ފައްޔާޒް މިދިޔަ ބުދަ ދުވަހު "މިހާރު" އަށް އިންޓަވިއު ދެއްވަނީ -- ފޮޓޯ: އަހުމަދު އައުޝަން
28 ޖޫން 2020 - 08:05
ތިރީސް އަހަރަށް ވުރެ ގިނަ ދުވަސްވީ މި މައްސަލަ، މި ސަރުކާރަށް ކާމިޔާބު ކުރެވިދާނެބާ އެވެ؟ އޭގެ ޖަވާބަކީ މި އެވެ؛
"އޯވަ ނައިޓަކުން ނުވާނެ. އެކަމަކު ތިކަމުގައި އަޅުގަނޑުމެން ކުރި ހޯދައި ވަރަށް ބޮޑު ހައްލެއް ގެންނާނަން،" ހައްލު ނުވެ އޮތް ބިދޭސީންގެ މައްސަލައާ ބެހޭ ގޮތުން، ބިދޭސީންގެ ކަންކަން ބެލެހެއްޓުމާ އެންމެ އިސްކޮށް ހުންނެވި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ބުދަ ދުވަހު "މިހާރު" އަށް ވިދާޅުވި އެވެ.
އެކަަމަކު، ކޮންމެ ސަރުކާރެއް އައުމަށް ފަހު ވެސް، ހަމަ މިގޮތަށް ވާހަކަތައް ދައްކަ އެވެ. ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން އަތުލައިގަތުމުގެ އެކިއެކި އޮޕަރޭޝަންތައް ވެސް ހިންގައި، ވަކި ހިސާބަކުން އެކަން ހުއްޓެ އެވެ. ބިދޭސީންގެ މައްސަލަ އެއީ ކޮންމެ ސަރުކާރެއްގެ ވެސް އެންމެ ކުރީ ސަފުގައި ހިމަނާ މައްސަލައަކަށް ވެސް ވެ އެވެ. އެކަމަކު ސަރުކާރުތައް ނިމޭއިރު އާޚިރުގައި މައްސަލަ ހައްލު ނުވެ، ނަތީޖާ އޮންނަނީ އިހަށް ވުރެ ވެސް ގޯސް ވެފަ އެވެ.
"މިކަމުގައި ހެޔޮ ނިޔަތަކައިގެން އަޅުގަނޑުމެން މި އުޅެނީ. އެހެން ނޫން ނަމަ ކީއްކުރަންތޯ ބިދޭސީންގެ މޮރިޓޯރިއަމެއް އަޅުގަނޑުމެން ގެންނަންވީ. ހަމަ އެހެން ސަރުކާރުތަކެކޭ އެއްގޮތަށް މީގެ ކޮރަޕްޝަންގައި ޖެހިގެން ތިބެންވީ ނޫންތޯ،" މިނިސްޓަރު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ދެއްތޯ މިވަރަށް ވެސް މިހާތަނަށް މި މައްސަލާގައި މަސައްކަތެއް ކުރީ. މީހަކު ބުނެގެނެއް ނޫން މޮރިޓޯރިއަމް ގެނައީ ވެސް. ހަމަ ސީދާ އަޅުގަނޑު."
ބިދޭސީންގެ މައްސަލަ ހައްލު ނުވެ، މިނިސްޓަރުގެ އިސްތިއުފާ އަށް ގޮވައި ސަރުކާރުގެ އިސްތިއުފާ އަށް ވެސް އާންމުން ދަނީ ގޮވަމުންނެވެ. އެކަމަކު ފައްޔާޒު ވިދާޅުވީ، މިއީ ފަސޭހައިން، އެއް ދުވަހުން ހައްލު ކުރެވޭ ވަރަށް ވުރެ ބޮޑު މައްސަލައެއް ކަމެވެ. އޭގެ ތެރޭގައި، ހަމަ ހަގީގަތުގައި ވެސް ގަބޫލު ކުރެވޭ ވަރުގެ އުޒުރުތަކެއް ސަރުކާރުން ދައްކަ އެވެ.
