މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑާލާފައި ވާތީ، މާލޭގެ މިސްކިތަކަށް ނުވަދެވޭ ގޮތަށް ފުލުހުން ޓޭޕް ދަމާފައި.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު
14 މެއި 2020 - 17:50
ރާއްޖޭގެ ހުރިހާ މިސްކިތެއްގައި ޖަމާއަތުގައި ނަމާދު ނުކުރުމުގެ މުއްދަތު މި މަހުގެ 28 ގެ ނިޔަލަށް އިތުރުކުރަން އިސްލާމިކް މިނިސްޓްރީން މިއަދު ނިންމައިފި އެވެ.
އެ މިނިސްޓްރީން ނެރުނު ސާކިއުލާއެއްގައި ބުނީ ކޮވިޑް-19 އިން ރައްކާތެރިވުމަށް މިދިޔަ މަހުގެ 19 ވަނަ ދުވަހުގެ މަޣުރިބް ނަމާދުން ފެށިގެން ރާއްޖޭގެ ހުރިހާ މިސްކިތެއްގައި ފަރުޟު ނަމާދާއި ހުކުރު ނަމާދާއި ތަރާވީހް ނަމާދު ޖަމާއަތުގައި ކުރުން މެދުކަނޑާލުމުގެ މުއްދަތު މި މަހުގެ 28 ގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށެވެ.
ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑާލުމަށް މީގެ ކުރިން ކަނޑައެޅި މުއްދަތު މިއަދު ވަނީ ހަމަވެފަ އެވެ.
އެހެންވެ، އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ސޮއިކުރައްވައި ނެރުއްވި މެމޯއެއްގައި ވިދާޅުވީ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑައިލުމުގެ މުއްދަތު އިތުރުކުރީ އިސްލާމީ ފަތުވާދޭ މަތީ މަޖިލީހާއި ދީނީ އިލްމުވެރިން އަދި ޑޮކްޓަރުންގެ ލަފާގެ މަތިން ކަމަށެވެ.
މިސްކިތުގެ ޖަމާއަތުގައި ނަމާދުނުކުރި ކަމުގައި ވިޔަސް ހުރިހާ މިސްކިތެއްގައި ވެސް ވަގުތަށް ބަންގި ގޮވާނެ އެވެ. ބަންގިއާ އެކު ގޭގައި ނަމާދު ކުރުމަށް ދިވެހިން ގޮވުމަށް މިނިސްޓްރީން ވަނީ އަންގައިފަ އެވެ.
"މި ދަނޑިވަޅުގައި ކަމާބެހޭ ފަރާތްތަކުން ދޭ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމަށާއި މިސްކިތުގެ ޖަމާއަތުގައި ނަމާދު ނުކުރި ނަމަވެސް ފަރުޟު ނަމާދު ބަރާބަރަށް އަދާކުރުމަށާއި ތަރާވީހް ނަމާދު ކުރުމަށާއި ސުންނަތް ނަމާދު ގިނަކޮށް، ކީރިތި ގުރުއާން ކިޔަވައި ﷲގެ ރަހުމަތުނން މާޔޫސްނުވެ، ސަބަބުތަކުގައި ހިފައި ފުރިހަމައަށް ﷲއަށް ވަކީލުކޮށްގެން ގިނަގިނައިން ދުއާކޮށް، އިސްތިޣުފާރުކުރުމަށް ހުރިހާ ރައްޔިތުންނަށް ނަސޭހަތްތެރިވެ ވަސިއްޔަތްކުރަމެވެ،" ސާކިއުލާގައި ވެ އެވެ.
ރޯދަ މަހުގެ ފަހު ދިހައިގެ ރޭތައް ހެޔޮގޮތުގައި ލިބިގަތުމަށާއި ލައިލަތުލްގަދްރި ވިލޭރޭ ހޯދުމަށްޓަކައި ގޭގައި ތިބެގެން ވެސް މަސައްކަތްކޮށް، ދުނިޔެ އަށް ކުރިމަތިވެފައިވާ މި ބަލިމަޑުކަމުން ސަލާމަތްކޮށްދިނުމަށް އެދި ދުއާ ދެންނެވުމަށް އިސްލާމިކް މިނިސްޓްރީން އެވެ
ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 968 އަށް މިއަދު އަރާފައިވާއިރު އެ ބަލީގައި ހަތަރު މީހަކު ވަނީ މަރުވެފަ އެވެ. އޭގެ ތެރޭގައި ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ އެމްއެޗްއޭގެ ވެރިޔާ ހުސައިން އަބްދުﷲ ގެ ދެކަނބަލުން ހިމެނެ އެވެ. މިހާތަނަށް ކޮވިޑް-19 ގައި މަރުވި ހަތަރު މީހުންގެ ތެރެއިން އެކަކީ ބަންގްލަދޭޝްގެ މީހެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުސެން
15 May 2020
ޖަމާޢަތުގައި ނަމާދުކުރުން މަނާާކުރުމަށްފަހު އިސްލާމިކު މިނިސްޓްރީއިން ބަލާތޯ މިސްކިތްތަކުގެކަންކަން ވަމުންދާގޮތް؟ ލ.ގަމު ތުނޑީ އަވަރު މިސްކިތުގައި ބަންގި ނުގޮވާވެސް އެތައް ނަމާދުވަގުތެއް އެބަދުއްވާލާ (ސަހަރާ އާއި އިންވެގެން ހުންނަ މިސްކިތް) މުސާރަދީފައި ތިބޭ މުދިމުންތަކެއްތިބޭ، ނަމަވެސް މިރޯދަމަހު ގަވައިދުން ބަންގިނުގޮވާ، މިކޮމެންޓް ލިޔަމުންދާއިރު 15 މެއި 2020 ދުވަހު ފަތިސްނަމާދު ބަންގިވެސް ނުގޮވާ! މިނޫނަސް މި މިސްކިތުން ބަންގި ނުގޮވާ ވަގުތުތައްދޭ!!
