މީގެ ކުރިން ބޭއްވި އިންތިހާބެއްގެ ވޯޓު ގުނުމުގެ މަސައްކަތް ކުރަނީ. އަންނަ ލޯކަލް ކައުންސިލް އިންތިހާބުގައި ޖުމްލަ 653 ކައުންސިލަރުން އިންތިހާބުކުރޭ.- ފޮޓޯ: އިލެކްޝަންސް
22 އޮކްޓޯބަރ 2016 - 22:52
އަންނަ އަހަރުގެ ޖެނުއަރީ 14 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި ޖުމްލަ 653 ކައުންސިލަރުން އިންތިހާބުކުރަން ނިންމާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިރޭ ބުނެފި އެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނުގައިވާ ގޮތުގެ މަތީން އެ ކައުންސިލްތަކަށް އިންތިހާބު ކުރަން ޖެހޭ މެންބަރުންގެ އަދަދާއި ދާއިރާތައް އާންމުންނަށް ފެންނާނެހެން ގެޒެޓް އަދި އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓްގައި މިއަދު ވަނީ އާއްމު ކޮށްފަ އެވެ. އެ ކޮމިޝަނުން ބުނީ ޖެނުއަރީ 14 ގައި ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި 179 ރަށު ކައުންސިލަކަށް 563 ރަށު ކައުންސިލަރުންނާއި 18 އަތޮޅު ކައުންސިލަކަށް 67 އަތޮޅު ކައުންސިލަރުން އަދި ތިން ސިޓީ ކައުންސިލަކަށް 23 ސިޓީ ކައުންސިލަރުން އިންތިހާބުކުރާނެ ކަމަށެވެ. އިލެކްޝަންސް އިން ބުނީ މިފަހަރުގެ އިންތިހާބުގައި ކޮންމެ ރަށު ކައުންސިލަކުން އިންތިހާބު ކުރާނީ ތިނެއް ނުވަތަ ފަސް ކައުންސިލަރުން ކަމަށެވެ. އެއީ 3000 އިން ދަށުގެ އާބާދީ ހިމެނޭ ކޮންމެ ރަށަކަށް ތިން ކައުންސިލަރުން، އަދި 3،000ން މަތީގެ އާބާދީ ހިމެނޭ ކޮންމެ ރަށަކަށް ފަސް ކައުންސިލަރުންނެވެ. މިގޮތުން ފަސް ކައުންސިލަރުން އިންތިހާބުކުރާނީ 13 ރަށެއްގައި ކަމަށް އެ ކޮމިޝަނުން ބުންޏެވެ. އިލެކްޝަންސް އިން ބުނީ އަތޮޅޮ ކައުންސިލްތަކަށް އިންތިހާބުކުރާނީ ދެ އިންތިހާބީ ދާއިރާއަށްވުރެ ގިނަ އިންތިހާބީ ދާއިރާ ހިމެނޭ އަތޮޅެއްގައި ނަމަ ކޮންމެ އިންތިހާބީ ދާއިރާއަކުން އެއް ކައުންސިލަރު ކަމަށެވެ. އަދި ދެ އިންތިހާބީ ދާއިރާ ހިމެނޭ އަތޮޅެއް ނަމަ މުޅި އަތޮޅުން ވޯޓުލައިގެން ހޮވާ ތިން ކައުންސިލަރުން ކައުންސިލުގައި ތިބޭނެ ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.
އެ ކޮމިޝަނުން ބުނިގޮތުގައި ސިޓީތަކުގައި އިންތިހާބުކުރާނީ ކޮންމެ އިންތިހާބީ ދާއިރާއަކުން އެއް ކައުންސިލް މެންބަރެވެ. އެ ގޮތުން މާލެ ސިޓީގައި 13 މެންބަރުން، އައްޑޫ ސިޓީގައި ހަތް މެންބަރުން އަދި ފުވައްމުލަކު ސިޓީގައި ތިން މެމްބަރުން އިންތިހާބުކުރާނެ ކަމަށް އިލެކްޝަނުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނެވަރ މައިންޑް
23 October 2016
އަހަނަނަށް ހެޔޮ ކައުންސިލެއް ހޮވިޔަސް ނުހޮވިޔަސް. މަޖިލީހެއް އޮތަސް ނެތަސް. ރައީސެއް ހުއްޓަސް ނެތަސް. ކޯޓެއް އޮތަސް ނެތަސް. ޕާޓީއެއް އޮތަސް ނެތަސް. ލީޑަރުން ތިއްބަސް ނެތަސް. ނޫސްވެރިން ތިއްބަސް ނެތަސް. ކުރާނެކަމެއް ކުރާނެ، ފައިދާ ވާބަޔަކަށް ވާނެ. އަހަރެމެންނަށް ކަނޑައެޅިފައިވާ ރިޒްޤެއް މާތްﷲ ދެއްވާނެ. މާތްﷲ އާ ވަކީލް.
ކަފިހި ހުރަސް
23 October 2016
އަހަރެމެން މިތިބީ ބަލަން ކައުންސިލަރުންގެ ޢަދަދު މަދުކޮށް ބާކީވާ އެތަން މިލިޔަން ފައިސާއިން ރައްޔިތުންނަށް ދޭ ޚިދުމަތުގެ ފެންވަރު މިހުރިހާ މަދުކުރުމެއް އައިއިރުވެސް މިވަނީ ކަރަންޓާ ކާޑުގެ އަގު އެކުއެކީ ބޮޑުކޮށްފަ ދެން ދައްކަނީ ގޮނޑި ހޯދާވާހަކަ
އަޑީބް އެންޑް ބަދީއް
22 October 2016
3000 ހަމަވާ 13 ރަށް އޮވެދާނެ. ރަޖިސްޓްރީގާ 3000 އޮތަސް ގިނަފަހަރަށް 2000ވެސް އޮންނާނީ ހަމަނުވެފާ. އެހެންވީމާ އެމީހުން އެ ބަލަހައްޓަނީ އެންމެ ދެހާހެއްހާ މީހުން. ދެން ތިގޮތެއްވެއް އަސްލުކަމެއްނުދެއެއްނު.