ހެލްތު މިނިސްޓަރު އަމީން، އެންއީއޯސީގެ މަސައްކަތްތައް ބައްލަވައިލައްވަނީ.--
29 ޖޫން 2020 - 23:42
ކޮވިޑް-19 ފެތުރޭތީ އިއުލާނުކޮށްފައިވާ އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އަންނަ މަހުގެ 14 ވަނަ ދުވަހާ ހަމައަށް، ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިރޭ އިތުރުކުރައްވައިފި އެވެ.
އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުން ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު އިއުލާނުކުރީ މިދިޔަ މާޗު 12 އިން ފެށިގެން 30 ދުވަހަށެވެ. އޭގެ ފަހުން ހަތަރު ފަހަރެއްގެ މަތިން އެ މުއްދަތު އިތުރުކޮށްފައިވެ އެވެ.
އެންމެ ފަހުން އިއުލާނުކުރެއްވި ސިއްހީ ނުރައްކަލުގެ މުއްދަތު މިއަދު ހަމަވާނެ އެވެ.
މިނިސްޓަރު އަމީން މިރޭ ނެރުއްވި ގަރާރުގައި ވިދާޅުވީ، ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ބަލި ފެތުރުމުގެ ނުރައްކާ އަދިވެސް އެބައޮތް ކަމަށާއި ކޮވިޑް-19ގެ ނުރައްކާ ކުޑަކޮށް، އާއްމުންގެ ސިއްހަތާއި ރައްކާތެރިކަން ކަށަވަރުކުރަން ހާއްސަ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ލަފާދެއްވާފައިވާ ކަމަށެވެ.
"އަދި ވަގުތާއި ހާލަތަށް ރިއާޔަތްކޮށް، އާއްމު ރައްޔިތުންގެ ސިއްހަތާއި ރައްކާތެރިކަން ކަަށަވަރުކުރުމަށްޓަކައި ގާނޫނު ނަމްބަރު 7/2012 (އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނު) ގެ ދަށުން އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި އަޅަންޖެހޭ ހާއްސަ ފިޔަވަޅުތައް އަޅަމުން ގެންދިއުމަށް ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް އަހުރެން އަންގަމެވެ،" އަމީންގެ ގަރާރުގައި ވިދާޅުވި އެވެ.
ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އަންނަ މަހުގެ 14 އާ ހަމައަށް ދަންމާލި ކަމުގައި ވިއަސް، އަދި ވަކި ހާއްސަ ފަރުވާއެއް ހޯދިފައިނުވާ ބައްޔާ ގުޅިގެން އަޅާފައިވާ ލޮކްޑައުނަށް ވަނީ ލުއިދޭން ފަށައިފަ އެވެ. ބަލީގެ ހާލަތު ގޯސް ނުވާ ނަމަ ޖުލައި 1 ގައި ރާއްޖޭގެ ބޯޑަރު ހުޅުވައި ރާއްޖޭގެ ޓޫރިޒަމް ވެސް އަލުން ފަށަން ވަނީ ނިންމައިފަ އެވެ.
ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 2،337 އަށް އަރައިފަ އެވެ. އޭގެ ތެރެއިން އަށް މީހަކު މަރުވެފައިވާއިރު މިހާރު ފަރުވާ ހޯދަމުން އަންނަނީ 397 މީހުންނެވެ. ބަލި ޖެހުނު މީހުންގެ ތެރެއިން 1،927 މީހުން ރަނގަޅުވެފައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަކުނިބޯ
30 June 2020
ސިއްހީ ކުއްލިނުރައްކަލުގެ ހާލަތު ނެރެވެން ހެލްތްމިނިސްޓަރ އަށް އޮންނަންޔާ ޤައު މީ ސަލާ މަތަށްޓަކައި ކުއްލިނުރައްކަލުގެހާލަތު ޑިފެންސް މިނިސްޓަރަށް އޮންނަންވާނެ މިހެންގޮސް ކޮން މެ މިނިސްޓަރަކަށްވެސް ކޮން މެސްފަދަޔަކުން މިބާރުދޭންޖިހޭ
ސުލޭމާނު
30 June 2020
ޖުލައި 1 ގައި ބޯޑަރު ހުޅުވޭއިރު ކޮވިޑްގެ ދެވަނަ ރާޅަކަށް ސަމާލުވެގެން ތިބެންޖެހޭ. ފަހަރެއްގައި ރާއްޖޭގައި މި ބަލި ކޮންޓްރޯލު ކުރިގޮތް ފުރިހަމަ ކަމުން ބަޔަކު ހަނދާން ނެތިދާން އެންމެ ފުރަތަމަ ރާއްޖެއަށް ބަލި އެތެރެވީ ފަތުރުވެރިއެއްގެ ފަރާތުންކަން. އަދި އޭރު ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައި ނެތުމުން ރިޒޯޓުން އެކަން ސިއްރުކޮށް އެމީހާ ފުރުވާލަން މަސައްކަތް ކުރިކަންވެސް. މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށް ތިޔަ ނިންމުން މުހިންމު.
