17 މެއި 2020 - 18:51
ކ. ހިންމަފުށީގައި ހުންނަ ޑްރަގް ޓްރީޓްމަންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރަށް ކޮވިޑް-19 ފެތުރެން މެދުވެރިވި ކަމަށް ބެލެވޭ މީހާ އެ ތަނަށް ގެންދިޔައިރު، ރިހެބަށް މާލޭން މީހުން ގެންދިއުން ހުއްޓާލުމަށް ވާނީ އެދިފައި ކަމަަށް ހިންމަފުށީ ކައުންސިލުން މިއަދު ބުނެފި އެވެ.
އެކަމަކު، އެ މީހާ ރިހެބަށް ގެންދިއުމާ ހަަމައަށް ވެސް އެ އެދުމަށް ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިން އޭރު އިޖާބައެއް ނުދިން ކަމަށް ހިންމަފުށީ ކައުންސިލުން ބުނެ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ލަފާކުރާ ގޮތުގައި ރިހެބަށް ކޮވިޑް-19 ފެތުރުނީ މިދިޔަ މަހުގެ 13 ވަނަ ދުވަހު އެ ތަނަށް ފަރުވާއަށް ގެންދިޔަ ހަތަރު މީހުންގެ ތެރެއިން މީހެއްގެ ފަރާތުންނެވެ. ކޮވިޑް-19 އަށް ރިހެބުން ޕޮޒިޓިވްވި ތިން މީހުންގެ ތެރޭގައި އެ ހަތަރު މީހުންގެ ތެރެއިން އެކަކު ހިމެނެ އެވެ. އެ މީހާ މާލޭގައި އުޅުނުއިރު ދިޔަ ގެއެއްގެ ބިދޭސީއަކު ވަނީ އެ ބައްޔަށް ޕޮޒިޓިވް ވެފަ އެވެ.
Rehabah covid vanee enme fahun ethanah gendhiya meehehgge faraathun kamah belevey: NEOC
The most trusted news source in the Maldives
Mihaaru
ރިހެބަށް ކޮވިޑް ވަނީ އެންމެ ފަހުން އެތަނަށް ގެންދިޔަ މީހެއްގެ ފަރާތުން ކަމަށް ބެލެވޭ: އެޗްޕީއޭ
ފަރުވާ ހޯދަމުން އައި އަންހެނަކާއި ދެ ފިރިހެނަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވުމަކީ އެންޑީއޭގެ ވެސް ކަންބޮޑުވުމެކެވެ. އެ ތަނުން ބުނިގޮތުގައި މާލެ އިން އެ ބައްޔަށް މީހަކު ޕޮޒިޓިވްވުމުގެ ކުރިން، ރިހެބުން ފަރުވާ ހޯދާ މީހުންނާއި އެ މީހުންނާ ބައްދަލުވާ މުވައްޒަފުން އެ ސެންޓަރުން ވަދެ ނުކުތުން ވަނީ ހުއްޓާލައިފަ އެވެ. އެވަރުގެ ފިޔަވަޅުތަކެއް އަޅާފައި ވަނިކޮށް، އެ ސެންޓަރަށް ކޮވިޑް-19 ވަންގޮތެއް ނޭނގޭ ކަމަށް އެންޑީއޭ އިން ބުނެ އެވެ.
ހިންމަފުށީ ކައުންސިލްގެ ރައީސް ޝާން އިބްރާހީމް "މިހާރު" އަށް މިއަދު ވިދާޅުވީ، ރިހެބަށް ފަރުވާ އަށް ގެންދާ މީހުންގެ ފަރާތުން އެ ރަށަށް އެ ބަލި ފެތުރިދާނެ ކަމުގެ ބިރަށް، އެ ސެންޓަރަށް މީހުން ގެންދިއުން ވަގުތީ ގޮތުން ހުއްޓައިލުމަށް ކައުންސިލުން މިދިޔަ މަހުގެ ކުރީކޮޅު އެންޑީއޭގައި އެދިފައިވާނެ ކަމަށެވެ. ކުޑަދުވަސްކޮޅަކަށް ހުއްޓާލުމަށް ފަހު، އެޗްޕީއޭގެ ހުއްދަ ލިބުނީ ކަމަށް ބުނެ އަނެއްކާ ވެސް މީހުން ގެންދަން ފެށީ ކަމަށް ޝާން ވިދާޅުވި އެވެ.
