ކުޅުދުއްފުށީ މަތިން ނަގާފައިވާ ފޮޓޯއެއް: އެ ރަށަށް ފޮނުވީ އާސަންދައިގެ ދަށުން ކެންސަރަށް ފަރުވާ ހޯދަމުން ދިޔަ ތިން މީހަކާއި އެ މީހުންގެ އެހީތެރިން .-- ފޮޓޯ: އިރުޝާދު
03 މެއި 2020 - 00:04
ހދ. ކުޅުދުއްފުށި ލޮކްޑައުންކޮށްފައި ވަނިކޮށް، ކޮވިޑް ޓާސްކްފޯހަށް ނާންގައި އެ ރަށަށް މިއަދު ބަޔަކު ފޮނުވި ކަމަށް ބުންޏަސް އެއީ ކައުންސިލަށް އަންގާފައި ފޮނުވި، އާސަންދައިގެ ދަށުން މާލޭގައި ފަރުވާ ހޯދަމުން ދިޔަ ބައެއް ކަމަށް ސަރުކާރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް މިރޭ ވިދާޅުވެއްޖެ އެވެ.
ކުޅުދުއްފުށީ ޓާސްކްފޯހަށް ނާގައި ހަތް މީހަކު އެ ރަށަށް ފޮނުވި ކަމަށް ބުނާ ވާހަކަތަކާ ގުޅިގެން، ކޮވިޑް-19 އާ ބެހޭ މައުލޫމާތު ދޭން ނެޝަނަލް އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން ބާއްވާ ސިލްސިލާ މީޑިިއާ ބްރީފިންގައި މަބްރޫކް ވިދާޅުވީ ކުޅުދުއްފުއްޓަށް ބަޔަކު ފޮނުވީ އެ ރަށު ކައުންސިލަށް އަންގާފައި ކަމަށެވެ. ނަމަވެސް މިކަން ކައުންސިލަށް އެންގީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ނޫން ކަމަށާއި މިއީ އާސަންދައިން ހަމަޖައްސައިގެން އެ ރަށަށް ފޮނުވި ބައެއް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ ރަށުގެ ޓާސްކްފޯހުގައި، ކައުންސިލް ބައިވެރިވާ ކަމަށް މަބްރޫކް ވިދާޅުވި އެވެ.
މަބްރޫކް ވިދާޅުވީ، އެ ހަތް މީހުންނަކީ ވެސް މާލެ ލޮކްޑައުންކުރި އިރު، އާސަންދައިގެ ދަށުން ފަރުވާ ހޯދަން މާލެ ގެނެސް ތިބި ބައެއް ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ މަބްރޫކް ވިދާޅުވި ގޮތުގައި ކެންސަރަށް ފަރުވާކުރަމުން އަންނަ ތިން މީހަކާއި އެ މީހުންގެ އެހީތެރިންނެވެ. އެއީ ކުޅުދުއްފުށި ފަސް މީހަކާއި އެ އަތޮޅު ކުމުންދޫ ދެ މީހެކެވެ.
އެ ހަތް މީހުން ވެސް މި ވަގުތު ތިބީ ކުޅުދުއްފުށީގައި ގާއިމްކޮށްފައިވާ ކަރަންޓީން ފެސިލިޓީއެއްގަ އެވެ. ނަމަވެސް ކުމުންދޫ މީހުން ރަށަށް ގެންދިއުމުގެ އިންތިޒާމް ހަމަޖައްސަދޭނެ ކަމަށް މަބްރޫކް ވިދާޅުވި އެވެ.
"މިވަގުތު ހަމަ ކުޅުދުއްފުށީގެ ކަރަންޓީން ފެސިލިޓީއެއްގައި ކުމުންދޫ ދެ ބޭފުޅުން ވެސް އެބަތިބި. އަދި މާދަމާގެ ވަގުތެއްގައި އިރާދަކުރެއްވިއްޔާ ކުމުންދުއަށް ގެންދިއުމުގެ ކަންތައްތައް ހަމަޖައްސޭނެ،" މަބްރޫކް ވިދާޅުވި އެވެ.
މަބްރޫކް ވިދާޅުވީ، އެ މީހުން ގެންދަން އާސަންދަ އިން ކުޅުދުއްފުށި ކައުންސިލަށް އެންގީ މިއަދު ހަވީރު 4:30 ހާއިރު ކަމަށެވެ.
އެކި ސަބަބުތަކާ ހެދި ކުޅުދުއްފުއްޓަށް އަނބުރާ ނުދެވި 146 މީހަކު މާލޭގައި އެބަތިއްބެވެ.
ކޮވިޑް-19 އިން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން ކުޅުދުއްފުށި ލޮކްޑައުންކުރީ މިދިޔަ މަހުގެ 21 ވަނަ ދުވަހު އެވެ. ނަމަވެސް އިއްޔެއިން ފެށިގެން އެ ރަށުގައި އޮތް ލޮކްޑައުންގެ އުސޫލު ލުއިކޮށް، ހެނދުނު 6:00 އިން މެންދުރު 3:30 އާ ހަމައަށް، ކައުންސިލްގެ ހުއްދައާ ނުލައި ޒަރޫރީ ކަންކަމަށް ބޭރަށް ނުކުމެވޭނެ ގޮތަށް ވަނީ ބަދަލުކޮށްފަ އެވެ.
ރާއްޖެއިން މިހާތަނަށް 519 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވާ އިރު، ގިނައީ ބިދޭސީންނެވެ. ބަންގްލަދޭޝްގެ 265 މީހަކު މިހާތަނަށް ޕޮޒިޓިވްވެފައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޒުވާނާ.
03 May 2020
މީވަރައް ވިސްނަންޖެހޭ ވަގުތެއް ކިރިޔާވެސް ފަރުވާ ކުޑަވެއްޖެނަ މަ ބައިކޮޅައް ގޯލު ވަންނާނެ މިހާރުވެސް ހެޓްރިކު ހަދާފައޮތީ
ކުޅުދުއްފުށީ ޓަސްކްފޯސް
03 May 2020
15:10 ގަ ޖެއްސި ބޯޓެއްގެ މައުލޫމާތު 16:33 ގައި ދިނީމައި އެ ވޭތޯ އެންގީ ކަމަށް؟
އަންތަރީސް
03 May 2020
ބުހުތާނު ދޮގު. ".... ކުޅުދުއްފުށި ކައުންސިލަށް އެންގީ މިއަދު ހަވީރު 4:30 ހާއިރު ކަމަށެވެ." ހަވީރު 4 ޖެހުމުގެ ކުރިން މިވާހަކަ ކުޅުދުއްފުށި ނޫސްތަކުގަޔާއި، ސޯސަލްމީޑިއާގައި ލިޔެފި.