ކޮވިޑް-19 ޖެހި ރަނގަޅުވި ދިވެއްސަކު އަނެއްކާވެސް އެ ބައްޔަށް ޕޮޒިޓިވްވި ކަމަށް ދައްކައިފި އެވެ.
އާސަންދަ ކުންފުނީގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ، ބަލި މީހެއްގެ އެހީތެރިއެއްގެ ގޮތުގައި އިންޑިއާ އަށް ދިޔަ އެ މީހާ ޕޮޒިޓިވްކަން އެނގުނީ، މިދިޔަ އަންގާރަ ދުވަހު ނެގި ސާމްޕަލުން ކަމަށެވެ.
އޭނާއަކީ މެއި މަހު ކޮވިޑް-19 އަށް ޕޮޒިޓިވްވެ، އެ ބަލިން ރަނގަޅުވެފައި ހުރި މީހެކެވެ. އިންޑިޔާ އަށް ދިޔައީ ވެސް، ރާއްޖެ އިން ކޮވިޑަށް ހެދި ޓެސްޓު ޑަބަލް ނެގެޓިވް ވުމުންނެވެ. އެ މީހާގެ އިތުރުން، އެހީތެރިއެއްގެ ގޮތުގައި ދިޔަ އެހެން މީހަކު ވެސް ވަނީ ކޮވިޑް-19 އަށް ބައްޔަށް ޕޮޒިޓިވް ވެފަ އެވެ.
"އެ ދެ މީހުންގެ ހާލު ވެސް ސްޓޭބަލް،" އޮފިޝަލް ވިދާޅުވި އެވެ.
މިދިޔަ ހަފުތާގެ އަންގާރަ ދުވަހު ބޭސްފަރުވާ އަކަށް އިންޑިއާ އަށް ދިޔަ މީހަކު ވެސް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވެ އެވެ. އޭނާ ޕޮޒިޓިވްކަން އެނގުނީ މިދިޔަ ހޯމަ ދުވަހު އެވެ.
އިންޑިއާ ދާތަނުން ހޮސްޕިޓަލުގެ ވަކި އޭރިޔާއެއްގައި ކަރަންޓީނު ކުރާނެ އެވެ. ކަރަންޓީނުން ނުކުމެވޭނީ އެ މުއްދަތު ހަމަކޮށް، ޓެސްޓް ނެގެޓިވްވުމުންނެވެ. ކަރަންޓީނުގެ މުއްދަތުގައި ވެސް ފަރުވާ ހޯދާނެ އެވެ.
ކޮވިޑް-19 އެއްފަހަރު ޖެހިފައިވާ މީހަކަށް އަލުން ޖެހޭ ކަމަށް މިހާތަނަށް ސާބިތުވެފައެއް ނުވެ އެވެ. ނަމަވެސް މި ބަލި ފުރަތަމަ ފެތުރެން ފެށިތާ ކައިރީ ބަލީގެ ހަގީގަތް ނޭނގޭ އިރު ދެކުނު ކޮރެއާގައި ވަނީ ބަލިން ރަނގަޅުވި ބަޔަކު އަލުން ޕޮޒިޓިވްވި ކަމަށް ދައްކައިފަ އެވެ. އެކަމަކު، ފަހުން އެނގުނު ގޮތުގައި އެހެން ދިމާވަނީ ބަލިން ރަނގަޅުވުމަށް ފަހު ވެސް މަރުވެފައިވާ ވައިރަހުގެ އެތިކޮޅުތައް ނުވަތަ މަރުވެފައިވާ ވައިރަސް ހަށިގަނޑުތެރޭ ހުރުމުން ޕީސީއާރް ޓެސްޓުން ވައިރަސްގެ ޖެނެޓިކްސް ދެނެގަންނާތީ އެވެ. ނަމަވެސް އޭގެ މާނަ އަކީ އަލުން ބަލި ޖެހުމެއް ނޫނެވެ.
ކޮވިޑް-19 ދެނެގަތުމަށް އާންމުކޮށް ހަދާ ޕީސީއާރް ޓެސްޓުން ވެސް، ބައެއް ފަހަރު، ބަލި ނެތް މީހުން ވެސް ޕޮޒިޓިވް ކަމަށް ދައްކަ އެވެ. އެއީ ލެބްގައި ސާމްޕަލް ކޮންޓެމިނޭޓް ވުން ފަދަ ބައެއް ކަންކަން މެދުވެރިވާތީ އެވެ. ރާއްޖޭގައި ވެސް މިގޮތަށް ”ފޯލްސް ޕޮޒިޓިވް” ކޭސްތައް ދިމާވެފައިވެ އެވެ.