ފުވައްމުލަކު ނަރުދަމާ ނިޒާމްގެ މަޝްރޫއު ރަސްމީކޮށް ފެށުމަށް ބޭއްވި ޖަލްސާގައި ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް
12 އޮކްޓޯބަރ 2016 - 15:36
ޕްރައިމަރީއަކާ ނުލައި ދެ ވަނަ ދައުރަކަށް، ޕީޕީއެމްގެ ރިޔާސީ ޓިކެޓް ރައީސް އަބްދުﷲ ޔާމީނަށް ދެއްވަން ޖެހޭ ކަމަށް އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ ގިނަ މެމްބަރުން އިއްތިފާގުވާ ކަމަށް އެ ގްރޫޕުގެ ލީޑަރު އަހްމަދު ނިހާން މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް ޔާމީނާ އެކު ޕީޖީ ގްރޫޕުގެ ބައްދަލުވުމަށް ފަހު މުލިއާގޭ ކައިރީގައި ނޫސްވެރިންނާ ބައްދަލު ކުރައްވައި ނިހާން ވިދާޅުވީ ޕްރައިމަރީއަކާ ނުލައި އެމަނިކުފާނަށް ޓިކެޓް ދިނުމަކީ މައްސަލައެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ. ޕީޖީ ގްރޫޕުގެ ގިނަ މެމްބަރުން ވެސް ގެންގުޅުއްވަނީ، އޭނާ އަށް އެނގިވަޑައިގެންފައިވާ ގޮތުގައި، އެ ވިސްނުން ކަމަށް ނިހާން ވިދާޅުވި އެވެ.
"ކުރިއަށް އޮތް 2018 ގެ ރިޔާސީ އިންތިހާބުގެ ޓިކެޓް ރައީސް ޔާމީނަށް އެއްވެސް ހުރަހަކާ ނުލައި ލިބެން ޖެހޭ ކަމަށް ގަބޫލުކުރަން. ދެން އެކަން ގަބޫލު ނުކުރައްވާ މެމްބަރަކު ވަޑައިގެން ވިދާޅުވެ ދެއްވާ ގަބޫލުނުކުރައްވާ ސަބަބެއް،" ނިހާން ވިދާޅުވި އެވެ.
ރައީސް ޔާމީނާ އެކު ބޭއްވި ބައްދަލުވުމަށް ފަހު ޕީޖީ ގްރޫޕުގެ ބައެއް މެމްބަރުން މުލިއާގެއިން ނިކުމެވަޑައިގަންނަވަނީ. --ފޮޓޯ: މުހައްމަދު ޝަރުހާން
ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީ އަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ކުރިމަތިލައްވާނެ ކަން އިއުލާން ކުރައްވާފައިވާއިރު ޕްރައިމަރީއެއް އޮންނާނެތޯ ނޫސްވެރިއަކު އެހުމުން ސީދާ ޖަވާބު ނުދެއްވައި ނިހާން ވިދާޅުވީ ރައީސް ޔާމީންގެ ފުރަތަމަ ދައުރުގައި އެ މަނިކުފާނު ނަތީޖާ ނެރެދެއްވާފައިވާ ކަމަށެވެ. އެހެންވެ ޕްރައިމަރީއެއް ބޭއްވުން މުހިއްމު ނޫން ކަމަށް ޕީޖީ މެމްބަރުން ގަބޫލުކުރައްވާ ކަމަށް ދޭހަވާ ގޮތަށް ނިހާން ވާހަކަ ދެއްކެވި އެވެ.
މުލިއާގޭ ބޭރުގައި ޕީޕީއެމް ޕީޖީ ގްރޫޕްގެ މެމްބަރުންތަކެއް. --ފޮޓޯ: މުހައްމަދު ޝަރުހާން
އަދި ރައީސް ޔާމީންގެ ފުރަތަމަ ދައުރުގައި ރައްޔިތުންނަށް ގިނަ ކަންކަން ކޮށްދެއްވާފައިވާ އިރު، ދެ ވަނަ ދައުރަކަށް ފުރުސަތު ނުދޭން އެހެން މީހަކު އުޅެން ޖެހޭ ސަބަބެއް ޕާލަމެންޓްރީ ގްރޫޕަށް ނުވިސްނޭ ކަމަށް ވެސް ނިހާން ވިދާޅުވި އެވެ.