ރާއްޖޭގެ އާބާދީ އަށް ނުތަކާ ވަރަށް ބިދޭސީން ގިނަވެއްޖެ ކަމަށް ގަބޫލުކުރެވެ އެވެ. އޭގެ ސަބަބުން އިޖުތިމާއީ ވަރަށް ގިނަ މައްސަލަތަކެއް ވަނީ ކުރިމަތިވެފަ އެވެ. ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ ސަބަބުން ދައުލަތަށް ވަރަށް ބޮޑެތި ގެއްލުންތައް ލިބެމުން ދާއިރު، އަދި އެ މީހުންގެ ފަރާތުން ދައުލަތަށް އެއްވެސް އާމްދަނީއެއް، ޓެކުހެއް ވެސް ލިބެމުން ނުދެ އެވެ. ބޭރުވަމުންދާ ފައިސާގެ އަދަދު ވަރަށް ގިނަ އެވެ. މީގެ އިތުރުން ޖުމްލަކޮށް، ހުރިހާ ބިދޭސީންގެ ކަންކަން ސަރުކާރަށް މެނޭޖު ނުކުރެވި އެ މީހުންގެ ސަބަބުން ދިވެހި ވިޔަފާރިތައް ފުނޑެމުން ދާ ކަމުގެ ޝަކުވާތައް ވެސް އެހާ ބޮޑެވެ. މި ހުރިހާ ކަމަށް ވުރެ ސީރިއަސް ކަމަކީ ގައުމުގެ ސަލާމަތަށް އޮތް ނުރައްކަލެވެ.
އަލުން ރަޖިސްޓްރީވާން ގަލޮޅު ދަނޑުގައި ބިދޭސީން ކިއު ޖެހިފައި: ގަވާއިދާ ހިލާފަށް ބިދޭސީންނަށް އުޅެވޭ ގޮތް ވުމަކީ ބޮޑު މައްސަލައެއް -- ފައިލް ފޮޓޯ: މިހާރު
މި މައްސަލަ އަށް ހައްލެއް ނުލިބި، އަދި ހައްލު ކުރަން ވެސް މާ ބޮޑު މަސައްކަތްތަކެއް ނުކޮށް އޮވެ، ބިދޭސީން ގެނައުމުގެ ވަގު ވިޔަފާރީގެ ތެރޭގައި ގައުމު މެކުހަށް ޖެހި އަހަރުތަކެއް ވޭތުވެގެން ހިނގައްޖެ އެވެ. އެކަން ހައްދުފަހަނައަޅައިފައި އޮއްވައި، މި ސަރުކާރު ވެރިކަމަށް އައިސް، ބިދޭސީން ހަމައަކަށް އެޅުވުމަށް ވަރަށް ބޮޑު އޮޕަރޭޝަނެއް ފެށި އެވެ. އޭގެ ތެރޭގައި މުހިންމު ދެ ކަމެއް ކުރި އެވެ. އެއް ކަމަކީ އަންސްކިލްޑް ލޭބަރުން ގެނައުން މަނާކުރުމެވެ. ދެ ވަނަ ކަމަކީ ގަވައިދާ ހިލާފަށް އުޅޭ ހުރިހާ ބިދޭސީންގެ ޑޮކިއުމެންޓް ހަމަކޮށް އަލުން ރަޖިސްޓަރީ ކުރުމެވެ.
"އެކަމުގެ ތެރޭގައި އުޅެނިކޮށް ކޮވިޑްގެ ކަންކަން މި ކުރިމަތިވީ،" ފައްޔާޒް ވިދާޅުވި އެވެ.
ބިދޭސީންގެ މައްސަލައަކީ ކިހާ ސީރިއަސް މައްސަލައެއްކަން ސަރުކާރަށް ވެސް، އަދި ރައްޔިތުންނަށް ވެސް ރޭކާލީ ކޮވިޑްގެ ތެރޭގަ އެވެ. ރާއްޖޭގައި ތޮއްޖެހިގެން އުޅޭ ބިދޭސީންގެ މައްސަލަ އާއި ގޮތެއް ނެތިފައި ތިބި އެތައް ސަތޭކަ ބިދޭސީންގެ ބަލަދު އެރީ މި ގައުމުގެ އަތްމައްޗަށެވެ. އެ މީހުން ފޮނުވައިލަން ބެލިއިރު، ފޮނުވޭނެ ގޮތެއް ނެތެވެ. އޭގެ ތެރެއިން އެއްވެސް ގޮތެއް ނެތް އެތައް ސަތޭކަ ބަޔަކު މިހާރު ވެސް ދައުލަތުން ބޯހިޔާވަހިކަން ދީގެން ގެންގުޅެމުން އެބަ ދެ އެވެ.
