މުނިފޫހިފިލުވުން / ބޮލީވުޑް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

އަނުޝްކާ.

ބަތަލާ އަނުޝްކާ ޝަރުމާ އާއި ނެޓްފްލިކްސް ގުޅިގެން ގެނެސްދޭ ފިލްމު "ބުލްބުލް" ގެ ޓްރެއިލާ ދައްކާލައިފި އެވެ.

ސިއްރުން ފުރިގެންވާ ބިރުވެރި ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް ހަދާފައިވާ މި ފިލްމު ޑައިރެކްޓްކޮށްފައި ވަނީ އަންވިތާ ދަތެވެ. ނެޓްފްލިކްސް އިން "ބުލްބުލް" ސްޓްރީމްކުރަން ފަށާނީ މި މަހުގެ 24 ގަ އެވެ.

މީގެ ކާސްޓުންނަކީ އަވިނާޝް ތިވާރީ އާއި ޕައޯލީ ޑާމް އާއި ރާހުލް ބޯސް އާއި ތުރިޕްތީ ދިމްރީގެ އިތުރުން 2018 ގައި އަނުޝްކާ ޕްރޮޑިއުސްކޮށް، ކުޅުނު ބިރުވެރި ފިލްމު "ޕަރީ" ގެ ބަތަލު ޕަރަމްބްރަޓާ ޗެޓަޖީ އެވެ.

"ބުލްބުލް" އަކީ އަނުޝްކާ އާއި އޭނާގެ ކޮއްކޮ ކަރްނޭޝް ޝަރުމާގެ ފިލްމު ކުންފުނި ކްލީން ސްލޭޓް ފިލްމްސް ނެޓްފްލިކްސްއާ ގުޅިގެން ގެނެސްދޭ ފުރަތަމަ އުފެއްދުމެވެ.

އެމެޒޯނުން އެ ދެ މީހުން ގެނެސްދިން "ޕާޓަލް ލޯކް" އަށް އާންމުންގެ ފަރާތުން ލިބުނު ބޮޑު ތަރުހީބާ ގުޅިގެން އޭގެ ދެވަނަ ސީޒަނެއް ވެސް ހަދަން ވަނީ ހަމަޖެހިފަ އެވެ.

ރަންދީޕްގެ "މަރުދު" ލަކްނޫ އަށް

އެކްޓަރު ރަންދީޕް ހޫޑާ ސޮއިކޮށްފައިވާ ފިލްމުތަކުގެ ތެރޭގައި ހިމެނޭ "މަރުދު" ލަކްނޫގައި ޝޫޓްކުރާ ގޮތަށް ނިންމައިފި އެވެ.

އެ ފިލްމުގެ ޕްރޮޑިއުސަރު ރާހުލް މިތުރާ ބުނީ އިންޑިއާގައި ފިލްމު ޝޫޓިންތައް ފެށުމުގެ ހުއްދަ ލިބުމާ އެކު، ޝޫޓިން ކުރިއަށް ގެންދަން ރާވާފައިވާތީ އެކަމާ ގުޅޭ ގޮތުން ލަކްނޫ އޮންނަ އުއްތަރު ޕްރަދޭޝްގެ ފިލްމު ޑިވެލޮޕްމަންޓް ކައުންސިލާ އެކު މިހާރު ޝޫޓިންއާ ބެހޭ ގޮތުން މަޝްވަރާތައް ކުރަމުން އަންނަ ކަމަށެވެ.

ސާއި ކަބީރު ޑައިރެކްޓްކުރާ "މަރުދު" ގެ ޓީމުން ލަފާކޮށްފައި އޮތީ އޮގަސްޓް މަހުގެ ތެރޭގައި ޝޫޓިން ފަށާށެވެ.

މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި އިއުލާންކުރި މި ފިލްމަކީ ކުރިން މި އަހަރު ސިނަމާތަކަށް ގެނެސްދޭން ޕްލޭންކުރި ފިލްމެކެވެ.