"އެފަދަ ހާލަތެއް އޮތް ނަމަ އެގޮތް ގޮތަކަށް އަޅުގަނޑުމެން ވެސް ބެލީމުސް،" ނިހާން ވިދާޅުވި އެވެ.
ޕްރައިމަރީއަކާ ނުލައި ޓިކެޓް ދޭން ޖެހޭ ކަމަށް ނިހާން މިއަދު ވެސް ވިދާޅުވިއިރު ރައީސް ޔާމީނާއި ކުރީގެ ރައީސް އަދި ޕީޕީއެމް ރައީސް މައުމޫނާ ދެމެދު އުފެދިފައިވާ ހިޔާލު ތަފާތުވުންތަކުގެ "ހުޅުގަނޑު ފަޅައިގެން" ގޮސް ޕާޓީ ދެ ފަޅިވީ، ޕްރައިމަރީ ނުބާއްވައި ރައީސް ޔާމީނަށް ޓިކެޓް ދޭން ކައުންސިލުން ފާސްކޮށްދޭން އެދި މެމްބަރުން ލައްވައި ސޮއި ކުރައްވަން ފެށި ހިސާބުންނެވެ. އެ ގަރާރުގައި ޕީޕީއެމް ކައުންސިލްގެ ގިނަ މެމްބަރުން ސޮއިކުރައްވާފައިވީ ނަމަވެސް އެއީ ކަންކުރެވިގެން ވާނެ އުސޫލެއް ނޫން ކަމަށް މައުމޫން ވަނީ ވިދާޅުވެފަ އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ޕާޓީގެ ހުރިހާ ކަމެއް ވެސް ކުރިއަށް ދާނީ އޮންނަ އުސޫލްތަކުގެ ތެރެއިން އަސާސީ ގަވާއިދާ އެއްގޮތަށެވެ.
ޕީޕީއެމުގެ އިސްލާހީ އެޖެންޑާއެއް މައުމޫން އިއުލާން ކުރައްވާފައިވާއިރު، އެ ޕާޓީގެ ރިޔާސީ ޕްރައިމަރީ އޮންނާނެ މުއްދަތު ވެސް މައުމޫން އޭގައި ހިމަނުއްވާފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މުޙައްމަދު
13 October 2016
ރައީސް ޔާމީނަށް އިންތިހާބަކާއި ނުލައި މުޅި އުމުރަށް ވެރިކަމުގައި ހުރެވޭގޮތަށް ސިފައިންނާއި ފުލުހުން ބޭނުން ކުރައްވައިގެން މިލިޓަރީ ވެރިކަމެއް ކުރެއްވުން ކިހިނެއްތޯ އެވެ. މިހާރު ވެސް ފެންނަނީ އެމަންޒަރެވެ. ނަމަށް ބަދަލު ގެނައުމުން ނިމުނީއެވެ.
އުމަރު
13 October 2016
ޓިކެޓްދޭންޖެހޭ އެއްވެސް ސަބަބެއްނެއް، އެމަނިކުފާނުވަނީ އެއްބަސްވެ މައާފަތް އެދިފައި ރާއްޖޭގެ ހަޔާތުގައި ސަރުކާރަކުންވި އެންމެ ބޮޑު ހިޔާނާތް އެމަނިކުފާނުގެ ދައުރުގެ 3 އަހަރުގައި އެމަނިކުފާނުގެ ސަރުކާރުންވިކަން އަދި އެމަނިކުފާނުގެ ދައުރުގައި ޤައުމު ދަރަނިވެއްޖެކަން އެއްބަސްވެ އަލުން އިތުރު 5 އަހަރުދިނުމަށް އެދިފައިވޭ، އެހެންކަމުން ޤައުމު ނެތް ރަނގަޅަށް ހިންގިފައި، އަދި ޤައުމެއް ހިންގުމަށް ޓިކެޓް ދިނުމަށް ބަލަންޖެހޭ ދެކަމަކުން ރައީސް ވަނީ ފެއިލްވެފައި، އެއީ ސަރުކާރުގެ ހިޔާނާތުން އަދި ދަރަނިވެރިވުމުން، އެހެންކަމުން ޕީޕީއެމުން ޓިކެޓްދިނަސް ރައްޔިތުންގެ ޓިކެޓެއްނެއް ދެވޭކަށެއް
ދިގުދޫ
13 October 2016
އަބަދު ވެރިކަން ވެރިކަން. ބޯހަލާކު އިންތިޚާބު ކާމިޔާބުވެ ހުވާކުރުމަށްފަހު ދެން ފެށީ 2018 ގެ ކެމްޕޭން. ދެން ކިހިނެއް ޤައުމަށްޓަކައި ކަމެއްކޮށްދޭނީ.