ބިދޭސީންގެ ޑިޕޮސިޓްގެ ގޮތުގައި އެއްބިލިއަން ރުފިޔާ ހުރި ނަމަވެސް، ބިދޭސީން ފޮނުވައިލުމުގައި އެހެން ދަތިތަކެއް އެބަހުއްޓެވެ. އޭގެ ތެރެއިން ފައްޔާޒު ފާހަގަ ކުރެއްވި މައިގަނޑު ބައެއް ޕޮއިންޓްތަކަކީ؛
- އެ މީހުންގެ އެއްވެސް ލިޔެކިޔުމެއް ނެތުން.
- އެ މީހުން ބަންދުކޮށްގެން ގެންގުޅެވޭނެ ތަނެއް ހެދުމުގެ ހަރަދު.
- ބަންދުކޮށްގެން ޖަލުގައި ގެންގުޅޭ ނަމަ ބޮލަކަށް ކުރަން ޖެހޭ ހަރަދު ބޮޑުވުން.
- މީގެ ތެރޭގައި ފުޅާދާއިރާއެއްގައި ކޮރަޕްޝަން ހިމެނިފައި ވުން.
ފައްޔާޒު ވިދާޅުވި ގޮތުގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ ވަރަަށް ގިނަ މައްސަލަތައް ސަރުކާރަށް އޮތީ އެނގިފަ އެވެ. އެކަމަކު އެ މީހުން އަނބުރާ ފޮނުވައިލުމުގައި ސަރުކާރަށް ޕްރެޝަރެއް ނުވަތަ އެހެން އެއްވެސް ކަމެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
"ވަރަށް ގިނަ މީހުންް އެބަބުނޭ ކަނޑު ބޯޓަކަށް ލައިފައި އެ މީހުން ފޮނުވާލަން ވީ ނޫންހޭ. އެކަމަކު އެއީ އެހެން އޮންނަ ކަމެއް ނޫން. އެ މީހުން ކޮންމެވެސް ތަނަކަށް އެތެރެވާނެ ޖެހޭނެ ނޫންްތޯ. އެއްވެސް ލިޔެކިޔުމެއް ނެތި ކޮން ގައުމަކުންތޯ އެތެރެކުރާނީ،" މިނިސްޓަރު ވިދާޅުވި އެވެ.
އެހެންވެ، ސަރުކާރުން މިހާރު ކުރަމުން އަންނަ މައިގަނޑު މަސައްކަތަކީ އެ މީހުންގެ ޑޮކިއުމެންޓް ހަމަކުރުމުގެ މަސައްކަތެވެ. މިނިސްޓަރު ވެސް ވިދާޅުވި ގޮތުގައި އެއީ "ވަރަށް އުނދަގޫ، އަދި ދިގު މަރުހަލާ"އެކެވެ.
ރީރެޖިސްޓްރޭޝަން ކުރިއަށް ދަނީ: ބިދޭސީން އެތެރެކުރުމުގައި ވައްކަމާއި ޚިޔާނާތް ބޮޑު -- ފައިލް ފޮޓޯ/ މިހާރު
"ހަގީގަތަކީ ވަރަށް ގިނަ ގަވައިދާހިލާފަށް އުޅޭ ބިދޭސީންް އެބަ ބޭނުންވޭ އަނބުރާ ގައުމަށް ދާން. އެކަމަކު ދެވޭނެ ގޮތެއް ނެތް. އަޅުގަނޑުމެން މި ބަލަނީ އެ މީހުންގެ ޑޮކިއުމެންޓް ހަމަކޮށްގެން ފޮނުވާލެވޭތޯ. އެކަމަށް ވެސް މަދުވެގެން ދެ މަސް ދުވަސް އެބަ ހޭދަވޭ،" އޭނާ ވިދާޅުވި އެވެ.
ސަރުކާރުން މި ކަމުގައި އެކި ގޮތްގޮތަށް ވިސްނި އެވެ. އެއް ގޮތަަކީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ބަންދުކޮށްގެން ގެންގުޅެ ޑޮކިއުމެންޓް ހަމަކުރުމަށް ފަހު އަނބުރާ ގައުމަށް ފޮނުވައިލުމުގެ ވިސްނުމެވެ.