ހިންމަފުށީ ކައުންސިލްގެ ރައީސް ޝާން: އެ ރަށުގައި ހުންނަ ރިހެބަށް ޑްރަގްގެ ފަރުވާ ހޯދަން ގެންދާ މީހުންގެ ފަރާތުން ބަލި ފެތުރިދާނެ ކަމުގެ އިންޒާރު މާ ކުރިން ދީފައިވާނެ ކަމަށް އޭނާ ވިދާޅުވޭ.---ފައިލް ފޮޓޯ: މިހާރު
ޕޮޒިޓިވްވި މީހުންގެ ތެރެއިން އެކަކު މިދިޔަ މަހުގެ 13 ވަނަ ދުވަހަށް އެ ސެންޓަރަށް ގެންދިޔައިރު ވެސް އެ މީހާގެ ފަރާތުން ބަލީގެ އަލާމާތްތައް ފެންނަ ކަމުގެ މައުލޫމާތު ކައުންސިލަށް ލިބިގެން އެ ކަމުގެ ކަންބޮޑުވުން އެންޑީއޭ އަށް ހުށަހެޅި ކަމަށް ޝާން ވިދާޅުވި އެވެ.
"މިދިޔަ މަހުގެ 11 ވަނަ ދުވަހު ނައިބު ރައީސް [ފައިސަލް ނަސީމް] އަށް ވެސް އެ މައްސަލަ ހުށަހެޅިން. ރިހެބަށް މި ގެންނަ މީހުންނަކީ މާލެތެރޭ އެކި ތަންތަނުން ގެންނަން މީހުން ކަމަށް ވާތީ ބަލި ފެތުރިދާނެ ކަމަށް އޭރު ވެސް އަޅުގަނޑުމެން ދެންނެވިން،" ޝާން ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ކަންބޮޑުވުންތަކަށް އެންޑީއޭ އިން ދިނީ ބީރު ކަންފަތެއް. ބުނީ އެޗްޕީއޭން ހުއްދަ ދީގެންނޭ މީހުން މި ގެންނަނީ. އަޅުގަނޑުމެންގެ އަޑު ނޭހީމާ މި ހިސާބަށް މިކަން މިދިޔައީ."
އޭނާ ވިދާޅުވި ގޮތުގައި، މިދިޔަ މަހުގެ ފަހުކޮޅުން ފެށިގެން ރިހެބް ލޮކްޑައުން ކޮށްފައިވާ ކަމަށް އެންޑީއޭ އިން ބުނި ނަމަވެސް އެ ތަނުގެ މުވައްޒަފުން ރަށު ތެރެއަށް ގޮސް އުޅުނެވެ. އެ ސެންޓަރުގައި މަސައްކަތް ކުރާ އެ ރަށުގެ ތިން މުވައްޒަފަކު، ރިހެބުން ޕޮޒިޓިވްވި މީހުންނާ ކޮންޓެކްޓްވި ވުމުން ކަރަންޓީން ކޮށްފައިވާ ކަމަށް ޝާން ވިދާޅުވި އެވެ. އެ މުވައްޒަފުންނަކީ ޑިއުޓީ އަށް ފަހު ގެއަށް ގޮސް އުޅުނު ބައެއް ކަމަށް ޝާން ވިދާޅުވެ އެވެ.
"އެހެންވީމާ ރަށު ތެރޭގައި ވެސް ބަލި އުޅެފާނެ ކަމުގެ ބިރު އެބައޮތް. ކަންކަން މިހެން ހުރުމުން އެކޮޅުން [ރިހެބް] ރަށު ތެރެއަށް ބަލި އައުމުގެ ފުރުސަތު ވެސް އަދި ރަށު ތެރެއިން އެ ތަނަށް ބަލި ދިއުމުގެ ފުރުސަތު ވެސް އެބައޮތް،" ޝާން ވިދާޅުވި އެވެ.
ރިހެބުން ތިން މީހަކު ޕޮޒިޓިވްވުމުން ހިންމަފުށިން މިއަދު އިތުރު 156 ސާމްޕަލް ވަނީ ނަގައިފަ އެވެ އޭގެ ތެރޭގައި ހިމެނެނީ ރިހެބުން 37 ސާމްޕަލް، އައްސޭރި ޖަލުން 37 ސާމްޕަލް، އިންޑަސްޓްރިއަލް ވިލެޖުން 45 ސާމްޕަލް، ރަށުތެރެއިން ރެންޑަމްކޮށް ނެގި 38 ސާމްޕަލެކެވެ. އެ ސާމްޕަލްތަކުގެ ނަތީޖާ އަދިއެއް ނުލިބެ އެވެ.
