ރިޕޯޓް / ކުދިންނަށް ޖިންސީ ގޯނާކުރުން

ކުޑަކުދިންނަށް ޖިންސީ ގޯނާކުރުން: ހިސާބު ނަމްބަރަކާ ދެނެއް ނުގުޅުވޭނެ

ކުޑަކުދިންނަށް ކުރާ އަނިޔާއާ ދެކޮޅު ކުރެހުމެއް: ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މައްސަލަތައް ސާބިތު ކުރުމާ ގުޅޭ މުހިންމު ނިންމުމެއް ދާދިފަހުން ސުޕްރީމް ކޯޓުން ވަނީ ނިންމާފައި -- ފޮޓޯ/މިހާރު

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ހަބަރުތަކުން މީޑިއާ މި އޮންނަނީ ފުރިފަ އެވެ. އެކަމާ ދެކޮޅަށް އާންމުން ކެކިއަރަނީ އެވެ. އެ ކުށް ކުރާ މީހުންނަށް، ހާއްސަ ގާނޫނެއްގެ ދަށުން ބޮޑެތި އަދަބުތައް ކަނޑައަޅާފައި އޮންނަތާ 10 އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ. އެކަމަކު ތުހުމަތުކުރެވޭ މީހުން މުޖުތަމައުއަށް ދޫވެ އެވެ. ބައެއް ފަހަރަށް ކަމާ ބެހޭ މުއައްސަސާތަކުގެ އިހުމާލެވެ. އަނެއް ބައި ފަހަރު ކޮންމެވެސް ގާނޫނީ ބާގަނޑެކެވެ.

އެކަމަކު ދާދި ފަހުން މިފަދަ މައްސަލައެއްގައި ސުޕްރީމް ކޯޓުން ކުރި ހުކުމަކީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކާ ބެހޭ ގޮތުން ނިންމި ތާރީޚީ ބޮޑު ނިންމުމެކެވެ. އެފަދަ މައްސަލަތައް ސާބިތުވޭތޯ ބެލުމުގައި ކޯޓުތަކުން ގާނޫނު މާނަކުރަމުން އައި ގޮތް ބަދަލުކޮށް، ކުރިއަށް ވުރެ ފަސޭހައިން ސާބިތު ކުރެވޭނެ ގޮތަށް، އެންމެ މަތީ ކޯޓުން ގާނޫނު މާނަކޮށް ދިނީ އެވެ.

ހަައި ކޯޓުގެ މާނަކުރުން

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ޚާއްސަ އުސޫލުތަކުން އަމަލު ކުރުމުގެ ގާނޫނުގައި 12 ބާވަތެއްގެ ހެކި ބަޔާން ކޮށްފައިވެ އެވެ. އޭގެ ތެރޭގައި އަނިޔާ ލިބޭ ކުއްޖާ ތަހުގީގަށް ކިޔައިދޭ ކިޔައި ދިނުމާއި އެ ކުއްޖާގެ ގާތް މީހަކަށް ނުވަތަ އާއިލާގެ މީހަކަށް ކިޔައިދޭ ކިޔައި ދިނުމާއި ޖިންސީ ގޯނާ ލިބިފައި ހުރި ކަމަށް ބަޔާންކޮށް ޑޮކްޓަރުން ދޭ ރިޕޯޓް ފަދަ ހެކިތައް ހިމެނެ އެވެ. އެ ގާނޫނު ބުނާ ގޮތުން ކުށް ސާބިތުވާނީ ތުހުމަތުކުރެވޭ މީހާއާ ދެކޮޅަށް އޭގެ ތެރެއިން މަދުވެގެން ފަސް ހެކި ހުރެގެންނެވެ.

އެކަމަކު 2016 ގައި ހައި ކޯޓުން ދުސްތޫރީ މައްސަލައެއްގައި އެ ގާނޫނު މާނަކުރުމަށް ފަހު، ކުށް ސާބިތު ކުރުމަށް މިދެންނެވި ފަސް ހެކި ހަމަކުރަން ޖެހޭ ގޮތް ކަަނޑައަޅައި، ހެކީގެ މިންގަނޑަށް ބަދަލެއް ގެނަ އެވެ. ވަކީލަކު ހުށަހެޅުއްވި ދުސްތޫރީ މައްސަލައަކާ ގުޅިގެން ހައި ކޯޓުން ކުރި އެ ހުކުމުގައި ނިންމީ ފަސް ހެކި ހަމަވޭތޯ ބެލުމުގައި ކުއްޖާ އެކި ފަރާތްތަކަށް ކިޔައިދޭ ކިޔައި ދިނުމަކީ ވަކިވަކި ހެކިތަކުގެ ގޮތުގައި ނުގުނޭނެ ކަމަށެވެ.

