްކޮށް މަސައްކަތް ކުރެއްވި މުހައްމަދު ނަޒީފް ވިދާޅުވި ގޮތުގައި ގިނަ ކައުންސިލްތައް ފެއިލްވުމުގެ އެންމެ ބޮޑު ސަބަބަކީ ކައުންސިލަރުންނަށް ގާބިލް މީހުން ނުތިބުމެވެ. އެހެންވެ، އާ ކައުންސިލަރުންތަކެއް ހޮވާއިރު އެންމެ އިސްކަމެއް ދޭން ޖެހޭނީ ރަށުގެ ތަރައްގީއަށް ކުރިއެރުންތަކެއް ގެނެވޭނެ އަދި ރަށް ދެކެ ލޯބިވާ ބަޔަކު ހިޔާރު ކުރުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ކައުންސިލަރަކަށް ވުމަށް ތައުލީމީ ގޮތުން މާ މޮޅު މީހަކަށް ވާކަށް ނުޖެހެ އެވެ. ނަޒީފު ދެކެވަޑައިގަންނަވާ ގޮތުގައި އެ މަގާމަށް ކުރިމަތިލުމުގައި އެންމެ މުހިއްމު ޝަރުތަކީ ރައްޔިތުންނާ ގުޅިގެން، ރަށުގެ ތަރައްގީއަށް މަަސައްކަތް ކުރަން އެނގުމެވެ.

މަސައްކަތެއް ނެތް، ކައުންސިލަރުން ފޫހިކަމުގައި

ދެ ވަނަ ދައުުރެއް ނިމިގެން ދާއިރު ރައްޔިތުންގެ އެންމެ ބޮޑު އެއް ޝަކުވާއަކީ ކައުންސިލަރުން ކުރާނެ ކަމެއް ނެތުމެވެ. ކިތަންމެ އާބާދީ ކުޑަ ނަމަވެސް ފަސް ކައުންސިލަރުން ތިބޭއިރު ގިނަ ދުވަސް ދުވަހު އޮފީހަކަށް ނުދެ އެވެ. އޭގެ ބަދަލުގައި ދަނީ މަހަށެވެ. ނޫނީ ރަށުން ބޭރަށް ދަތުރަކު އެވެ.

ނަޒީފް ވިދާޅުވީ ލާމަރުކަޒީ ނިޒާމާ ގުޅޭ ގޮތުން ރައްޔިތުންނަށް މައުލޫމާތު ދޭން ރަށްރަށަށް ކުރެއްވި ދަތުރުތަކުގައި އެންމެ ގިނަ ބަޔަކު އެދުނީ ޕާޓްޓައިމް ވަޒީފާއެއްގެ ގޮތުގައި ކައުންސިލަރުކަން ބާއްވައިދޭން ކަމަށެވެ.

"ރަށްރަށުގައި ކިޔަވައިގެން ތިބި ގާބިލް މީހުން އާއްމުކޮށް ތިބެނީ ސްކޫލުގެ ޓީޗަރަކަށް ނުވަތަ އެކަހަލަ ޕްރޮފެޝަނަލް ވަޒީފާއެއްގައި. ދެން މި ތިބެނީ ތަންކޮޅެއް ޅަ ކުދިން ނުވަތަ ހަރު މީހުން. ހިންގުމުގެ ކަންކަން މި އެނގެނީ އެ ވަޒީފާތަކުގައި އުޅޭ މީހުންނަށް ކަމަށް ވުމުން އެ މީހުން އެގޮތަށް ބޭނުންވީ،" ނަޒީފް ވިދާޅުވި އެވެ.

މިދިޔަ އަހަރު އެންމެ މޮޅު އަތޮޅު ކައުންސިލަކަށް ހޮވުނު ށ. އަތޮޅު ކައުންސިލަށް ނައިބު ރައީސް ޖިހާދު އެވޯޑު ހަވާލުކުުރައްވަނީ-- ފޮޓޯ/ އެލްޖީއޭ

އެކަމަކު ރައްޔިތުންގެ މި ހިޔާލާ ސަރުކާރުން އެއްބަހެއް ނުވި އެވެ. އެންމެ ފަހުން ކައުންސިލަރުކަން ސިޔާސީ ވަޒީފާއެއްގެ ގޮތުގައި ހަމަޖެހި، ކޮންމެ މީހަކަށް ވެސް ރަށުގެ ވެރިކަންކުރުމުގެ ފުރުސަތު ހުޅުވުމާ އެކު ޕާޓީތަކުގެ ޓިކެޓް ހޯދައިގެން މަގާމަށް ކުރިމަތިލީ އެވެ. ނޫނީ ގާބިލިއްޔަތުކަން ނެތް ނަމަވެސް އާއިލާގެ އެހީގައި ކައުންސިލަރެއްގެ ގޮނޑީގައި އިށީނުމުގެ ފުރުސަތު ހޯދީ އެވެ.