"އެންމެ އަވަހަށް ވެސް ޑޮކިއުމެންޓް ހަމަވާނީ ދެ މަހެއްހާ ދުވަސް ތެރޭގައި. ޕްރިޒްންސްގެ ތަފާސްހިސާބުތައް ދައްކާ ގޮތުންް ޖަލުގައި މީހަކު ގެންގުޅެން މަހަކު އެބަ ހޭދަވޭ 10،000ރ. އެހެންވެ މިސާލަކަށް މަދުވެގެން ވިއްސަކަށް ހާސް މީހުން ވިޔަސް އެެއީ 350 މިލިއަން ރުފިޔާ. ކިހިނެއްތޯ އެވަރު ސަރުކާރުންް ހޭދަކުރާނީ؟" އޭނާ ސުވާލު ކުރެއްވި އެވެ.
"ޑިޕޮސިޓް ފައިސާ އިން އަޅުގަނޑުމެންނަށް އެ މީހުން ގައުމަށް ފޮނުވާލެވިދާނެ. އެކަމަކު ދެން ހުރި ހަރަދުތައް ކުރާނީ ކިހިނެއްތޯ؟"
ދެން އޮތް އަނެއް ގޮތަކީ، ފައްޔާޒް ވިދާޅުވި ގޮތުގައި ތަނެއް ހެދުމަށް ފަހު އެ މީހުން އެތަނެއްގައި ބައިތިއްބައިގެން މިކަން ކުރުމެވެ.
"އެކަމަކު އިމިގްރޭޝަންގެ ގާނޫނު ބުނާ ގޮތުން ތަނެއްގައި މިގޮތަށް ބައިތިއްބެނީ 48 މީހުން. އެއީ ކޯއްޗެއްތޯ؟ މި ނިސްބަތުން، ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ބައިތިއްބާނެ ތަނެއް ހަދަން ވެއްޖިއްޔާ ބިލިއަނެއްހާ ރުފިޔާ އެބަ ހޭދަކުރަން ޖެހޭ،" އޭނާ ވިދާޅުވި އެވެ.
އެ ހުރިހާ ކަމެއް އެހެން ހުއްޓަސް، އޭނާ ތަކުރާރުކޮށް ވިދާޅުވީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރާނީ މި ސަރުކާރުން ކަމަށެވެ. އެއީ ފިޔަވަޅަކަށް ފަހު ފިޔަވަޅެއް އަޅައިގެން މަޑުމަޑުން ހައްލުކުރެވޭނެ މައްސަލައެއް ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.
"30 އަހަރުވީ މައްސަލައެއްގެ ވާހަކަ އަޅުގަނޑު މި ދަންނަވަނީ. އޯވާ ނައިޓަކުން ނުނިމޭނެ."
މިނިސްޓަރު ވިދާޅުވި ގޮތުގައި، އެ މީހުންނާ ބަންގްލަދޭޝްގެ ސަރުކާރުން ހަވާލުވާން ބޭނުން ނުވާ ކަމަށް ދެކެވޭ ވާހަކަ އަކީ ވެސް ހަގީގަތެއް ނޫނެވެ. ކޮންމެ ގައުމެއްގައި ވެސް އުސޫލުތަކެއް އޮންނަ ކަމަށާއި އެކަން އެންމެން ވެސް ގަބޫލުކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ.
ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންތަކެއްގެ ހަޅުތާލެއް ފުލުހުން ހުއްޓުވަނީ -- ފައިލް ފޮޓޯ: މިހާރު
"މިކޮޅުގައި ހުންނަ ބަންގްލަދޭޝްގެ ހައި ކޮމިޝަނުންް ބުނަނީ ތިމަންނަމެންނަށް ވެސް އެނގެއޭ ތިއީ ބަންގްލަދޭޝްގެ ރައްޔިތުން ކަން. އެކަމަކު ޕާސްޕޯޓެއް، ލިޔެކިޔުމެއް ނެތި ކިހިނެއްހޭ ތިމަންނާމެންް އެ މީހުން ގައުމަށް އެތެރެކުރާނީ،" މިނިސްޓަރު ވިދާޅުވި އެވެ.
