ފުވައްމުލަކު އަލައޮޅެއްގައި މީހަކު އަލަ ކޮންނަނީ: ދަނޑުވެރިކަމުގައި ފަލަމަޑީގެ ބާވަތްތައް އިތުރު ކުރުން މުހިއްމު-- ފޮޓޯ: އަސަދް ފޮޓޯގްރަފީ
06 އެޕްރީލް 2020 - 09:44
ހދ. ވައިކަރަދޫ އިބްރާހިމް އަޝްރަފް، އޭނާގެ ގޯތިތެރޭގައި ކުޑަ ތަންކޮޅެއްގައި ހެއްދި ހަނޑޫ ގަސްތަކުން ހަނޑޫ ކަނޑައިފި އެވެ. ފަސް ފޫޓެއްހާ ތަންކޮޅެއްގައި ހެއްދި ގަސްތަކުން އޭނާއަށް ލިބުނީ ދޮޅު ކިލޯގެ ހަނޑުލެވެ. އަޖުމަ ބެލުމަށް އަޝްރަފް ކުރި މަސައްކަތް ކާމިޔާބުވުމުން، މިހާރު އޭނާ އަމާޒު ހިފާފައި ހުރީ މަސައްކަތް ފުޅާކުރާށެވެ.
އެކަމަކު ކޮރޯނާވައިރަސްގެ ބިރުވެރިކަމާ ހެދި، ހުރިހާ އެންމެން ވެސް ދަނޑު ހައްދައި، ކާނާގެ ޔަގީންކަން ހޯދާށޭ ސަރުކާރުން ބުނީ އެންމެން ހަނޑޫ ހައްދަން ބާރު އަޅާކަށެއް ނޫނެވެ. އެއީ ބުރަ، އުފެއްދޭ މިންވަރު ކުޑަ އަދި ލިބޭ އާމްދަނީއާ ނުބައްދަލު ބާވަތެކެވެ. ބޮޑު ޖާގައެއް ބޭނުންވާ، ރާއްޖޭގެ ބިމާ ބީރައްޓެހި ވެސް އެއްޗެކެވެ.
ފަޅުރަށްރަށާއި އަމިއްލަ ރަށުން ބިން ހޯދައިގެން އަދި ގޯތީގައި އޮންނަ ހުސް ޖާގައިގައި މިހާރު ވެސް މީހުން ދަނޑު ހައްދަ އެވެ. އެފަދަ ދަނޑުތަކުން އާއްމުކޮށް ފެންނަނީ މިރުހާއި ކޮޕީ ފަތާއި ކަރާ އަދި ފަޅޯ ފަދަ ބާވަތްތަކެވެ. އެކަމަކު ސަރުކާރުން މިހާރު އިރުޝާދު ދެނީ، މި ތަކެތީގެ ތެރެއަށް ފަލަމަޑީގެ ބާވަތްތައް އިތުރު ކުރުމަށެވެ. އެއީ ވަގުތުން ވަގުތަށް މާކެޓަށް ނުނެރެވުނަސް، ފަހަށް ބޭނުން ކުރެވޭ ފަދަ ބާވަތްތަކެވެ.
ފުވައްމުލަކު އަލަ އޮޅެއް: ދަނޑުވެރިކަމުގައި ފަލަމަޑީގެ ބާވަތްތައް ގިނަ ކުރުން މުހިއްމު
ދަނޑުވެރިކަމުގެ ދާއިރާގެ ތަޖުރިބާކާރެއް ކަމުގައިވާ އެގްރިކަލްޗާ މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް އިބްރާހިމް ޝަބާއު ވިދާޅުވީ ރާއްޖޭގައި ހައްދަންވީ ހަނޑުލާއި ފުށް ފަދަ އެއްޗެހީގެ ބަދަލުގައި ހަކަތަ ލިއްބައިދޭ، އަދި ފަހަށް ރައްކާކުރެވޭ ފަދަ ފަލަމަޑީގެ ބާވަތްތައް ކަމަށެވެ. ކައިރީގައި އޮންނަ ފަޅުރަށުގައި ނޫނީ ރަށުން ދޫކުރާ ދަނޑުގައި ނޫނީ ގޭގެ ހުސް ބިމުގައި ވެސް ހެއްދޭނެ ފަދަ ފަސޭހަ ބާވަތްތަކެވެ.
