02 ޖޫން 2020 - 09:00
އުމުރުން 13 އަހަރުގެ ކުއްޖަކު ހަތަރު އެސޯސިއޭޓް ޑިގްރީ ހާސިލުކުރުމަކީ ހަމަ އާދައިގެ ކަމަކަށް ނުވާނެ އެވެ. އެމެރިކާގެ ކެލިފޯނިއާގެ ފުލާޓަން ކޮލެޖުން ވެސް ބުނަނީ އެހެންނެވެ. މިއީ އެތަނުގެ 107 އަހަރުވީ ތާރީހުގައި ވެސް އެހާ ހަގު ދަރިވަރަކު ހަތަރު ދާއިރާއަކުން އެސޯސިއޭޓް ޑިގްރީއާ އެކު ގްރެޖްއޭޓްވި ފުރަތަމަ ފަހަރެވެ.
މި ޝަރަފުވެރި ސެޓްފިކެޓާއި ތޮފި 13 އަހަރުގެ ޖެކް ރިކޯ ހާސިލުކުރީ ކުރިން ވަރަށް ކުލަގަދަކޮށް ބާއްވަން ނިންމި ގްރެޖްއޭޝަން ހަފުލާ ކޮރޯނާވައިރަހުގެ ސަބަބުން ކެންސަލްކޮށް ވަކިވަކިން ގްރެޖްއޭޝަން ސެޓްފިކެޓް ހަވާލުކުރަން މިދިޔަ ހަފުތާގެ ތެރޭގައި ބޭއްވި ހަރަކާތުގެ ތެރޭގަ އެވެ. ނަމަވެސް އާއިލާ އާއި ރައްޓެހިން ވަނީ ރިކޯ ހޯދި ކާމިޔާބީ ފާހަގަކޮށްފަ އެވެ.
އޭނާ ޑިގްރީތައް ހާސިލުކުރީ ހިސްޓްރީ އާއި ހިއުމަން އެކްސްޕްރެޝަނާއި ސޯޝަލް ބިހެވިއާގެ އިތުރުން ސޯޝަލް ސައިންސްގެ ދާއިރާއިންނެވެ.
Thank you to @BigBoy BigBoy we get to hear Jack recite all the presidents! Enjoy @Real923LA https://t.co/XJSQ5xK5Wy
— Fullerton College (@FullColl) May 28, 2020
އެ ހަތަރު ދާއިރާ އިން ކިޔެވުމަށް މޮޅު ކުއްޖާ އެސޯސިއޭޓް ޑީގްރީ ހާސިލުކުރީ ދެ އަހަރު ދުވަހުގެ މަސައްކަތުންނެވެ. އެކަމާ ރިކޯ އާއި އޭނާގެ އާއިލާ ތިބީ ވަރަށް އުފަލުންނެވެ. ދަރިފުޅާ މެދު އާއިލާ އިން ފަހުރުވެރިވެ އެވެ.
We were excited to join Jack Rico and his family tonight in celebrating this momentous occasion. Congrats Jack! #fullertoncollege #fcgrads2020shine pic.twitter.com/y1IslaSZTA
— Fullerton College (@FullColl) May 28, 2020
ރިކޯ ދިން އިންޓަވިއުއެއްގައި ބުނީ އޭނާ އަކީ އަބަދު ވެސް ކިޔެވުމަށް ހާއްސަ ލޯތްބަކާއި ޝައުގުރިކަމެއް ދޭ ކުއްޖެއް ކަމަށެވެ.
"ހާއްސަކޮށް އާ ކަންކަމާ ބެހޭ ގޮތުން މައުލޫމާތު ހޯދައި ދިރާސާކުރުމަކީ ވަރަށް ކުރާ ހިތްވާ ކަމެއް،" ރިކޯ ބުންޏެވެ. "ކިޔެވުމަކީ އަހަރެންގެ ދުނިޔެ. އަދި އަހަރެން އެންމެ އުފާވާ ކަންތައް."
This 13-year-old from California just graduated with four associate degrees, becoming the youngest ever to graduate from Fullerton College. Despite his early success, he's aiming for more https://t.co/191fmQmCyT pic.twitter.com/oV9KEPpUMZ
— CBS News (@CBSNews) May 29, 2020
ރިކޯ ބެހޭ ގޮތުން ފުލާޓަން ކޮލެޖްގެ ރައީސް ގްރެގް ޝުލްޒް ވިދާޅުވީ އެ ކޮލެޖްގެ 21،000 ދަރިވަރުންގެ ތެރެއިން ރިކޯ އަކީ ވިދުން ގަދަ ދަރިވަރެއް ކަމަށެވެ. އަދި ކޮލެޖާ އޭނާ ގުޅުނީއްސުރެ ތަފާތު ނަތީޖާއެއް ދައްކަމުން ދިޔަ ކަމަށް ވިދާޅުވި އެވެ.
