އާސަންދައިގެ ދަށުން އިންޑިއާ އަށް ބޭސްފަރުވާ އަށް ދިޔަ އަށް ދިވެއްސަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

ކޮވިޑާ ގުޅިގެން ދަތުރުފަތުރަށް ބުރޫއަރާފައިވާ މި ދަނޑިވަޅުގައި ވެސް، އާސަންދަ މެދުވެރިކޮށް އިންޑިއާ އަށް ގޮސް ފަަރުވާ ހޯދުމުގެ ފުރުސަތު އެ ގައުމުގެ ސަރުކާރުގެ ޚާއްސަ އިނާޔަތެއްގެ ދަށުން ދިވެހިންނަށް ލިބެ އެވެ. އެހެންވެ، ބޮޑެތި ބަލިތަކުގައި ބޭރުން ފަރުވާ ހޯދަންޖެހޭ މީހުން އިންޑިއާ އަށް ވަނީ ގެންގޮސްފަ އެވެ.

ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިރޭ ބޭއްވި މީޑިއާ ބްރީފިންގައި އެ ސެންޓަރުގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގް ވިދާޅުވީ އިންޑިއާ އަށް ދިޔަ ދިވެހިންގެ ތެރެއިން އަށް މީހަކު ޕޮޒިޓިވްވި ކަމަށާއި އޭގެ ތެރެއިން ދެ މީހަކު ކޮވިޑަށް ޕޮޒިޓިވްވި ކަން އެނގުނީ މިއަދު ކަމަށެވެ. ޕޮޒިޓިވްވީ އަމްރިތާ ހޮސްޕިޓަލަށް ދިޔަ ހަތަރުު މީހަކާއި ކިމްސް ހޮސްޕިޓަލަށް ދިޔަ ހަތަރު މީހެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ޚާއްސަ ހުއްދައެއްގެ ދަށުން އިންޑިއާއަށް ބޭހަށް ދިވެހިން ފޮނުވަނީ ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް ފަހުު އެވެ. އެ ގައުމަށް ދިއުމަށް ފަހު ހޮސްޕިޓަލްގައި ކަރަންޓީން ވާން ޖެހެ އެވެ.

އާސަންދައިގެ ހަރަދުގައި ފަރުވާ ހޯދުމަށް ހަތަރު ވަނަ ބެޗު އެ ގައުމަށް ފުރުވައިލީ އިއްޔެ އެވެ. މިހާތަނަށް 285 މީހަކު އިންޑިއާ އަށް ބޭސްފަރުވާ އަށް ފޮނުވާފައިވާ އާސަންދަ ކުންފުނިން ބުނެ އެވެ.