ޚަބަރު

ނުއުމާން: ގޮތެއްގައި ހުންނެވި ބޭފުޅެއް

ކަސްޓަމްސްގައި ބޭއްވި ނިއުސް ބްރީފިންއެއްގައި ނުއުމާން ވާހަކަ ދައްކަވަނީ: ގާތްމީހުން ސިފަކުރާ ގޮތުގައި އޭނާ އަކީ އުސޫލްތަކުގައި ހިފެެހެއްޓެވި، ތެދުވެރި ބޭފުޅެއް.---ފޮޓޯ: މިހާރު

އިންޑިއާގެ ބެންގަލޫރުގެ ހޮސްޕިޓަލަކުން ފަރުވާ ހޯއްދެވުމަށް ފަހު، މިދިޔަ ތިން ދުވަހު ވެސް ކަސްޓަމްސްގެ އިސްވެރިޔާ، އަހްމަދު ނުއުމާން، 47، ހުންނެވީ ހެޔޮހާލުކޮޅުގަ އެވެ. މީގެ ހައެއްކަ މަސް ކުރިން އިންޑިއާ އަށް ވަޑައިގަތީ، ސީރިއަސް އޮޕަރޭޝަނަކަށެވެ. އެކަމަކު، އޭގެ ކުރިން ކުރިމަތިވެވަޑައިގަތް ސިއްހީ އެހެން މައްސަލައެއްގައި، ފަރުވާ ހޯއްދަވަން ޖެހިވަޑައިގަތީ އެވެ.

"އެ ފަރުވާ އަށް ފަހު ވެސް ހާލު ހަމަ ރަނގަޅު. ވަރަށް ހަމަޖެހިފައި ދެތިން ދުވަހު ހުންނެވީ. ކުއްލި އަކަށް އިއްޔެ ހާލު ގޯސްވެގެން ފަރުވާ ދެނިކޮށް އަވަހާރަވީ،" ނުއުމާންގެ ވަރަށް ގާތް މީހަކު ބުންޏެވެ.

ނުއުމާނަށް ކުރިމަތިވެވަޑައިގަތް ސިއްހީ ހާލަތު ނުހިމެނީ، އާއިލާގެ އެދުމަކަށެވެ. ފުރަތަމަ ދުވަހު ވެސް އާލާސްކަންފުޅުގެ ވާހަކަ ތިލަ ކުރައްވަން ނުއުމާން ވެސް ބޭނުންފުޅެއް ނޫނެވެ.

ކަސްޓަމްސްއާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކުރައްވައި ނުއުމާން އެއްބަސްވުން ބަދަލުކުރައްވަނީ. --ފޮޓޯ/މިހާރު

ވަރަށް ޒުވާން އުމުރުގައި ނުއުމާން ވަކިވުމަކީ އާއިލާ އާއި ގާތް މީހުންނާއި ކަސްޓަމްސްގެ މުވައްޒަފުންނަށް ވެސް ލިބުނު ފުން ހިތާމަ އެކެވެ. ގިނަ ބަޔަކު ނުއުމާން ސިފަކުރަނީ، "އެންމެންނާ ގުޅޭ، މަޑުމައިތިރި، ހިތްހެޔޮ، އުސޫލްތަކުގައި ހިފަހައްޓާ،" ބޭފުޅެއްގެ ގޮތުގަ އެވެ. ނުއުމާން ކިރިޔާ ދަންނަ މީހަކު ވެސް އޭނާއާ ބެހޭ ގޮތުން ދައްކަވަނީ އެ ވާހަކަ އެވެ.

އައްޑޫ ހިތަދޫ ޖަނަވަރީމާގޭ ނުއުމާން، ހަގު އުމުރުގައި މާލެ ބަދަލުވެވަޑައިގެން މަތީ ތައުލީމް ހާސިލްކުރެއްވީ މެލޭޝިއާ އިންނެވެ. އޭނާއާ ބެހޭ ގޮތުން ވާހަކަ ދެއްކި ގާތް އެންމެން ވެސް ބުނިގޮތުގައި، ކިޔަވައި ވިދާޅުވި އިރު އަދި އޭގެ ފަހުން ސަރުކާރުގެ އެކި މަގާމްތަކުގައި ޚިދުމަތް ކުރެއްވި އިރު ވެސް ނުއުމާންގެ އެންމެ ޚާއްސަ ސިފައަކީ އިޚްލާސްތެރިވެފައި، އުސޫލްތަކުގައި ހިފެހެއްޓެވުމެވެ.

