ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ނަޝީދު ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: މަޖިލިސް
08 ޖުލައި 2020 - 10:12
ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު އަވަހާރަ ކޮށްލުމުގެ ވާހަކަ އާއި ގާނޫނުއަސާސީ އުވައިލުމުގެ ވާހަކަ ވެސް ގަރާރު ހުށަހަޅައި މަޖިލީހުގައި ދެއްކޭނެ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ނަޝީދު މިހެން ވިދާޅުވީ، މިއަދުގެ ޖަލްސާ އަށް އެޖެންޑާ ކޮށްފައިވާ ގަރާރަކާ ގުޅިގެން ބައެއް މެމްބަރުންގެ މެދުގައި އުފެދުނު ހިޔާލު ތަފާތުވުންތަކަކަށް ދެއްވި ޖަވާބެއްގަ އެވެ. ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ އެ ގަރާރުގައި ވަނީ ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތައް އުވައިލުމަށާއި ލޯކަލް ގަވާމަންޓް އޮތޯރިޓީ (އެލްޖީއޭ) ވެސް އުވައިލުމަށެވެ.
ނަމަވެސް އެ ގަރާރު އެޖެންޑާގައި ހިމެނުމުން އެމްޑީޕީގެ ބައެއް މަޖިލިސް މެމްބަރުން ވިދާޅުވީ، އެއީ ގާނޫނުއަސާސީއާ ހިލާފު ކަމެއް ކަމަށެވެ. އެހެންވެ، އެ ގަރާރު މަޖިލީހަށް ބަލައި ނުގަނެވޭނެ ކަމަށް އެ މެމްބަރުން ނިޒާމީ ނުކުތާ ނަންގަވައި ވިދާޅުވި އެވެ.
މަޖިލީހުގެ ޖަލްސާއެއްގައި ޖާބިރު، އެހެން މެމްބަރަކާ ވާހަކަ ދައްކަވަނީ.---ފޮޓޯ: މަޖިލިސް
އެ ކަމަށް ރައްދު ދެއްވަމުން ނަޝީދު ވިދާޅުވީ، އެ މައްސަލައިގައި މަޝްވަރާކޮށް ގޮތެއް ނިންމައިފައިވާ ކަމަށެވެ. އިސްލާމް ދީނުގެ އަސްލަކާ ހިލާފު ނުވާ ކޮންމެ ވާހަކައެއް މަޖިލީހުގައި ދެއްކޭނެ ކަމަށް ނަޝީދު ވިދާޅުވި އެވެ. އެގޮތުން ނަޝީދު ވިދާޅުވީ ގާނޫނުއަސާސީ އުވައިލުމުގެ ވާހަކަ ވެސް މަޖިލީހުގައި ދެއްކޭނެ ކަމަށެވެ.
"މި މަޖިލީހުގައި ގަރާރަކުން ނުދެއްކޭނެ ހަމައެކަނި ވާހަކައަކީ އިސްލާމް ދީނުގެ އަސްލަކާ ހިލާފުވާ ވާހަކަ. މި މަޖިލީހުގައި ގަރާރަކުން އަޅުގަނޑުމެންނަށް ދެއްކި ދާނެ އިއްޒަތްތެރި މެމްބަރަކު އަވަހާރަ ކޮށްލުމުގެ ވާހަކަ ވެސް." މިސާލު ދައްކަވަމުން ނަޝީދު ވިދާޅުވި އެވެ.
ޑީއާރުޕީގެ ލީޑަރު ޖާބިރުގެ ގަރާރު ގާނޫނުއަސާސީއާ ހިލާފު ކަމަށް އެމްޑީޕީގެ ބައެއް މެމްބަރުން ވިދާޅުވުމުން ނިޒާމީ ނުކުތާއެއް ނަންގަވައި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ، އެކަމަކާ އެއްބަސް ނުވެވޭ ކޮންމެ ކަމަކީ ގާނޫނުއަސާސީއާ ހިލާފު ކަމެއް ކަމަކަށް ނުބެލޭނެ ކަމަށެވެ.
މަޖިލީހުގެ އިއްޔެގެ ޖަލްސާގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: މަޖިލިސް
"އަދި މަޖިލީހަށް އެޖެންޑާ ނުކުރެވޭނެ ކަންކަމަކަށް ވެސް ނުހެދޭނެ،" އީވާ ވިދާޅުވި އެވެ.
