ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވާ މުއްދަތުގަައި ކުށާއި ދަރަނީގެ ރެކޯޑް އީމެއިލް މެދުވެރިކޮށް ސާފުކުރެވޭނެ އިންތިޒާމް ހަމަޖައްސައިފި އެވެ.
ކޮވިޑް-19 އާ ގުޅިގެން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކެއް ސަރުކާރުން ގެންދަނީ އަޅަމުންނެވެ. އެގޮތުން އޮފީސްތަކާއި ސްކޫލްތައް ވަނީ ބަންދުކޮށްފަ އެވެ.
ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ނެރުނު ބަޔާނެއްގައި ބުނީ ޑީޖޭއޭއިން ފޯރުކޮށްދޭ ކުށާއި ދަރަނީގެ ރެކޯޑް ސާފުކުރަން ބޭނުންވާ ނަމަ، އެކަމަށް އޮންނަ ފޯމް ފުރިހަމަކުރުމަށް ފަހު އައިޑީ ކާޑުގެ ކޮޕީއަކާ އެކު އީމެއިލް ކުރުމުން އީމެއިލް މެދުވެރިކޮށް ޖަވާބު ލިބޭނެ ކަމަށެވެ.
ޑީޖޭއޭގެ މި ނިންމުން އައި އިރު ކޯޓުތަކުން ކަނޑައަޅާ އުސޫލެއްގެ ދަށުން ޝަރީއަތްތައް ކުރިއަށް ގެންދަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ ކޯޓުތަކަށް އަންގަން ނިންމައިފަ އެވެ.
ކޮވިޑް-19 އާ ގުޅިގެން ހިދުމަތްތައް މެދުކެނޑިފައި އޮތަސް ކޮންމެހެން ކުރިއަށް ގެންދަން ޖެހޭ ޝަރީއަތްތަކާއި ބަންދާ މެދު ގޮތެއް ނިންމުން ފަދަ މަސައްކަތްތަކަށް ހުއްޓުމެއް ނާދެ އެވެ. އަދި އީމެއިިލް މެދުވެރިކޮށް މައްސަލަ ހުށަހެޅުމުން އެ މައްސަލަތައް ބަލައި ވެސް ގަނެ އެވެ.