29 މާޗް 2020 - 12:58
ކޮވިޑް-19 އިން އަރައިގަތުމަށް ރާއްޖޭން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ފުލުހުން ކުރަމުން އަންނަނީ ވަރަށް މުހިންމު އެކަމަކު ނުރައްކާތެރި މަސައްކަތްތަކެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.
ފުލުހުންގެ 87 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ރައީސް ދެއްވި ހިތާބުގައި ވިދާޅުވީ މި އަހަރުގެ ފުލުހުންގެ ދުވަސް ބައްދަލު ކުރީ ގައުމާއި ރައްޔިތުންގެ ހިދުމަތުގައި ރެޔާއި ދުވާލު ފުލުހުން ހަރަކާތްތެރިވަމުން އަންނަ ދުވަސްވަރެއްގައި ކަމަށެވެ.
ރައީސް ވިދާޅުވީ މި ނުރައްކަލުން އަރައިގަތުމަށް ކުރާ މަސައްކަތުން ފުލުހުންގެ އެއްބާރުލުން ލިބޭތީ އެކަމުން އެނގިގެންދަނީ ގައުމަށް ދިމާވާ ކޮންމެ ކަމެއްގައި ފުލުހުންނަކީ އެންމެ ކުރީ ސަފުގައި މަސައްކަތް ކުރާނެ ބައެއްކަން ކަމަށެވެ.
"މުޅި ދުނިޔެ އަށް ފެތުރިފައިވާ ކޮވިޑް-19ގެ ނުރައްކަލުން، ދިވެހި ގައުމު ރައްކާތެރިކުރުމަށް، އަޅުގަނޑުމެން މި ކުރާ ގައުމީ މަސައްކަތުގައި، ދިވެހި ފުލުހުން އަދާކުރަމުން އެ އަންނަނީ ވަރަށް މުހިންމު، އަދި އެހާމެ ނުރައްކާތެރި ދައުރެއް،" ރައީސް ވިދާޅުވި އެވެ.
މި ބައްޔަށް ޕޮޒިޓިވްވާ މީހުން ކަރަންޓީން ކުރާ ތަންތަނާއި ބައްޔަށް ޝައްކު ކުރެވޭ މީހުން އެކަހެރިކޮށް ބައިތިއްބާ ތަންތަނުގެ އިތުރުން ރިސޯޓްތަކުގެ ސަލާމަތީ ކަންކަން ބަލަހައްޓަނީ ފުލުހުންކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ އެއީ ވަރަށް ނާޒުކު އަދި ވަރަށް ނުރައްކާތެރި މަސައްކަތެއް ކަމަށެވެ.
"އެހެން ނަމަވެސް، ފުލުހުން އެ ނުރައްކަލާ ކުރިމަތިލައްވައިގެން، ކުރީ ސަފަށް ނުކުމެވަޑައިގެން އެ ތިއްބެވީ، ހުރިހާ ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި."
ރައީސް ވިދާޅުވީ މި ނާޒުކުކަމުގެ ނާޖާއިޒު ފައިދާ ނަގައި އެކި ބާވަތުގެ ކުށްތަކަށް އަރައިގަންނަން މަސައްކަތް ކުރާ ބަޔަކު ވެސް އުޅޭ ކަމަށެވެ. އަދި އެފަދަ ކަންކަމަށް ސަމާލުވެ އެކަންކަން ހުއްޓުވުމަށް ފުލުހުން އަންނަނީ މުހިންމު މަސައްކަތްތަކެއް ކުރަމުން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ފުލުހުންގެ މަސައްކަތްތައް ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ އެބޭފުޅުންގެ މަސައްކަތްތަކުގެ އަގު ވަޒަން ކުރަން ޖެހޭ ކަމަށެވެ. އަގު ވަޒަން ކުރުމުގެ ގޮތުން އެންމެން ވެސް ގޭގައި ތިބުމާއި މީހުން އެއްވެއުޅުން މުޅިން ހުއްޓުމަކަށް ގެނައުން މުހިންމު ކަމަށް ރައީސް ވިދާޅުވި އެވެ.
މިހާތަނަށް ރާއްޖެ އިން ކޮވިޑް-19 ގެ 17 މީހަކު ފެނުނުއިރު އޭގެ ތެރެއިން ދެ މީހުންނަކީ ދިވެހިންނެވެ. ބާކީ 15 މީހުންނަކީ ޓޫރިސްޓުން/ބިދޭސީންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބުޑީ
29 March 2020
ޝުކުރިއްޔާ ރައީސް. ފުލުހުންނަކީ މުހިއްމު މުއައްސަސާއެއް. ގޭތެރެއިން ސީޕީ ހޮވިކަން މޮޅު. އެކަމަކުސަރުކާރުގަ ތަންކޮޅެއް ގިނައީ ގޭތެރެއިން ހޮވާފަތިބި މީހުން.
ބޮޑުމީހާ
29 March 2020
މި ނުރައްކާތެރި ވަގުތުގައި ފުލުހުން، ޑޮކްޓަރުން، ސިފައިން އަދި ސިޔާސީ މީހާވެސް އެއްބާރުލުންދޭ. ހަމަ އެގޮތަށް ސަރުކާރު މުވައްޒަފުންނާއި އާމުންވެސް އެއްބާރުލުން ދޭ. އަހަރެންވެސް 3 ވަޒީފާ އަދާކުރަން ކުލި ދައްކަން، އެކަމަކު ކަރަންޓީނު ވެގެން ގޭގަ މިހުންނަނީ އެންމެންގެ ރައްކާތެރިކަމަށް. މިމަހު ކުލި ދައްކާނެގޮތެއް ނުވިސްނޭ
ނަޖުމުއްދީން
29 March 2020
ވައިޖަހަނީދޯ.
ނިރު
29 March 2020
ފަނަރަ ޖަހަން ކޯޓައް ގެންދާވާހަކަ ބާ ރައީސް އެވިދާޅުވީ