ފިލްމީ ތަރި މުހައްމަދު ޔުނާންގެ ދަރިފުޅުގެ ހިތުގެ އޮޕަރޭޝަން، އިންޑިއާގެ އަމްރިތާ ހޮސްޕިޓަލުން ކުރެވޭނެ ކަމަށާއި އާއިލާ އިން ބޭނުން ނަމަ މިހާރު ވެސް އިންޑިއާ އަށް ފޮނުވައިގެން އޮޕަރޭޝަންގެ ކަންކަން ހަމަޖައްސައިދޭނެ ކަމަށް، އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މަރިޔަމް ޝަފީގު ރޭ ވިދާޅުވެއްޖެ އެވެ.

ޔުނާންގެ އަށް މަހުގެ އަންހެން ދަރިފުޅުގެ ހިތުގެ އޮޕަރޭޝަން ކުރަން އިންޑިއާ އަށް ގެންދަން އާސަންދަ އިން ޖާގަ ނުދިން ކަމަށް ބުނެ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދިރިއުޅުއްވާ ރަސްމީ ގެކޮޅު މުލީއާގޭގެ ކަައިރީގައި އިއްޔެ ހަވީރު ވަނީ އަޑު އުފުލައިފި އެވެ.

ކުއްޖާގެ މަންމަ ފާތިމަތު ރިހުލާ ބުނެފައި ވަނީ ދަރިފުޅު އިންޑިއާ އަށް ގެންދަން އެންސްޕާ އިން ހުރިހާ ހަރަދެއް ކޮށްދޭން ނިންމައި އާއިލާ އަށް އެކަން އަންގާފައިވާ ކަމަށާއި ނަމަވެސް އާސަންދަ އިން އިންޑިއާ އަށް ބަލި މީހުން ގެންދާ ފްލައިޓުން ޖާގައެއް ހޯދަން ކުރި އާދޭސްތަކަށް އެ ކުންފުނިން އިޖާބަ ނުދިން ކަމަށެވެ.

މި މައްސަލަ މުޅި ގައުމުގެ ސަމާލުކަމަށް އައުމާ ގުޅިގެން، އާސަންދަ ކުންފުނީގެ އެމްޑީ މަރިޔަމް "މިހާރު" އަށް ވިދާޅުވީ، ޔުނާންގެ ދަރިފުޅު އަންނަ ބުދަ ދުވަހު ފަރުވާ އަށް ފޮނުވަނީ އިންޑިއާގެ ޓްރިވެންޑްރަމްގައި ހުންނަ ކިމްސް ހޮސްޕިޓަލަށް ކަމަށެވެ. އެތަނަށް ދާން ހުއްދަ ނަގާފައިވާ ކަމަށާއި އެކަމަކު ޔުނާންގެ ދަރިފުޅު ޔޫންގެ އޮޕަރޭޝަން ކުރެވެން ނެތް ކަމަށް އެ ހޮސްޕިޓަލުން އިއްޔެ އަންގާފައިވާ ކަމަށް މަރިޔަމް ވިދާޅުވި އެވެ. ނަމަވެސް ޓްރިވެންޑްރަމަށް ފޮނުވުމުން، ކޮޗިންގައި ހުންނަ އަމްރިތާ ހޮސްޕިޓަލާ ވާހަކަ ދައްކައިގެން، އެ ހޮސްޕިޓަލުން ދަރިފުޅު އަދި އާއިލާ ބަލައި ދެވޭނެ ގޮތް އިންތިޒާމު މިހާރު ހަމަޖައްސާފައިވާ ކަމަށް ވިދާޅުވި އެވެ.

އާސަންދަ އިން ފަރުވާ ހޯދަން ފޮނުވާއިރު ބަލަނީ ހަމައެކަނި ޑޮކްޓަރެއް ހުރިތޯ އެކަނި ނޫން ކަމަށް މަރިޔަމް ވިދާޅުވި އެވެ.