"މީހަކަށް ގައުމެއްގެ ޕާސްޕޯޓެއް ދޭ ވާހަކަ އަޅުގަނޑުމެން މި ދައްކަނީ. އެއީ ހަމަ ބުނެލާއިރަށް އެހާ ފަސޭހައިން ވާން އޮތް ކަމެއް ނޫން."
ސަރުކާރުން މިހާރު ގަބޫލުކުރާ ގޮތުގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންނާއި އެއްވެސް ލިޔެކިޔުމެއް ނެތި އުޅޭ ބިދޭސީންގެ އަދަދު މިހާރު 70،000 އާ ގާތްކުރާނެ އެވެ. މިއީ ސަރުކާރުން ވެސް ދެކޭ ގޮތުގައި ވަރަށް ގިނަ އަދެދެކެވެ. ރާއްޖޭގައި އުޅޭ ބިދޭސީންގެ ޖުމްލަ އަދަދު ވެސް މިހާރު 225،000އާ ހަމައިގައި އުޅޭނެ ކަމަށް ސަރުކާރުން ލަފާ ކުރެ އެވެ. ގަވައިދާހިލާފަށް އުޅޭ ބިދޭސީންގެ ތެރޭގައި މުޅިންްހެން ހިމެނެނީ ބަންގްލަދޭޝްގެ މީހުންްނެވެ.
"މި މައްސަލަ ހައްލު ކުރުމުގެ ވިސްނުން ސަރުކާރުގައި ވަރަށް ސީރިއަސްކޮށް އެބަހުރި. މިހާރު އެއްވެސް މީހަކު އެބަ ކިޔާތޯ ގަވައިދާހިލާފަށް ކޯޓާ ދޫކުރާ ވާހަކަ. ނުކިޔައެއް ނޫންތޯ،" މިނިސްޓަރު އެއްސެވި އެވެ.
މިދިޔަ އަހަރުގެ ސެެޕްޓެމްބަރުން ފެށިގެން އެއް އަހަރު ދުވަހުގެ ނިޔަލަށް، ބަންގްލަދޭޝް އިން އަން ސްކިލްޑް ބިދޭސީން ރާއްޖެ އެތެރެކުރުން ސަރުކާރުން ވަނީ މަނާކޮށްފަ އެވެ. ބިދޭސީންގެ މައްސަލަ ހައްލު ނުވަނީސް، ބަންގްލަދޭޝް އިން އަންސްކިލްޑް ބިދޭސީން ރާއްޖެ އެތެރެކުރުމުގެ ހުއްދަ ނުދެއްވާނެ ކަމަށް ފައްޔާޒު ތަކުރާރުކޮށް ވިދާޅުވި އެވެ. ބިދޭސީން އެތެރެކުރުމުގައި އެންމެ ބޮޑު ކޮރަޕްޝަނެއް ހިންގާފައި އޮތީ މި ދާއިރާގަ އެވެ.
ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންތަކެއް: ބިދޭސީންގެ މައްސަލަ ވަރަށް ސީރިއަސް -- ފައިލް ފޮޓޯ: މިހާރު
"ބައެއް މީހުންގެ އަތުން 8،000 ޑޮލަރު ނަގާފައި، ރާއްޖެ އެތެރެކޮށް ދިވެހި އެޖެންޓް އޭނާ މަގުމައްޗަށް ދޫކޮށްލައިފައި އެބަހުރި،" އޭނާ ވިދާޅުވި އެވެ.
"މިއީ ވަރަށް ބޮޑު ކޮރަޕްޝަނެއް. ވަރަށް ބޮޑު... ވަރަށް ބޮޑު ކޮރަޕްޝަނެއް."
އަދި މިއީ، ރަނގަޅަށް ތަހުގީގުކޮށްފި ނަމަ މިހާތަނަށް ރާއްޖޭގައި ހިންގާފައިވާ އެންމެ ބޮޑު ކޮރަޕްޝަން ކަމަށް ވުން އެކަށީގެންވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"އެމްއެމްޕީއާރުސީގެ ކޮރަޕްޝަނަށް ވުރެ މިކަން ބޮޑުވާ ކަމަށް އަޅުގަނޑު ދެކެނީ މިއީ އިންސާނީ ކަރާމާތަށް ވިސްނިއަސް، މީގައި ފައިސާގެ ގޮތުން ވިސްނިއަސް އެހެނިހެން ގޮތްްގޮތުން ވިސްނިއަސް މާ ބޮޑުވާތީ. މީގެ ގެއްލުން ކޮންމެ ދުވަހަކު ސަރުކާރަށް ވެސް އަދި އެ މީހާ އަށް ވެސް ލިބެމުން ދާތީ،" ފައްޔާޒު ވިދާޅުވި އެވެ.
