ރިޕޯޓް / އާއިޝަތު މުހައްމަދު ދީދީ (ޖެންޑާ މިނިސްޓަރު)

މިނިސްޓަރު އައިޝާ އަޒުމެއްގައި: އިންސާފުގެ ދޮރު ހުޅުވޭނެ

ޖެންޑާ މިނިސްޓަރު އާއިޝާ މަގާމުގެ ލިޔުމުގައި ސޮއިކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް

ރޭޕް ނުވަތަ ޖިންސީ ގޯނާގެ ކުށެއް ކޮށްފި ނަމަ ގާނޫނީ ނިޒާމުގެ ތެރެއިން ކަށަވަރުކޮށްދޭން ޖެހޭ ކަމަކީ އެ މީހާގެ ފަރާތުން އެހެން މީހަކަށް އެފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމެވެ؛ އަނިޔާ ލިބުނު މީހާ އަށް އަވަހަށް އިންސާފު ހޯދައި ދިނުމެވެ.

އެކަމަކު ކަން ހިނގަނީ މިގޮތަށް ކަމަކަށެއް ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ވެސް ގަބޫލެއް ނުކުރައްވަ އެވެ. ޝިކާރަވެރިން ތިބީ މިނިވަންކަމުގަ އެވެ. އިންސާފު ނުލިބުމުގެ ކަންބޮޑުވުމާއި މުއައްސަސާތަކަށް އިތުބާރު ގެއްލި މާޔޫސްކަން އިންތިހާގަ އެވެ. ނުފޫޒު ގަދަ، އަތްތަކަކުން އިންސާފުގެ މަތީގައި އަތް އަޅައި، މައްސަލަތައް ވަނީ ނުބެލި ފުނި ޖެހިފަ އެވެ.

މިނިސްޓަރު އައިޝާގެ ބަހުން ނަމަ، އަނިޔާ އަށް އިންސާފު ހޯދައިދިނުމުގައި ނިޒާމުތައް ފޭލްވެފައި އޮންނަތާ އެތައް ޒަމާނެއް ވެއްޖެ އެވެ.

"ފިރިހެނަކު އަދި އަންހެނަކު ވިޔަސް ޖިންސީ އަނިޔާ ނުވަތަ އެފަދަ ބޮޑު އަނިޔާއެއް ކޮށްފި ކަމަށް ވަންޏާ ހައްގު އަދަބު އަވަހަށް ލިބެން ޖެހޭ. އެކަމަކު މިފަދަ މައްސަލަތައް ނުގެންދެވޭ އިނގޭތޯ، އެ ބާރު މިނުގައި، އެއީ ކަންބޮޑުވުމަކީ،" މިނިސްޓަރު އައިޝާ ވިދާޅުވި އެވެ.

ސަރުކާރުގެ މަތީ މަގާމުތަކުގައި ތިބި މީހުންގެ ތެރެއިން ޖިންސީ ގޯނާގެ ތުހުމަތު ކުރެވޭ މީހުން މަގާމުން އެކަހެރިކޮށް، އެމީހުންނަށް ތުހުމަތު ކުރެވޭ މައްސަލަތައް ބަލަން ގޮވާލައި، "ޖާގައެއް ނެތް" ނަމުގައި އަންހެނުންތަކެއް މިއަދު ހޮޓަލް ޖެން ކައިރީ ކުރި މުޒާހަރާގެތެރެއިން.-- ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް /މިހާރު

މި ސަރުކާރުގެ ދެވަނަ ޖެންޑާ މިނިސްޓަރުގެ މަގާމާ ހަވާލުވެވަޑައިގަތީ އެ ހަގީގަތާ ކުރިމަތިލައްވާށެވެ. ފުރަތަމަ ވަޒީރު، ޝިދާތާ ޝަރީފަށް މަގާމުގެ ޒިންމާ އެކަށީގެންވާ ގޮތެއްގައި އަދާނުކުރެއްވޭ ކަމަށް މަޖިލީހުގެ ބައެއް މެމްބަރުން އެޅުވި ތުހުމަތުތަކާއި ކުރިމަތިކުރި ޕްރެޝަރުތަކާ ހެދި އިސްތިއުފާ ދެއްވީ އެވެ. އިންޑިއާ އަށް ރާއްޖެ އިން ކަނޑައެޅުއްވި އެމްބެސެޑަރުގެ މަގާމުގައި ހުންނެވުމަށް ފަހު ޖެންޑާ މިނިސްޓަރުގެ މަގާމާ އައިޝާ ހަވާލުވެވަޑައިގަތީ މިދިޔަ ފެބުރުއަރީ މަހުގެ ތެރޭގަ އެވެ.