"އެންމެ ރަނގަޅު ވާނީ އަލަ އާއި ކައްޓަލަ އާއި ދަނޑިއަލުވި އާއި ބަނބުކެޔޮ،" ޝަބާއު ވިދާޅުވި އެވެ.
"ބަރަބޮލާއި ދޮންކޭލާއި ފަޅޮލާއި އަނބު ފަދަ މޭވާ ވެސް ހެއްދިދާނެ."
ދަނޑުވެރިިކަން ކުރަން ސަރުކާރުން ބާރުއަޅާ އެންމެ މުހިއްމު ސަބަބަކީ "ފުޑް ސެކިއުރިޓީ" ނުވަތަ ކާނާގެ ޔަގީންކަން ހޯދުމެވެ. އެ ޔަގީންކަން ލިބޭނީ، ޝަބާއު ވިދާޅުވި ގޮތުގައި، ވަކި ވައްތަރެއްގެ ބާވަތްތަކެއް ހައްދައިގެންނެވެ. އަލަ އާއި ދަނޑުއަލުވި ނޫނީ ބަނބުކެޔޮ ފަދަ ބާވަތްތަކަކީ ތެލުލައިގެން ނޫނީ ހިއްކައިގެން ވެސް ގިނަ ދުވަހު ބޭނުން ކުރެވޭނެ ކަހަލަ އެއްޗެއްސެވެ.
މުޅި ދުނިޔެއަށް ފެތުރިފައިވާ ކޮރޯނާވައިރަހުގެ ބަލިމަޑުކަމާ ގުޅިގެން، ބޭރުގެ ގައުމުތަކުން މުދާ ގެންނަން ވަނީ ދަތިތައް ކުރިމަތިވެފަ އެވެ. ހާއްސަކޮށް ރާއްޖެއަށް އެންމެ ގިނައިން މޭވާ އާއި ތަރުކާރީ ގެންނަ އިންޑިއާ އާއި ސްރީ ލަންކާއަށް ދަތުރުކުރުން މެދުކަނޑާލާފައިވާތީ، ކުރިއަށް އޮތް ދުވަސްތަކުގައި އެތަކެތި ރާއްޖޭގެ މާކެޓުން، ދޭތެރެދޭތެރެއިން މަދުވުމުގެ ފުރުސަތު އެބަ އޮތެވެ. އެހެންވެ، މިހާރު މިއީ، ދަނޑުވެރިކަމަށް ދިވެހިން އެނބުރި ދާންވީ ވަގުތެވެ. އަމިއްލަ ބިމުގައި ހައްދާތަކެތިން ކައިބޮއި އުޅެން ފަށައިގަންނަންވީ އެވެ.
ހދ. ވައިކަރަދޫގައި ހައްދާފައިވާ ބިންބި ދަނޑެއް-- ފޮޓޯ: މުހައްމަދު ރަބީއު
ޓޫރިޒަމަށް ދިވެހި އިގްތިސޯދު ބިނާވުމުގެ ކުރިން، ގިނަ ބަޔަކު ދަނޑުވެރިކަން ކުރި އެވެ. އެކަމަކު ދިވެހިންގެ ދިރިއުޅުމުގައި މިހާރު އެ މަސައްކަތުގެ ހިއްސާ ކުރިއަށް ވުރެ މާ ބޮޑަށް ކުޑަ އެވެ. އެންމެ ބޮޑު ސަބަބަކީ މާކެޓު ނެތުމެވެ. ރާއްޖޭގައި ބޭނުންކުރާ ކާބޯތަކެތީގެ 93 ޕަސެންޓް އިމްޕޯޓު ކުރާއިރު، ދަނޑުވެރިކަން ކުރާ ގިނަ މީހުން ވެސް ތަކެތި ހައްދަނީ ރިސޯޓުތަކަށް އަމާޒުކޮށްގެންނެވެ.