ދެރަ
15 May 2020
ބަލި ނެތްރަށްރަށުގަ ޖަމާއަތުގައި ނަމާދުކުރެވެންވާނެ. ގައިދުރުކަން ބަހައްޓައިގެން ނަމަވެސް. އެނޫން ހުރިހާކަމެއްކުރެވޭ.
ބޮޑުމީހާ
14 May 2020
ބައެއް ރަށްރަށު ކައުންސިލުން 20-25 މީހުންގެ ޓާސްކުފޯސް ބައްދަލުވުން ބާއްވާ. ދެން 20-25 މީހުންނަށް އެއްފަހަރާ މިސްކިތަށް ނޭރެންވީ ކީއްވެ! އެހެންނޫނަސް މަސްދުވަސް ވަނީ އެރަށްތަކަށް އަރާ ނުފައިބާތާ.
ޙުސަންބޭ
14 May 2020
" ބަންގިއާ އެކު ގޭގައި ނަމާދު ކުރުމަށް ދިވެހިން ގޮވުމަށް މިނިސްޓްރީން ވަނީ އަންގައިފަ އެވެ." އިސްލާމިކް މިނިސްޓްރީން އެންގިޔަސް ގޭގައި ނަމާދުކުރުމަށް ނުގޮވާ މިސްކިތްތައްވެސް އެބަހުރެއެވެ. މިކަން ކައުސިލްތަކުން ބަލާނަމަ އެހެންނުވާނެއެވެ.
ވަޑްޔައްތޮކިނަބާ
14 May 2020
ބަލިނެތް ރަށްތައް އެބައެންގޭހެއްޔެވެ؟ ކޮވިޑް19 ފުރަތަމަ ޖެހުނީވެސް ރިސޯޓެއްގައި އުޅުނު ބޭރުމީހަކަށެވެ. ދެން މާލެއިން ކުއްލިއަކަށް ބަލިފެނުނީ ބަލިއުޅޭކަން އެނގިގެން ހެއްޔެވެ؟
ވަރުފް
14 May 2020
ކޮވިޑް ނެތް ރަށްތަކުގައި ކީއްވެ ނަމާދުނުކުރެވެނީ މިސްކިތުގައި..ރަށަށް އިތުރު މީހަކު އަރަނީއެއްނޫން..އަނެއްކާ ކައުންސިލުން ޓާސްކްފޯސް ހަދައި ރަށަށް ބަޔަކު އަރާތޯ ބަލަހައްޓާ..އިތުރު މީހަކު ރަށަށްނާރާތާ 30ދުވަސްވެފައިވާ ރަށްތައް ގިނަ..
ގޮމަރުދުވަ
15 May 2020
ބަލި ނެތްކަމެއް ނޭނގޭތީ. ނިއްކުރީގަ ލިޔެފައެއް ނީނދޭ. ޓަސްލާފަ ފެންނަންވީމަ ފެނުނީ. ކެތްތެރިވޭ
ގަޓް ބްރޯ
14 May 2020
އެކަމަކު އިސްލާމީ މަރުކަޒުގަ ކޮންމެ ރެއަކު ޖަމާއަތް ހަދައިގެން ބަޔަކު އެބަ ނަމާދުކުރޭ. ކުރިން ބުނި އެއީ މަރުކަޒުގަ ލޮކްޑައުންވެގެން ބޭޜަށް ނުގޮސް ތިބޭ ބައެކޭ. މިހާލަތުގަވެސް ވަކި ބަޔަކަށް ވަކި ގޮތެއް ހެދުން ރަނގަޅެއްނޫން.
ނަން
14 May 2020
ކޮންމެ ކަމަކުންވެސް ވައްކަން ކުރާ ބަޔަކު އުޅޭނެ.
ޔޫސޭ
14 May 2020
މިސްކިތްތަކުގަ ޖަމާޢަތް ހެދެންޖެހޭނެ. ތިޔައީ ލާދީނީ ސަރުކާރުގެ އެޖެންޑާ 19 ގެ ދަށުން ހިންގާ ޖަރީމާއެއް.
ހިޔާލު3
14 May 2020
ބަލިނެތް ރަށްރަށުގައި ނަމާދު ޖަމާއަތުގަކުރުމުގެ ހުއްދަ ދެއްވުން ރަގަޅުވާނެނޫންތޯ؟