އަޖޭ އެކްޝަން ޑައިރެކްޓަރަކަށް

އަޖޭ ދޭވްގަން އެކްޝަން ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތްކުރުމަކީ އޭނާގެ ބައްޕަ ވީރޫ ދޭވްގަންގެ ފިޔަވަޅު މަތިން ދިއުމެވެ. މިދިޔަ އަހަރު މަރުވި ވީރޫ އަކީ ބޮލީވުޑްގެ ވަރަށް ގިނަ ފިލްމުތަކެއް އެކްޝަން ޑިޒައިންކުރި ކުޅަދާނަ ފަންނާނެކެވެ.

ރިޕޯޓްތައް ބުނާގޮތުން ޑިޒްނީ+ހޮޓްސްޓާ އިން ޑިޖިޓަލްކޮށް ޕްރިމިއާކުރާނެ ކަމަށް ބުނާ އަޖޭގެ ފިލްމު "ބޫޖް: ދަ ޕްރައިޑް އޮފް އިންޑިއާ" ގެ އެކްޝަން ޑައިރެކްޓަރެއްގެ ގޮތުގައި އަޖޭ ވަނީ މަސައްކަތްކޮށްފަ އެވެ. މި ފިލްމަކީ އިންޑިއާ އާއި ޕާކިސްތާނާ ދެމެދު 1971 ގައި ކުރި ހަނގުރާމައިގެ ވާހަކައެއް ކިޔައިދޭ ފިލްމެކެވެ.

އަބީޝެކް ދުދައްޔާ ޑައިރެކްޓްކުރާ ފިލްމުގެ ކާސްޓުންގެ ތެރޭގައި ސަންޖޭ ދަތާއި ސޮނާކްޝީ ސިންހާ އާއި ނޯރާ ފަތެހީ ވެސް ހިމެނެ އެވެ.

ވާޖިދަށް ކިޑްނީ ހަދިޔާކުރީ ފަހަރި

ކިޑްނީ އިންފެކްޝަނެއް އުފެދިގެން މި މަހުގެ އެއް ވަނަ ދުވަހު ހާޓްއެޓޭކެއް ޖެހިގެން މަރުވި ބޮލީވުޑްގެ މިއުޒިކް ޑައިރެކްޓަރު/ލަވަކިޔުންތެރިޔާ ވާޖިދު ޚާންގެ ކިޑްނީ ޓްރާންސްޕްލާޓް ހަދަން ކިޑްނީ ހަދިޔާކުރީ އޭނާގެ ފަހަރި ލުބްނާ ކަމަށް ޑައިރެކްޓަރު ރޫމީ ޖެފްރީ ބުނެފި އެވެ.

ލުބްނާ އަކީ ވާޖިދުގެ ބޭބެ ސާޖިދުގެ އަންހެނުންނެވެ. ސާޖިދާއި ވާޖިދަކީ އެކީގައި މިއުޒިކް ޑައިރެކްޓަރުންގެ ގޮތުގައި މަސައްކަތްކުރަމުން ދިޔަ ފަންނާނެވެ. ރޫމީ ބުނީ އޭނާގެ 2008 ގެ ފިލްމު "ގޯޑް ތުސީ ގްރޭޓް ހޯ" އަށް މިއުޒިކް ހަދައިދިން ސާޖިދާއި ވާޖިދަކީ ވަރަށް ގާތް ދެ މީހުން ކަމަށާއި ލުބްނާ އަކީ ވާޖިދަށް މަންމައެއް ކަހަލަ ފަހަރިއެއް ކަމަށެވެ.

ރޫމީ ބުނިގޮތުގައި ވާޖިދަށް ލުބުނާ ކިޑްނީ ހަދިޔާކުރީ ވާޖިދަށް ނާންގައި ސިއްރުންނެވެ. އަދި އެކަން އެގޮތަށް ކުރީ ބައިގައި އެނގިއްޖެ ނަމަ ވާޖިދު އެކަމާ ގަބޫލުނުވާނެތީ ކަމަށް ވެސް ބުންޏެވެ.

ކިޑްނީގެ ބައްޔަށް ފަރުވާ ހޯދަމުން ދަނިކޮށް، އިންފެކްޝަނެއް އުފެދި ވާޖިދު މަރުވި އިރު، ކޮވިޑް-19އަށް ޕޮޒިޓިވް ވެސް ވެފައިވެ އެވެ.

0 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 75%
icon angry icon angry 25%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454