ނަޒީފް ވިދާޅުވި ގޮތުގައި ގިނަ ކައުންސިލްތައް ފެއިލްވުމުގެ މައިގަނޑު ސަބަބަކީ އެއީ އެވެ.

އޭނާ ވިދާޅުވީ ރަށް ކުރިއަރުވާ ކޮމެޓީ ނުވަތަ ރ.ކ. ކޮމެޓީތަކުން ވެސް ރަށުގެ ކަންތައްތައް ވަރަށް ރަނގަޅަށް ބެލެހެއްޓި ކަމަށާއި އެއީ ވެސް އެލަވަންސެއް ދީގެން، ޕާޓްޓައިމް ވަޒީފާއެއްގެ ގޮތަށް ކުރިއަށް ގެންދިޔަ ކަމެއް ކަމަށެވެ.

އެގޮތަށް ކައުންސިލްތައް ހެދި ނަމަ ސަރުކާރުން ކުރަން ޖެހޭ ހަރަދު ކުޑަކޮށް، މާ ރަނގަޅަށް ކުރިއަށް ގެންދެވުނީސް ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު އަޅުގަނޑުމެންނަށް މި ފެންނަނީ ސްކޫލު ނިންމާފައި ވެސް، ރަށުގައި ތިބެގެން ވަޒީފާއެއް އަދާކުރުގެ ނިޔަތުގައި ކައުންސިލަރަކަށް ކުރިމަތިލާތަން. ރައްޔިތުން ދެކެ ލޯބިވުމެއް ނުވަތަ ރަށް ކުރިއެރުވުމުގެ ވިސްނުމެއް ނުހުރޭ،" ނަޒީފް ވިދާޅުވި އެވެ.

އާ ކައުންސިލަރުންތަކެއް ހޮވާއިރު ލާމަރުކަޒީ ގާނޫނަށް ވަނީ ބޮޑެތި އިސްލާހުތަކެއް ގެނެސްފަ އެވެ. އެގޮތުން 3000 މީހުންނަށް ވުރެ މަދު އާބާދީ އޮންނަ ރަށެއްގައި ދެން ތިބޭނީ ތިން ކައުންސިލަރުންނެވެ. އަދި އެ އާބާދީއެއަށް ވުރެ އިތުރުވާ ނަމަ ތިބޭނީ ފަސް ކައުންސިލަރުންނެވެ.

މީގެ އިތުރުން އަތޮޅު ކައުންސިލްގައި ދެ އިންތިހާބީ ދާއިރާ ހިމެނޭ ނަމަ އިންތިހާބު ކުރަން ޖެހޭނީ ތިން ކައުންސިލަރުންނެވެ. އަދި ދެ އިންތިހާބީ ދާއިރާއަށް ވުރެ ގިނަ ނަމަ އިންތިހާބު ކުރަން ޖެހޭނީ ކޮންމެ ދާއިރާއަކުން އެއް ކައުންސިލަރެވެ.

"ބައެއް ކައުންސިލަރުންނަށް ހީވަނީ އެ މީހުން ކުރަން ޖެހޭނީ ހަމައެކަނި އަމުރޭ. ކަންތައްތައް ކުރާނީ ދެން ތިބި މުވައްޒަފުންނޭ. އެކަމަކު ބަޔަކަށް ކަމެއް ހަވާލުކުރުމުގެ ބަދަލުގައި އަޅުގަނޑުމެން އަމިއްލައަށް އެކަމެއް ކުރަނީ،" ހުރާގެ ކައުންސިލަރު އީސަ

މި އިސްލާހުގެ ސަބަބުން ކުރިން ކައުންސިލަރުން ތިބި އަދަދު 1077 އިން 655 އަށް މަދުވާނެ އެވެ. އޭރުން ދައުލަތުގެ ބަޖެޓުން މަހަކު ފަސް ވަރަކަށް މިލިޔަން ރުފިޔާ ސަލާމަތްވާނެ އެވެ.

ނަޒީފު ވިދާޅުވީ އެ ރަށެއްގައި ދިރިއުޅޭ މީހުންނަށް އެކަނި އިންތިހާބުގައި ވޯޓުލެވޭ ގޮތަށް އޮތުމަކީ ވެސް ގެންނަން ޖެހޭ ބަދަލެއް ކަމަށެވެ. މިސާލަކަށް މާލޭގައި ދިރިއުޅޭ ރަށްރަށުގެ މީހުން، އަމިއްލަ ރަށުގެ ކެންޑިޑޭޓުންނަށް ވޯޓު ދިނުމުގެ ބަދަލުގައި މާލޭގެ ސިޓީ ކައުންސިލަށް މީހުން ހޮވަން ވޯޓުދިނުމެވެ.

