ޚަބަރު / ޖުޑީޝަލް އެޑްމިނިސްޓްރޭޝަން

ބަންދު ދުވަސްތަކުގައި ވެސް އީމެއިލް މެދުވެރިކޮށް ކޯޓުތަކުގެ ޚިދުމަތްތައް ހޯދޭނެ ގޮތް ހަމަޖައްސައިފި

ޑީޖޭއޭ: ބަންދު ދުވަސްތަކުގައި އީމެއިލް އާއި އެހެނިހެން ވަސީލަތްތަކުން ކޯޓުތަކުގެ ޚިދުމަތް ލިބޭނެ ގޮތް ހަމަޖައްސަން ވަނީ އަންގާފައި -- ފޮޓޯ/މިހާރު

ކޮރޯނާ ވައިރަސްއާ ގުޅިގެން، ރައްކާތެރިިކަމުގެ ފިޔަވަޅެއްގެ ގޮތުން، އެއް ހަފުތާއަށް ސަރުކާރު ބަންދު ކުރުމާ ގުޅިގެން ކޯޓުތަކުގެ ޚިދުމަތްތައް އީމެއިލް އާއި އެހެނިހެން ވަސީލަތްތައް މެދުވެރިކޮށް ހޯދޭ ގޮތަށް ހަމަޖައްސައިފި އެވެ.

ކޮރޯނާ ވައިރަސްއާ ގުޅިގެން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވާތީ ރައްކާތެެރިިކަމުގެ ފިޔަވަޅެއްގެ ގޮތުން އޮފީސްތައް އެއް ހަފުތާއަށް ވަނީ ބަންދުކޮށްފަ އެވެ.

ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ނެރުނު ސާކިއުލާއެއްގައިވަނީ ދައުލަތުގެ އިދާރާތައް ބަންދު ކޮށްފައިވާ މުއްދަތުގައި ޝަރުއީ ދާއިރާގެ ޚިދުމަތްތައް މެދުކެނޑުމެއް ނެތި އާންމުންނަށް ލިބޭނެ ގޮތް ހަމަޖެއްސުމަށްޓަކައި މައްސަލަތައް އީމެއިލް ނުވަތަ ކޯޓުން ކަނޑައަޅާ ވަސީލަތްތައް މެދުވެެރިކޮށް ހުށަހެޅޭ ގޮތް ހަމަޖެއްސުމާއި މައްސަލަތަކާ ބެހޭގޮތުން މައުލޫމާތު ދޭނެ ވަކި ނަމްބަރުތަކެއް ކަނޑައަޅަން ވާނެ ކަމަށެވެ. އަދި އެދުވަސްވަރު ކޮންމެހެން ޝަރީއަތެއް ބާއްވަން ޖެހިއްޖެ ނަމަ، ވީހާ ވެސް މަދު މުވަައްޒަފުން ނެރުމަށާއި އޭގެ ތެރޭގައި އުމުރުން ދުވަސްވީ މުވައްޒަފުން ނުހިމެނުމަށް ވެސް އެ ސާކިއުލާގައި އަންގާފައިވެ އެވެ.

މީގެ އިތުރުން ކޮންމެހެން ގެއިން ބޭރަށް ނިކުންނަން ޖެހިގެން ނޫނީ ޝަރުއީ ދާއިރާގެ އެއްވެސް މުވައްޒަފަކު ގެއިން ބޭރަށް ނުނިކުތުމަށް ވެސް އެ ސާކިއުލާގައި އެދިފައިވެ އެވެ.

އެކަމާ ގުޅިގެން ހައި ކޯޓާއި ސުޕްރީމް ކޯޓުން މިހާރު ވަނީ މައްސަލަތަކާ ގުޅޭގޮތުން އީމެއިލް މެދުވެރިކޮށް އެ ކޯޓުތަކާ މުއާމަލާތް ކުރެވޭނެ އިންތިޒާމް ހަމަޖައްސައިފަ އެވެ. އަދި ހައި ކޯޓުން ވަނީ ކޯޓަށް ހާޒިރުވުމުގެ އަމުރާއި ލިޔުންތަކާއި މައްސަލަތަކާ ގުޅޭގޮތުން އަންގާ އެންގުންތައް އީމެއިލް ނުވަތަ ސޯޝަލް މީޑިއާ މެދުވެރިކޮށް ފޮނުވާ ގޮތަށް ހަމަޖައްސައިފަ އެވެ.

އޭގެ ކުރިން ސިވިލް ކޯޓުން ވެސް އޮތީ އީމެއިލް އާއި ސޯޝަލް މީޑިއާ އާއި ފޯނުން ވެސް މައްސަލަތަކާ ގުޅޭ ގޮތުން މި ބަންދުގެ ތެރޭގައި މުއާމަލާތް ކުރެވޭ ގޮތަށް ހަމަޖައްސައިފަ އެވެ. އަދި ކްރިމިނަލް ކޯޓުން ވެސް މިހާރު ވަނީ މައްސަލަތަކާ ގުޅިގެން އެ ކޯޓަށް ހުށަހަޅާ ލިޔުންތައް އީމެއިލް މެދުވެރިކޮށް ފޮނުވާ ގޮތަށް ހަމަޖައްސައިފަ އެވެ.

ކޮޮރޯނާ ވައިރަސް ހުރި 13 މީހަކު ރާއްޖެއިން ފެނިފައި ވިޔަސް، އޭގެ ތެރޭގައި އެއްވެސް ދިވެއްސަކު ނުހިމެނެ އެވެ. އެކަމަކު ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އޮފީސްތަކާއި ސްކޫލްތައް ބަންދު ކޮށްފައި ވާއިރު، ފަތުރުވެރިން ރަށްރަށަށް އެރުން މަނާކޮށް އަދި ބައެއް ގައުމުތަކުން މީހުން ވެސް އައުން ވަނީ މަނާކޮށްފަ އެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454