ގާނޫނުއަަސާސީގައި ބަޔާން ކޮށްފައިވާ ގޮތާ ހަވާލާ ދެއްވައި އޭނާ ވިދާޅުވީ، ރާއްޖެ ހިންގަން ވާނީ ލާމަރުކަޒީ ނިޒާމަކުން ކަމަށެވެ. ނަމަވެސް އެލްޖީއޭ އާއި ކައުންސިލްތަކުގެ ވާހަކަ ގާނޫނުއަސާސީގައި ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
އީވާގެ އެ ވާހަކައާ ގުޅިގެން ނަޝީދު ވިދާޅުވީ، ޖާބިރުގެ ގަރާރު މަޖިލީހަށް ބަލައިގަތުމާއި ނުގަތުމާ މެދު ގޮތެއް ނިންމާނީ މަޖިލީހުގެ ތަޅުމުގައި ނަމާ ވޯޓަކުން ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނައިޓްކްލަބް ސަރުކާރު
10 July 2020
ޤާނޫނު އަސާސީ އުވާނުލެވޭނެ، އަދި މީހަކު މަރާވެސް ނުލެވޭނެ. އަދި އެވާހަކަ ވެސް ނުދެއްކޭނެ. އެއީ މުޅިން މަނާ ކަންކަން. އެހެނެއް ނޫން، ޝަރީޢަތުގައި މަރުގެ ޙައްދު ކަނޑައެޅިފައިވާ ކުށެއް ކުރުމުން އެހުކުމްތަންފީޒު ކުރާނެ އިޖުރާތުގެ ވާހަކަ ދެއްކިދާނެ، އަދި ޤާނޫނު އަސާސީގައި ހުރި ބައެއް މާއްދާތަށް ބަދަލު ކުރުމުގެ ވާހަކަ ދެއްކިދާނެ. އަދި އާ ޤާނޫނު އަސާސީއެއް ހެދުމުގެ ވާހަކަ ދެއްކިދާނެ. ހުރިގޮތަށް ހުރެފައި ޤާނޫނު އަސާސީ އުވާލަން ވާހަކަ ނުދެއްކޭނެ.
އެޑަމް
09 July 2020
މަޖިލިހުގެ ރައީސް އިސްލާމްދީނުގެއަސްލުތަކޭކިޔައިގެން ވާހަކަފަށާއިރުމީނަޔައް އިސްލާމްދީނުގެ އަސްލުތަކަކީކޮބާކަންއެގޭބާ?މީހަކުމަރާލަންވާހަކަދައްކާޖަލްސާކުރުމަކީ ކޮންކަހަލަ ކަމެއްތޯ?
ޝޮކްތެރަޕީ
08 July 2020
ރާއްޖެ ހިފަން ގޮވިމީހާ ތި ފެންނަނީ. މިކަހަލަ މީހުންނަ ތާއީދު ކުރާނީ ވަރައް ހެޔޮނުވިސްނޭ މީހުން.
99.9
08 July 2020
ކުރިންވެސް ރައްޔަތުން ނުކުމެ ބާރުދައްކައިފަ އޮތީ ބާރެއްލިބުނަސް ހިތުހުރިހާކަމެއް ނުކުރެވޭނެ ރައްޔަތުން ނުކުމެ ބާރު ނުދައްކަނީސް މައިތިރިވޭ
ައަފުރާސިޔާބު
08 July 2020
މީހަކު މަރާލާނެ ވާހަކަ ދެއްކުމަކީ ގާނޫނު އަސާސީއާ ޚިލާފުކަމެއް. ކުށެއް ކުރާން ބުނުމަކީ މިފަހަކުން ގައުމުތަކުގެ ޖިނާއީ ގާނޫނުތަކުގައި ޖިނާއީ ކުށުގެ ނިޔަތް އޮތްކަން ސާބިތުވާ ކަމެއްކަމަށް އޮވޭ. ކުށްވެރިވޭ އެފަދަ ނިޔަތެއް އޮތްނަމަ އަމަލު ނުކުރިޔަސް. ދެން ގާނޫނު އަސާސީ އުވާލުމުގެ ވާހަކަ މަޖިލިސްތެރޭ ދެއްކިދާނެ މެންބަރުންނަށް.
ހަސަދު
08 July 2020
ރައީސް ނަޝީދަށް ދަންވަން އޮތީ މަނިކުފާނު ދެން އިސްތިއުފާ ދެއްވާފަ މަޖުލިސް ސަލާމަތް ކޮށްދެއްވާށޭ. މަޖުހުގެރައީސް ގޭގައި ފަރިއްކުޅުވަން އިންނަވައިގެން ދައްކަވާ ވާހަކަ މަޖުލިގައި ދެކެވިގެނެ ނުވާނެ. މަނިކުފާނެ ވިސްނުނަފުޅު މިހާރު ވަރުބަލި ވެއްޖެ ކަމަށް ފެނޭ. ދެން ދުވަސް ކޮޅަކަށް ރެސްޓު ކުރެއްވިއްޖެއްޔާ ފަހަރުގައި ރަނގަޅުވުން ވެސް އެކަށީގެންވޭ.
އަސްލު
08 July 2020
ހުރިހާ ކަމަކުން އިސްތިސްނާ ވެއްޖެއްޔާ ނުދެއްކޭނެ ވާހަކައެއް އެބައޮތްތޯ?
ހިބަރުވަދު
08 July 2020
ޤާނޫނުއަސާސީ އުވާލައިފިނަމަ، އަހަރުމެން ރައްޔިތުން ތިޔަ މަޖިލިސް އުވާލާނަމެވެ.
ބިގަރޭ
08 July 2020
މީހުން މަރާ ވާހަކަ ނުދެއްކޭނެ ތިޔަމަޖިލިހަކު....
66666
08 July 2020
ބިރުން ފިތްކަނޑައިގެން ދާވަރުގެ ވާހަކަ މިހިރަ އަންނަނީ މަޖުލީހުގެ ރައިސްގެ ދުލުން
ައަފުރާސިޔާބު
08 July 2020
އެއީ މަޖްލިސްތެރޭގައި އިންނަވައިގެން ވިދާޅުވާ ވާހަކަ. ހާމަކަން ބޮޑުގޮތެއްގައި. އެހެންވީމާ ސިއްރުން ކޮށްފާނޭ ކަމެއްގެ ބިރުވެރިކަން ހިތަށް ތަސައްވަރުކޮށްލެވިދާނެ.