"މާލޭގައި މިހާރު މިއުޅެނީ މާލޭން ލިބެން ހުރި ހިދުމަތްތައް ބޭނުންވާ މީހުން. މާލޭގައި ދިރިއުޅޭތާ 10 އަހަރު ވާއިރު ރަށުގައި ކޮންމެ ބަޔަކު ވެރިކަން ކުރިޔަސް އެމީހުންނަށް އަންނާނެ ތަފާތެއް ނޯންނާނެ. ހަމަ އެގޮތަށް، ރަށަށް ބޭނުންވާ ކަންކަން އެނގޭނީ ރަށުގައި ދިރިއުޅޭ މީހުންނަށް،" ނަޒީފު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރަށުގެ މީހުން ވަކި މީހަކު ހޮވަން ބޭނުންވި ނަމަވެސް، ރަށުން ބޭރުގައި ދިރިއުޅޭ މީހުންގެ ވޯޓުން އެ މީހާ ބާކީކޮށްލާ ކަމަށާއި މިއީ ވެސް ރަށުގެ ތަރައްގީއަށް އެޅޭ ހުރަހެއް ކަމަށެވެ.

ކ. ހުރާ ކައުންސިލް: ނަމޫނާ ކައުންސިލަރުންތަކެއް

ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ފަސް ކައުންސިލަރުން ތިބޭއިރު އެ މީހުންނާ ގުޅޭ ގޮތުން ރައްޔިތުންގެ ޝަކުވާ ގިނަ އެވެ. ރަށަށް ތަރައްގީ ނުގެނެވުމާއި ރައްޔިތުންނަށް އަޅާނުލުމެވެ. ނުވަތަ ކައުންސިލަރުން ބޮޑު މުސާރަ ނަގައިގެން އެ މީހުންގެ އަމިއްލަ މަސައްކަތް ކުރުމެވެ.

ކ. ހުރާ ކައުންސިލްގެ ރައީސް އީސާ އަހުމަދު ގަބޫލުކުރައްވާ ގޮތުގައި އެ ރަށަށް އައިސްފައިވާ ތަރައްގީގެ ސިއްރަކީ ކައުންސިލަރުންގެ ބުރަ މަސައްކަތެވެ. އަދި ދެ ވަނަ ދައުރު ނިންމާލީ ވެސް ރައްޔިތުންގެ ލޯތްބާ އެކުގައި ކަން އޭނާ ފާހަގަކުރެއްވި އެވެ.

އީސަ ވިދާޅުވި ގޮތުގައި ރަށަށް ތަރައްގީ ގެންނަން ސަރުކާރުން ކަނޑައަޅާފައިވާ ބަޖެޓަށް ބަރޯސާވާކަށް ނުޖެހެ އެވެ. އެ ފައިސާއަކުން އެކަމެއް ނުވާނެ އެވެ. އެހެންވެ، އިގްތިސޯދުކޮށްގެން ކައުންސިލުން އަމިއްލައަށް މަސައްކަތް ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ބައެއް ކައުންސިލަރުންނަށް ހީވަނީ އެ މީހުން ކުރަން ޖެހޭނީ ހަމައެކަނި އަމުރޭ. ކަންތައްތައް ކުރާނީ ދެން ތިބި މުވައްޒަފުންނޭ. އެކަމަކު ބަޔަކަށް ކަމެއް ހަވާލުކުރުމުގެ ބަދަލުގައި އަޅުގަނޑުމެން އަމިއްލައަށް އެކަމެއް ކުރަނީ،" އީސަ ވިދާޅުވި އެވެ.

"މަގުމަތީގައި ޖަންކްޝަނެއް ކޮންނަން ޖެހުނަސް ބަޔަކާ ހަވާލުނުކޮށް، ފަސް ކައުންސިލަރުން އެކަން ކުރަނީ."

ހުރާ ކައުންސިލްގައި ތިބެނީ ޕީޕީއެމްގެ ހަތަރު މެމްބަރުންނާއި ޖުމްހޫރީ ޕާޓީގެ މެމްބަރެކެވެ. އެކަމަކު އިންތިހާބު ވުމަށް ފަހު "ޕާޓީކަން" ކައުންސިލުން ނައްތާލި ކަމަށާއި ރަށުގައި ތިބި އިދިކޮޅު ޕާޓީތަކުގެ މީހުންގެ އެއްބާރުލުން ވެސް ލިބުނީ އެހެންވެގެން ކަމަށް އޭނާ ވިދާޅުވި އެވެ.

