ޖެންޑާ މިނިސްޓްރީން ބުރާސްފަތި ދުވަހު ބޭއްވި ބައްދަލުވުން: އެތަނުން އެއް ބައިވެރިއަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައި-- ފޮޓޯ: ޖެންޑާ މިނިސްޓްރީ
13 ޖުލައި 2020 - 16:12
ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމަށްޓަކައި، ކަމާގުޅޭ އިދާރާތަކުގެ އޮފިޝަލުން ބައިވެރި ކޮށްގެން މިދިޔަ ބުރާސްފަތި ދުވަހު ޖެންޑާ މިނިސްޓްރީން ބޭއްވި ބައްދަލުވުމުގެ ބައިވެރިއަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.
ސްޓެލްކޯގެ ސެމިނާ ރޫމުގައި ބޭއްވި އެ ބައްދަލުވުމުގައި ބައިވެރިވި މީހުންގެ ތެރެއިން އިއްޔެ ޕޮޒިޓިވްވީ، ޖުވެނައިލް ޖަސްޓިސް ޔުނިޓް (ޖޭޖޭޔޫ) ގެ މުވައްޒަފެކެވެ.
އެ ބައްދަލުވުމުގައި ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ އާއި ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމާއި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާއި ރާއްޖޭގައި ހުންނަވާ ޔުނިސެފްގެ މަންދޫބު ވެސް ބައިވެރިވެވަޑައިގަތެވެ. އޭގެ އިތުރުން އެޓާނީ ޖެނެރަލްގެ އޮފީހާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާއި ފުލުހުން އަދި މަދަނީ ޖަމިއްޔާތަކާއި ޔުނިސެފްގެ ފަރާތުން މަންދޫބުން ބައިވެރިވި އެވެ.
ޖެންޑާ މިނިސްޓްރީން ބުރާސްފަތި ދުވަހު ބޭއްވި ބައްދަލުވުން: އެތަނުން އެއް ބައިވެރިއަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައި-- ފޮޓޯ: ޖެންޑާ މިނިސްޓްރީ
ޖެންޑާ މިނިސްޓްރީގެ މީޑިއާ އޮފިޝަލް "މިހާރު" އަށް މިއަދު ވިދާޅުވީ، ބައްދަލުވުން ބާއްވާފައި ވަނީ އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް، ރައްކާތެރި ކަމުގެ ފިޔަވަޅު އަޅައިގެން ކަމަށެވެ. އެހެންކަމުން ބައްދަލުވުމުގެ ބައިވެރިއަކު ކޮވިޑަށް ޕޮޒިޓިވް ވިޔަސް އޭނާއާ އެހެން މީހަކާ ޑައިރެކްޓް ކޮންޓެކްޓް ނުވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
"ހުރިހާ ބޭފުޅުން ވެސް ތިއްބެވީ ތިން ފޫޓު ދުރުގައި، މާސްކް އަޅުއްވައިގެން، އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް. އެހެންވީމާ އެއްވެސް ބޭފުޅަކާ ޕޮޒިޓިވްވި ބޭފުޅާއާ ޑައިރެކްޓް ކޮންޓެކްޓްވި ކަމެއް މިހާތަނަށް އަންގާފައެއް ނެތް،" އޭނާ ވިދާޅުވި އެވެ.
ބައްދަލުވުމުގެ ބައިވެރިއަކު ޕޮޒިޓިވްވުމުން ޖެންޑާ މިނިސްޓަރު ހިމެނޭ ގޮތަށް ބައްދަލުވުމުގެ ހުރިހާ ބައިވެރިން އައިސޮލޭޝަން އަށް ދާން އެންގި ކަމަށް ބުނާ ވާހަކައަކީ ދޮގެއް ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
އެ ބައްދަލުވުން ބޭއްވީ އަންހެނުންނާއި ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމަށް މަސައްކަތް ކުރުމާއި އެ މީހުންގެ ހައްގުތައް ރައްކާތެރިކޮށް، ކުރިއެރުވުމުގެ ގޮތުން ކުރެވޭ މަސައްކަތްތަކުގައި އެ މީހުންގެ އަޑު އުފުލުމުގެ ފުރުސަތު ފަހިކޮށް ދިނުމަށެވެ.
