ޑރ. އެލީސާ އަށް ކޮރޯނާވައިރަހުގެ ފުރަތަމަ ޝޮޓް ދެނީ.
27 އެޕްރީލް 2020 - 15:00
ލަންޑަން (އެޕްރީލް 27) - އިނގިރޭސި ވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީން އުފެއްދި، ކޮރޯނާވައިރަހުގެ ވެކްސިން އަޖުމަ ބެލުމުގެ ގޮތުން ފުރަތަމަ ދިން ޑޮކްޓަރު މަރުވެއްޖެ ކަމަށް ފަތުރާ ޚަބަރަކީ ދޮގެއް ކަމަށް އޭނާ ބުނެފި އެވެ.
އޮކްސްފޯޑް ޔުނިވާސިޓީގެ މައިކްރޯބަޔޮލޮޖިސްޓެއް ކަމަށްވާ ޑރ. އެލިސާ ގްރެނާޓޯ ބުނީ ވެކްސިން އަށް ފަހު އޭނާގެ ހާލު ރަނގަޅު ކަމަށާއި ހުރިހާ ކަމެއް ވެސް ވަރަށް ބަރާބަރު ކަމަށެވެ.
ޑރ. އެލިސާ އަކީ އިންސާނުން ބޭނުންކޮށްގެން ވެކްސިން ޓެސްޓް ކުރަން ހޮވި 800 ވޮލަންޓިއަރުންގެ ތެރޭން އަޖުމަ ބެލުމަށް މިދިޔަ ބުރާސްފަތި ދުވަހު ވެކްސިން ދިން ދެ މީހުންގެ ތެރޭން އެކަކެވެ. ނަމަވެސް ވެކްސިން ދިން ފަހުން ދިމާވި މައްސަލަތަކުގައި އޭނާ މަރުވެއްޖެ ކަމަށް އާދިއްތަ ދުވަހު ވަނީ ޚަބަރުތައް ފަތުރައިފަ އެވެ. އެކަމަކު 32 ވަނަ އުފަން ދުވަހު ވެކްސިން ޓެސްޓްކުރި ޑޮކްޓަރު ކުރި ޓްވީޓެއްގައި ބުނެފައި ވަނީ އޭނާގެ ރަހުމަތްތެރިންނާއި ގާތް މީހުންނަށް ސާފުކޮށް ދޭން ބޭނުން ވަނީ އޭނާ ސަލާމަތުން ހުރިކަން ކަމަށެވެ. އަދި ފޭކް ޚަބަރު ނުފެތުރުމަށް އޭނާ އިލްތިމާސް ކުރި އެވެ.
ވެކްސިންގެ ފުރަތަމަ ޝޮޓަށް ފަހު ޑރ. އެލިސާ ބުނެފައި ވަނީ އޭނާ އަކީ ސައެންސްވެރިއެއް ކަމަށާއި ސައެންޓިފިކް ގޮތުން އޭނާ އަށް ވެދެވެން އޮތް އެހީއެއްވާން ބޭނުންވާ ކަމަށެވެ.
ކޮވިޑް-19 ގެ ވެކްސިން އޮކްސްފޯޑް ޔުނިވާސިޓީގެ ޓީމަކުން އުފެއްދީ ތިން މަހެއްހާ ދުވަހުގެ މަސައްކަތުންނެވެ. އެ ރިސާޗުގައި އިސްކޮށް ހުންނެވީ ވެކްސިނޮލޮޖީ ޕްރޮފެސަރު ސާރާ ގިލްބާޓެވެ.
ޕްރޮފެސަރު ގިލްބާޓް ކުރިން ވިދާޅުވެފައި ވަނީ ކޮވިޑް-19 ގެ ވެކްސިން ކާމިޔާބުވާނެ ކަމުގެ 80 ޕަސެންޓް ޔަގީން ކަމަށެވެ. ނަމަވެސް ފަހުން އެކަމަނާ ވިދާޅުވީ ވަކި އަދަދެއް ހާމަކުރައްވަން ބޭނުން ނުވާ ކަމަށެވެ.