"މަޑުމައިތިރިވެފައި ވަރަށް ހިތްހެޔޮވާނެ. އެކީގައި އުޅޭ އެންމެންނަށް އަބަދުވެސް ދޭ ނަސޭހަތަކީ ދީނުގެ މަގުގައި ސާބިތުވާން. ގަބޫލުކުރައްވާ އުސޫލްތަކެއް ދޫކޮށެއް ނުލައްވާނެ،" ނުއުމާނާ އެންމެ ގާތް އެކަކު ކިޔައިދިނެވެ.

"މާލޭގައި ހުރިއްޔާ ކޮންމެ ދުވަަކު ބައްދަލުވާނެ، ދުވަހަކު ވެސް ރުޅި އައިސްފައި ހުއްޓައި ނުދެކެން. ހިތްހަމަޖެހޭ ވާހަކައެއް އެހެން މީހަކު ދެއްކިޔަސް މާ ބޮޑު ޒުވާބަކަށް ނުގޮސް ހުންނަވާނީ މަޑުން. އެކަމަކު، ފެނިވަޑައިގަންނަވާ ގޮތް ވަރަށް ސާފުކޮށް އިއްވާނެ."

ނުއުމާން: އޭނާ ވަނީ ސަރުކާރުގެ އެކި އިދާރާތަކުގައި ޚިދުމަތް ކުރައްވާފައި.

ރަހުމަތްތެރިންނަށް ނޫމާންގެ އެންމެ ޚާއްސަ ސިފައަކީ ކިތަންމެ ބިޒީކޮށް އުޅުއްވިއަސް ވަގުތު ހޯއްދަވައިގެން ބައްދަލު ކުރެއްވުމެވެ. އެންމެ ގާތްކޮށް އުޅުއްވާ އެންމެންނާ ދުވާލަކު އެއްފަހަރު ބައްދަލުކުރެއްވުމަކީ އޭނާގެ އާދައެކެވެ.

"އެ ބައްދަލުވުންތަކުގައި ވަރަށް މަޖާ ކުރައްވާނެ. މަޖާ ވާހަކަ އިސްވެ ދައްކަވާނެ. ރައްޓެހިންނާ އެކު އޮންނަ ކޮފީގައި ވެސް ވަރަށް ފެންނާނެ ނުއުމާން މަޖާކަން."

ކަސްޓަމްސްގެ ވެރިޔަކަށް އައި އެންމެ ރަނގަޅު އެކަކު!

ނުއުމާން، ކަސްޓަމްސްގެ ވެރިއަކަށް ހަމަޖެއްސެވީ ޑިސެމްބަރު 11، 2018ގަ އެވެ. އޭގެ ކުރިން އޭނާ ސަރުކާރުގެ އެހެން އިދާރާތަކުގައި ވެސް ޚިދުމަތް ކުރެއްވި އެވެ.

ނުއުމާން ވަނީ ފެނަކަ އުފެއްދިއިރު އެ ކުންފުނީގެ ޗެއާމަންގެ މަގާމުގެ އިތުރުން ސްޓެލްކޯ އާއި ހައުސިން މިނިސްޓްރީގައި ވެސް ކުރިން މަސައްކަތް ކުރައްވައިފަ އެވެ. ފެނަކައިގެ ފުރަތަމަ ޗެއާމަނަކީ ނުއުމާނެވެ. ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީ އާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގައި ވެސް ނުއުމާން މަސައްކަތް ކުރެއްވި އެވެ.

ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމުގެ ލިޔުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ޑިސެމްބަރު 11، 2018 ގައި ނުއުމާންއާ ހަވާލު ކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް

ނުއުމާން އަވަހާރަވުމުގެ ހިތާމައިގައި ކަސްޓަމްސްގެ މައި އޮފީސް މިއަދު ވަނީ ބަންދުކޮށްފަ އެވެ. އެތަނުގައި ގިނަ ދުވަސްތަކެއްވެފައިވާ މީހުންނާއި މުވައްޒަފުން ސިފަކުރެއްވި ގޮތުގައި، މިހާތަނަށް އެތަން ހިންގެވި ވެރިންގެ ތެރެއިން ނުއުމާނަކީ "އެންމެ ރަނގަޅު ބޭފުޅާ" އެވެ. މުވައްޒަފުންނާ އަޅާލައި ބާއްވަވާ ގާތްކަމާއި، އެންމެންނާ މެދު ބަހައްޓަވާ ހަމަހަމަ އުސޫލުން މުވައްޒަފުންގެ ލޯބި ހޯއްދެވި އެވެ.