ރާއްޖޭން މިހާތަނަށް 2,731 މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފަ އެވެ. އޭގެ ތެރެއިން 2,284 މީހަކު ބަލިން ރަނގަޅު ވެފައިވާއިރު 13 މީހަކު ވަނީ އެ ބަލީގައި މަރުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖެން
14 July 2020
ކީއްވެޔޯ ސެލްފް އައިސޮލޭޓް ވާން ނުބުނީ ދެން؟ މަމީ ހައިރިސްކް މީހެއް. މަގޭ އޮފީސް މީހެއްވެސް ދިޔަ ތިތަނަށް. އެންމެން ނުރައްކަލަށް ހުށައެޅުނީ ދޯ ހަމަ
ގިނަ ވާހަކަ
14 July 2020
ހިތާމަ ހުރި މަންޒަރެއް. ވިސްނަވާ، ތިތަނަށް މަޖުބޫރުވެގެން އެތައް ބައިވަރު މުވައްޒަފުންނެއް އެހެން މުއައްސަސާތަކުން ވެސް ގޮސްތިބޭނެ. އަދި، އެ މުވައްޒަފުންގެ ގޭގޭގައި ހައި-ރިސްކް ކެޓަގަރީއަށް ފެތޭ އުމުރުން ދުވަސްވީ މީހުން، ބޮޑެތި ބަލިތައް ހުރި މީހުން، ކުޑަކުދިން އަދި ބަނޑު އަންހެނުންވެސް ތިބޭނެ، ތިޔަ މަޖުބޫރު ކުރުވަނީ މި ވައިރަސް އެމީހުންގެ ގޭގެ ވެއްދުމަށް. ހިތާމަ ހުރި، ޖެންޑަރ މިނިސްޓްރީ ޓެކްނޮލޮޖީއާ ރައްޓެހިވުމަށް ގޮވާލަން.
ކހޖޖ
13 July 2020
ދެވަނަ ފޮޓޯ ބަލާލީމަ އެނގޭ އެބަ ގައި ދުރުކަން. އެކަކު އަނެކަކު އުނގުގައެއް ނޫން ތަ އެތިބީ
އަޖައިބު 1
13 July 2020
ކިހާ ދެރަ ކަމެއް ދެން މީ؟؟ ހަމަ ބައްދަލުވުންތައް އޮންލައިން ކުރާށޭ ބުންޏަސް މި މީހުން އަޑެއް ނާހާ! އެޗް.ޕީ.އޭ އިން ވެއްޖެއެއްނު ތަންކޮޅެއް ރަނގަޅަށް މޮނިޓާރ ކުރަން، އެހެރަ ފެންނަ ފޮޓޯގަ ގައިމު ނެތް ގައިދުރުކަމެއް. ދައުލަތުގެ އިދާރާތްތައްވެސް ވެއްޖެ ތަންކޮޅެއް ޒިންމާދާރުވެ މިހާރުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން މަސައްކަތް ކުރަން.
ޝާއިލް
13 July 2020
ތިޔައީ ނަޝީދު ބޭނުންފުޅު ވާގޮތް
ޑޖދޖ
13 July 2020
ޖަލްސާތައް ޖުބާވާށޭ ބުނީމަ ވެސް ބާއްވަނީ.މީ ސަރުކާރު މިނިސްޓަރީ ތަކުގެ ހާލު.ދެން ސައި ހޮޓާތަކާ ކޮނަސްޓަކްޝަން ސައިޓް ތަކާ އަމިއްލަ އޮފީސް ތަކުގެ ހާލު ވިސްނާލަ. ޣައި ދުރުކޮށް ޖަލްސާ ބާއްވާފަ އެންމެން ސައި ބުއި މާސްކް ނަގައިގެން ބޮޑިވެގެން.... ދެން ފެތުރޭ އެއްޗެއް އޮންނާނީ ފެތުރިފަ ރަގަޅަށް.... ދެވަނަ ބަންދު ވުމަކަށް ތައްޔާރުވޭ. ޣެ ތައް ސްޓޮކް ކުރަން ފެއްނަނީ
ކޮވިޑު19
13 July 2020
އެހެން ވީމާ ޖެންދަރ މިނިސްޓަރީން ތިކުރީ ވަރަށް ބޮޑު ގޯސް ކަމެއް.
ސްޓެލްކޯ މޭން
13 July 2020
ތިޔަ އެއްޗެއް އޮތް ތަނަށް އަރަން ހުންނަނީ ކުޑަ ކުޑަ ދެ ލިފުޓު. މަށަކަށް ނޭނގެ ގައިޑުލައިނުގަ އޮތް އެއްޗެއް. ސިޑިން އެރި މީހަކު އެބަ ހުރިބާ
ޝަރަފް
13 July 2020
ޖެންޑަރ މިނިސްޓަރު މި އޮންނަނީ ހުރިހާ ކަމެއްގައިވެސް އެންމެ ފުލުގައި
ާއުނިމާ
13 July 2020
ދެލޯފުޅާ! ހަމައެކަނި ޑައިރެކްޓް ކޮންޓެކްޓް ވެގެނެއްނޫނޭ މި ބަލިޖެހެނީ، މިހާރު ވައިތެރެއިންވެސް ފެތުރޭކަމަށް ދުނިޔޭގެ ޞިއްޚަތު ޖަމުޢިއްޔާއިން އެބަބުނޭ! ނޫނީ ކިހިނެއް މިހާ ފަސޭހައިން މިފެތުރެނީ! މުޅި ދުނިޔެއިން 13 މިލިޔަން މީހުނަށް ޖެހި ބައިމިލިޔަން މީހުން މިހަރުވެސް މަރުވެއްޖެ! ތިޔަ ގައިޑްލައިނަށް އަމަލުކުރިޔަސް ތިޔަ ނުފެތުރޭނޭކަމުގެ ކޮން ޔަގީންކަމެއްއޮތީ؟
ބުޝްރާ
13 July 2020
ހަމަ ބައްދަލުވުންތައް މަދުކުރަންވީ