މާނައަކީ މިސާލަކަށް ކުއްޖާއަށް ކަންވީ ގޮތް ކަމަށް އެ ކުއްޖާ ދޭ ބަޔާނާއި އެ ކުއްޖާ އޭނާގެ ގާތް ތިމާގެ މީހަކަށް ނުވަތަ އާއިލާގެ މީހަކަށް އެ ވާހަކަ ކިޔައި ދިނުމުން އެ މީހަކު ދޭ ހެކިބަހަކީ ވަކި ދެ ހެއްކެއް ކަމަށް ނުބެލުމެވެ. ސަބަބެއްގެ ގޮތުގައި ހައި ކޯޓުން އޭރު ދެއްކީ އެ ދެ ހެކީގެ ވެސް އަސްލަކީ ކުއްޖާ ކިޔައިދޭ ކިޔައި ދިނުން ކަމަށް ވެފައި، ފަސް ހެކި ހަމަކުރުމުގައި އެއީ މިނިވަން، މުސްތަގިއްލު ވަކި ދެ ހެއްކެއް ކަމަށް ބަލާ ނަމަ، ކުށް ނުކުރާ މީހަކަށް އަދަބު ދެވުމުގެ ފުރުސަތު އޮތުމެވެ.

މިގޮތަށް ހައި ކޯޓުން ކަނޑައެޅިޔަސް، މިފަދަ ކުށްތައް ސާބިތުކުރުން އުނދަގޫވާ ގޮތަށް އެ ކޯޓުން ނިންމީ ކަމަށް މުޅިއަކުން ބުނެވޭކަށް ނެތެވެ. އެއީ ގާނޫނުގައި ބުނާ ފަސް ހެކި ހަމަނުވިޔަސް، ޖިނާއީ ކުށް ސާބިތު ކުރުމުގެ އާންމު އުސޫލުގެ ދަށުން، އެފަދަ ކުށްތައް ސާބިތު ކުރެވިދާނެ ކަމަށް އެ ކޯޓުން އޭރު ކަނޑައަޅާފައި އޮތުމެވެ. އަދި އެ ގާނޫނުގައި ބަޔާންކުރާ 12 ބާވަތުގެ ހެކި ނޫން އެހެން ހެކިތައް ވެސް އެފަދަ މައްސަލަތަކުގައި ބޭނުން ކުރެވޭނެ ކަމަށް ވެސް ކަނޑައެޅި އެވެ. އެގޮތަށް ބައެއް މައްސަލަތައް ހައި ކޯޓުން ސާބިތުވެފައި ވެސް އެބަ ހުއްޓެވެ.

ސުޕްރީމް ކޯޓުގެ ނިންމުން

އުމުރުން 11 އަހަރުގެ ދޮންދަރިއަކާ ބެހުނު ކަމަށް ބުނެ ޖަލަށް ލި މީހަކު ހައި ކޯޓުން މިނިވަންކުރި މައްސަލާގައި ސުޕްރީމް ކޯޓުން ކުރި އެ ހުކުމުގައި ގާނޫނު މާނަކޮށް، ނިންމި ބޮޑު ނިންމުމާ އެކު، ހެކީގެ މިންގަނޑު ކޯޓުތަކުން މާނަކުރަމުން އަންނަ ގޮތަށް ބޮޑު ބަދަލެއް އައީ އެވެ. އެންމެ ބޮޑު ބަދަލަކީ ހައި ކޯޓުން ގާނޫނު މާނަކޮށްފައިވާ ގޮތް އެއްފަރާތް ކުރުމެވެ.