"ރިކޯ ސާބިތުކޮށް ދިނީ އުމުރުން ކިތަންމެ ހަގަސް، ޝައުގާއި ލޯތްބާ އެކު ކުރާ ކަމަކުން ނަތީޖާ ނެރުމަކީ އުނދަގޫ ކަމެއް ނޫންކަން،" އޭނާ ވިދާޅުވި އެވެ. "މި ކޮލެޖްގައި ކިޔެވި ދަރިވަރެއްގެ ހައިސިއްޔަތުން އަހަރެމެން ރިކޯއާ މެދު ފަހުރުވެރިވަން. އެއީ އަހަރެމެންގެ ކޮލެޖްގެ ތާރީހުގެ ހާއްސަ ސޮފުހާއެއް."
Thank you to @NBCLA for featuring our youngest grad! "Remember his name, Jack Rico. He's going to do big things in the future." https://t.co/mdYyxClgVP
— Fullerton College (@FullColl) May 27, 2020
ރިކޯ ބުނިގޮތުގައި އޭނާ އަށް މިހާ ބޮޑު ކާމިޔާބީއެއް ހޯދުމުގެ އެއް ސިއްރަކީ ވަގުތު މެނޭޖްކޮށް، ކިޔަވައިދިން އިންސްޓްރަކްޓަރުންގެ ވާހަކަތައް ކަނުލައި އަޑުއެހުމެވެ.
ދަރިފުޅު ހޯދި އާދަޔާހިލާފު ކާމިޔާބީއާ ބެހޭ ގޮތުން ރިކޯގެ މަންމަ ރޫ އެންޑްރާޑޭ ބުނީ ދަރިފުޅު ވަރަށް ކުޑައިރު އިރު، އާދަޔާހިލާފުކަމެއް ހުރިކަން ފާހަގަވާން ފެށި ކަމަށެވެ. އަދި އެ އުމުރުގެ އެހެން ކުދިންނާ ހިލާފަށް ކުޅިވަރު ކުޅުމާއި ސަކަރާތް ޖެހުން ފަދަ ކަންކަމަށް ވުރެ ބޮޑަށް ރިކޯގެ ޝައުގުވެރިކަން ހުރީ ބޮޑެތި ކަންކަމަށް ބުންޏެވެ.
"އޭނާގެ ހަތަރު ވަނަ އުފަން ދުވަހު ހަދިޔާއަކަށް ބޭނުމީ ކޯޗެއްތީ އެހީމަ އެ ދުވަސް ބުނަނީ ބޭނުން ވަނީ ވައިޓް ހައުސް ބަލައިލަން ދާށޭ. ދެން އަހަރެމެން ބުނަން ވެސް ބުނިން ތިއީ އެންމެ ހަތަރުވީ ކުއްޖަކަށް މާ ބޮޑު ކަމެކޭ،" ރޫ ބުންޏެވެ. "އަބަދު ވެސް ރިކޯ ކަންކަމާ ދޭތެރޭ ވަރަށް ފުންކޮށް ވިސްނާނެ. އަދި ވަރަށް ގިނައިން ފޮތް ކިޔައި ހަދާނެ. ދެން ބޮޑުވަމުން ދިޔަ ވަރަށް ދަރިފުޅުގެ ތޫނުފިލިކަން ދިޔައީ އިތުރަށް ފާހަގަވަމުން."
އަދި ކިރިޔާ ޕްރައިމަރީ ލެވެލް ނިންމައިލާ އުމުރަށް އެޅި އިރު، ރިކޯ ހަތަރު އެސޯސިއޭޓް ޑިގްރީ ހާސިލުކުރަން ފެށި ދަތުރަކީ ވެސް އާދަޔާހިލާފު ކަމެކެވެ. އޭނާ ދުވަހަކު ވެސް ސްކޫލަކަށް ނުދެ އެވެ. ރިކޯ އަށް އޭނާގެ މައިންބަފައިން ކިޔަވައި ދިނީ ގޭގަ އެވެ. ފުލާޓަން ކޮލެޖުން އެޑްމިޝަން ލިބުނީ ދެއްކި ހައިރާންކުރުނަވި ނަތީޖާއިންނެވެ. އެތަނަށް ވަންނަން ހެދި އިމްތިހާނުން އޭނާ އޭ ޕްލަސް ހޯދައި ރަން ތަރިން ނަތީޖާ ވިދުވައިލީ އެވެ.
ރިކޯ އަށް ފުލާޓަން ކޮލެޖްގެ ދައުރު ނިމުނީ އެވެ. ކިޔެވުމުގެ މަރުހަލާން ދެެން އޮތީ ކިހިނެއް ހެއްޔެވެ؟
ރިކޯ ދެން މިސްރާބު ޖަހާނީ ނެވާޑާ ޔުނިވަސިޓީއަށެވެ. އެތަނުގައި އޭނާ ހާއްސަވާނީ ހިސްޓްރީންނެވެ. އެކަމަކު މި ޑިގްރީތައް ހާސިލުކުރުމަށް ފަހު ވެސް، ބޮޑުވެގެން ކުރާނެ ކަމެއް ރިކޯ އަދި ނުނިންމަ އެވެ.
"އަދިވެސް އެކަމާ ވިސްނަނީ. ބޭނުން ވަނީ އަދިވެސް ޝައުގުވެރިކަން ހުރީ ކޮން ކަަހަލަ ކަންކަމަކަށްތޯ އެކްސްޕްލޯކުރަން." އޭނާ ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy