23 މާޗް 2020 - 13:35
ކޮވިޑް-19 ޖެހިފައިވާ މީހުންނަށް ފަރުވާ ދެއްވަން ގާތުގައި އުޅުއްވުމަކީ ބިރުވެރިކަމެއް ކަމަށާއި ނަމަވެސް އެއީ އެއްވެސް ޑޮކްޓަރަކަށް އާ ކަމެއް ނޫން ކަމަށް، ކޮވިޑް-19ގެ ބަލި މީހުންނަށް ފަރުވާ ދޭ ޓީމުގެ އިސް އެއް ޑޮކްޓަރު މުހައްމަދު އިސްމާއިލް ރޭ ވިދާޅުވެއްޖެ އެވެ.
އައިޖީއެމްއެޗުގައި މަސައްކަތްކުރައްވަމުން ގެންދަވާ ނޭވާލާ ނިޒާމްގެ ކޮންސަލްޓަންޓް ޑރ. އިސްމާއިލް ޓީވީއެމްގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ވިދާޅުވީ ޑޮކްޓަރުންނަކީ، ކޮންމެ ކަހަލަ ބަލިމީހަކަށް ފަރުވާދޭން ވެސް ކުރީ ސަފުގައި ތިބޭ ބަޔަކަށް ވާތީ އެންމެ ރިސްކް ބޮޑީ ވެސް އެ މީހުންނަށް ކަމަށެވެ. އޭގެ ތެރޭގައި ނަރުހުން ވެސް ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ޑރ. އިސްމާއިލް ވިދާޅުވި ގޮތުގައި ކޮރޯނާވައިރަސް އިން ޖައްސާ ކޮވިޑް-19ގެ ބިރު ބޮޑުވަނީ އެއަށް ވެކްސިނަކާއި ފަރުވާއެއް ވެސް ހޯދިފައިނުވާތީ އެވެ. ނަމަވެސް ޑޮކްޓަރެއްގެ ހައިސިއްޔަތުން ބައްލަވާ ނަމަ މިފަދަ ބަލިތަކަކީ އާ ކަަމަކަށް ނުވާނެ ކަމަށް ވިދާޅުވި އެވެ.
"ހަގީގަތަށް ދަންނަވާ ނަަމަ މިކަހަލަ ހާލަތްތަކުގައި ބިރެއް ނުގަނޭ. ސަބަބަކީ މިބަލި ނޫނަސް ބަލި މީހެއް ކައިރިއަށް ދާ ކަމަށްވަންޏާ އަބަދުވެސް މިއުޅެނީ ރިސްކެއްގެ ތެރޭގައި،" ޑރ. އިސްމާއިލް
މިސާލެއް ދައްކަވަމުން ޑރ. އިސްމާއިލް ވިދާޅުވީ ޓީބީ ބައްޔަކީ ވެސް އެހާ ނުރައްކާތެރި އެއްޗެއް ކަމަށާއި ނަމަވެސް ޑޮކްޓަރުން ގެންދަނީ އޭގެ ބަލިމީހުންނަށް ވެސް ފަރުވާދެމުން ކަމަށެވެ.
"ހަގީގަތަށް ދަންނަވާ ނަަމަ މިކަހަލަ ހާލަތްތަކުގައި ބިރެއް ނުގަނޭ. ސަބަބަކީ މިބަލި ނޫނަސް ބަލި މީހެއް ކައިރިއަށް ދާ ކަމަށްވަންޏާ އަބަދުވެސް މިއުޅެނީ ރިސްކެއްގެ ތެރޭގައި،" ޑރ. އިސްމާއިލް ވިދާޅުވި އެވެ.
"މިސާލަކަށް ޓީބީ، އެއީ ވެސް ހަމަ މީހުން ވަރަށް ބޮޑަށް ބިރުގަންނަ ކަމެއް. ހަމަ ގައިންގަޔަށް އަރާ ބައްޔެއް،" އޭނާ ވިދާޅުވި އެވެ.
ޑރ. އިސްމާއިލް ވިދާޅުވި ގޮތުގައި ކޮވިޑް-19 ގެ ބިރު ބޮޑުކަމުން ސަމާލުވާން ޖެހޭ ވަރަށް ގިނަ ކަންކަން ހުރެ އެވެ. ވަކި ކަހަލަ ހެދުމެއް ލުމާއި ފަރުވާ ދިނުމަށް ފަހު އާންމުންގެ ތެރެއަށް އަލުން ނުކުންނަ އިރު ތަބާއަވާން ޖެހޭ އިރުޝާދުތަކެއް ހުންނަ ކަމަށް ވެސް ވިދާޅުވި އެވެ.
- ކަނޑައަޅާފައި ހުންނަ ވަކި ހިސާބެއްގައި ތިބެ އަތް ދޮވުން
- އޭގެ ފަހުން ހާއްސަ ހެދުންތައް ލައި، މީހާ ފުރިހަމަޔަށް ނިވާކުރުން
- ފަރުވާ ދިނުމަށް ފަހު ނުކުމެ، ވަކި ހިސާބަކުން ފުރަތަމަ އަނެއްކާވެސް އަތް ދޮވުން
- އޭގެ ފަހުން ހާއްސަ ހެދުން ބޭލުން
- ދެން ރަނގަޅަށް ފެން ވަރައި، މުޅި ހަށިގަނޑު ދޮވެ ސާފުކުރުން
އޭނާ ވިދާޅުވި ގޮތުގައި ފަރުވާ ދިނުމަށް ފަހު ނުކުންނާނީ ޔަގީނުން ވެސް ވައިރަހާ އެކު ކަމަށް ވުމުން، ސަލާމަތީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް ވެސް ވަރުގަދަ އެވެ.
"އެންމެ ރަނގަޅަށް ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިގެން ތިއްބަސް އެއީ 100 ޕަސަންޓް ޔަގީނެއް (ނޫން، ވައިރަސް ނުހުންނާނެ ކަމުގެ). އެހެންނަމަވެސް ﷲއަށް ވަކީލް ކޮށްފައި އަޅުގަނޑުމެން ކުރަން ޖެހޭނެ ކަމެއް މިއީ،" ޑރ. އިސްމާއިލް ވިދާޅުވި އެވެ.
މި ނުރައްކާތެރި ހާލަތުގައި ސިއްހީ ތަޖުރިބާކަރުންގެ ފަރާތުން ލިބެމުން އަންނަ އެއްބާރުލުމަށް އޭނާ ޝުކުރު އަދާކުރެއްވި އެވެ. އެގޮތުން ކޮންމެ ގަޑިއެއްގެ ކޮންމެ ޑިއުޓީއަކަށް ލިޔަސް، އެއްވެސް ޝަކުވާއެއް ނެތި، އެ އެންމެން ވެސް މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވި އެވެ.
މި ދަނޑިވަޅުގައި ޑރ. އިސްމާއިލް އެތައް ބައެއްގެ މަސައްކަތް ފާހަގަކުރެއްވި އެވެ. އޭގެ ތެރޭގައި ގިނަ ބަޔަކު ހިލޭސާބަހަށް ނުކުމެ އުޅުމަކީ ވެސް އޭނާގެ ނަޒަރުގައި ވަރަށް ބޮޑު ޚިދުމަތެކެވެ. އެހެންކަމުން އެ އެންމެންނަށް ވެސް ޝުކުރު އަދާކުރެއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮޑުމީހާ
23 March 2020
މިއުޅޭ އިންޑިއާގެ ވާނުވާ ޑޮކްޓަރުންނަށްވުރެ ދިވެހި ޑޮކްޓަރުން މާ މޮޅު. ކްލިނިކްތަކުގަ ތިބޭ ބިދޭސީ ޑޮކްޓަރުންގެ ބޭނުމަކީ ފައިސާ ހޯދުން. ދާ ކޮންމެ ބަލިމީހަކަށް އެންޓި ބައޯޓިކާެއި ބޭސްތަކެއްދީ ފޮނުވާލާނެ. އަސްލު މައްސަލައަކީ ކޮބާކަން ދިރާސާކުރުމެއް ނޯވޭ!
އާދިލު
23 March 2020
ހަގީގަތުގައިވެސް މުހަންމަދު އިސްމާއީލް އަކީ ވ.މޮޅު އެހާމެ ހިތްހެޔޮ ބަލިމީހާ އަށް ވ.ރަނގަޅަށް ފަރުވާ ދެއްވާ ޑޮކްޓަރެއް މިފަދަ ޑޮކްޓަރުންގެ އަގު ވަޒަން ކުރަން ޖެހޭނެ މިވަގުތު މިކަމުގައި އުޅުއްވާ ހުރިހާޑޮކްޓަރުންނާ ނަރުހުން ވެ ވަޑައިގަންނަވާ ގުރުބާނީއަށް ފައްފަށުން ޝުކުރު ދަންނަވަން އަޅުގަނޑުގެ ދުޢާ އަކީ ﷲ ތަޢާލާ އަޅުގަނޑުމެން މިކުރާމަސައްކަތުގައިބަރަކާތް ލައްވައި މި ބަލިން މިގައުމު ރައްކާތެރި ކޮށްދެއްވުންަ
ޙމކހހގ
23 March 2020
ޢާމީން
ވާނުވާ....
23 March 2020
އަޅުގަނޑުގެ މަންމަޔަށްވެސް މި ޑރ ފަރުވަަކުރި އަސީޔޫގަ ވަރަށް އޯގާތެރި ބޭފުޅެއް އަދި ވާނުވާ ބަރާބަރަށް ކިޔާދެއްވާ ބޭފުޅެއް ޔާﷲ މިފަދަ ބޭފުޅުން ފުރިހަމަ ސިއްހަތެއްގާ ލައްވާ އެކުރާ މަސައްކަތުގާ ބަރަކާތްލައްވާށި އާންމީން...
އަހް224
23 March 2020
ވަރައް މޮޅު ރަގަޅު ޑޮކްޓަރެއް މީ. އަހަރެން ނިއުމޯތޮރެކްސް އައް ބޭސް ކުރީ މި ޑޮކްޓަރު. ވަރައް ހިހް ހެޔޮ ޑޮކްޓަރެއް
ާނުޝޫ
23 March 2020
ޑރ އިސްމާއިލް އަކީ ކަމެއްވާއިރަކަށް އަރާ ފޮނިކަނޑާ ކަހަލަ މީހެއް ނޫން. ބައެއް މީހުން އެމީހާގެ މޮޅުކަން އިއުލާނުކުރަން މަވަރެއް ނެތިގެން އުޅުނަސް އެ ޑޮކްޓަރެކޭ އެއްވަރަށް ނުވތަ އެއަށް ވުރެ ބުރަކޮއް ކޯވިޑް ބަލިމީހުންނަށް ފަރުވާދިނުމުގަ ރެޔާ ދުވާލު އަވަދި ނެތި އުޅުއްވާ އެކަކު ޑރ އިސްމާއިލް އަކީ ..ކެއްތެރި ހިތްވރު ގަދަ ފޮނިކަމެއް ނެތްބޭފުޅެއް
ާއާމިނަ
23 March 2020
މީވ ހިތްހެޔޮ އޯގާތެރި ޑރ އެއް. 5 އަހަރަށްވުރެ ގިނަދުވަހު ޑރ އަރިހުން ބޭސްފަރުވާ ކުރިން. ނަންބަރު ނުލިބޭ ވާހަކަ ދެންނެވީ މާވެސް ނަންބަރު ލިބޭނޭގޮތް ހަ މަޖައްސަވައި ދެއްވާ! އޯގާތެރިކަ މުގެ އިންތިހާ. މާތްﷲގެ ރަޙް މަތްފުޅުން މިބޭފުޅުންނާއި އަޅަ މެން އެން މެން މިބަލި މަޑު ކަ މުން ސލާ މަތް ކުރައްވާށި.އާ މީން
ސަލީމް
23 March 2020
ޑރ.މުހައްމަދު އިސްމާއިލް އަކީ ވަރަށް އޯގާތެރި ކުޅަދާނަ ބޭފުޅެއް
ރައީސްގެމީހާ
23 March 2020
ޑޮކްޓަރުން ނާއި ދިވެހި ގައުމު މިބިރުވެރިކަމަށް ވައްޓާލީ ޓޫރިޒަމް މިނިސްޓަރ އެއާރޕޯޓު ބަނދުކުރަން ދެކޮޅުހެދީ އޭނާ.. ޗަންޕާ ލާރިގަނޑެއް ދީގެރން.. ޔުނިވާރސަލް ބަނޑަޖެހިދާނެތީ.. އަދިވެސް އޭނާ އެބުނަނީ ޑޮކްޓަރުން ކެއްކޮށްލާ އަހަެރން ވަރަށް ހެޔޮވާނެ.. އަސްލު މައްސަލަޔަށް އެޑްރެސް ނުކުރޭ! މިބުނަނީ މީހުން ގޭގަ ތިބޭށޭ.. މިސްކިތް ބަންދުކުރާ ށޭ އެއީ ޔޭ ބަލިޖެހޭ ގޮތަކީ.. ބަލި އަންނަގޮތް ހުއްޓުވަން ނޫލޭ..އަރަތެއް... ޓެކްސް ފައިސާ ބެކާރު ގޮތުގައި؟
ބިގަރުބެ
23 March 2020
ފިތުނައަކީ ކުޑަ ބައްޔެއްތަ؟
އަލީރާޖާ
23 March 2020
ޑޮކްޓަރުން، ނަރުހުން، ލެބޯޓްރީ ޓެކްނީޝަނުން، ސިއްހީދާއިރާ އެހެނިހެން ބޭފުޅުން، ކަސްޓަމްސް، އިމިގްރޭޝަން، ޕޮލިސް، ސިފައިން، އެއަރޕޯޓު އަދި އެއަރލައިން ސްޓާފުން، ރެޑްކްރެސެންޓުގެ ބޭފުޅުން.. .އަދިވެސް ފްރަންޓްލައިންގައި އަމިއްލަ ނަފުސު ރިސްކްގެ ތެރޭ ބަހައްޓައިގެން މަސައްކަތް ކުރައްވާ ހުރިހާ ހިތްވަރުގަދަ ބޭފުޅުނަށް ފަށްފަށުން ޝުކުރު ދަންނަވާ ސާބަސް ދެން. ﷲ ތިޔަބޭފުޅުން ރައްކާތެރި ކުރައްވާ އަޅަމެން އެންމެން މި ބަލިމަޑުކަމުން ސަލާމަތް ކުރައްވާށި.
އާދަމް ބާއީ
23 March 2020
ކޮވިޑުގެ ކަންތައް ފެށުނުފަހުން ހާދަ ޑޮކްޓަރުންނެއް އެނގެންފަށައިފިއޭ.