23 އެޕްރީލް 2020 - 14:54
ކޮވިޑް-19 ގެ ސަބަބުން ހާލުގައި ޖެހިފައި ތިބި އާއިލާތަކަށް، ފެމިލީ ލީގަލް ކްލިނިކް އަދި އެޑްވޮކޭޓިން ރައިޓްސް އޮފް ޗިލްޑްރަން (އާކް) ޖަމިއްޔާ ގުޅިގެން ކާބޯތަކެތި ފޯރުކޮށްދިނުމުގެ ޕްރޮގްރާމެއް ފަށައިފި އެވެ.
ޗައިލްޑް އެއިޑް ރިލީފް އިން އިމަޖެންސީ ސިޓުއޭޝަން (ކެއާސް) ގެ ނަމުގައި ކުރިއަށްގެންދާ މަސައްކަތުގެ ދަށުން، އެ ފަރާތްތަކުން ކާބޯތަކެތި ފޯރުކޮށްދޭނީ ސަރުކާރުން މައުލޫމާތު ފޯރުކޮށްދޭ ކުދިން ތިބޭ އާއިލާތަކަށެވެ.
ފެމިލީ ލީގަލް ކްލިނިކާއި އާކްގެ އިތުރުން "މިހާރު" އާއި "ދި އެޑިޝަން"، އުރީދޫ، ދިރާގު، ބީއެމްއެލް، އެންސިސް، ބީއެޗްއެމް ޓްރޭޑާސް އަދި ޕްރޫޑެންޓް ޗާޓާޑް އެލްއެލްޕީ އަކީ ވެސް މި ހަރަކާތުގައި ބައިވެރިވާ ފަރާތްތަކެވެ.
ކެއާސް އިން ފޯރުކޮށްދޭ ކާބޯތަކެތީގެ ދެ ބާވަތެއްގެ އެހީ ހިމެނެ އެވެ. އެއީ ކޮންމެ މީހަކަށް ކޮންމެ ދުވަހަކު ދެ ފަހަރު ފޯރުކޮށްދޭ ކެއުމާއި ކޮންމެ އާއިލާއަކަށް ފޯރުކޮށްދެވޭ އަސާސީ ކާބޯތަކެއްޗެވެ. އަސާސީ ކާބޯތަކެތީގެ ތެރޭގައި ހިމެނެނީ، ހަނޑޫ، ފުށް، މުގޫ، ކިރު، މަސް ދަޅު، އަދި ބައެއް ބާވަތްތަކުގެ ތަރުކާރީ ދަޅެވެ.
In relieving hunger, working together with @ARC_maldives & FLC as main partners of @CARESmv are @bankofmaldives @BHMTraders @Dhiraagu @ensisgroup@Mihaarunews @editionmv @OoredooMaldives @UNICEFMaldives pic.twitter.com/Wa5aWTme7p
— Family Legal Clinic (@FLCmv) April 23, 2020
ކޮވިޑް-19 އިން ރައްކާތެރިވުމަށް މާލެ ސަރަހައްދު ލޮކްޑައުންކޮށް، އެޅި ފިޔަވަޅުތަކުގެ ސަބަބުން ކާބޯތަކެތި ލިބުން ދަތިވެފައިވާ ކުޑަކުދިން ތިބޭ އާއިލާތަކަށް ކާބޯތަކެތި ފޯރުކޮށްދޭން ޖެންޑާ މިނިސްޓްރީގެ އެދުމަށް އެ ދެ ޖަމިއްޔާ އިން ވަނީ ފަސް އާއިލާއަކަށް ކެއުން ފޯރުކޮށްދީފަ އެވެ. އޭގެ ތެރޭގައި 12 ކުޑަކުދިންނާއި 12 މީހުން ތިބި އާއިލާތައް ހިމެނެ އެވެ.
މި ދުވަސްވަރު ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ މިފަދަ އާއިލާތަކަށް ފަސޭހަކޮށްދިނުމަށާއި ވަކިން ހާއްސަކޮށް މާދަމާ ފަށާ ރޯދަ މަހަށް ރިއާޔަތްކޮށް، އެ ފަސް އާއިލާ ހިމެނޭގޮތް ޖުމްލަ އަށް އާއިލާއަކަށް ކެއާސް އިން ކާބޯތަކެތީގެ އެހީގެ ގޮތުގައި އަސާސީ ކާބޯތަކެތި، ލޮކްޑައުންގެ ފުރަތަމަ ހަފުތާގައި ފޯރުކޮށްދީފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ 20 ކުޑަކުދިންނާއިި އެކަނިވެރި ހަ މައިން ހިމެނޭގޮތަށް 17 މީހުންނެވެ.
ފެމިލީ ލީގަލް ކްލިނިކް އިން ބުނީ އެ އާއިލާތަކަކީ ކޮވިޑް-19 ގެ ސަބަބުން އިގުތިސާދީ ދަތިކަން ކުރިމަތިވެފައިވާ އާއިލާތައް ކަމަށެވެ. އޭގެ ތެރެއިން ބައެއް މީހުން، އެއް ދުވަހަށް ވުރެ ދިގު މުއްދަތަކަށް ކާ އެއްޗެއް ނުލިބި ތިބި ކަމަށް ވެސް ބުންޏެވެ.
"މިފަދަ ދަތި ވަގުތެއްގައި ވެސް ބަނޑުހައިހޫނުކަން ނައްތާލެވޭކަން ކަށަވަރުކުރުމަކީ ކެއާސްގެ މައިގަނޑު އެއް އަމާޒު،" އާކް އާއި ފެމިލީ ލީގަލް ކްލިނިކުން ބުންޏެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަސަބު
23 April 2020
ރަނގަޅުކަމެއް. މިދަނޑިވަޅުގައި މިފަދަ މީހުން ޖަމާއަތްތައް ކުރިއަށް ނުކުންނަނވީ. ﷲ މި މީހުނަށް ހެޔޮ ޖަޒާ ދެއްވާށި.