މި މައްސަލަ ހައްލު ކުރުމުގެ ވިސްނުން ސަރުކާރުގައި ވަރަށް ސީރިއަސްކޮށް އެބަހުރި. މިހާރު އެއްވެސް މީހަކު އެބަ ކިޔާތޯ ގަވައިދާހިލާފަށް ކޯޓާ ދޫކުރާ ވާހަކަ. ނުކިޔައެއް ނޫންތޯ؟
މި ޖަރީމާ ހިންގާތާ ކިތަންމެ ދުވަހެއް ވެއްޖެ ކަމަށާއި އެކަމަކު އެކަން ހައްދުފަހަނައަޅައި ދިޔައީ ރައީސް އަބްދުﷲ ޔާމީންގެ ފަހު ތިން އަހަރު ކަމަށް އޭނާ ވިދާޅުވި އެވެ:
"ފަޓާސްބަރިއެއްހެން ބިދޭސީން އެތެރެކޮށްލި އެ މުއްދަތުގެ ތެރޭގައި."
މި މައްސަލައަކީ އޭގެ ޒާތުން ހައްލުކުރަން އުނދަގޫ އަދި ހަރަދުތަކެއް ހިނގާނެ ކަމަކަށް ވާތީ ސަރުކާރުން މިހާރު އެހެން ގޮތްތައް ވެސް ބަލަމުން އެބަދެ އެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި، މި މައްސަލާގައި އދ. އާ ވެސް އެބަ މަޝްވަރާތަކެއް ކުރެވެ އެވެ.
"އަޅުގަނޑުމެން މިހާރު މަސައްކަތް ކުރަމުން މިދަނީ ޔޫއެންއާ އެކު އެ ބޭފުޅުންގެ ވޮލެންޓްރީ ރެޕަޓްރިއޭޝަން ޕްރޮގްރާމެއްގެ ދަށުން އެ މީހުން އެނބުރި ގައުމަށް ފޮނުވާލެވޭތޯ،" ފައްޔާޒް ވިދާޅުވި އެވެ.
"އެހެން ވެއްޖެ ނަމަ ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ."
ކޮވިޑްގެ ތެރޭގައި ވެސް ބަންގްލަދޭޝްގެ ހާހަކަށް ވުރެ ގިނަ މީހުން ވަނީ ތިން ބުރެއްގެ މަތިން ވަނީ ފޮނުވާލައިފަ އެވެ. ބަންގްލަދޭޝްގެ ސަރުކާރާ އެކު ހަދާފައިވާ އެއްބަސްވުން މި މަހުގެ ނިޔަލަށް ހަމަވާއިރު މިނިސްޓަރު ވިދާޅުވީ އަދި އިތުރު ހާހެއްހާ މީހުން ފޮނުވާލެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"އެ އެއްބަސްވުން ދަންމާލެވޭތޯ ވެސް އަޅުގަނޑުމެން އެބަ ބަލަން. އުންމީދަކީ މި އަހަރުގެ ތެރޭގައި ވިއްސަކަށް ހާސް މީހުން ފޮނުވާލުން. އެހެން ވެއްޖިއްޔާ އެއީ ވަރަށް ބޮޑު ލުޔަކަށް ވާނެ،" އޭނާ ވިދާޅުވި އެވެ.