ރިހެބުން ތިން މީހަކު ޕޮޒިޓިވްވުމުން އެ ރަށް އެޗްޕީއޭ އިން ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުދަރެސް
19 May 2020
ހިއްމަފުއްޓަށް ގެސްޓުން އެރުވުން މަނާ ކުރީމަވެސް މަސް ކިރާ ބަނދަރުތަކުންވެސް މީހުން ވަގައް އަރުވަ އޭ ބުނޭ.ނާގާބިލް ކައުންސިލް.ސުކޫލެއް ހިންގާނުލެވުނު މީހަކަށް ކޮން ކައުންސިލެއް ހިންގޭނީ
އަހުމަދު މީމު
18 May 2020
އެެ އީ ބަލިމީހުންނޯ އެހެންވީމަ ކޮންމެރަށަކަށްވެސް ފޮނުވާނެ ބަލަދު އަރާފަ ތިބި ބައެއްނު
ވާލް
18 May 2020
މިހާލަތުގަވެސް ސިޔާސީ ވެރިންގެ ވިސްނުންވަނީ އަމިއްލަ އެދުމުން ފޯވެފަ. ބަލާނީ ކޮންވެމެސް އެއްޗެއް ބުނެގެން ތިމާގެ ސަޕޯޓަރުން ގިނަވުން. ރައްޔިތެއްދެކެ ކިރިޔާވެސް ކުލުނެއް ހުރެއްޖެ ކަމަށް ވަނީނަމަ ތި އެންމެން އެކައްޗެއްކިޔާފަ މިކަމުން އަރައިގަންނަން މަސަތްކަތް ކުރުން މާ ހެޔޮކަން ބޮޑު
ކޭބީ
18 May 2020
ކީއްވެބާ ރަށަށް އަރައިގެން ދާންފެށީމަ ނުބޭލީ.
ޙަނާތޔ
18 May 2020
ނެޝަނަލް ޑްރަގް އޭޖަންސީ އަކީ ފެއިލްވެފައިވާ މުއައްސަސާއެއް
ދޮންމަނިކުބެ
18 May 2020
މިފެނުނީ ކަމުގައި އެންމެ އިސްކޮށް މަސައްކަތް ކުރަންތިބި ބަޔަކު އެހެންބައެއްގެ އަޑު ނޭހުމުގެ ހިތި ނަތީޖާ. ތިމާމެންނަށް ވުރެން ދަށުގައި ތިބޭ ބަޔަކަށް ވެސް ނޫނީ ރާއްޖެތެރޭގައި އުޅޭ ކުރިން ބަޔަކު ދުއްފަދަ ފަސްކުޅަނދު ހަމަނުވާ މީހަކުވެސް، ބަޔަކުވެސް ނޫނީ ނުކިޔަވައިހުރި މީހަކުވެސް ރަނގަޅު ވާހަކައެއް ބުނެފިއްޔާ ޤަބޫލުކުރުމަކީ ރީތި މާތް ސިފައެއް
998755
17 May 2020
ތިތާ ތިބި ޕާޓޭ ބޭކަލުން އަދި ޕާޓޭ ކަނބަލުން އަވަހަށް ޓެސްޓް ކުރައްވާ.
ާއައްޔަ
17 May 2020
ޢެތާނގެ ގާޑުން ވަގަށް ރަށުތެރެޔަށް ދާންހެދީމަ ވާނީވެސް މިހެން. (އެތަނުގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން ހިންމަފުށްޓަށް ނިސްބަތްވާ ބައެއް މުވައްޒަފުން ވަގަށް ރަށު ތެރެއަށް ނިކުމެ އުޅޭކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އެއީ ކޮންބައެއްކަން ހޯދިފައިވާ ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ)
ބަބުރަންޖީ ހާޖީ
17 May 2020
ދެން އެކަކަުއަނެކަކު ދައްކާވާހަކައެއް ނޭންގޭނެ.
ސްކިޕަރ
17 May 2020
މިއީ ކައުންސިލް ވިމާ ވީގޮތެއް ނޫން. ދައުލަތުގެ އެހެނިހެން މުއައްސަސާތަކުގެ ހާލަތުވެސް ހުންނަނީ ހަމަ މިގޮތަށް. ކޮވިޑް އައިފަހުން ކަމަކަށްފަހު ކަމެއް ފަޅާއަރަމުން މިދަނީ.