ކޮޗިންގައި ހުންނަ އަމްރިތާ ހޮސްޕިޓަލަށް އާސަންދައިން ފޮނުވާ ބަލިމީހުންގެ ކަރަންޓީންގެ 14 ދުވަހު ފަރުވާ ނުލިބި ތިބެން ޖެހުމުގެ ކަންބޮޑުވުން އޮތަސް އެއީ އެ ހޮސްޕިޓަލުން ކޮވިޑް-19ގެ ހާލަތުގައި ކަނޑައަޅާފައި އޮންނަ ސިޔާސަތެއް ކަމަށް އާސަންދައިން މިއަދު ބުނެފި އެވެ.

އަމްރިތާ އަށް ފަރުވާ އަށް ގޮސް ތިބި ބައެއް މީހުން ބުނާ ގޮތުގައި ޑޮކްޓަރަށް ނުދެއްކި ދެ ހަފުތާ ހޭދަކުރުމަކީ ދިމާވެފައިވާ ބޮޑު މައްސަލައެކެވެ. ޗުއްޓީ ނަގައިގެން ދާ މީހުންނަށް އޭގެ ސަބަބުން އަދި މާ ބޮޑެތި ހުރަސްތައް ކުރިމަތިވަމުން ދާ ކަމަށް ވެސް ބައެއް މީހުން ބުންޏެވެ.

އެކަމަކު ކޮވިޑް-19އާ ދެކޮޅަށް އަމްރިތާ އިން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން، އެމަޖެންސީ ހާލަތެއްގައި ނޫނީ ފަރުވާ ފަށަނީ 14 ދުވަހުގެ ކަރަންޓީނަށް ފަހު ހަދާ ކޮވިޑް ޓެސްޓް ނެގެޓިވް ވުމުންނެވެ.

"ހޮސްޕިޓަލުން ކަނޑައަޅާފައި އޮންނަ އުސޫލެއް އެއީ. އެކަމަކު އިމަޖެންސީގައި ފަރުވާ ދޭން ވެއްޖެ ނަމަ އެކަންކުރާނެ ކަރަންޓީންގައި ތިބޭ އިރު ވެސް،" އާސަންދައިގެ އޮފިޝަލަކު ވިދާޅުވި އެވެ.

ރާއްޖެއިން ލިބެން ނެތް ފަރުވާތަކަށް އާސަންދައިގެ ދަށުން ބަލިމީހުން އިންޑިއާ އަށް ފޮނުވަނީ، އިންޑިއާ ސަރުކާރުގެ ހާއްސަ ހުއްދައަކާ އެކުގަ އެވެ. ކޮވިޑް-19 އެންމެ ބާރަށް ފެތުރޭ އެއް ގައުމަށް އިންޑިއާ ވުމުން އަދިވެސް އެ ގައުމުގެ ބޯޑަރު ވަނީ އާންމު ދަތުރުތަކަށް ބަންދުކޮށްފަ އެވެ.

މިވަގުތު އަމްރިތާގައި ހުރި ދިވެއްސަކު ބުނީ އެ ހޮސްޕިޓަލްގެ އެކޮމޮޑޭޝަންގައި ކަރަންޓީންކޮށްފައި ތިބި ދިވެހިންގެ ތިބުމާއި ކެއުން ވެސް ގޯސް ނޫން ކަމަށެވެ.

"އަޅުގަނޑުމެން މިތިބޭ ފްލޯގެ ތެރޭގައި ކޮޓަރިން ބޭރަށް ވެސް ނުކުމެވި އުޅެވޭ. އަނެއްހެން މި ތަން ގޯހެއް ނޫން، ކެއުން ވެސް ގޯހެއް ނޫން،" އާސަންދައިން ހަރަދުކުރާ ގޮތަށް ގޮސް ހުރި ބަލިމީހެއްގެ އެ އެހީތެރިޔާ ބުންޏެވެ.

"އެކަމަކު އަޅުގަނޑުމެން ހީކުރީ ކަރަންޓީންގައި ތިބޭ އިރު ޑޮކްޓަރަށް ދެއްކޭނެ ކަމަށް. އައިމަ މި އެނގުނީ އެހެން ނުދެއްކޭކަން."

އަމްރިތާއާ ހިލާފަށް، ޓްރިވެންޑްރަމްގައި ހުންނަ ކިމްސް ހޮސްޕިޓަލަށް ދާ ދިވެހިންނަށް، ކަރަންޓީން މުއްދަތުގައި ވެސް ފަރުވާ ލިބެ އެވެ. ކޮވިޑް ޓެސްޓް ނެގެޓިވްވުމާ އެކު ޑޮކްޓަރަށް ދެއްކަން އުނދަގޫތަކެއް ކިމްސްގައި ދިމާނުވާ ކަމަށްވެ އެވެ.

އިންޑިއާ އިން ދޭ ހާއްސަ ހުއްދައިގެން ދަށުން ދަތުރުކޮށް، މިހާތަނަށް ގިނަ އަދަދެއްގެ ދިވެހިން އަމްރިތާ އާއި ކިމްސް އިން ފަރުވާ ހޯދައިފައިވެ އެވެ.

ބޭސްފަރުވާ އަށް އިންޑިއާ އަށް ފުރުވާލަނީ ކޮވިޑް-19 އަށް ޓެސްޓުކުރުމަށް ފަހު ނެގެޓިވްވުމުންނެވެ. އެކަމަކު އިންޑިއާއަށް ގޮސް ހެދި ޓެސްޓްތަކުން ބައެއް ދިވެހިން ކޮވިޑަށް ޕޮޒިޓިވްވެފައިވެ އެވެ.