ކަސްޓަމްސްގައި 26 އަހަރު ހޭދަކުރެއްވި ޑެޕިއުޓީ ކޮމިޝަނަރު އަބްދުﷲ ޝަރީފް ވިދާޅުވާ ގޮތުން، އޭނާގެ ހަޔާތުގައި ކަސްޓަމްސް ހިންގުމާ ހަވާލުވެވަޑައިގެންނެވި އެންމެ ހިތްހެޔޮ، އެންމެ ރަނގަޅު ބޭފުޅަކީ ނުއުމާން އެވެ.

ކަސްޓަމްސް އަށް އަލަށް އައްޔަން ކުރެއްވި ދެ ޑެޕިއުޓީ ކޮމިޝަނަރުންގެ ތެރެއިން ޝަރީފަށް، މަގާމުގެ ލިޔުމާއި ބެޖު، ނުއުމާން މިދިޔަ އަހަރުގެ ޖުލައި 8 ގައި ހަވާލު ކުރައްވަނީ.---ފޮޓޯ: ކަސްޓަމްސް

ނުއުމާންއާ އެކު އެންމެ ގާތުން މަސައްކަތް ކުރެއްވި ބޭފުޅުންގެ ތެރެއިން އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ނުއުމާން އަކީ އުސޫލުތަކެއްގައި ހިފެހެއްޓެވި، އިސްލާހީ މަސައްކަތުގައި ކެރިވަޑައިގެން ދެމިހުންނެވި ބޭފުޅެއް ކަމަށެވެ. އިމްރާން ވިދާޅުވި ގޮތުގައި ނުއުމާން އަކީ ދިވެހި ގައުމަށާއި އަދާލަތު ޕާޓީ އަށް މުހިންމު ޚިދުމަތްތަކެއް ކުރެއްވި ބޭފުޅެކެވެ.

އެ އިދާރާގެ އެންމެ އިސްވެރިންނާ އެކު، އެންމެ ގާތުން މަސައްކަތް ކުރެއްވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގެންނެވި ޝަރީފް ވިދާޅުވި ގޮތުގައި، ނުއުމާނަކީ މުވައްޒަފުންނާއި ކަސްޓަމްސްގެ ޚިދުމަތް ހޯދާ މީހުންގެ ހިޔާލާއި މަޝްވަރާ އަޑުއެއްސެވުމުގައި ލާމަސީލު ނަމޫނާ އެކެވެ.

"ބައްދަލުވުންތަކުގައި ވެސް އެންމެންގެ ވާހަކަ އަޑުއައްސަވާފައި ނޫނީ ކަންކަން ނުނިންމަވާ. ހުރިހާ އެންމެންގެ ވާހަކަ ދައްކަވަން ފުރުސަތު ދެއްވާނެ. އެ ކަމަކާ ދެކޮޅު، އެއްކޮޅުގެ ވާހަކަ އަށް ފުރުސަތު ދެއްވުމަށް ފަހު ނޫނީ ގޮތެއް ނުނިންމަވާކަން އަޅުގަނޑަށް ވަރަށް ބޮޑަށް ފާހަގަކުރެވޭ،" ބޭސްފަރުވާ އަށް ނުއުމާން އިންޑިއާ އަށް ވަޑައިގަތުމުން ކަސްޓަމްސް ހިންގުމާ ހަވާލުވެ ހުންނެވި ޝަރީފް ވިދާޅުވި އެވެ.

