މުނިފޫހިފިލުވުން / މޯލްޑިވިއަން އައިޑޮލް

"މޯލްޑިވިއަން އައިޑޮލް" ސީޒަން 2ގެ ޓައިޓްލް ވެސް ދިރާގަށް

ޕީއެސްއެމާއި ދިރާގުން "މޯލްޑިވިއަން އައިޑޮލް" ދެވަނަ ސީޒަންގެ ޓައިޓްލް ސްޕޮންސަޝިޕްގައި ސޮއި ކުރުމަށް ފަހު އެގްރިމަންޓް ބަދަލު ކުރަނީ.

ދާދި ފަހުން ޓީވީއެމުން ނިންމާލި ރާއްޖޭގެ ފުރަތަމަ ފްރެންޗައިޒް ޝޯ "މޯލްޑިވިއަން އައިޑޮލް" ގެ ފުރަތަމަ ސީޒަންގެ ޓައިޓްލް ސްޕޮންސަ ކުރި ދިރާގުން އެ މުބާރާތުގެ ދެވަނަ ސީޒަންގެ ޓައިޓްލް ވެސް ސްޕޮންސަކޮށްފި އެވެ.

ޓީވީއެމް ހިންގާ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އާއި ދިރާގާ ދެމެދު މިއަދު ވަނީ "މޯލްޑިވިން އައިޑޮލް" ގެ ދެވަނަ ސީޒަންގެ ޓައިޓްލް ސްޕޮންސަޝިޕްގައި ސޮއި ވެސްކޮށްފަ އެވެ.

ޕީއެސްއެމްގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ މެނެޖިން ޑިރެކްޓަރު އިބްރާހީމް ހަލީލެވެ. ދިރާގުގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އަދި މެނެޖިން ޑިރެކްޓަރު އިސްމާއީލް ރަޝީދެވެ.

ހަލީލު ވިދާޅުވީ މޮޅެތި ލަވަ ކިއުންތެރިން އުފައްދަން ބާއްވާ އައިޑޮލްގެ ފުރަތަމަ ސީޒަނުގެ ތަޖުރިބާ އަށް ފަހު، ދެވަނަ ސީޒަނަކަށްދާ އިރު، އެންމެ ބޮޑު އިސްކަމެއް ދޭނީ އެ މުބާރާތުގެ ފެންވަރު ދެމެހެއްޓުމަށް ކަމަށެވެ. އެގޮތުން ޕީއެސްއެމުން އެކަމަށް ވަރަށް ބޮޑަށް މަސައްކަތް ކުރާނެ ކަމަށް ވިދާޅުވި އެވެ.

ހަލީލް ވިދާޅުވީ "މޯލްޑިވިއަން އައިޑޮލް" ގެ ތިން ސީޒަން ނިންމައިލާ އިރު، އަމާޒަކީ އާންމުން ބަލައިގެންފައިވާ ފަދަ މޮޅެތި އަދި މަގުބޫލް 30 ލަވަ ކިއުންތެރިން އާންމުންގެ ތެރެއަށް ދޫކޮށްލުން ކަމަށެވެ.

"މޯލްޑިވިއަން އައިޑޮލް" ސީޒަން ދޭއްގެ ޓައިޓްލް ސްޕޮންސަރުކަން ނެގުމަށް ފަހު ދިރާގުގެ ސީއިއޯ ވިދާޅުވީ އެ މުބާރާތް ދިރާގުން ސްޕޮންސަ ކުރުމުގެ މައިގަނޑު މަގުސަދަކީ ޒުވާނުންނާ ގުޅުން ހުރި ކަމަކަށް އެހީތެރިކަން ފޯރުކޮށްދީ، އެކަމުގައި ބައިވެރިވުން ކަމަށެވެ.

ސީޒަން ދޭއްގެ ޓައިޓްލް ސްޕޮންސަގައި ޕީއެސްއެމާއި ދިރާގުން ސޮއިކުރި ނަމަވެސް، ދެވަނަ ސީޒަން ބާއްވާނެ ތާރީހެއް އަދި ނުނިންމަ އެވެ.

"މޯލްޑިވިއަން އައިޑޮލް" ގެ ފުރަތަމަ ސީޒަނުގެ ޓްރޮފީ އުފުލާލި ލައިޝާ ޖުނައިދު.

ރާއްޖޭގެ އާބާދީ ބޮޑު ފަސް ސަރަހައްދެއްގައި އޮޑިޝަން ބާއްވައިގެން ޓައިޓްލް ލިބޭ ލަވަ ކިއުންތެރިއަކަށް 250،000ރ. ގެ ފައިސާގެ އިނާމް ދިން "މޯލްޑިވިއަން އައިޑޮލް" ގެ ފުރަތަމަ ސީޒަން ކާމިޔާބުކޮށްފައި ވަނީ ލައިޝާ ޖުނައިދެވެ.

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454