އާއިލާއިން ބޭނުންވަނީ، ޔޫންގެ ފުރަތަމަ އޮޕަރޭޝަން ކުރި ޑޮކްޓަރު ގާތަށް ދާށެވެ. އޭނާ ކުރިން މަސައްކަތްކުރީ އަމްރިތާގައި ކަމަށް ވިއަސް އެ ޑޮކްޓަރު މިހާރު މަސައްކަތް ކުރަމުން އަންނަނީ ލިސީ ނަމަކަށް ކިޔާ ހޮސްޕިޓަލެއްގަ އެވެ. އެތަނުން އާސަންދައެއް ނުދެ އެވެ. ނަމަވެސް ޔޫންގެ އޮޕަރޭޝަން ކުރި ޓީމުގެ އެހެން ޑޮކްޓަރުން އަމްރިތާގައި މިހާރު ވެސް އެބަތިބި ކަމަށް މަރިޔަމް ވިދާޅުވި އެވެ.

"އެ ބޭފުޅުން މިހާރު ވެސް ބޭނުންފުޅިއްޔާ އަޅުގަނޑުމެން ހަމަ އެބޭފުޅުން އަމްރިތާ އަށް ފޮނުވައިދީގެން އެ ސާޖަރީ، އަމްރިތާ އިން ހަމަޖައްސައިދޭނެ. އެ ބޭފުޅުން ބޭނުންވަނީ ހަމަ ކުރިން ސާޖަރީ ހެދި ޑޮކްޓަރު ލައްވައި ހަމަ ސާޖަރީ ހަދަން،" މަރިޔަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، އަމްރިތާ ހޮސްޕިޓަލްގައި މިވަގުތު ވެސް 150 އަށް ވުރެ ގިނަ ދިވެހިން ކަރަންޓީން ވެގެން އެބަތިއްބެވެ. އޭގެ ތެރެއިން ތިން މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ، ހޮސްޕިޓަލްގެ މުވައްޒަފުންތަކެއް އައިސޮލޭޝަނަށް ލައިގެން އުޅޭތީ ކިމްސް ހޮސްޕިޓަލަށް ފޮނުވަން ނިންމީ ކަމަށް ވިދާޅުވި އެވެ.

މަރިޔަމް ވިދާޅުވީ އަމްރިތާ އިން އޮޕަރޭޝަން ކުރާއިރު، ކަރަންޓީނުގައި ތިބޭ މުއްދަތުގައި ވެސް އެހީވާނެ ކަމަށެވެ. އެހެންވެ، މި ދުވަސްކޮޅު ކެއުން ވެސް ހަމަޖެހިފައިވާ ކަމަށާއި ބިލްތައް ވެސް އާސަންދަ އިން ދައްކާތީ އާއިލާ އިން ހަރަދު ކުރާކަށް ނުޖެހޭނެ ކަމަށް ވިދާޅުވި އެވެ. އެކަމަކު އަމިއްލަ އަށް ލިސީ ހޮސްޕިޓަލުން ފަރުވާ ހޯދާ ނަމަ ގާތްގަނޑަކަށް 6،000 ޑޮލަރު (92،000ރ.) ހަރަދުވާނެ އެވެ.

"އާއިލާގެ ފަރާތުން އެއްވެސް ހަރަދެއް ކުރާކަށް ނުޖެހޭނެ މިގޮތަށް ދަންޏާމު. އަޅުގަނޑުމެން ޓިކެޓު ދީފައި ފޮނުވާނީ. އެ ބޭފުޅުން އެކަމަކު އަމިއްލަފުޅަށް ބޭނުން ތަނަކަށް ވަޑައިގަންނަވަންޏާމު އެ ބޭފުޅުން ހަރަދު ކުރައްވަން ޖެހިވަޑައިގަންނަވާނެ ވަރަށް ބޮޑު ބައެއް،" މަރިޔަމް ވިދާޅުވި އެވެ.