އެގްރިކަލްޗާ މިނިސްޓްރީން ދެކޭގޮތުގައި ދަނޑުވެރިކަން ކުރުމަށް ހުރި ގޮންޖެހުންތައް ގިނަ އެވެ. ގިނަ ރަށްރަށުގައި އެކަން ކުރާނެ ބިމެއް ވެސް ނެތެވެ. ބަނބުކެޔޮ ފަދަ ގަސްތައް ވަރަށް ބޮޑަށް މަދުވެފައިވަނީ، ގެދޮރު އެޅުމުގެ ބޭނުމުގައި ކަނޑަން ޖެހުމުންނެވެ. ރަނގަޅު މުޑުވައް ނުލިބުމާއި އެ މަސައްކަތް ކުރުމަށް އެކަށީގެންވާ ވަސީލަތްތައް މިހާތަނަށް ލިބިފައި ނުވުން ވެސް އެއީ ދަނޑުވެރިކަމާ ގިނަ ބަޔަކު ދުރުވި ސަބަބެކެވެ.
އިތުރު ސަބަބެއްގެ ގޮތުގައި ޝަބާއު ފާހަގަކުރެއްވީ، ދަނޑުވެރިކަން ކޮށްގެން ވަގުތުން ވަގުތަށް ފައިސާ ނުލިބުމެވެ.
"ދިވެހިންގެ ވިސްނުން ބޮޑަށް މި ހުންނަނީ ކުރާ މަސައްކަތުގެ އަގު ވަގުތުން ލިބޭ ގޮތަށް. އެކަމަކު ދަނޑުވެރިކަން ކުރާއިރު މަސް ނިމޭތަނުން ފައިސާއެއް ނުލިބޭނެ. އެއްޗެއް އިންދައިގެން 4-6 މަހާ ދޭތެރޭ ފައިސާ ލިބޭވަރު ވާނީ،" އޭނާ ވިދާޅުވި އެވެ.
ދަނޑުވެރިކަން އަލުން ފަށައިގަންނަން ބާރު އަޅާއިރު، ސަރުކާރުން އަންނަނީ އެކަމަށް މަގު ފަހިކޮށްދެމުންނެވެ. ފަލަމަޑީގެ ބާވަތްތައް ހިމަނައިގެން، ދަނޑުވެރިކަން ކުރެވިދާނެ މޮޑެލްތައް ހަދައި ރަށްތަކާ ހިއްސާ ކުރަމުންނެވެ. އާ މުޑުވަކާއި ގަސްކާނާ އާއި މަސައްކަތަށް ބޭނުންވާ އާލާތްތައް ހޯދައިދޭން ނިންމާފައިވާއިރު ދަނޑުވެރިން ހައްދާ ތަކެތި ސަރުކާރުން ގަންނާނެ ކަމަށް ވަނީ އިއުލާންކޮށްފަ އެވެ.
ބިމުގެ ދަތިކަން ހުރި ރަށްރަށަށް، ކައިރީގައި އޮންނަ ފަޅުރަށް، ދަނޑުވެރިކަމަށް ދޫކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދެކެވެ؛ އެ ވައުދު ފުއްދުމުގެ މަސައްކަތް އެގްރިކަލްޗާ މިނިސްޓްރީން ކުރަމުން އަންނަތާ ދުވަސްތަކެއް ވެއްޖެ އެވެ.
