ކޮރޯނާވައިރަސް އުޅޭތީ ކެރަލާ އަށް ނުދާން ސަރުކާރުން އެދެފި

އިންޑިއާގެ ކެރަލާ ސްޓޭޓްގައި ކޮރޯނާވައިރަސް އަށް ތިން މީހަކު ޕޮޒިޓިވް ވެފައިވާތީ، އެ ސްޓޭޓަށް ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ނޫނީ ނުކުރަން ފޮރިން މިނިސްޓްރީން މިރޭ އިލްތިމާސްކޮށްފި އެވެ.


ޗައިނާ އިން ފެނުނު ކޮރޯނާވައިރަސް ކެރަލާ އިން ފެނުނީ ޗައިނާ އިން އައި ދެ މީހަކު އެކަހެރިކޮށްގެން ފަރުވާ ދެމުން ދަނިކޮށެވެ. ތިން މީހަކު އެ ވައިރަސް އަށް ޕޮޒިޓިވްވުމާ އެކު ސިއްހީ ކުއްލި ހާލަތު އެ ސްޓޭޓްގައި ވަނީ އިއުލާންކޮށްފަ އެވެ. އެ ސްޓޭޓަކީ ދިވެހިން ބޭސްފަރުވާ އަށް ގިނަ އަދަދަކަށް ދާ ސްޓޭޓެކެވެ.

ފޮރިން މިނިސްޓްރީން ބުނީ ކެރަލާ ސިއްހީ ކުއްލި ހާލަތު ދެމިއޮތްހާ ހިނދަކު ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ އެ ސްޓޭޓަށް ނުކުރުމަށް އިލްތިމާސްކުރާ ކަމަށާއި އިންޑިއާގައި ތިބި އަދި އެ ގައުމަށް ދަތުރުކުރާ ހުރިހާ ދިވެހިން ވެސް އެ މިނިސްޓްރީގައި ނުވަތަ އިންޑިއާގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަންގައި ރަޖިސްޓްރީވާން އެދޭ ކަމަށެވެ. އަދި އިންޑިއާގެ ކަމާބެހޭ އިދާރާތަކުން ދޭ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރަން އެދޭ ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.

ކެރަލާއަށް ދަތުރު ނުކުރަން އިލްތިމާސް ކުރިއިރު، ދިވެހިން ދިރިއުޅޭ އެހެން ބައެއް ގައުމުތަކުން ވެސް ކޮރޯނާ ވައިރަސް ފެނިފައިވާތީ އެ ގައުމުތަކުގައި ތިބި ދިވެހިން ވެސް އެ ގައުމުތަކުގައި ހުންނަ ރާއްޖޭގެ އެމްބަސީގައި ރަޖިސްޓްރީވާން ފޮރިން މިނިސްޓްރީން ކުރިން އޮތީ އެދިފަ އެވެ.

ކޮރޯނާ ވައިރަސް މިހާތަނަށް 20،000 މީހެއްގެ ގައިން ފެނިފައި ވާއިރުު، 400 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.