ބެލެނިވެރިން
30 June 2020
14 ދުވަހައް ސިއްހީ ކުއްލިހާލަތު ، މާދަމާ ސުކޫލް ތައްހުޅުވަނީ ވާނުވާ އެއް ނޭނގެ
ބިރުގަންނަވަނީ
30 June 2020
އަނެއްކަވެސް އަންދާޒާކޮށްފައި ބޮޑުކުލަސްޓައެކޭ ، އާލާނުލައިފިއްޔާ 1200 މީހުން މަރުވާނެ އޭ. މިދެން ޖޯކެއްނު. އަތުން ހަން ދާވަރަށް އަތް ދޮންނަާށޭ، އާދައިގެ އަރިދަފުސް ރޯގާއެއް ޖެހުނަސް ބަލިބޮޑުކުރުމަށް މާސްކު އަޅާ އޮކުސިޖަން ވަނަނުދީ ބަންދުކޮށްލާށޭ ، އަވިޖެހުނަނުދީ ގޭގައި މަޑުކުރާށޭ. އޭރުންނޭ ކޮވިޑުން ސާލާމތްވާނީ. ބޮޑުވަރު
ހަސަދު
30 June 2020
ކުއްލި ނުރައްކަލުގައި އޮފީސް މަސައްކަތް ނޫން ހުރިހާ ކަމެއް ކުރެވޭ، މިވައިރަސް އެއް ނުފިލާނެ ވެކްސިން ނެއް އަވަހަކަށް ނުލިބޭނެ. ދެން ގައުމު މިގޮތަށް ބާއްވައިގެން މީހުން ނިކަމެތި ކުރަން ދޫކޮށްލަންވީތޯ. ގައުމު ފުޑިއްޖެ. ބައްގާޅުން ބޭފުޅުންނަށްވެ މުއްސަދިވެ ނިމިއްޖެ. ތައުލީމް ހަލާކުވެއްޖެ. އެއްޖީލް ބޮޑުވަނީ ސުކޫލަސް ނުގޮސް. ރައީސް މިހިރަ ކަންކަމަސް ވިސްނަވާބާ!!!
މަބޫމޭން
30 June 2020
ހާލަތު ނުރައްކާ ވަނީ ރާއްޖެތެރޭ ބަލިމީހަކު އެހެން ރަށަކައް ގެންދަންޖެހުނީމަ.
ބޮކަރުު
30 June 2020
ދުނިޔޭގެ އެއްވެސް ތަނެއްގައި ވައިރަސް ނެތް ހާލަތު ނާންނަނީސް މިކަމެއް ނުނިމޭނެކަމީ ޝައްކެތް އޮތް ކަމެއް ނޫން. ދެވަނަ ރާޅަކަށް ފުރުސަތު ނުދިނުމަށްޓަކައި ސިއްހީ ކުއްލި ހާލަތު ދަންމައިގެން ނަމަވެސް ކުރަންޖެހޭ ކަންކަން ކުރުމަކީ މިވަގުތު މުހިންމު ކަމެއް. ކުރިއަށް، ދެންވެސް ކުރިއަށް! އިރާދަކުރެއްވިއްޔާ ދެރަ ގޮތެއް ނުވާނެ މި ފަހަރުވެސް!
ޖޯކަރުންް
30 June 2020
މިއަދު މަޖިލީހަށް ކުއްލި ގަރާރެއް ވައްދާނެ މިކަން ތަހުގީގުކުރަން. ހެހެހެ
ޖޯޖު1
30 June 2020
ވަރަށް މަޖާ.
ލާމު އަތޮޅު ބޯޓް
30 June 2020
މިހާރަކަށް އައިސަ ރަށް ރަށުން މާލެ އަންނަ ނާލު ބޯޓް ފަހަރުގެ ކައްޕިން/ ފަޅުވެރިން މާލެ ފައިބާ ހިތުހުރި ގޮތަކަށް އުޅެފައި ރަށްގޮސް ހިތުހުރި ގޮތަކަށް އުޅެމުން އެބަދެއެވެ.މިކަމަކީ ބަލި ނެތް ރަށްރަށަށް މާލެއިން ބަލި ދިއުމަށް މެދުވެރި ވާނެ އެއްމެ ބޮޑު ސަބަބު ކަމަށް ޤަބޫލް ކުރެވޭތީ މިނިސްޓަރ ގެ ސަމާލު ކަމަށް ދެންނެވީ މެވެ.
ނަރުސް.
30 June 2020
ބަރާބަރު ނިންމުމެއް. ޑަބްލިއުއެޗްއޯގެ ތަރުޖަމާން މާގަރެޓް ހެރިސް ވިދާޅުވެފައިވާ ގޮތުގައި، ލޮކްޑައުންތަކަށް ލުއިދީ، ބަލި ފެތުރުން ހުއްޓުވަން ކުރިން އަޅާފައި ހުރި ފިޔަވަޅުތައް މަދުކޮށްލުމާ އެކު އެއީ ހާލަތު ރަނގަޅުވެ، ކޮވިޑްގެ ކަންކަން ނިމުން ކަމަށް މީހުން މާނަކޮށް ފަރުވާކުޑަކޮށްލުމުގެ ސަބަބުން، ބަލީގެ ކަންތަށް އިތުރަށް ގޯސްވި ގައުމުތަށްވެސް އެބަހުރި. އެހެންވީމަ އެންމެ ރަނގަޅު ގޮތަކީ އަދިވެސް މޮނިޓަރ ކުރަމުން ދިޔުން.