ސުޕްރީމް ކޯޓު: ކުޑަކުދިންގެ ހިމާޔަތުގައި މުހިންމު ހުކުމެއް އިއްވި -- ފޮޓޯ/މިހާރު

ސުޕްރީމް ކޯޓުގެ ހުކުމުގައިވާ ގޮތުން ކުޑަކުދިންނަށް ޖިިންސީ ގޯނާކުރުމުގެ މައްސަލަތަކަކީ ސިއްރުވެރި ގޮތަކަށް ހިންގާ އަމަލުތަކަށް ވާތީ އެފަދަ ކުށްތައް ފަސޭހައިން ސާބިތު ކުރެވޭނެ ނިޒާމެއް ކަނޑައެޅުމަކީ އެ ގާނޫނުގެ މަގްސަދު ކަމަށް ވިޔަސް، ހައި ކޯޓުގެ ކުރީގެ ނިންމުމުގެ ސަބަބުން އެ ނިޒާމު އެއްކޮށް ރޫޅުނީ އެވެ. ނަތީޖާއެއްގެ ގޮތުން އެފަދަ މައްސަލަތައް ސާބިތުކުރަން އަނެއްކާވެސް އުނދަގޫވި ކަމަށް ސުޕްރީމް ކޯޓުން ފާހަގަކުރި އެވެ.

"ކުއްޖާ ކިޔައިދޭ ކިޔައިދިނުން މައިގަނޑު އަސާސަކަށް ބަލައިގެން މައްސަލަ ސާބިތުވޭތޯ ނުވަތަ ނުވޭތޯ ވަޒަން ކުރުމަށް ކަނޑައެޅިފައިވާ މި ނިޒާމު ރޫޅިގެން ދިއުމުގެ ނަތީޖާއެއްގެ ގޮތުން، އެ ގާނޫނު ހެދުމުގެ ކުރިން ދިމާވެފައި އޮތް މައްސަލަ ކަމުގައިވާ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ މައްޗަށް ކުށް ސާބިތުވުން އަނެއްކާވެސް އުނދަގޫވެގެން ގޮސްފައިވާ ކަން އެ ފަހުން ކޯޓުތަކުން ނިންމި ގަޒިއްޔާތަކުން އެނގެ އެވެ،" މަތީ ކޯޓުގެ ހުކުމުގައިވެ އެވެ.

އެ ހުކުމުގައިވާ ގޮތުން ސިއްރުވެރި ގޮތަކަށް ހިންގާ އެފަދަ އަމަލުތަކުގައި މައިގަނޑު ހެއްކަކަށް އާންމުކޮށް ހުންނާނީ އަނިޔާ ލިބޭ ކުއްޖާގެ ބަސް ކަމަށް ވާތީ، ގާނޫނުގައި ބަޔާންކުރާ 12 ބާވަތުގެ ހެކީގެ މަގްސަދަކީ ކުޑަކުއްޖާގެ ބަހަކީ ތެދުކަން ކަށަވަރު ކުރާ ވަސީލަތެއްގެ ގޮތުގައި ބޭނުން ކުރުމެވެ. އެހެންވެ، އެ ހެކިތައް ބޭނުން ކުރަން ޖެހޭނީ ކުއްޖާގެ ބަހުގެ ތެދުކަން ކަށަވަރު ކުރުމަށްޓަކައި ކަމަށާއި އެކަމަކު އޭގެ ކޮންމެ ހެއްކަކީ އޭގެ ޒާތުގައި ވަކިވަކި، މުސްތަގިއްލު ހެކިތަކަށް ވުން ލާޒިމްނުވާ ކަމަށް ވެސް ހުކުމުގައިވެ އެވެ.

މުހިންމީ ހިސާބު ނަމްބަރެއް ނޫން، ބަލަންވީ ތިން ކަމަކަށް

އެ ހުކުމް އޮތް ގޮތުން އަނިޔާ ލިބޭ ކުޑަކުއްޖާގެ ހެކިބަހަކީ ޖިންސީ ގޯނާގެ މައްސަލަތައް ސާބިތު ކުރުމަށް ބޭނުންކުރެވޭ މައިގަނޑު ވަސީލަތަށް ވާތީ ކުއްޖާގެ ހެކިބަސް އާދަޔާ ޚިލާފަށް ތެދުކަން ކަށަވަރުވާން ޖެހޭނެ އެވެ. އެކަން ކޯޓުތަކުން ދެނެގަތުމުގައި ބަލަން ޖެހޭ ތިން ކަމެއް އެ ހުކުމުގައި ކަނޑައެޅި އެވެ. އެއީ ކުއްޖާގެ ބަސް އެތެރެ ފުށުންނާއި ބޭރު ފުށުން އެއްގޮތްވޭތޯ ބެލުމާއި ކުއްޖާގެ އުޅުމާއި އަޚްލާގުގެ އިތުރުން އެފަދަ ތުހުމަތެއް މީހަކާ މެދު ކުރުމުގައި ނުބައި ނިޔަތެއް އޮތްތޯ ބެލުމެވެ.

