ެރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި، ނަޝީދު ވާހަކަފުޅު ދައްކަވަނީ. އެމަނިކުފާނު ވިދާޅުވީ ވެރިކަން ވައްޓައިލީ ރިޕޯޓް އާއްމުކުރަން އޮތް ދުވަހު ކަމަށް.---ފޮޓޯ: މަޖިލިސް
24 ޖޫން 2020 - 14:07
ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސްް މުހައްމަދު ނަޝީދުގެ ވެރިކަން 2012 ވަނަ އަހަރު "ވައްޓައިލީ" ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމުގެ ވެރިކަމުގައި އެސްޓީއޯ މެދުވެރިކޮށް ތެލުގެ ވަގު ވިޔަފާރިއެއް ކުރި ކަމަށް ތުހުމަތުކުރާ މައްސަލަ (މޯކޮމް މައްސަލައިގެ) ރިޕޯޓް އާއްމުކުރަން އޮތް ދުވަހު ކަމަށް ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ނަޝީދު މިހެން ވިދާޅުވީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މާފަންނު ހުޅަނގު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ފަލާހު ހުށަހެޅުއްވި މައްސަލައިގަ އެވެ. ތެލުގެ ވިޔަފާރިއާ ބެހޭ ތަހުގީގު ރިޕޯޓު ކުރީގެ ރައީސް މުހައްމަދު ވަހީދު "ބައްލަވައިގެންނެވީ" ދައުލަތުގެ ފައިސާ އިން ކަމަށާއި އެއަށް ފަހު އެ ރިޕޯޓް ފޮރުއްވަވާފައިވާ ކަމަށް ތުހުމަތުކުރައްވައި، މައްސަލައިގައި ގޮވާލާފައި ވަނީ ރިޕޯޓް މަޖިލީހަށް ހޯދުމަށެވެ.
ފަލާހު އެ މައްސަލަ މަޖިލީހަށް ބަލައިގަތުމާ މެދު ވޯޓަށް އެހުމަށް، ރަނގަބީލު ޖެހުމަށް ފަހު ވޯޓަށް އެހުމާ ދެމެދު ދެެއްކެވި ވާހަކަފުޅުގައި ނަޝީދު ވިދާޅުވީ ތެލުގެ ވިޔަފާރީގެ މައްސަލަ ބަލަން ގްރާންޓް ތޯންޓަން އިންޓަނޭޝަނަލްއާ އެ މަނިކުފާނުގެ ސަރުކާރުން ހަވާލުކުރީ ހިލޭސާބަހަށް އެ މަސައްކަތްކުރާ ގޮތަށް ކަމަށެވެ. އެކަމަކު އެ މައްސަލަ އެއްވެސް ސަބަބަކާ ހުރެ ހުއްޓާލާ ނަމަ 10 މިލިޔަން ޑޮލަރު ދޭ ގޮތަށް އެ މަަސައްކަތުގެ އެއްބަސްވުމުގައި ހިމެނި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"މިކުންފުންޏާ އެކުގައި އެ އެއްބަސްވުން ހެދުނު އިރުގައި އަޅުގަނޑުގެ ހިތަށްް ވަން ކާކުބާއޭ މި ހުއްްޓައިލަން މިއުޅެނީ، ހުއްޓައިލައިފިއްޔާ 10 މިލިޔަން ޑޮލަރު ދޭނެ ވާހަކަ މީގައި އަޅަމުން މިދިޔައީ،" ހިފުޅުވަޑުވައިލެއްވުމަކާ އެކު ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ އެ ތަހުގީގުކުރަން ގްރާންޓް ތޯންޓަންއާ ހަވާލުކުރީ 800 މިލިޔަން ޑޮލަރުގެ ތެލުގެ ވަގު ވިޔަފާރިއެއް ކުރިކަމަށް ތުހުމަތު ކުރެވޭތީ ކަަމަށެވެ. އެގޮތަށް ތުހުމަތު ކުރެވުނީ ރާއްޖެއަށް އެތެރެކުރާ ތެލަށް ވުރެ ރާއްޖެއިން ބޭރުކުރާ ތެޔޮ ގިނަ ކަމަށް ތަފާސް ހިސާބުތަކުން ދެއްކުމުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"އެކަން ބެލުމަށް އޭރުގެ ސަރުކާރުން ކޮންޓްރެކްޓް ކުރެވި އެ މަސައްކަތް ހިންގުނީ. ހަގީގަތުގައި ހަތެއް ފެބްރުއަރީ ވަނަ ދުވަހަކީ އެ ރިޕޯޓް ނެރެން އޮތް ދުވަސް،" ނަޝީދު ވިދާޅުވި އެވެ.