އީސަ ވިދާޅުވީ ސަރުކާރުގެ މެޖޯރިޓީ އޮންނަ ކައުންސިލެއް ނަމަވެސް އިދިކޮޅު މެމްބަރުން ގިނަ ކައުންސިލަކަށް ވެސް ރައްޔިތުން ބޭނުންވާ ކަންކަން ކުރެވިދާނެ ކަމަށެވެ. ނަމަވެސް އެކަމަށް ހުރިހާ ކައުންސިލަރުން އެއްބަސްކިޔައި، އެކުގައި މަސައްކަތް ކުރުން މުހިއްމުކަން އޭނާ ފާހަގަކުރެއްވި އެވެ.

އެންމެ ފުރަތަމަ ދައުރުގައި ވެސް ކައުންސިލްގެ ރައީސްކަމުގައި ހުންނެވި އީސް ގަބޫލުކުރައްވާ ގޮތުގައި ރާއްޖޭގެ ހުރިހާ ރަށަކަށް، ހުރިހާ ވަސީލަތެއް ސަރުކާރަށް ފޯރުކޮށެއް ނުދެވޭނެ އެވެ. ބައެއް ހިދުމަތްތައް ދޭން ޖެހޭނީ ކައުންސިލުން އަމިއްލަ އަށް ފައިސާ ހޯދައިގެން ކަމަށް އޭނާ ވިދާޅުވި އެވެ.

ހުރާގެ ފެނުގެ މަޝްރޫއު އާއި ކަރަންޓާއި ފެރީގެ ހިދުމަތް ވެސް ދެނީ ކައުންސިލްގެ ބޮޑު ހިއްސާއެއް އޮވެގެންނެވެ.

ވަސީލަތްތައް މަދު، ވަކިން އޮންނަ ރަށަކަށް ތަރައްގީ ގެނައުމަކީ ފަސޭހަ ކަމެއް ނޫނެވެ. އެކަމަކު ކައުންސިލަރުންގެ ޕާޓީ އަށް ނުވަތަ އަމިއްލަ ފައިދާއަށް މަސައްކަތް ނުކޮށް، އެންމެ ބޮޑު ވާޖިބަކީ ރަށުގެ ތަރައްގީ އަށް މަސައްކަތްކުރުންކަން ގަބޫލުކޮށްފި ނަމަ ވަރަށް ބޮޑެތި ބަދަލުތަކެއް ފެނިދާނެ އެވެ. ކުރިއަށް އޮތް އިންތިހާބުގައި ހޮވޭ ކައުންސިލަރުންގެ ވިސްނުން އެމަގަށް ބަދަލުވާން ޖެހެ އެވެ.

10 ކޮމެންޓް, 14 ރިއެކްޝަންސް

icon happy icon happy 14%
icon sad icon sad 0%
icon angry icon angry 86%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކައުންސެލަރު

10 October 2016

ރަށެއްގައި 2 ކަތީބުން ތިބެގެން 2008 ގައި ވެރިކަމަށް އައިބަޔަކަށް ކަމުނުދިޔައީ. އަދި އޭރުކީއެއްޗަކީ ތިންކަތީބުން (ބައެއްރަށްރަށުގައި ބޮޑުކަތީބު، ކަތީބު، ކުޑަކަތީބު) ތިބެގެން އެމީހުންގެ މުސާރަ ބޮޑުވެ، ކުރަނީ ކޮންކަމެއްހޭ. ވިސްނާ އޭރުކަތީބުންގެ މުސާރަ 5000 އަށްވުރެބޮޑެއްނޫން. އެކަމަކު އޭގެބަދަލުގައި ހަމަޖެއްސީ ލިޔަން ކިޔަން ނޭނގުނަސް ރައްޔިތުން ރުހިއްޖިއްޔާ 5000 ރުފިޔާއަށްވުރެ ކުޑައަދަދެއްކަމަށްވާ 10000(ދިހަހާސް) ރުފިޔާ. ރަނގަޅެންނު. 5000 ރުފިޔާއަށްވުރެ 10000 ކުޑައެންނު. އަނެއްކާ 5 މީހުން އެވެސް 3 އަށްވުރެ މަދެންނު. ރައީސަށާ ނައިބަށް 15000 އަދި 12000. އެހެންވީމާ އުޑެއް ބުޑެއްނޭނގުނަސް ރައްޔިތުން ރުހިއްޖިއްޔާ 30000 ދީފަ ކޮންމެރަށަކަށް 20 މީހުން ހޮވީމަ ހުންނާނީ ހުރިހާ ހިދުމަތެއް ރަށްރަށަށް ލިބިހަމަވެފަ. ވަރަށް ސަލާން

The name is already taken The name is available. Register?