ޓިޖޫރީ
13 October 2016
ޢިކޮނޮމިސްޓައް ނުކެރެނީތަ ޕުރައިމެރީއެއް ގައި ވާދަކޮއްލަން
ހުސައިން
17 October 2016
ބިރު ގަނޭ ނުހޮވިދާނެތީ! އެހެންވެ
GAN Island
12 October 2016
މިސަރުކާރުން ކުރި ވައްކަމަށް ވުރެ އިތުރަށް ނުވަތަ އެއާއި ގާތް ކުރާ ވަރަށް ކޮށްފައި ހުރި ''ރަނގަޅު ކަންކަން'' ދައްކައިފި ނަމަ ވެސް ތިކަމާއި މެދު ވިސްނާލަން ވެސް އެއްބަސް ވެވިދާނެ. އެކަމަކު ރައީސް އަމިއްލަ ފުޅަށް މިދައުލަތުގެ ތާރީޙް ގައި ކޮށްފައި ނުވާ ފަދަ ވައްކަން ކޮށްފައިވަނީ ''އެބޭފުޅާ ގެ ވެރިކަމުގެ އެންމެ ފުރަތަމަ 2 އަހަރު ދުވަހުގެ ތެރޭގައި'' ކަމަށް ވިދާޅުވެފައިވާތީ ތިކަން ކުރެވޭކަށް ނެތް.
ދޮނާ
12 October 2016
ޤައުމަށް މިވަރު ވެގެންދާއިރު ދޮން ޢުމަރު ޖޭމް ކޮބާހޭ! ނިކަން ހައްލަކަށް އަޅުވާލަ ދީބަލަ މިކަންކަން. ތިޔައީ ޤާބިލް ފަހުލަވާނެއް.
ޢަބްދުﷲނާފިޒު
12 October 2016
"ދެން އެކަން ގަބޫލު ނުކުރައްވާ މެމްބަރަކު ވަޑައިގެން ވިދާޅުވެ ދެއްވާ ގަބޫލުނުކުރައްވާ ސަބަބެއް،" ނިހާން ވިދާޅުވި އެވެ. ޤަބޫލުކުރައްވާ މެމްބަރަކު ވަޑައިގެން ވިދާޅުވެ ދެއްވަން ވީނޫންތޯ ޤަބޫލު ކުރައްވާ ސަބަބެއް، ހަމަ އެކަނި ނިހާނު ޤަބޫލު ކުރައްވާ ކަމަށް ވިދޅުވުމަކީ ނިހާނު ތިޔަ ވިދާޅުވާ ބީދާއިންނަމަ ޓިކެޓް ދޭން ޖެހޭ ސަބަބެއް ކަމަށް ޤަބޫލުކުރަން އަޅުގަނޑަކަށް ފަސޭހައެއް ނޫން،
މަންސޫރު
12 October 2016
ހަމަ ތެދެއް؟
ފުރުސަތު
12 October 2016
ޔާމިނުވެސް އެބުނީ އެއްނު، ތިމަންނައަށް ފުރުސަތުދޭށޭ. ނުކުރާ ކަމަކަށް މައާފަށް އެދެންޖެހޭ ސަބަބެއް ނެތް އިރު، ޔާމިނު މައާފަށް އެދުނީ ކީއްވެބާ؟ ގޯސްވާނީ ބުރޯ؟
ކކ
12 October 2016
ތިޔަކީ ދެން ޑިމޮކްރަސީއެއްނޫން ސިޔާސީ ޕާރޓީތަކުގެ ޑދިމޮކްރަސީގައި ރިޔާސީ ޕުރައިމަރީގެ ތެރެއިން ރިޔާސީ ކެންޑިޑޭޓް އަންނަނީ!