ތެލުގެ ވަގު ވިޔަފާރިކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގެ ރިޕޯޓް ކުރީގެ ރައީސް ވަހީދު ފޮރުއްވަވާފައިވާ ކަމަށް ތުހުމަތުކޮށް މިއަދު ހުށަހެޅި މައްސަލައިގައި މަޖިލީހުގެ ކޮމިޓީއަކަށް ހާޒިރުކުރަން މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮންނަ އެމްޑީޕީގެ މެމްބަރުން ގޮވައިލެއްވި އެވެ.
އެގޮތުން ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް ވިދާޅުވީ އެ ރިޕޯޓް ހޯދަން ޖެހޭ ކަމަށާއި ރިޕޯޓު ފޮރުވަން ދައުލަތުން ފައިސާ ހަރަދުކޮށްފައިވާ އިރު އެ ފައިސާ ހަރަދުކުރުމުގައި ބައިވެރިވި ބަޔަކު ވެސް ހޯދަންޖެހޭ ކަމަށެވެ.
ކުރީގެ ރައީސް މައުމޫނާއި އެ މަނިކުފާނުގެ ކޮއްކޯފުޅު އަދި މަނީލޯންޑަރިންގެ ކުށް ސާބިތުވެ މިދިޔަ ނޮވެމްބަރު މަހު ކޮޅުން ފެށިގެން ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން، އެސްޓީއޯ ސިންގަޕޫރު ކުންފުނި މެދުވެރިކޮށް 800 މިލިއަން ޑޮލަރުގެ ތެލުގެ ވަގު ވިޔަފާރިކުރި ކަމަށް ބުނެ ތަހުގީގުކުރުމަށް ގްރާންޓް ތޯންޓަން ނަމަކަށް ކިޔާ ކުންފުންޏަކާ ހަވާލުކުރީ ނަޝީދުގެ ވެރިކަމުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގުރާ
25 June 2020
ތެޔޮރިޕޯޓު، ހަރުކަށި ފިކުރު، ޑރ. އަފްރާޝީމުގެ މަރު، ރިޟްވާނުގެ މަރު، މިކަންކަމަކީ ސިޔާސީ ހަތިޔާރުގެ ގޮތުގަ ބޭނުންކުރެވޭ ކަންކަން. ތެޔޮ މައްސަލައިގެ ހަގީގަތެއް އޮތަސް ނެތަސް އެކަން ކުރުމުގަ އިޚްލާސްތެރިކަމެއް ނެތް.
ހައްގުބަސް
24 June 2020
ތިމަސްސަލަ ބަލަން ވެގެން ދިޔަ ހަފަދު މާބޯޑު. ޖީބައް ވަންއެއްޗެހި ވާހަކަ ދައެއްކުން މިހާރު މާރަގަޅުވާނެ.