ހެކިބަސް، އެތެރެ ފުށުން އެއްގޮތްވޭތޯ ބެލުމަކީ ކުއްޖާގެ ހެކިބަހުގައި ތެދު ބަހުން މީހަކު ވާހަކައެއް ކިޔައިދޭހާ ގިނަ ތަފްސީލުތައް ހުރުމެވެ. އަދި އެކި ފަރާތްތަކަށް އެ ކުއްޖާ އެ ވާހަކަ ކިޔައިދޭ ކިޔައި ދިނުމުގައި ނަތީޖާއަށް އަސަރު ކުރާނެ ފަދަ ބޮޑު ތަފާތެއް ފެންނަން ނެތުމެވެ. މާނައަކީ ކުދިކުދި ތަފާތުތައް ކުއްޖާގެ ވާހަކަތަކުން ފެންނަން އޮތަސް، ޖިންސީ އަމަލުގެ މާނައިގެ ތެރޭގައި ހިމެނޭ ކަމެއް ހިނގިކަން އެނގެން އޮތް ނަމަ، ހެކިބަސް އެތެރެ ފުށުން އެއްގޮތް ކަމަށް ކަނޑައެޅިދާނެ އެވެ. ކުރު ގޮތަކަށް ބުނާ ނަމަ، ސަބަބުވެރި އިންސާނެއްގެ ވިސްނުމުން ވިސްނާއިރު، ކުއްޖާގެ ވާހަކަތައް ގަބޫލުކުރެވުމެވެ.

ބޭރު ފުށުން ހެކިބަސް އެއްގޮތްވުމަކީ އެ ކުއްޖާގެ ހެކިބަހަކީ ތެދެއް ކަމަށް ގަބޫލުކުރުމަށް އެހެން ހެކިތަކުން ބާރު ލިބުމެވެ. އެގޮތުން ސައިންޓިފިކް ތަހުލީލުތަކުން ނުކުންނަ ނަތީޖާ އާއި އެހެން މީހުންގެ ހެކިބަސް ވެސް އެކަމަށް ބޭނުން ކުރެވިދާނެ އެވެ. ސުޕްރީމް ކޯޓުގެ ހުކުމް ބިނާކުރި މައްސަލާގައި ހިމެނޭ ކުއްޖާއަށް ޖިިންސީ އަނިޔާއެއް ލިބިފައި ހުރި ކަމުގެ ނިޝާނެއް ފެންނަން ނެތް ކަމަށް މެޑިކަލް ރިޕޯޓުތަކުން ދެއްކިޔަސް، ކޯޓުން ނިންމީ އެ ރިޕޯޓުން ކުއްޖާގެ ބަހަށް ބާރު ލިބޭ ކަމަށެވެ. ސަބަބެއްގެ ގޮތުގައި ހުކުމުގައި ވަނީ ކުއްޖާގެ ޖިންސީ ގުނަވަނުން އިންފެކްޝަނެއް ފެނުނު ކަމަށް ރިޕޯޓުގައި އޮތުމާއި އެ ކުއްޖާއާ މެދު ހިންގި ކަމަށް ބުނާ އަމަލުގެ ސަބަބުން އިންފެކްޝަނެއް އުފެދިދާނެ ކަމަށް ބެލެވޭތީ އެވެ.