ތޮޅުއަތިލަދުންމަތި

10 October 2016

މިތަނުގައި ފައިސާގެ އެހީދޭ އުސޫލެއްވެސް ފާހެއް ނުކުރެ އެވެ. އަދި ކުޅިވަރު ކުޅުމާ އޮޅުން ބޮޅުން ބޮޑު މުބާރާތް ނޫން ކަމެއް ކައުންސިލް ރައީސަކަށް ނުފެނުނެވެ. ޒުވާނުން މަރުކަޒުން ޒުވާނުން އެތައް އަހަރަކުން ބޯޅަ ދަނޑުގަ ހައްދާފަ ހުރި 25 ގަސް ބޮޑު ހިރުނދު ގަސްތައްވެސް އެންމެ 100 ރުފިޔާއަށް ނީލަން ކިޔާ 25 ގަހުގެ ހިޔާގަނޑުވެސް ދުއްވާލީ އެވެ. މިހާރު ކުޅި ބަލަން ތިބެން ޖެހެނީ އަވީގަ އެވެ. ރަށްކުނިކަހާ ސާފުކުރުމުގަ ދައުލަތުން ފައިސާދީގެން ކުނިކަހާ ސަރަހައްދުތައްވެސް ވައުވެގެންދައިރު މަރިޔަނބުތޯވެސް އަހައި ނުލެވެ އެވެ. ރަށުގެ އިޖްތިމާއިއްޔަތު ވަޅު ޖައްސާލީ އެވެ. ކުރިހާވެސް ކަމަކީ ރައްޔިތުންގެ އެކައުންޓްގަ ހުރި ލާރިކޮޅުން ނުބައްދަލް އަގުތަކުގަ އަގު ހުށަހަޅަން ބުނެގެން ހުށަހަޅާ މަސައްކަތްތައް ދީ އެހީގެ ގޮތުގައި ފައިސާ ބަހާ އިސްރާފު ބޮޑުކުރުމެވެ. މި ރަށުގަ ހިއްކިތަނުގަ ފްލެޓް ނިމިފަ ހުރެގެން ފޯމްލީ މީހުންނަށް އެމީހުންގެ ފޯމް ކުނިވަށިގަނޑަށް އެއްލާލި ފަދަ އެވެ.އެއްވެސް ޖަވާބެއްވެސް އެކަމުގެ އެއްވެސް މަސައްކަތެއްވެސް ނުހިންގުނެވެ. ހައުސިން މިނިސްޓްރީން އަންގާ އަންގާ ވަރުބަލިވީއިރުވެސް ކީހާޅެން ފަރީއްސަށެެވެ. މިހާރު ހައުސިންގ ޔުނިޓްތައް އެންމެ ފަހުން ބަލަހައްޓަން ދައުލަތުން މަހަކަށް 60 ހާސް ރުފިޔާއަށް އެގްރީމެންޓް ކޮށްގެން ބަލަހައްޓަން ޖެހުނީ އެވެ.ކިހާ ރަނަގޅުތޯ އެވެ.މިއަދު ދައުރު ނިންމާފަ ނިކުންނަ އިރު ...

The name is already taken The name is available. Register?

އާދަން ހުސެން

10 October 2016

ސްޓޭޓް، ސިޓީ، ކައުންޓީ އަދި މިނޫންވެސް މިފަދަ ނަންތައް ކިޔާފަ އެކި ސަރަހައްދުގަ އެކިއެކި މިންވަރަށް ބާރުތައް ދޫކޮށް އިދާރީ ހިންގުން ހަވާލު ކުރަނީ އެހިސާބެއްގައި ދިރިއުޅޭ ރައްޔިތުންނަށް ޚިދުމަތް އަވަސްކޮށް، ތަރައްގީ ކުރުމުގެ މާތް މަގުސަދުގަ. މިއީ ދުނިޔޭގެ ތަހުޒީބު ގައުމު ތަކުގަ ތަޖުރިބާކޮށް މިހާރު ހިންގާތާ އެތައް ސަތޭކަ އަހަރުވެފަވާ ނިޒާމެއް. މިކަމުގެ ފުރިހަމަ މާނައިގަ މިގައުމަށް ފައިދާ ނުކޮށްގެން އުޅެނީ، އެ ބާރުތައް ދޫކުރަން ބޭނުން ނުވާތީއާއި ތަންދޮރު ނުފިލާތީ. ސަރުކާރެއް ހިންގަން ތިބޭ ގިނަ މީހުން ވާންވާނީ ތައުލީމީ، ތަހުޒީބު، ތާއަބަދު ތިމާގެ މައުލޫމާތު އިތުރުކުރާ، އަދަބުސަދަބު ހުންނަ، މީހުން އިހުތިރާމް ކުރާފަދަ މާޒީއެއް އޮންނަ ބަޔަކަށް. މިނޫން ބަޔަކު ތިބެގެން މިގައުމަށް ވާނެކަމެއް ހަމަ ހަރާން.