ނުއުމާންގެ ފަރާތްޕުޅުން ޝަރީފަށް އެންމެ ބޮޑަށް ފާހަގަކުރެއްވުނީ ނަޒާހާތްތެރިކަމާއި، ތެދުވެރިކަމެވެ. ވަކި މީހަކު ވިދާޅުވެގެން، ވަކި ކަމެއް ކުރަން ދަށުގައި ތިބޭ މުވައްޒަފުންނަށް ނާންގަވާ ވެރިއެއްގެ ގޮތުގަ އެވެ. ގާނޫނާއި ގަވައިދުތަކުގެ ތެރެއިން ނޫނީ އެއްވެސް ކަމެއް ނުނިންމަވާ ވެރިއެއްގެ ސިފަ ޝަރީފަށް ވަރަށް ރަނގަޅަށް ނުއުމާންގެ ކިބައިން ފެނުނެވެ.

"އަޅުގަނޑު ކަސްޓަމްސް މިވީ ދުވަހު އެހާ ވަރުގެ އިންޓެގްރިޓީ ހައި ވެރިއަކު ނުދެކެން. ސެކްޝަންތަކާއި ޑިވިޝަންތަކުގެ އިސްކޮށް އުޅެފައި އެންމެ ފަހުން ޑެޕިއުޓީ ކޮމިޝަނަރަކަށް އައިސް ސީޖީ ނުއުމާންއާ ވަރަށް ގާތުން މަސައްކަތް ކުރަން މި ޖެހުނީ. އެކަމަކު. ސެކްޝަނަށް ގުޅާފައި ވެސް ދުވަހަކު ވިދާޅެއް ނުވާނެ މިވެނި މީހަކު އަންގައިގެން މިވެނި ކަމެއް ކުރާކަށް. ވަކިން ގުޅައިގެން ކަމެއް ކުރަން ނާންގަވާ ދުވަހަކު ވެސް." ޝަރީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ކަސްޓަމްސްގެ އިސްވެރިއަކަށް ޝަރީފް އައްޔަން ކުރެއްވުމަށް ފަހު، އެ އިދާރާގެ ކަންކަން އިސްލާހު ކުރެއްވުމަށް ވަރަށް ގިނަ ވަގުތު ދެއްވި އެވެ. ޚާއްސަކޮށް މުވައްޒަފުންނަށް ޕްރޮމޯޝަން ހޯދައި ދިނުމުގައި ބުރަ މަސައްކަތްތަކެއް ކުރެއްވި ކަމަށް ޝަރީފް ވިދާޅުވި އެވެ. "ކުރުކޮށް ބުނާ ނަމަ ސީޖީ ނުއުމާންގެ ވަރުގެ އިޚުލާސްތެރި، ތެދުވެރި، ނަޒާހަތްތެރި ބޭފުޅަކު އަޅުގަނޑުގެ ހަޔާތުގައި ވެސް ނުދެކެން. އުސޫލެއްގައި ހިފަހައްޓަވާ. ކަންކަން ރަނގަޅު ކުރެވޭތޯ ބުރަ މަސައްކަތްތަކެއް ކުރައްވާ ބޭފުޅެއް،" ޝަރީފް ވިދާޅުވި އެވެ.

އިސްލާހީ މަސައްކަތުގައި ވެސް ނަމޫނާއެއް

އަދާލަތު ޕާޓީގެ އިސް މަގާމްތަކެއް ފުރުއްވި ނުއުމާން، އިސްލާހީ ހަރަކާތުގެ އިސް ސަފަށް ނުކުމެވަޑައިގަތީ އެ ޕާޓީގެ ރައީސް އަދި މިހާރު ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަށް ޓެރަރިޒަމްގެ ހުކުމެއް އިއްވައި ޖަލަށް ހުކުމް ކުރުމުންނެވެ. އޭގެ ކުރިން ވެސް އެކި ގޮތްގޮތުން އޭނާ ވަނީ އަދާލަތު ޕާޓީ އަށް ޚިދުމަތް ކުރައްވައިފަ އެވެ.

ކުރީގެ ސަރުކާރާ ދެކޮޅަށް އިދިކޮޅު ޕާޓީތައް (މިހާރު ވެރިކަން ކުރާ ކޯލިޝަނުން) އިސްލާހީ ހަރަކާތްތައް ރާވައި ހިންގިއިރު ނުއުމާނަކީ ބައިވެރިއެކެވެ. އަދާލަތު ޕާޓީގެ މަންދޫބެއްގެ ގޮތުގައި، ބޭރުގެ އެކި މިޝަންތަކާ ބައްދަލުކުރައްވައި ގައުމުގެ ހާލަތު ކިޔައިދެއްވި އެވެ.