މާރިކިލުގައި ދަނޑުވެރިކަން ކުރަނީ --ފޮޓޯ: އައިލެންޑް އޯގެނިކްސް
ސަރުކާރުން ވެރިކަމާ ހަވާލުވުމަށް ފަހު، ފަޅުރަށްތަކުގައި ދަނޑުވެރިކަން ކުރާ ގޮތް ވަނީ މޮނިޓާކޮށްފަ އެވެ. އެކަން ކުރަމުން އަންނަނީ ރަނގަޅަށްތޯ އާއި މާކެޓަށް ވަކި ބާވަތެއް އުފައްދަން މަސައްކަތް ކުރޭތޯ ބެލި އެވެ. އެކަމަކު ބޭނުންވާ ގޮތަށް އެކަން ކުރަނީ މަދު ރަށެއްގައި ކަމަށް މިނިސްޓްރީން ބުންޏެވެ.
ފަޅުރަށްރަށުގައި އެންމެ ރަނގަޅަށް ދަނޑުވެރިކަން ނުކުރެވޭ ސަބަބުތައް ވެސް އެބަ ހުއްޓެވެ. ޝަބާއު ވިދާޅުވީ އެ މަސައްކަތް ފަށައިގަންނަން ޖެހެނީ ލޯނު ނަގައި ބޮޑު އިންވެސްޓްމެންޓަކާ އެކު ނަމަވެސް، ލޯނު ހޯދުން ފަސޭހަ ނޫން ކަމަށެވެ. އަދި ސަރުކާރަށް ވެސް ބޮޑު ކުއްޔެއް ދައްކަން ޖެހޭއިރު، މަސައްކަތް ފެށޭތާ ފުރަތަމަ އަހަރުގެ ތެރޭގައި ކުލި ދައްކަން ޖެހޭ ކަމަށާއި މިއީ ގިނަ ބަޔަކަށް ކުރަން އުނދަގޫ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އެހެންވެ، އެކަންކަން އިސްލާހުކުރުމުގެ ގޮތުން މިނިސްޓްރީން އަންނަނީ ފަސޭހައިން ލޯނު ލިބޭނެ ގޮތް ހަދައިދީ، ގްރޭސް ޕީރިއަޑަކާ އެކު ރަށުގެ ކުލި ދެއްކޭނެ އިންތިޒާމް ވެސް ހަމަޖައްސައިދެމުންނެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ ވީހާވެސް ގިނަ މީހުންނަށް ފަޅުރަށްރަށް ނަގައި، އެތަނުގައި ދަނޑުވެރިކަން ކުރުމުގެ ފުރުސަތު ދިނުން،" ޝަބާއު ވިދާޅުވި އެވެ.
ބިން އޮތް ރަށްރަށުގައި ވީހާ ވެސް ކުޑަ ކުއްޔަކާ އެކު، އާއްމުންނަށް ބިން ދޫކުރުމަށް އެ މިނިސްޓްރީން މިހާރު ވަނީ ކަރުދާހެއް ވެސް އެކުލަވާލައިފަ އެވެ.
ކާނާގެ ޔަގީންކަން ހޯދުމަށް ދަނޑުވެރިކަން ފަށަން ސަރުކާރުން އެދުމުން ގިނަ ބައެއްގެ ހިތަށް ވަންނަނީ ހަނޑޫ ހެއްދުމުގެ ވާހަކަ އެވެ. އެކަން ކުރެވިދާނެ ގޮތްތައް ހޯދައި، ފަޅުރަށްތަކުގައި ހަނޑޫ ހެއްދުމަށް ވެސް ބައެއް މީހުން ގޮވާލި އެވެ. އެކަމަކު ހަގީގަތުގައި އެއީ ރާއްޖޭގައި ކުރަން އުނދަގޫ މަސައްކަތެކެވެ.