The name is already taken The name is available. Register?

ޢަބްދުﷲނާފިޒު

10 October 2016

ހުރާ ކައުންސިލުގެ ވާހަކަތައް ޤަބޫލެއް ނުކުރެވޭ، އެރަށު މީހެއް ނޫނެއްކަމަކު ވަރަށް ގިނައިން އެރަށަށް ގޮސް އެރަށުގަ ކައި ބޮއެ ނިދާ މީހެއްގެ ހައިސިއްޔަތުން މިބުނަނީ، ކައުންސިލުން ގެންގުޅެނީ ވަރަށް ހަޑި މުޑުދާރު ގޮތްތަކެއް، މިއަދާ ހަމަޔަށް އައިއިރުވެސް ރަށުގަ ބޯފެނުގެ ނިޒާމު ޤާއިމު ކުރެވިފަ ނެތީ ކައުންސިލުގަ ތިބި މީހުންގެ ނޭއްގާނީކަމުން، ރަށުން ބޮޑު ބިމެއްގަ ގެސްޓްހައުސް އެޅުމަށް ވަކިފަރާތަކާ ހަވާލުކުރީ އެއްމެ ފުރަތަމަ ކަމަކަށް ފެނުގެ ޚިދުމަތް ރައްޔިތުންނަށް ދިނުމަށްފަހު އެމީހުންގެ މަސައްކަތް ކުރިއަށް ގެންދަން ޝަރުތު ކޮށްފަ، އެކަމަކު ކައުންސިލުގަ ތިބި މީހުނާ ކުރިން މިބުނި ބިން ހަވާލު ކުރެވުނު ފަރާތާ ދަށުންދަމާ ކުޅެގެން އެކަންވަނީ މިއަދާ ހަމަޔަށްވެސް ނުކޮށް މަޑު ޖައްސާލާފަ، މިހާރު ގެސްޓްހައުސް ހުރީ ނިމިފަ، ތިމީހުނަށްވެސް ލާރި ލިބެނިކޮށް ނިމުނީ، ރަށުގެ ގިނަ ޒުވާނުންނަކީ ދެފަރާތުގަ އޮތް ދެ ރިސޯޓުގަ ވަޒީފާ އަދާކުރާ ބަޔަކަށް ވާތީވެ ގިނަ އާއިލާތައް އުޅެނީ ވަރަށް ފުދިގެން، އެހެންވުމުގެ ސަބަބުން ރައްޔިތުންގެ މާބޮޑު ޝަކުވާއެއް ނޯވެ، މީޙަޤީޤތް ހުރިހާ ވާހަކައެއް ނުލިޔެވޭނެ.

The name is already taken The name is available. Register?

