ދިވެހިން އެންމެ ގިނައިން ދަތުރުކުރާ އިންޑިޔާ އަށް އެތެރެވުމަށް ފަހު، ހަތް ދުވަހުގެ ކަރަންޓީންގެ މުއްދަތެއް ފުރިހަމަކުރަން ޖެހޭ ގޮތަށް އެ ގައުމުގެ ސަރުކާރުން ނިންމައިފި އެވެ.
ރާއްޖޭގެ ފޮރިން މިނިސްޓްރީން ރޭ ބުނީ، އަންނަ އަންގާރަ ދުވަހުން ފެށިގެން އިންޑިއާ އަށް ދަތުރުކުރާ މީހުން ހަތް ދުވަހަށް ގޭގައި ކަރަންޓީނުވާ ގޮތަށް ނިންމީ އެ ގައުމުގައި އަނެއްކާވެސް ކޮވިޑް ފެތުރެމުންދާތީ، އެ ބަލިން ރައްކާތެރިވާން އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން ކަމަށެވެ.
ގޭގައި ހަތް ދުވަހުގެ ކަރަންޓީން ފުރިހަމަ ކުރުމަށް ފަހު، ގެއިން ނުކުމެވޭނީ އަށް ވަނަ ދުވަހު ހަދާ ކޮވިޑް ޓެސްޓު ނެގެޓިވްވުމުން ކަމަށާއި އެ ނަތީޖާ "އެއާ ސުވިދާ" ޕޯޓަލް އަށް ހުށަހަޅަން ޖެހޭނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
ނަމަވެސް އިންޑިޔާ އަށް ދަތުރުކުރާ އުމުރުން ފަސް އަހަރުން ދަށުގެ ކުދިން ގޭގައި ހަތް ދުވަހަށް ކަރަންޓީން ކުރުމަށް ފަހު، ބަލީގެ އެއްވެސް އަލާމާތެއް ނުފެންނަ ނަމަ އިތުރު ޓެސްޓެއް ހަދާކަށް ނުޖެހޭ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.
ފޮރިން މިނިސްޓްރީން ބުނިގޮތުގައި، އިންޑިޔާ އަށް ދަތުރުކުރާ ކޮންމެ ފްލައިޓަކުން ދެ ޕަސެންޓު މީހުން ރެންޑަމްކޮށް، އެއާޕޯޓުގައި ވެސް ކޮވިޑަށް ޓެސްޓު ކުރާނެ އެވެ.
އިންޑިޔާ އަށް ދާ މީހުން 72 ގަޑިއިރު ހަމަނުވާ ކޮވިޑަށް ނެގެޓިވް ޓެސްޓުގެ ނަތީޖާއަކާއި 14 ދުވަސް ތެރޭގައި ކޮށްފައިވާ ދަތުރުތަކުގެ ތަފުސީލް ހުށަހަޅަން ޖެހޭނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
"...މި އުސޫލުތަކަށް ބަދަލު އައުން އެކަށީގެންވުމާއެކު ދަތުރުކުރުމުގެ ކުރިން މައުލޫމާތު ސާފު ކުރަން އެދެން،" ފޮރިން މިނިސްޓްރީން ބުންޏެވެ.
އެ މިނިސްޓްރީން ވަނީ އަނެއްކާ ވެސް ގިނަ ގައުމުތަކުގައި ކޮވިޑް ފެތުރޭ މި ދަނޑިވަޅުގައި ކޮންމެހެން ކުރަން ޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށް އިލްތިމާސް ކޮށްފަ އެވެ. އަދި އެ ގައުމެއްގެ ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަށް ސަމާލުކަންދީ، އެންގުންތަކަށް އަމަލު ކުރުމަށް ދިވެހި ސަރުކާރުން އެދެ އެވެ.