ފެންސު
24 June 2020
" އެއްވެސް ސަބަބަކާ ހުރެ ހުއްޓާލާ ނަ މަ 10 މިލިޔަން ޑޮލަރު ދޭ ގޮތަށް " އެހެންވީ މާ އަ މިއްލަޔަށް މަސައްކަތް ހުއްޓާލިޔަސް 10 މިލިޔަން ދޭން ޖެހޭނެތާ. ކަލޯ ފައްކާ އެއްބަސްވު މެއް އިނގޭ. ނެތްތަ ތިބާވަތުގެ އެއްބަސްވު މެއް އަހަންނާއެކު ހަދާލާނެ ގަ މާރެއް؟
ފޮޅިނަސީދު
24 June 2020
ތެޔޮރިޕޯޓު ނެރެން އެ ޖީބައްލައިގެން ގޮސް އެމްއެންޑީއެެފް ތެރޭގަ ތެޅެނިކޮށް ވެރިކަން ވެއްޓުނީ
އައްޔުބެ
24 June 2020
ތިޔަގޮތަށް މަމިބުނަނީ 7 ފެބްރުއަރީއަކީ އަހަރެން ހަނދަށް ދާންއޮތްދުވަސް. ހަނދަށް ނުދެވުނީ ވެރިކަމުން މަނިކުފާނު ފޭބުމުން. 8 ފެބްރުއަރީގައި މަށަށް މާސްއަށް ނުދެވުނީ މަނިކުފާނުގެ ޕާޓީމީހުން ރާއްޖޭގައި މުޒާހަރާކޮށް ތަންތަނުގައި ހުޅުޖަހާތީ ގަތްބިރެއްގެ ބޮޑުކަމުން.
ެެސސސފފދ
24 June 2020
ހަމަ ވެރިކަމުން ފައިބަން ޖެހުނު ހިތި ގޮތް ހިތުން ނުފިލައިގެން ތިއުޅެނީ ތީކީ މިހާރު މިގައުމުގަ ސަޕޯޓެއް އޮތް މީހެއް ނޫން! ތިޔައުޅެނީ ސޯލިހުގެ ފަހުން ވެރިކަމަށް އެމްޑީޕީން އަންނަން ފައިނަގަންވެގެން! ނުވާނެ ތިކަމެއް އެމްޑީޕީ މީހުން ވެސް ނުނަގާނެ ތިޔަކަހަލަ ސޭކު ވާހަކަ ދައްކާ މީހެއް!
ޕަންޕު
24 June 2020
މިއޮތް ހާދުވަހު ރިޕޯޓު ވާހަކަ ނައިސް ކުއްލިއަކަށް ރިޕޯޓު ވާހަކަ ދައްކަންޖެހުނީ ކޮންސަބަބަކާހުރެބާ
ފަހުދު
24 June 2020
ވެރިކަން ވެއްޓުނީ ވެރިކަން ވެއްޓެން އޮތްދުވަހު. ތެޔޮރިޕޯޓު ނެރޭނީ ތެޔޮރިޕޯޓް ނެރެންއޮތް ދުވަހު. ކޮންމެކަމެއްވެސް ހިނގަމުން ދާނީ އެކަމެއް އިރާދަކުރެއްވި ވަގުތެއް އައުމުން އިރާދަކުރެއްވި ގޮތަކައް
ކާޅުގެ ގޮވުން
24 June 2020
ރައީސް ނަޝީދުގެ ވެރިކަމުގައި ބޮޑު މާސިންގާ ރިޔާސީ ކޮމިޝަނަކާއި ބޮޑު މާސިންގާ ބޭރުގެ އޯޑިޓް ފާމެއް ލައްވާ އެތައް އަހަރެއް ވަންދެން ބޮޑު ތަޙްޤީޤެއް ހިންގިއެވެ. ގާއިމު އެހުރިހާ ކަމެއް ކުރުމަށް ވަރަށް ބައިވަރު ޚަރަދުތަކެއް ކުރެވިފައި ހުންނާނެއެވެ. އެޚަރަދުތައް ރައްޔިތުންނަށް ހާމަކޮށްދިނުމަކީވެސް މިވަގުތު ވަރަށް މުހިންމު ކަމެކެވެ. އަދި އެހާ ދުވަސްވީއިރުވެސް ރިޕޯޓެއް ނުނެރެވުނީ ކީއްވެގެންތޯ މަޖްލީހުން ބަލަންޖެހޭ
ސަމީ
24 June 2020
ވެރިކަން ކުރަން ނޭންގިގެން އަދި ހަ މަ ފިނޑިކަ މުން ދޫ ކޮށް ފިލީ ބިރުން ލަފު ކުޑަ