ދިސްވޭ

10 October 2016

ލޯކަލް ކައުންސިލު ތަކަސް އެބަޖެހޭ ހޭލުން ތެރިކުދިން ކުރިމަތިލާން. މިސާލަކަށް މާލެ ފިޔަވައި ދެން އޮތް އެންމެ ބޮޑު ސީޓީގެ ކައުންސިލަކީ އެއީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓެއްގައި ދުވަހަކު ވެސް މަސައްކަތް ކޮށްފައި ތިބި ބަޔެއް ނޫނެވެ. އެހެންވެ އެތަނުގެ މޭޔަރު ދައްކާ ވާހަކަ ވެސް އެހާ ރަނޑު ގޮތަކަށް އެހުންނަނީ. ކަން މިހެން ހުރުމުން މިފަދަ ސިޓީ ތަކަށް އެބަޖެހޭ ހޭލުންތެރި ފިސާރި ގަޓް ހުންނަ ވިޝަން ހުންނަ އެގްރެސިވް ކޮށް ދިމާ ކުރާ ކަމެއް ކުރަން ލާރޖް ކޮށް ޖައްސާ ޖައްސާ އެ ކަން ނުވާނަމަ ހަތަރު އުދަރެސް ބައްދާލާ ހުރިހާ ފްރަންޓަކަށް ވެސް އެމީހުން ބޭނުންވާ ކަންކަން ނެރެ އެކަން ކާމިޔާބު ކުރަން ސްޓްރަގުލް ކުރާ އަދި ސްޓްރަގުލް ތެރޭން ފުރުޓް ފުލް ނަތީޖާ ނެރެދޭން މަސައްކަތް ކުރާ ކައުންސިލު މެމްބަރުންނަށް ވާން އެބަޖެހެއެވެ. މިކަން ކަން ކުރަން ނިކުންނަންވީ ގަޓް ހުރި ބޭފުޅުން. އެގޮތުން އައްޑޫ ސިޓީ ކައުންސިލުގެ މޭޔަރަށް ކުރިމަތި ލާންވީ ރަންރީނދޫ ޓްވިޓަރޭ މެން. ސަބަބަކީ އެމީހުންނަކީ ރަށްދެކެ ލޯބިވާ އަދި ކަރަޕްޓް ފްރީ ބިއުޓިފުލް ޓްރެކް ރިކޯރޑެއް އޮވެމެ އަދި ހީވާގި ކަމާއި މުރާލި ކަމާއި އެކު މަސައްކަތް ކުރާ ބަޔަކަށް ވާތީވެ އެޒާތުގެ އެގްރެސިވް މީހުންނަށް ކަންކަން ކާމިޔާބު ވެދާނެ ސޯޝޯ އިކޮނޮމިކް އޭރިޔާސް ތަކުގެ ތެރޭން. ކައުންސިލަރުން ނަކީ ވީކް އެންޑަށް ލަންކާ އަށް ގޮސް ހޮލިޑޭ ހަދަން ޖެހޭ ބަޔެއް ނޫނެވެ. އެމީހުން ދާން ޖެހޭނީ ވީކް އެންޑް ގައި ރަށުގެ އެކި އެކި ޕަބްލިކް ސާރވިސް ދޭ އޮފީސް ތަކަށް ގޮސް އެތަންތަނުގެ ކަންކަން ހިނގާ ނުހިނގާ ގޮތް ބަލާ އަހަން ޖެހޭނީ ޑޫ ޔޫ ނީޑް އެނީ އެސިސްޓެންސް ފްރޮމް އަސް. މިހެން ނެވެ. މިކަމެއް ނުހިނގާ މިހާރަކު މާލެ ފިޔަވައި ދެން އޮތް އެންމެ ބޮޑު ސިޓީން ވެސް. އެއީ އެސަރަހައްދު ތަރައްގީ ނުވާ ކަމަކީ. އެސަރަހައްދު ތަރައްގީ ނުވެ ރާއްޖޭގެ ސިޔާސީ މަޝްރަހަށް ވެސް އަދި އިގްތިސާދީ މަޝްރަހަށް ވެސް ހަމަ ޖެހުން ދުވަހަކު ވެސް ނާންނާނެއެވެ. މި ހަގީގަތް އެބަޖެހޭ ގަބޫލުކުރަން ހުރިހާ ޕޮލިޓިޝަނުން ވެސް.

The name is already taken The name is available. Register?

ނނ

10 October 2016

ސޮބެ އަކިިި ވ ކޮލިފައިd މިހެއް.

The name is already taken The name is available. Register?

މޭބީ

10 October 2016

"ނނ" ފަހާ ފޮށީގެ ތިނޯހަށް ރޮދި ލެއްވުމުން ޕީއެޗްޑީ ނެގިއަސް އަދި އެބަޔަކަށް ގައުމެއް ސިވިލައިޒްޑް ކަންޓްރީ އަކަށް ހަދަން ނޭގޭނެއެވެ. ސޯބެ މެން ކޮލިފައިޑް ނަމަ 6 އަހަރު ދުވަސް ތެރޭގައި އައްޑޫ ފަދަ ސްކިލްޑް ބޮޑު އާބާދީ އެއް އޮތް ތަނެއްގައި ކޮންމެ ރަށެއްގައި ލައިޓް އިންޑަސްޓްރިއަލް ޕާރކެއް ސަރުކާރާއި ގުޅިގެން ނެހެދުނީ ކީއްވެގެން ތޯއެވެ. ނޭގޭތީއެވެ. ޚިޔާލަށް ގެންނަން ވެސް ނޭގޭނެއެެވެ. ސަބަބަކީ އެމެން ދަންނާނީ ސަރެގަމަ ޕައް ޕައް ޕައް ޔާރާ ދިލް ދާރާ ލަވަ އެކަނި ކިޔަން އަޑު އަހަނީ ވެސްއެ. މާލޭގައި ހުރި ކެނެރީގެ މީހަކު ބުނާ ގޮތަށް ނުޖެހޭނެ އަމިއްލަ ރަށުގެ ޑިވެލޮޕްމަންޓް ލޭންޑް ސްކޭޕް ކުރަހައިގެން ކަޓް ގެ އުސޫލުން އިންޑިއާ ފަޑުއްކަ ބަޔަކަށް އައްޑޫގެ ބޮޑު ބިމެއް ދޫކޮށްލަން އައްޑޫ މީހުން އެކަމަށް އެދި އެދި ތިއްބާ. ވީ ޑައުޓް އެބައުޓް ދަ ޑީއެންއޭ އޮފް ޔުއަރ މޭޔަރ. މޭބީ އިންޑިއަން ޑީއެންއޭ.

The name is already taken The name is available. Register?

އަލްޖިބްރާ

10 October 2016

" މޮހޮނަށް ދޯނި " ދޭ އުސޫލުން ކައުންސިލް ތަކެއް އޮތަކަސް ކަންތަކެއް ނުހިންގޭނެ !

The name is already taken The name is available. Register?

މުސައްލަ

10 October 2016

ހުރާ އީސަގެ ޚިޔާލު ރަނގަޅު މޮޅު ޚިޔާލެއް. ޝުކުރު ދަންނަވަން. ތިޔައީ ޒިންމާދާރު މީހުންނަކީ. މިހާރު އެކަމަކު އެބައި ދަނީ މަދުވަމުން. އެލް ޖީއޭއަށް ލާންވީ މީހެއްތީ. ނަޒީފުގެ ޚިޔާލުވެސް ރަނގަޅު. އެކަމަކު ޑިމޮކްރަސީގެ އައްޕަ މިގައުމު ހަލާކުކޮށްފައި ބޭރުގަ ހުރެގެން އަދިވެސް އެކަމުގަ އެއުޅެނީ.

The name is already taken The name is available. Register?

ސަމާސާ

10 October 2016

މިއާޓިކަލްގައި ނަޒީފު ވިދާޅުވިކަމަށް ލިޔެފައި ހުރި ގިނަވާހަކަ ތަކަކީ މުޅިއަކުން ރަނގަޅު ވާހަކަތަކެއްނޫން. ރައްޔިތުން ދެކެލޯބިވުން ބިނާވެގެންވަނީ 1 ރައްޔިތުންގެ ޚިދުމަތަށް ނިކުންނަމީހާއަކީ ގާބިލުކަންހުރި އިލްމީ ވިސްނުންތެރި މީހަކަށްވުން. 2 ތެދުވެރި އިޚުލާސްތެރި މީހަކަށްވުން. މާނައަކީ އަދާކުރާވަޒީފާއަށާއި ރައްޔިތުންގެ ކަންކަމުގައި ޚާއްސަކޮށް ހައްގުތަކަށް އަމާނާތްތެރިވުން. ސިޔާސީ ޕާޓީ ތަކަށް ނިސްބަތްވިޔަސް ތެދުވެރިކަމާއި އިޚުލާސްތެރިކަމާއެކު މަސައްކަތް ކުރެވިދާނެ. 3 ހިންގުމުގެ ހުނަރާއި ތަޖުތިބާ އަކީ މިފަދަވަޒީފާތަކަށް ވަތަށް މުހިންމުކަމެއް. މިސާލަކަށް ކޮމްޕިއުޓިންގެ ދާއިރާއިން މަތީދަރަޖައަކަސް އިލްމު ލިބިފައި ހުއްޓަސް ހިންގުމުގައި ފެއިލްވެދާނެ..........މިފަދަ އެތައް ކަމެއް ކައުންސިލަރުންވިޔަސް އެހެން ވަޒީފާއެއް އަދާކުރާމީހަކަށް ބޭނުންވޭ. މިސާލަކަށް ތަނެއްގެ ސެކިއުރިޓީ ގާޑަކަށް ހުންނަމީހަކީ އޭނާގެ ޑިއުޓީ ގަޑީގައި އަބަދުނިދާފައި އިންނަ މީހަކަށް ވެއްޖެނަމަ އޭނާގެ ވަޒީފާގައި ތެދުވެރިކަމާއި އިޚުލާސްތެރިކަން ގެއްލުނީ. އޭނާގެކިބައިގައި އެކަމުގެއިލްމާއިހުނަރު ހުރިނަމަވެސް ޖާނުން ކިތަންމެ ވަރުގަދަނަމަވެސް ވަޒީފާގައި އޭނާގެމައްޗަށް އަދާކުރުންވާޖިބުވާ ހައްގު އަދާނުކުރެވޭނަމަ އިލްމާއި ހިލްމުގެވެސް ބޭނުމެއްނެތް........މިފަދައެތައް މައްސަލަތަކަކުން މި ދިވެހި މުޖުތަމައު އޮތީ ފުރި ބަންޑުންވެފަ.........އެކަން އެގޮތަށް ވެފައިވަނީ ޒިންމާދާރުވާންޖެހޭ ބައެއްގެ ބޮޑެތި އިހުމާލުތަކެއްގެ ސަބަބުން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454