ރާއްޖެއަށް އާއްމުކޮށް ހަނޑޫ އިމްޕޯޓު ކުރާ ތައިލެންޑް، އިންޑިއާ ފަދަ ގައުމުތަކުގައި އެތަކެތި ހައްދަނީ އެކަމަށް ހާއްސަ ބޮޑެތި ބިންތަކުގައި، ވަރަށް ފުޅާ ދާއިރާއެއްގަ އެވެ. ތެތް ބިމާއި ހިކި ބިމުގައި، ތަފާތު ހަނޑޫ ހައްދާއިރު ގިނަ ބަޔަކު އެކަމަށް ހާއްސަވެގެން ތިބެ އެވެ. ބޮޑެތި ބިންތަކުގައި އެކަން ކުރާތީ ހަނޑޫ އުފައްދަން ކުރާ ހަރަދު ވެސް ކުޑަ އެވެ. އެކަމަކު އެއިން ކޮންމެ އަކަމީޓަރަކުން ވެސް ލިބެނީ ވަރަށް ކުޑަ މިންވަރެއްގެ ހަނޑުލެވެ.
މީދޫގައި މެލަންތަކެއް ހައްދާފައި.
ރާއްޖޭގެ ބޮޑު ރަށެއް ހަމައެކަނި ހަނޑޫ އިންދަން ހާއްސަ ކުރިޔަސް، އެތަނުން ލިބޭ މިންވަރު ވަރަށް މަދުވާނެ އެވެ. މީގެ އަހަރުތަކެއް ކުރިން ހުުވަދު އަތޮޅާއި ހދ. އަތޮޅުގެ ބައެއް ރަށްރަށުގައި ހަނޑޫ ހެއްދި ނަމަވެސް، އެކަން ނުކުރެވިގެން އޮޅު އަލައަށް ބަދަލުކުރީ އެވެ. ފިޔާ އަދި އަލުއްވަށް ބެލިޔަސް، މިއީ ޑިމާންޑާ އެއްވަރަށް ހައްދަން ފަސޭހަ ތަކެއްޗެއް ނޫނެވެ.
މިކަމުގެ ހައްލެއްގެ ގޮތުން ޝަބާއު ވިދާޅުވީ ދިވެހިންގެ ކެއުމުގެ ވައްޓަފާޅިއަށް ވެސް ބަދަލު ގެންނަން ޖެހޭ ކަމަށެވެ. ޒަމާނުއްސުރެ، ބަތް ކައި އުޅުނު ނަމަވެސް އެ ނުލިބިދާނެ ހާލަތަކަށް ވިސްނައި، ހަމަ އެފަދަ ފައިދާ ލިބޭ އެހެން ތަކެތި ކާން ފެށުމެވެ. އޮޅުއަލަ އާއި ދަނޑިއަލުވި ފަދަ ފަލަމަޑީގެ ބާވަތްތައް އެކަމަށް ރަނގަޅުވާނެ އެވެ.
"ފިޔާގެ ބަދަލުގައި ލީކްސް ވެސް ބޭނުން ކުރެވިދާނެ. އެއީ ހައްދަން ފަސޭހަ މީރު އެއްޗެއް،" އޭނާ ވިދާޅުވި އެވެ.
ރާއްޖޭގެ ހާލަތަށް ބަލައި ދަނޑުވެރިކަން ކުރަން މިވަނީ ޖެހިފަ އެވެ. އެންމެ ފުރަތަމަ ގޭގައި އޮތް ހުސް ތަންކޮޅުން ފަށާށެވެ. އެކި ބާވަތުގެ ފަތާއި ބަރަބޮލާއި ބަށި ހެއްދިދާނެ އެވެ. ތޮރަ އާއި ފަޅޮލާއި މުރަނގަ ގަސް ވެސް ރަނގަޅު ވާނެ އެވެ. ހައިޑްރޮފޯނިކްސް ކުޑަ ސިސްޓަމެއް ބަހައްޓައިގެން ވެސް ފަސޭހަކަމާ އެކު، ލެޓިއުސް އާއި ކިއުކަމްބާ އަދި ޓޮމާޓޯ ހެއްދިދާނެ އެވެ. ނުވިއްކުނަސް ގޭގައި ކާން ބޭނުންވާ މިންވަރަށް ހެއްދޭނެ އެވެ.