ހައްލުކުރަން ހައްލުކުރަން ތިއްބާ ބިދޭސީންގެ މައްސަލަ މިހާރު މިއޮތީ އަތަށް ގޮވައިފަ އެވެ. އެ މީހުންގެ ކިބައިން ސަލާމަތް ނުވެވިފައި ތިއްބާ އަނެއްކާ އެހެން މައްސަލަތަކެއް މި ވަނީ ކުރިމަތިވެފަ އެވެ. އެ މީހުން ގައުމުން ބޭރުކުރުމަކީ ފަސޭހަ ކަމެއް ނޫނެވެ. އަނެއްކޮޅުން އެ މީހުން ބެލެހެއްޓޭނެ ގޮތެއް، އެ ގާބިލް ކަމެއް ދައުލަތަކު ވެސް ނެތެވެ. އެ މީހުން މާލެ ތެރެެއަށް ދޫކޮށްލައިގެން ވެސް ތިބެވޭކަށް ނެތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބާބާ
29 June 2020
ކަލޭމެން ހުއްދަ ދީގެނެއްނޫން ބަންގާޅީން އަންނަނީ. ބަންގާޅީން އަންނަނީ ޓޫރިސްޓް ވިސާގައި. ދެންވެސް އިސްތިއުފާ ދީފައި ގެޔަށް ދޭބަލަ.
ދިޔަރެސް
28 June 2020
ރަނގަޅު ވާހަކައެއް މާލޭގެ ރައްޔިތުން މިތިބީ ރިހޭ ފައިމައްޗަށް ވެއްޓިފަ.ނިކަމެތި މީހުންނަށް ނިކަމެތި ގޮތް.ކޮމްޕެނީ ތަކަށް ފައިދާ
ޢަލި ފުޅުގެ ބަސް
28 June 2020
ނުވަންޏާ ގޭގަ މަޑުކޮއްލައްވާ. ތިބުނުއްވާ ކޮރަޕްޓް މީހުން ހާމަ ކޮށް މައްސަލަ ބަލާބަލަ. ޢެކަން ވާވަރަށް މުއައް ސަސާތައް ހަދާފަ މުސާރަ ދީފަ ތިބޭނެ
ކިހިނެއްތޭ
28 June 2020
ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީންގެ ޑޮކިއުމެންޓް ނެތް ކަމަށް އިކޮން މިނިސްޓަރު ފައްޔާޒު ވިދާޅުވި ނަމަވެސް މަމެން އެކަމެއް ގަބޫލެއް ނުކުރާނަމޭ ސަބަބަކީ ފިލައިގެން އުޅޭ ކޮންމެ ބިދޭސީއެއްގެ ޕާރސްޕޯރޓް އޮންނާނެއޭ ބާއްވާފައި އިމިގްރޭޝަން ގައި އެއް ހާސް ބިދޭސީންގެ ތެރޭން އެކަކު ވެސް ނުހުންނާނެއޭ މިގޮތަށް ނެތް ދެން ހަމަ ޒިންމާއިން ރެކެން ވެގެން ކޮންމެވެސް ބަހަނާ އެއް ދައްކަނީއޭ މިސަރުކާރުން ފުރަތަމަ ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން ގަވާއިދަށް ފައްތާނީ
ހައްލުކުރެވެއްޖެހޭ.
28 June 2020
ޤަވާއިދާ ޚިލާފަށް އުޅޭ ހުރިހާ އެންމެންނަން ދަނޑުވެރިކަން ކުރެވޭ ރަނގަޅު ފަޅުރަށެއް ދީފަ ދަނޑުހައްދުވާފަ އެމީހުންގެ މަސައްކަތުން ލިބޭއެއްޗަކުން އެމީހުންނަން ޙަރދުކުރޭ. އެއަށްފަހު އެމީހުންގެ ލާރިން އެމީހުންގެ ޤައުމަށް ފޮނުވާލާ. އެއިރުން ސަރުކާރުން ޚަރަދު ކުރާކަށް ނުޖެހޭނެ.