އާސަންދަގެ ޚަރަދުގައި އިންޑިއާ އަށް ދާން އެދުމުން އެތައް ދުވަހެއް ކުރުމަށް ފަހު، އެޕްލިކޭޝަން ރިޖެކްޓް ކުރީ ދަރިފުޅުގެ އޮޕަރޭޝަން ކުރަން އެދިފައި ވަނީ އާސަންދަ އިން ކަވަކުރާ ހޮސްޕިޓަލަކަށް ނުވާތީ ކަމަށް ޔޫންގެ އާއިލާ އިން ބުންޏެވެ.

މަރިޔަމް ވިދާޅުވީ، މި ފަހަރު ދަތުރު ކުރަނީ ޓްރިވެންްޑްރަމަށް ކަމަށާއި އެހެންވެ، މި ދަތުރުގައި ކިމްސް އަށް ނުދެވޭނެ ކަމަށް ކުރިން ބުނި ކަމަށެވެ. އަމްރިތާ އަށް ދެން ދާ ފަހަރަކުން ދަތުރާއި ފަރުވާގެ ކަންކަން ހަމަޖައްސައިދޭނެ ކަމަށާއި އެކަމަކު އާއިލާ އިން ބޭނުންވަނީ އަމިއްލަ އަށް މި ދަތުރު ހަމަޖައްސައިގެން ދާން ކަމަށް ވިދާޅުވި އެވެ. ނަމަވެސް އާސަންދަ އިން ހަވާލުވެގެން ދާއިރު، އެ ކުންފުންޏަށް ނޭނގޭ ތަނަކަށް ދިއުމަށް ދަތުރު ހަމައެއް ނުޖެއްސޭނެ ކަމަށް މަރިޔަމް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ބަޔަކާ ހަވާލުވެގެން، ބަޔަކު މި ގެންދަނީ. ގެންދާއިރުގައި އަޅުގަނޑުމެންނަށް އެ މީހެއްގެ ވާނުވާ ނޭނގޭ ކަހަލަ ގޮތަކަށް ދަތުރެއް ހަމަޖައްސައެއް ނުދެވޭނެ. އާސަންދަ އިން ޓިކެޓާ ހަރަދު ދޭނީ، އާސަންދަ ލިބޭ ތަނަކަށް، އާސަންދައިގެ ދަށުން ޓްރީޓްމަންޓަށް ދަންޏާ. އެއީ މި އައި މައްސަލައަކީ،" މަރިޔަމް ވިދާޅުވި އެވެ.

"އަމްރިތާ އަށް ގުޅައިގެން، އަމްރިތާ އަށް، ކޮޗިން އިން ޕިކް ކުރެވިދާނެތޯ ޓްރިވެންޑްރަމަށް ދާ ފްލައިޓަށް ލައިފިއްޔާ. އަމްރިތާ އިން ބުނެފައިވަނީ ޕިކް ކުރަން ވެސް ދެވިދާނެ ކަމަށް. އެކަމަކު އާއިލާ އިން ބޭނުމެއް ނުވޭ އަމްރިތާ އަށް ދާކަށް."

އަމިއްލައަށް ފަރުވާ ހޯދަން ބޭނުންވާ ނަމަ އެ ދަނީ އާސަންދައިގެ ކަވަރޭޖުން ބޭރުން ކަމަށާއި އެ ފަރުވާ އަށް އެންސްޕާ އިން ވެސް ވަކި ވަރަކަށް އެހީދޭ ކަމަށް އެމްޑީ ވިދާޅުވި އެވެ. އެންސްޕާއިން އެދިއްޖެ ނަމަ ދަތުރުގެ ކަންކަން ފެސިލިޓޭޓް ކޮށްދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އާސަންދައިގެ ގަވައިދުގައިވާ ގޮތުން އެ ކުންފުނިން ޓިކެޓް ދީފައި ފޮނުވާނީ އާސަންދަ އިން ހިދުމަތްދޭ ހޮސްޕިޓަލްތަކަށް ކަމަށެވެ.