ދަނޑު ހައްދަން ބިމެއް ލިބިއްޖެ ނަމަ، ފަލަމަޑީގެ ބާވަތްތަކުގެ އިތުރުން، ބިންބި އާއި ޒުވާރި އާއި ދޮނަޅަ އާއި ކަރަ އާއި ފަޅޮލަކީ ވެސް ހައްލެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހުސެން
07 April 2020
ރާއްޖޭގެ ކޮންމެ ބޮަލަކަށް 100،000ރ ގެ ރޭޓުންބެލިޔަސް ފުދި އިތުރުވާވަރަށް ބޭރުގެ އެކިއެކި ފަރާތްތަކުން މިހާރުވަނީ ހިލޭ އެހީއާއި އަދި ލޯނުވެސް ހަމެޖެހިފަ، ނަމަވެސް ދަނޑުވެރިކަމަށް ހާއްސަކޮށްގެން ލޯނު ދޫކުރަނީ 75،000ރ އިން 100،000ރ އާއި ހަމައަށް، ކީއްވެތޯ ބިންއޮތް އަދި މަސައްކަތް ކުރުމުގެ ކެޕޭސިޓީއާއި ތަޖުރިބާ ހުރިފަރާތްތަކަށް ބޮޑެތި ލޯނުނުދެވެނީ؟ ހެޔޮވަރު ކެޕިޓަލްއެއް އިންވެސްޓްނުކޮށް ފަށައިގަތުމުން ބަނގުރޫޓްވުމުގެ ފުރުސަތުބޮޑުވޭ!!
ތަކުރޭ
07 April 2020
ތިކަހަލަ ރޯނު އެދުރުން ކެޕިޓަލްއޭ ކެޕޭސިޓީއޭ ކިޔައިގެން ނޫސްކިޔާ މީހުންގެ ބޮލަށް "ޗިޕުޖަހާ" ކޮންމެ ބޮލަކަށް ލައްކައެއް ހިލޭއެހީގެ ގޮތުގައި ލިބުނޭ ކިޔާއިރު ތިދައްކަނީ ކިތަށް ބިލިޔަން ޑޮލަރުގެ ވާހަކަ ކަމެއް ހިސާބުކޮށްލަބަލަ..ބޮޑެތި ބޭންކުތަކުން ލޯނު ދޫކުރާ މިންގަނޑުތަކަށް ބެލިޔަސް އާބާދީގެ ބޮލަކަށް ލައްކައެއް ނުދޭނެ ލޯނުގެ ގޮތުގައިވެސް އެއްވެސް ބޭންކަކުން. ނުފުދިގެން އިތުރުނުވެގެން ތިޔައުޅެނީ ލިބޭވަރު މަދުވެގެންތޯ ނުވަތަ ލިބޭއެތީގެ ބަރަކާތްނެތީމަތޯ؟
މވާނެ ކަންކަން
06 April 2020
މިހާރު ދެން ކުރަން އެން މެ ރަނގަޅު ވިޔަފާރިއަކީ ދަޑުވެރި ކުންފުނިތަކެއް ހަދާގެން ދަނޑު ހެއްދުން. ވިކޭނެ އުފެއްދި ވަރަކަށް އަގު ހެޔޮކޮށް ވިއްކޭނެ، ގަންނާނެ. މީރާ ފަހަތުން ދުވަން ތައްޔާރަށް އޮންނާނެ. ވީ މާ ދަނޑުވެރި ކުންފުތަށް ކުރިއަރުވަން ޓެކްސް މާފެއް 3 އަހަރު ދުވަހަށް ދޭންވީ. އޭރުން ވާނެ.