އިސްލާހީ ހަރަކާތްތަކުގައި އަބަދުވެސް މަސްލަހަތަށް ލޯބިކުރެއްވި އެވެ.

"ރިޔާސީ އިންތިހާބަށް ތައްޔާރުވި އިރު އިދިކޮޅަށް ކުރިމަތިވި އެންމެ އުނދަގޫ ހާލަތްތަކުގައި ވެސް ވިސްނުންތެރިކަމާ އެކު މަސްލަހަތަށް ލޯބި ކުރައްވައި ބަސް ވިދާޅުވި،" ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ނަޒީރު ވިދާޅުވި އެވެ.

އިސްލާހީ ހަރަކާތުގެ ބައިވެރިންތަކަކާ އެކު ނުއުމާން ބައްދަލުވުމެއްގައި.

ނުއުމާނާ އެކުގައި މަސައްކަތް ކުރެއްވި ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް "މިހާރު" އަށް ވިދާޅުވީ "ނުއުމާން އެކުގައި ނެތް ކަން ގަބޫލުކުރަން ދަތި" ކަމަށެވެ. ޝިދާތާ ވެސް އެންމެ ފާހަގަކުރެއްވި އެއް ސިފައަކީ އުސޫލްތަކުގައި ނުއުމާން ހިފެހެއްޓެވުމެވެ. ބަދަލަކަށް ނުއުމާން، ކުރެއްވި ހިތްވަރު ގަދަ މަސައްކަތްޕުޅުގެ ފައިދާ ގިނަ ރައްޔިތުންނަށް ލިބެމުން އަންނަ ކަމަށް ވިދާޅުވި އެވެ.

"ވަރަށް އިންޓަލެކްޗުއަލް، އިންޓެލިޖެންޓް، ހަމަޔާއި އުސޫލް ކުރިއަށް ނެރުއްވި ބޭފުޅެއް. އިސްލާހީ މަސައްކަތުގައި ބުރަކޮށް އުޅުއްވި އިޚްލާސްތެރިއެއް. އަޅުގަނޑުމެންނާ އެކު ނެތުމަކީ ލިބޭ ވަރަށް ބޮޑު ހިތްދަތިކަމެއް،" ޝިދާތާ ވިދާޅުވި އެވެ.

ރައީސް އޮފީހުގެ މިނިސްޓަރު އަދި އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ކުރެއްވި ޓުވީޓެއްގައި ވެސް ވިދާޅުވީ ނުއުމާނަކީ އިސްލާހީ މަސައްކަތުގައި އިޚްލާސްތެރިއެއް ކަމަށެވެ. އެންމެންނާ އެކުގައި ޖޯޝާއި ފޯރީގައި މަސައްކަތް ކުރެއްވި ކަމަށް ވިދާޅުވި އެވެ.

އަދަލާތު ޕާޓީގެ ހަރަކާތެއްގައި ނުއުމާން ބައިވެރިވެވަޑައިގަންނަވަނީ

ނުއުމާންއާ އެކުގައި މަސައްކަތް ކުރެއްވި، އެމްއާރުއެމްގެ ނައިބު ރައީސް އާމިނަތު ނާދިރާ ވިދާޅުވި ގޮތުގައި ނުއުމާނަކީ އިސްލާހީ މަސައްކަތުގައި ނަމޫނާ ދެއްކެވި ހިތްވަރުގަދަ، ޚުލްގުހެޔޮ ބޭފުޅެކެވެ. އިސްލާހީ އެކި ބައްދަލުވުންތަކުގައި ދެ ބޭފުޅުން އެކުގައި ގިނަ މަސައްކަތްތަކެއް ކުރެއްވި ފޮޓޯތައް ވެސް ނާދިރާ ވަނީ ނުއުމާންގެ ހަނދާނުގައި ޓުވިޓާގައި އާއްމުކޮށްފަ އެވެ.

ދެ ދަރިކަލުންނާއި އަނބިކަނބަލަކު ހުންނެވި ނޫމާންގެ ޖަނާޒާ މާލޭގައި ބޭއްވޭތޯ އާއިލާ އިން މަސައްކަތް ކުރި އެވެ. އެކަމަކު އެނގިފައިވާ ގޮތުގައި، އެކަން ފަހިވާނެ ގޮތެއް އަދި ނުވެ އެވެ.