ހުކުމުގައިވާ ގޮތުން އެފަދަ ތުހުމަތެއް މީހެއްގެ މައްޗަށް ކުރުމުގައި ކުއްޖާގެ ނުބައި ނިޔަތެއް އޮތްތޯ ބެލުމުގައި، އެކަމަށް އެކަށީގެންވާ ސަބަބެއް ދައުވާ ލިބޭ މީހާ ދައްކަން ޖެހޭނެ އެވެ. އެފަދަ ވާހަކައެއް ހަދައިގެން އެ ކުއްޖާ ދައްކަފާނެ ހަސަދަވެރިކަމެއް ނުވަތަ ރުޅިވެރިކަމެއް ނުވަތަ ނުބައި ނިޔަތެއް އޮތްކަން، ތުހުމަތުކުރެވޭ މީހާއަށް، އެކަށީގެންވާ ސަބަބެއްގެ މައްޗަށް ބިނާކޮށް ބުނެދެވިއްޖެ ނަމަ، އެ ކުއްޖާގެ އެފަދަ ނިޔަތެއް ނެތްކަން ނުވަތަ އޭގެ އަނެއްކޮޅު ސާބިތުކޮށް ދިނުމުގެ ބުރަ އެ ހުކުމް އޮތް ގޮތުން އުފުލަން ޖެހޭނީ ދައުލަތުންނެވެ.

އަނިޔާ ލިބޭ ކުއްޖާގެ އުޅުމާއި އަޚްލާގާއި އުޅުން ދެނެގަތުމުގައި ބަލަން ޖެހޭ މާ ގިިނަ ކަންތައްތަކެއް އެ ހުކުމުގައި ފާހަގަކޮށްފައެއް ނެތެވެ. އެއީ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މެދުގައި ކޮންމެވެސް ވަރަކަށް ޚިޔާލު ތަފާތުވި ކަމެކެވެ. މިކަމުގައި ރައުޔު ތަފާތުވި ފަނޑިޔާރު އައިޝާ ޝުޖޫންގެ ރައުޔަކީ ކުއްޖާގެ ބަހަކީ ތެދެއްތޯ ވަޒަން ކުރުމުގައި އޭނާގެ އަޚްލާގަށް ބަލަން ނުޖެހޭ ކަމަށެވެ. އެއީ ކުއްޖާގެ އަޚްލާގު ވަކި ގޮތަކަށް ހުރުމަކީ އޭނާއާ މެދު އެފަދަ އަމަލެއް އެހެން ބަޔަކު ހިންގަން ޖެހޭ އެކަށީގެންވާ ސަބަބެއް ކަމަށް ނުވާތީ އެވެ.

ހައި ކޯޓުން ގާނޫނު މާނަކުރި ގޮތް ގޯސް ކަމަށް ސުޕްރީމް ކޯޓުން ފާހަގަކުރިޔަސް، ހައި ކޯޓުން ފާހަގަކުރާ އެއް ކަމެއް ސުޕްރީމް ކޯޓުން ވެސް ފާހަގަކުރެ އެވެ. އެއީ އެފަދަ ކުށެއް ސާބިތުވޭތޯ ބެލުމުގައި ގާނޫނުގައި ބުނާ ފަސް ހެކި ހަމަވުން ކޮންމެހެން ލާޒިމްނުވާ ކަމެވެ. ސުޕްރީމް ކޯޓުގެ ހުކުމުގައި ވެސް ބުނެފައިވަނީ އެފަދަ މައްސަލަތަކުގައި ކޮންމެހެން ބަލަން ޖެހޭނީ ވަކި އަދަދަކަށް ހެކި ހަމަވޭތޯ ނޫން ކަމެވެ.

"ކުށް ސާބިތު ކުރުމަކީ އެއް ނަމްބަރު އަނެއް ނަމްބަރާ ހިސާބު ކޮށްގެން ނެރޭ ހިސާބު ނަމްބަރެއްގެ ގޮތުގައި ކުރެވޭނެ ކަމެއް ނޫނެވެ. ކުށް ސާބިތު ކުރުމަށް ވަކި އަދަދަކަށް ހެކި ހަމަ ކުރުމުގެ ބަދަލުގައި، މައްސަލާގައި ކުޑަކުއްޖާ ދީފައިވާ ހެކިބަހަކީ އާދަޔާ ޚިލާފަށް ގަބޫލުކުރެވޭ ހެކިބަހެއް ކަމުގައިވާ ނަމަ، އެ ހެކިބަހުގެ މައްޗަށް ދައުވާ ސާބިތު ކުރެވިދާނެ އެވެ،" ބޭރު ގައުމުތަކުގެ ބައެއް ކޯޓުތަކުން ނިންމާފައިވާ ނިންމުންތަކާ ވެސް ހަވާލާދީ، އެ ހުކުމުގައިވެ އެވެ.

ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ދެކެވަޑައިގަންނަވާ ގޮތުގައި ސުޕްރީމް ކޯޓުގެ ހުކުމާ އެކު، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ޚާއްސަ އުސޫލުތަކަށް އަމަލު ކުރުމުގެ ގާނޫނު މިހާރު މާނަ އެކުރެވުނީ އެފަދަ ކުށްތައް ސާބިތުކުރަން ލުއި މިންގަނޑެއް ކަނޑައެޅުމުގެ މަގްސަދު ހާސިލްވާ ގޮތަށެވެ. އަދި އެ ހުކުމް އެގޮތަށް އަޔަސް، ކުށް ނުކުރާ މީހަކު ގާނޫނީ ގޮޅިއަށް ފެތުމުގެ ފުރުސަތެއް ނެތް ކަމަށް ވެސް އޭނާ ދެކެވަޑައިގަންނަވަ އެވެ.

"މިސާލަކަށް ހަދައިގެން ދައްކާ ވާހަކައަކާ ގުޅިގެން މީހެއްގެ މައްޗަށް ހުކުމެއް ނުކުރެވޭ ގޮތަށް ސުޕްރީމް ކޯޓުން އެ ގާނޫނު މާނަކޮށް ދެއްވާފައި އެ ވަނީ. އެހެންވީމަ ކޮންމެހެން ޕްރޮސެކިއުޝަނަށް ފަހިވާ ގޮތަކަށް ވުރެ ބޮޑަށް، އެ ބާވަތުގެ ކުށުގެ ތަބީއަތަށާއި ބާވަތަށް ރިއާޔަތްކޮށް، ދެ ފަރާތުގެ މަސްލަހަތު ވެސް ރައްކާތެރިވެ، ގާނޫނުގެ އަސްލު މަގްސަދު ހާސިލްވާ ގޮތަށް އޮތް ހުކުމެއް ކަމަށް އަޅުގަނޑަށް ފެންނަނީ،" ޝަމީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކުރިން ކޯޓުތަކުގެ އަމަލްތައް ހުރީ އެ ގާނޫނު އެއްހަމައަކުން ތަންފީޒުކުރެވޭ ގޮތަށް ނޫން ކަމަށެވެ. އެކި ކޯޓުތަކުން އެކި ގޮތަށް ގާނޫނު މާނަ ކުރަމުން އައި ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ. ނަމަވެސް ސުޕްރީމް ކޯޓުގެ ހުކުމާ އެކު، އެއް އުސޫލަކުން ކޯޓުތަކުން އަމަލު ކުރަން ބާރު އެޅޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖެ ފަދަ ކުޑަ ގައުމަކަށް ބަލާއިރު ކުޑަކުދިންނަށް ޖިިންސީ ގޯނާކުރުމުގެ މައްސަލަތައް ވަރަށް ގިނަ އެވެ. ސުޕްރީމް ކޯޓުގެ ހުކުމަކީ ކުދިންނަށް އިންސާފު ހޯދައި ދިނުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. އަދި އެފަދަ އަމަލުތަައް ހިންގާ މީހުން ގާނޫނީ ބާގަނޑުތަކުގެ ތެރެއިން މުޖްތަމައުއަށް ދޫވުމުގެ ފުރުސަތު ހަނިވެގެންދާނެ ކަމަށް ވެސް ބެލެވެ އެވެ.

2 ކޮމެންޓް, 6 ރިއެކްޝަންސް

icon happy icon happy 83%
icon sad icon sad 0%
icon angry icon angry 17%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރައްޔިތު ސޮރު

08 July 2020

ކުއްޖާ ދޮގުހެކިދޭކަން ޔަޤީންވެއްޖެނަމަ އެކުއްޖާއަށް ފީޑުކުރިބަޔަކު ހޯދާ އިންސާފްގެ ކުރިމައްޗަށް ގެނެވޭގޮތަށް ޤާނޫނު ފަރުމާކުރުން މުހިންމު! އެއިރުން ހަޤީޤީ ކަލްޕްރިޓުން އަތުލައިގަންނަން ފަސޭހަވެ ކުށެއްނެތް މީހުންގެ ބޮލުގަ ބަދުނާމު އެޅުވުން މަދުކުރެވޭނެ!

The name is already taken The name is available. Register?

ރަދީފްއޮފިޝިއަލް

08 July 2020

ފޫހި ރިޕޯޓެއް.ނޮޓް އިމްޕްރެސްޑް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454