ޤައުމިއްޔަތު
06 April 2020
ހަނޑޫހައްދާ ވާހަކަ އޮތް ހަބަރަށް، ދަނޑިއަލުވިކޮޅެއް އިންދުން މާރަނގަޅުވާނެ ކަމަށް ބުނެ ކޮމެންޓެއް ކޮއްލުމުން، ނޭފަތުގެ ކުރިއާއި ހަމައަށް ވިސްނާ މީހަކު ބުނި 'ކަލޭ ސަނާމުގު ހައްދަން ވީ ނޫންހޭ.' ހަގީގަތަކީ، މިއަދު އެންމެ އަޑަށް ބާރުލާފައި ކާބޯތަކެތި ހައްދާ ވާހަކަ ދައްކާ ގިނަމީހުންނަށް ވަޒަންކޮށްލަންވެސް ނޭނގޭ ކާނާގެ ބާވަތެއް އުފައްދަން ހޭދަވާ ވަގުތާއި ވަސީލަތްތަކާއި، ކުރަން ޖެހޭ މަސައްކަތް.
ބަރުބޮޑު
06 April 2020
ދަނޑުވެރިން ހިއްސާވާ ކޯޕަރޭޓިވްސްއަށް ބިން ދީގެން ދަނޑުވެރިކަންކުރުން ކިހިނެއްތޯ. "އިންޓަރގްރޭޓެޑް" އެގްރިކަލްޗަރ ޑިވެލޮޕްމަންޓް ޕްރޮޖެޖްޓެއް އެކުލަވާލައިރައްރަށުގައި ބަނދރާއި ކަރަންޓާއި އެހެނިހެން ވަސީލަތްތައް ޤާއިމްކޮށް ދަނޑުވެރިކަންކުރަން ޝައުގުވެރިވާ ފަރާތްތަކަށް ފަންނީ އެހީއާއި ޓްރައިނިން ދިނުމަށްފަހު ދިގުމުއްދަތަކަށް ބިންދޫކުން ކިހިނެއްތޯ. އެގޮތަށް ދޫކުރާ ބިންތަކުގައި ގެސްޓްހައުސް ހިންގުމުގެ ހުއްދައާއެކު. ކުދިވިޔަފާތިތަކަށް ފުރުސަތުދެއްވާ.
ތާހިރު
06 April 2020
ބޮޑެތިރައްތަކުގެ މުޅިބިން އެއްފަރުދަކަށް ނުވަތަ އެއް ކުންފުންޏަކަށް ދިނުމުގެ ބަދަލުގައި ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނިތަކަށް ރަށްދިނުމަށްފަހު، ދަނޑުހައްދަން ދަނޑުވެރިންނަށް ދިގުމުއްދަތަކަށް ބިންދޫކުރަށްވާ.
ބަބުރުލް ސަލީމް
06 April 2020
ދިވެހިންނަކީ ވަރަށް ބޯހަރުބައެއް. މާމަމުނިމާ ކޭއެއްޗެއްނޫނިއްޔާ ކައިގެންވެސް ނުވޭ.