8 ކޮމެންޓް, 99 ރިއެކްޝަންސް

icon happy icon happy 1%
icon sad icon sad 97%
icon angry icon angry 2%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޢާއީޝަތު

09 April 2020

ހިތައް ހިތްދަތި އަސަރުކުރުވާ ނެތީމާ ދޭހުގާ ފެންނަން ޙިތައް ކެެއްނުވެވިގެން ދާހިދު ކުރީމޭ ހެޔޮ ދުޢާ އަބަދަަށް

The name is already taken The name is available. Register?

ޑޮކްޓާރ. ބަނާނާ

08 April 2020

މިއީ ދިވެހިރާއްޖޭގައި ފަހަކަށް އައިސް ނުފެންނަ ވަރުގެ ތެދުވެރި އަޙުލާގު ރަގަޅު ދީންވެރި އަދި މަޑުމައިތިރި ޝަކުސިއްޔަތެއް.! އައްޑު އަތޮޅަށް އުފަން ނިކަމެތި އާޢިލާއެއްގެ ވަރަށް ތައުލީމީ ހިންގުންތެރި ގާބިލް ބޭފުޅޭއް! ނޫމާނުއާއި އެކު މަސައްކަތް ކުރުމުގެ ފުރުސަތު ކުޑަދުވަސްކޮޅަކަށް ވެސް ލިބިފައިވާތީވެ މިކަން ފާހަގަކޮށްލީ.! މަރްހޫމަށް މާތްﷲ ހެޔޮ ރަހްމަތް ލައްވާށި.އަދި އާއިލާއަށް ކެތްތެރިކަން މިންވަރުކުރައްވާށި.އާމީން. ބަނާނާ/ ސީޑްނީ

The name is already taken The name is available. Register?

ބޮޑުމީހާ

08 April 2020

ސުވަރުގޭގެ ދާއިމީ ނިއުމަތް މާތް ﷲގެ ރަހުމަތުން ލައްވާށި. މިކަހަލަ ބޭފުޅުން މުއައްސަސާތަކުގަ ތިބޭނަމަ ކޮރަޕްޝަނާއި ފަސާދަ ހުއްޓުވޭނެ

The name is already taken The name is available. Register?

ދަވާލި19

08 April 2020

މަރްހޫމަށް މާތްﷲ ހެޔޮ ރަހްމަތް ލައްވާށި.

The name is already taken The name is available. Register?

މަވޭ

08 April 2020

ނުއުމާނުއަކީ ނަޒާހެއްތެރި އަދި ވިސްނުން ބޭނުންކޮއްގެން ކަސްޓަމްސް ހިންގެވި ކުޅަދާނަ ފަހުލަވާނެއްގެ ގޮތުގައި އެއްމެން އެއްބަސްވަނީ . މަރުހޫމާއަށް ސުވަރުގޭގެ ނިއުމަތް މިންވަރުކޮއްދެއްވާދޭވެ.އަމީން.

The name is already taken The name is available. Register?

ސިލްސިލާ

08 April 2020

ވަރަށް ދެރަ. މުޅި ގައުމަށް ލިބުނު ގެއްލުމެއް. ﷲ ނުއުމާން އަށް ސުވަރުގޭގެ ނަސީބު ދެއްވާށި.

The name is already taken The name is available. Register?

ގޮތެއް

08 April 2020

މަރުހޫމަށް ސުވަރުގޭގެ ދާއިމީ ނިއުމަށް ލައްވާށި،

The name is already taken The name is available. Register?

ރަދީފްއޮފިޝިއަލް

08 April 2020

މަރްހޫމަށް މާތްﷲ ހެޔޮ ރަހްމަތް ލައްވާށި.އަދި އާއިލާއަށް ކެތްތެރިކަން މިންވަރުކުރައްވާށި.އާމީން.(އާޓިކަލް ކިޔާ ނިމުނުއިރު ހަމަ އަސްލަށް ރޮވިއްޖެ.ހުރިހާ ބޭފުޅުންވެސް އަހްމަދު ނުއުމާން ޕޯޓްރެއިކޮށްފައިވާ ގޮތް ފުރިހަމަކަން އެއީ އަސަރުކުރި ސަބަބު.) ވ.ވެދުން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454