އިންޑިއަން ހައި ކޮމިޝަނުން ފޮނުވި ބައެއް ކެއާ ޕެކޭޖްތައް -- ފޮޓޯ: އިންޑިއަން ހައި ކޮމިޝަނުން
26 އެޕްރީލް 2020 - 15:38
ރާއްޖޭގައި މަސައްކަތް ކުރާ އިންޑިއާގެ މީހުންގެ ތެރެއިން ކޮވިޑް-19 އަށް މިހާތަނށް ޕޮޒިޓިވްވި މީހުންނަށް "ކެއާ ޕެކޭޖު" ތަކެއް އިންޑިއާގެ ހައި ކޮމިޝަނުން ފޮނުވަން ފަށައިފި އެވެ.
އިންޑިއާގެ 10 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމުން މިހާރު ވަނީ ކަރަންޓީން ފެސިލިޓީތަކަށް ގެންގޮސްފަ އެވެ.
ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަންގެ ޑެޕިއުޓީ ހައި ކޮމިޝަނަރު ޝްރީ ރޯހިތު ރަތިޝް "މިހާރު" އަށް ވިދާޅުވީ، އެ 10 މީހުންގެ ތެރެއިން މިހާތަނަށް ހަ މީހަކަށް ކެއާ ޕެކޭޖުތައް ފޮނުވާފައިވާ ކަމަށެވެ. ބާކީ ހަތަރު މީހުންގެ ޕެކޭޖު ވެސް ވަރަށް އަވަހަށް ފޮނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
High Commission of India, Malé has started delivery of special #CarePackages to the Indian nationals in Maldives who have tested positive for #COVID19.
— India in Maldives (@HCIMaldives) April 26, 2020
We wish for their well-being and speedy recovery! @PMOIndia @MEAIndia @HPA_MV pic.twitter.com/xfYz1tY8xJ
ޢިންޑިއާ ހައި ކޮމިޝަނުން މިއަދު ކުރި ޓްވީޓު
"އަޅުގަނޑުމެން މި ތަކެތި މި ފޮނުވަނީ، މި ބައްޔަށް ޕޮޒިޓިވްވާ މީހުންނަށް ހިތްވަރު ދިނުމަށް އަދި އެ މީހުންނަށް އިންޑިއާގެ ސަރުކާރުގެ އެއްބާރުލުން އޮތް ކަން އަންގައި ދިނުމަށް،" ރޯހިތު ވިދާޅުވި އެވެ.
މި ޕެކޭޖުތަކުގައި ހިމެނެނީ ޒަރޫރީ ކަންކަމަށް ބޭނުންވާ ތަފާތު ތަކެތީގެ އިތުރުން ތަފާތު ވައްތަރުގެ ލުއި ކާނާ ކަމަަށް ރޯހިތު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ދިވެހި ސަރުކާރާއި ސިއްހީ ތަޖުރިބާކާރުންގެ އެންގުންތަކާއި އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރަން ހައި ކޮމިޝަނުން އަންނަނީ ރާއްޖޭގައި އުޅޭ އިންޑިއާ ރައްޔިތުންނަށް އިލްތިމާސް ކުރަމުންނެވެ. އަދި އަވަސް މުސްތަގްބަލެއްގައި މި ބަލިމަޑުކަން ކޮންޓްރޯލް ކުރެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.
"މި ބަރަކާތްތެރި މަހުގައި އަޅުގަނޑުމެން ދުއާ ވެސް ކުރަމުން މި އަންނަނީ މި ބަލިމަޑުކަމުން އަވަހަށް އަޅުގަނޑުމެންނަށް ސަލާމަތް ވެވޭނެ ކަމަށް،" ރޯހިތު ވިދާޅުވި އެވެ.
ރާއްޖެއިން މިހާތަނަށް 177 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވާ އިރު، 157 މީހުންނަކީ މާލެ ސަރަހައްދުން ޕޮޒިޓިވްވެފައިވާ މީހުންނެވެ. ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 75 އަކީ ދިވެހިންނެވެ. ދެން ތިބީ ބަންގަލަދޭޝްގެ 75 މީހަކާއި އިންޑިއާގެ 10 މީހަކާއި ސްރީ ލަންކާގެ ދެ މީހަކާއި އިޓަލީގެ 11 މީހަކާއި އިނގިރޭސި ވިލާތުގެ އެކަކާއި ޖަރުމަނުގެ އެކަކެވެ. ސަރުކާރުން ހާމަކޮށްފައިވާ ލިސްޓުގައިވާ ގޮތުން "އެހެނިހެން" ކެޓަގަރީގައި ދެ މީހަކު ވެސް އެބަތިއްބެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިސްރޯ
26 April 2020
ބަލި ވެއްޖެނަމަ ބޭސްފަރުވާ ލިބިގަތުމަކީ ކޮންމެ އިންސާނަކަށް ލިބިފައިވާ ހަށިގަނޑު ރައްކާތެރިކުރުމުގެ ހައްގުގެތެރެއިން ހައްގެއް. އެހެންކަމުން އެމީހަކު ބަލިވިއިރު ހުރިތާކުން ފަރުވާ ލިބިދިނުމުގައި ކަނޑައެޅިފައިވާ އުސޫލުން ފަރުވާ ލިބިދެވޭނޭނެ. ބޭރުމީހެކޭ ކިޔާފަ ތަފާތު ނުކުރެވޭނެ.
ބޮޑުމީހާ
26 April 2020
މަބުރޫކުކައިރީ އަހާލަން ބޭނުން ޕޮސިޓިވްވާ ބިދޭސީންގެ މެޑިކަލް ބިލް ދައުލަތުން ތޯ ހަމަޖައްސަނީ! ފަރުވާދީފަ ފަރުވާއަށް ދިޔަ ހަރަދު ހޯދަން މަސައްކަތްކުރަންތޯ!