ސަލާހު
06 April 2020
ދަނޑުވެރިން މާކެޓު ނުލިބެނީ ރިސޯތަކުގަ އެމިހުން ބޭނުވާ ވަރައް ގިނަބާވައްތައް ހައްދާ ފުދާއިރަގަ ދަނޑުވެރިކަން ކުރާތި! ދަނޑު ހައްދަން ފަޅުރަށެއް ނުވަތަ ބިމެއްނަގާމީހަޔައް އެތާ ޓޫރިޒަމުގެ މަސައްކަތެއް ނުކުރެވޭ އެކަމަކު ޓުރިޒަމައް ނަގާރައްތަކުގަ ދަނޑުވެރިކަމާ ޓުރިސަންމުހިންގޭ! މިއީމަހުޖަނުންގެ ގައުމުގެ ގޮތުގަ އޮތްއޮތުން ނިމުކައް ގެނެސް މިކަހަލަ ބޭއިންފު އުސޫލުތައް ނައްތާވީވަގުތު މިކަމާ ރައިސް ވިނާނެ ކަމުގަ ހީކުރަން
ރާޖާ
06 April 2020
ގޯތި ތެރޭގައިވެސް އެއްޗެއް ނުހެއްދިގެން އުޅޭސަބަބަކީ ވަގުންގެ ނުފޮރޮއްޕާން ބޮޑުކަން ގަސްތަކެއް އިންދާ ރަނގަޅަށް ހެދުނަސް ގަހުގައި އަޅާއެއްޗެއް ގަސް ހައްދާ މީހާއަށް ލިބު މަކީ މިހާރު ނާދިރުކަ މަކެވެ. ރަށުއްގައި އުޅޭ ދިހަވަރަކަށް ވަގުންގެ ފުށުން ސަލާ މަތެއް ނުވެއެވެ. ބަލަހައްޓާއިގެން ތިއްބާވެސް ކަނޑާއިގެން ދަނީއެވެ. މިސަބާހެދި ގަށްހެއްދުން ހުއްޓާލަނީއެވެ. ކުކުޅެއްވެސް ނުގެންގުޅެވޭ. ފުރަތަ މަ ރަށްރަށަކީ އަ މާންރައްކާތެރި ތަނަކަށް ހަދަންޖެހޭ
ޓްރަ މްޕް
06 April 2020
ޢިނގޭތޯ 1 އޭކަރު ދަނޑަލުން ( 43000 އަކަފޫޓް) ބި މަކުން ނެރެވޭނީ 1000 ކިލޯ ސާފުކުރި ހަނޑޫ. ޢެއީ 20 ބަސްތާ ހަނޑޫ. ވަރަށް ބޮޑު ދަރަހެއްދެ ގެ ބިން ބޭނުންވާކަ މެއް. ޜާއްޖެއަށް އެކަށީގެންވާ ކަ މެއްނޫން. ފަލަ މަޑީގެ ބާވަތްތަ އް މާރަނގަޅުވާނެ.
ޙަބީބު
06 April 2020
ޙަނޑޫވެސް ހައްދަންވީ އެގޮތުން ރާއްޖޭގެ މުޅިއާބާދީޔައް ކިތަން މެ ވަރައްކެޔަސް ފުދޭ މިންވަރައް ހަނޑޫ ހެއްދިދާނެ އައްޑޫގަ ވީ މާ ފުރަތަ މަ ކުރަންވީ ކަ މަކީ އައްޑޫން މީހުން ބާލާފަ ލ އަތޮޅައް ބަދަލު ކުރަންވީ އޭގެފަހުގަ ގާނޫނު އަސާސީގަ ލިޔަންވީ އައްޑޫއަކީ ދިވެހި އެން މެހާ ރައްޔިތުންނައް ބޮޑުކާރިސާއެއް އަތުވެއްޖެނަ މަ ދަނޑުވެރިކަ މައް ހާއްސަ ރަށެއްކަ މައް ބޭނު މީ އިބުރާހި މްނާސިރުފަދަ ހިތްވަރުގަދަ ވެރިޔެއް މިކަންކުރު މައް ހުރިހާ މީހުން ރުހޭގޮތަކައް ނު
ޒުވާނާ.
07 April 2020
ވަރައްބިނާކުރުވަނިވި ހިޔާލެއް އަދި އެތަނަކީ ދިވެހި ސިފައިންގެ އަސްކަރީ ބޭސްކަ މުގަ ހަދާފަ ޓުރެއިނިން ސެންޓަރުވެސް އެތާ ގާއި މުކުރާނީ އައްޑޫން މީހުން ބާލާފަ ތިކަން އަވަސްކުރަންވީ