ބޭހަށް އިންޑިއާއަށް ދިޔަ ދިވެއްސަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ

ބޭސް ފަރުވާއަށް، އާސަންދައިން އިންޑިއާ އަށް ފޮނުވި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.


އާސަންދައިގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ ބަލިމީހާ ފަރުވާ އަށް އިންޑިއާ އަށް ދިއުމުގެ ކުރިން ރާއްޖޭގައި ހެދި ޓެސްޓް ނެގެޓިވް ކަމަށެވެ. އޭނާ ފުރީ މި މަހުގެ 14 ގަ އެވެ. ޕޮޒިޓިވް ކަން އެނގުނީ އިއްޔެ އެވެ. އޭނާގެ ހާލު ރަނގަޅެވެ.

ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަން، މިހާތަނަށް ދެ ބެޗެއް އިންޑިއާއަށް ވަނީ ފޮނުވައިފަ އެވެ. ފުރަތަމަ ބެޗުގައި މިދިޔަ މަހު 29 ގައި 28 މީހަކު އަދި އޭގެ ފަހުން މިދިއަ އަންގާރަދުވަހު ފޮނުވާލި ދެ ވަނަ ބެޗުގައި 59 މީހަކު ހިމެނެ އެވެ.

މި ދުވަސްވަރު އިންޑިއާއަށް މީހުން ފޮނުވަނީ އިންޑިއާ ސަރުކާރުގެ ހާއްސަ ހުއްދައެއްގެ ދަށުންނެވެ. ކޮވިޑް-19އާ ގުޅިގެން އިންޑިއާ ވެސް އޮތީ ލޮކްޑައުންގަ އެވެ.

އިންޑިއާ އިން އެކަމަށް ދޭ ހާއްސަ ވިސާގެ އިތުރުން، ކޮވިޑް-19ގެ ބަލިމީހެއް ކަމަށް ވެގެން ނުވެ އެވެ. ރާއްޖޭގައި ޓެސްޓް ހެދުމުގެ އިތުރުން އިންޑިއާއަށް ދިއުމުން ވެސް ޓެސްޓް ހަދައި، އަދި ކަރަންޓީންގައި ވެސް ތިބެން ޖެހެ އެވެ.

ކޮޗިންއަށް ފޮނުވި ބަލި މީހުންގެ ފަރުވާ ހަމަޖައްސާފައިވަނީ އަމްރިތާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަސް އެންޑް ރިސާޗު ސެންޓަރު (އެއިމްސް)ގަ އެވެ. ކަރަންޓީނުގައި ތިބޭނީ ވެސް އެތަނުގެ އެކޮމޮޑޭޝަން ބްލޮކެއްގަ އެވެ. އެކަމަކު ކަރަންޓީނުގެ މުއްދަތުގައި ވެސް ފަރުވާ ކުރިއަށްދާނެ އެވެ