ކަނބިލި
28 June 2020
މީނާއަކީ ގާނޫނީ ފޮތްބައި ގޮތަކަށް ކިޔަވައިގެން ހުރި މީހެކޯ. ވިޔަފާރިއާއި އިގުތިސޯދުގެ މާހިރަކަށް ވީގޮތެއް ބަލަން އެބަޖެހޭ
ސޭކު
28 June 2020
އިސްމާލާ، މާ ކަންތައް ބޮޑުވެއްޖިއްޔާ ފޮއިވައްޓާލާ ކުރިން ފޮއި ނުވެއްޓޭ ފަޔަށް. ޢޭރުން ދެފަޔަށްވެސް ވެއްޓުނީއެެއްނު. ކިހާ ސިމްޕަލް. މިހާ ހާސަރު ދިގުކޮށް ކީއްކުރަން ލިޔަނީ، އިސްމާލުމެން. ދެން އިސްމާލުމެނެއްނު ކަންކަން ހައްލުކޮށްދޭން އުޅެންޖެހޭނީވެސް. ޜަނގަޅުކުރަން ގެނައި މީހުން
ކަޅުބާޒާރު
28 June 2020
މިސަރުކާރުގައި ތިމަސައްކަތް ހިގަމުންދަނީ ބަރަވެލި ސްޕީޑްގައި ކަމެއްނުވާ ބޮޑުކަޑާ ރޯނު އެދުރުންތިބި މިނިސްޓްރީއެއް ތިޔައީ އުވާލަން ވެފައި ހުރި ތަނެއް މިނިސްޓްރީ އޮފް އެމްޕްލޯއިމެންޓް ކިޔާފަ މިނިސްޓްރީއެއް ހަދަން މިސަރުކާރަށް ގޮވާލަން
ރއީސްބބެ
28 June 2020
ކޮންމެ ވައްތަރެއްގެ ވިޔަފާރިއެއް ކޮށްލަންވެސް، މަސައްކަތެއް ކުރަންވިޔަސް އަތްތަކެއް ބޭނުންވާނެއެވެ. މަސައްކަތް ކުރަން ތިބި ދިވެހިންނަށް ބަރޯސާވެ ހިންގޭނެ ވިޔަފާރިއެއް މިދުނިމައްޗަކު ނުވެއެވެ. ދަޑެއް ހެއްދިޔަސް، މަސްކޮޅެއް ކައްކައި ހިއްކިއަސް، ގާކޮޅެއް އެޅިއަސް، ދޯންނެއް މަހަށް ފުރިއަސް މީހުން ބޭނުންވެއެވެ. އެވަރަކަށް ދިވެހިނެއް ނެތެވެ. ތިބި ޒުވާނުން ކޮޅުވެސް ފޫކޮޅުން ފައިބައިފައި އޮންނަ ޖިންސް ގަޑުވެސް އަރުވާލެވޭވަރުގެ ހެޔެއް ނުހުރެއެވެ.
މީހެއް
28 June 2020
ވެމްކޯގެ ފަހުލަވާނުން ނުދެކެމުތަ؟ ބޭރު މީހަކު އުޅޭތަ އެތާ؟
އައިޝާ
28 June 2020
ރަށްރަށުގަ ގަހެއްގަ ހިކަނދިފަތެއްވެސް ހަރުނުލާ މިބަންގާޅިންނާހެދި.. އަހާލުމެއްކަމެއްވެސް ނުހުރޭ ކަޑައިގެން ގެނެސް އެވިއްކަނީ މާލެއަށް 400ރ އަށް ބަސްތާއެއް..ބަންގާޅިންނާ ނުލާ ދިވެހިނަށް ނޫޅެވިގެން ހިނގާ ކަންކަމެއްނޫން މިހުންނަނީ..މިކަހަލަ ކިތަންމެކަމެއް އެބަ ހިނގާ..
Ahmed Ashraf
28 June 2020
ގަބޫލުކުރަން އޯވަނައިޓަކުން ނިންމާ ނުލެވޭނެކަން އެކަމު ވަގަށް އުޅުއްވާ ބޭފުޅުން ބޭނުންހާ ގޮތަކަށް އުޅެން ދޫކޮށްލެވިގެން ނުވާނެ ކޮންމެވެސް ރެސްޓްރިކްޝަން ތަކެއްވެސް ހުންނަން ޖެހޭނެ އެކަން ބަލަަހައްޓަން ސަރުކާރަށް ބޮޑުތަނުން ޚަރަދު ކުރާކަށް ނުޖެހޭނެ، މިސާލަކަށް ހަދާ އެއްވެސް ރިސޯޓަކަށް ނޭރުވުން އެއް ރަށުން އަނެއް ރަށަށް ދަތުރު ނުކުރެވުން ފެރީ އަދި ބަސް ތަކުން ޚިދުމަތް ނުދިނުން ހުއްޓުވީމަ ހުއްޓުވޭނެ ކުނިކޮތަޅު ހިފައިގެން މިހާރު ދުއްވާތަން ނުފެނެއެއްނުން