ވެކްސިންގެ އަޖުމަ ބެލުމުގެ ދެ ވަނަ މަރުހަލާގައި 5،000 ވޮލަންޓިއަރުން ބޭނުން ކުރާނެ އެވެ. އެފްރިކާގައި ވެސް ވެކްސިންގެ ޓެސްޓްތައް ހަދަން އޮކްސްފޯޑުގެ ޓީމުން ބޭނުންވެ އެވެ.
ސައެންސްވެރިން އުއްމީދު ކުރަނީ ކޮވިޑް-19 ގެ ވެކްސިންގެ އެއް މިލިއަން ޑޯޒް ސެޕްޓެމްބަރު މަހާ ހަމައަށް ތައްޔާރު ކުރެވޭނެ ކަމަށެވެ. ވެކްސިން ކާމިޔާބު ނަމަ ގިނަ އަދަދަކަށް އުފައްދަން ފަށާނެ އެވެ.
ކޮވިޑް-19 ގެ ވެކްސިންގެ އިންސާނުން ބޭނުންކޮށްގެން ހަދާ ޓެސްޓްތައް ޖޫން މަހު ފަށާނެ ކަމަށް ލަންޑަނުގެ އިމްޕީރިއަލް ކޮލެޖުން ވަނީ ބުނެފަ އެވެ. ވެކްސިން އުފެއްދުމުގެ މަސައްކަތަށް އޮކްސްފޯޑާއި އިމްޕީރިއަލް އަށް އިނގިރޭސި ސަރުކާރުން ވަނީ 40 މިލިއަން ޕައުންޑް ދީފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހާތިމާ
28 April 2020
ހަމަ ގައިމުވެސް އެބޯޓަޑް ފެޓަލް ޓިސޫ އަޅާ ކަމަށް އެބައޮތެވެ. މީގެ މާނަ އެނގޭ ކުއްޖަކު މިތާގައި ލިޔެލަބައަްލަވާށެވެ. ނޫނިއްޔާ ގޫގަލް ކޮއްލަބައްލަވާށެވެ.
ޥާންޗޯ
27 April 2020
ޙުސްނާ ، ރަށުތެރޭން އެހެން ކަ މަކާ އުޅެން ވީނު ދޯ
ސާބަސްސާބަސްސާބަސް
27 April 2020
މީ އެއުޅޭ އެންޓިވެކްސާ މީހުން ފަތުރާ ދޮގުތައް.
ރަދީފު ބިން ރަފައިދާ
27 April 2020
ދޮގުހެދިޔަސް މީ ބޮޑުވަރު.
ރާވެރިބޭބެ
27 April 2020
އެއްވެސް މިންވަރަކަށް ދޮގެއް ހެދުން މުސްލިމކާ ގުޅޭކަމެއް ނޫން.
ހުސްނާ
27 April 2020
އޭނާ މަރުނުވިޔަސް ވެކްސިން ހަދަން އެބޭނުންކުރި އެއްޗިއްސަކީ މީހަކު މަރުވެދާފަދަ އެއްޗެއްސެވެ. ދިރިހުރި ނުވިހާ ކުދިންގެ ބައިތަކާއި އޫރުގެ ބައިތަކުގެ އިތުރުންވެސް އެލްމިނިއަމްފަދަ އެތަކެއް ބައިވަތްތަކެއް ބޭނުންކުރާ ކަމަށް މެޑިކަލް ޖާރނަލްތަކުގައި އެބައޮތެވެ.
ފޭކްހުސްނާ
27 April 2020
ހުސްނާ ފޭކް ހަބަރު ނުފެތުރެން އެދެން.
ޏަވިޔަނި
27 April 2020
މެޑިކަލް ޖަރނަލް ފެނުނިއްޔާ އެގޭނެބާ.
ާމީހާ
28 April 2020
އަޅޭ އަސްލުތަ \ހުސްނާ.. މަ ހަމަ ހައިރާން
އަންނި1
28 April 2020
ޢެތައް ބަޔަކު ބުނޭ ތި ދޮގޭ. ޖާނަލްކިޔާ މީހުން. ބުނެބަލ އޮތް ޖާނަލެއްގެ ނން
ހައިވް
28 April 2020
މާބޮޑައްއެގިފާތިހުރީ ސައެންސްވެރިޔަކަށްވުރެމަތީގަ ތިހިރީ! އަމިއްލައަކަށް ވެކްސިނެއް ހަދާލަންވެއްޖެނު!