އޭރު ވެސް ކުޑަކުދިންނާއި އަންހެނުންނަށް ކުރާ ގޯނާތަކުގައި ދައުލަތުގެ އިހުމާލު ދައްކައި ދިޔައީ ފާޑުކިޔަމުންނެވެ. އަނިޔާގެ ޝިކާރައަކަށް މާ ކުރިން ވެ އިންސާފު ނުލިބި ތިބި މީހުން އެ ވާހަކަތަކާ އެކު ނުކުންނަން ފަށައި ހާލަތު ކުރިއަށް ވުރެން މިހާރު މާ ނާޒުކެވެ.

މިނިސްޓަރު "މިހާރު"އަށް ދެއްވި އިންޓަވިއުގައި ވިދާޅުވީ އިންސާފަށް އުފުލާ އަޑުތަކާއި އަނިޔާ ތަހައްމަލްކުރަމުންދާ މީހުން ހިތްދަތިކަމުގައި އޭނާގެ ވެސް ބައިވެރިވުން އެބައޮތް ކަމަށެވެ. އެކަންކަމާ ދެކޮޅަށް، އިންސާފުގެ ދޮރު ހުޅުވަން ކުރަން ޖެހޭ ގިނަ މަސައްކަތްތަކެއް ހުރިއިރު، އެކަމުގައި ފަހަތަށް އެންމެ ފިޔަވަޅެއް އަޅުއްވަން ވެސް މިނިސްޓަރު ތައްޔާރެއް ނޫނެވެ.

އެންއީއޯސީން ބޭއްވި މީޑިއާ ބްރީފިން ގައި ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ވާހަކަ ދައްކަވަނީ. --ފޮޓޯ/މިހާރު

އަނިޔާގެ މައްސަލަތަކުގައި އިންސާފު ނުލިބޭ ކަމަށް ވިދާޅުވާން ޖެހިވަޑައިގަތް ސަބަބެއްގެ ގޮތުގައި ދެއްކެވީ ކޯޓުތަކުގައި ފުނިޖެހިފައި ހުރި އަނިޔާގެ މައްސަލަތަކެވެ. އެ މައްސަލަތަކުގައި ތުހުމަތު ކުރެވޭ މީހުން ކޮބައިތޯ މިނިސްޓަރު ސުވާލު އުފެއްދެވި އެވެ. އޭގެ ތެރެއިން ގިނަ ބަޔަކު މިނިވަންކަމުގައި ތިބި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ހެދި އިންކުއަރީން އޮތީ ފެންނާށެވެ.

"އެ މީހުން ދޫވެފައި ތިބި ކަމަށް ވަންޏާ ނުރައްކަލުގެ ތެރޭގައި ތިބޭނީ ކުދިން، އަންހެނުން. ރަނގަޅު، މަފްހޫމަކީ ކުށެއް ސާބިތުވަންދެން އެ މީހާ އަކީ ކުށްވެރިއެއް ނޫން. ނަމަވެސް މި ކަހަލަ ކުށްތަކުގައި، ޝައްކެއްގެ މަތީގައި ހުންނަ މީހާ ވެސް އަޅުގަނޑު ދެކޭ ގޮތުގައި މުޖުތަމައުގެ ތެރޭގައި ދޫވެފައި ހުރެގެން ނުވާނެ. ތަހުގީގުކޮށް، ޝަރީއަތްކޮށް ނިމެންދެން އެ މީހާ ބަންދުގައި ހުންނަން ޖެހޭނީ.

ކުރަން ހުރި މަސައްކަތް ގިނަ، ޝަރީއަތްތައް އަވަސް ވާން ޖެހޭ

މިނިސްޓަރު ވިދާޅުވި ގޮތުގައި މަގާމާ ހަވާލުވެވަޑައިގަތް އިރު ވެސް މައްސަލަތަކުގައި އިންސާފު ދިގުލައިގެން ގޮސްފައިވާތީ ރައްޔިތުންގެ ޝަކުވާ އިންތިހާ އަށް އޮތް ކަމާއި ނިޒާމުގެ ތެރެއިން ހައްލު ހޯދަން ގޮންޖެހުން ބޮޑު ކަން އެނގިވަޑައިގެންނެވި އެވެ. އެކަމަކު، ތައުލީމީ ދާއިރާގައި ހޭދަކުރެއްވި 17 އަހަރާއި ފަހުން ކުޑަކުދިންގެ ހައްގުތަކާ ބެހޭ ޔުނިޓާއި ޔުނިސެފުގައި ކުރެއްވި މަސައްކަތާއި ލިބިވަޑައިގަތް ތަޖުރިބާ އިން މައްސަލަތަކަށް ހައްލު ހޯއްދެވިދާނެ ކަމުގެ އަޒުމެއް މިނިސްޓަރުގެ އެބައޮތެވެ.

އައިޝާ ވިދާޅުވީ ޝަކުވާތަކަށް ހައްލުތަކެއް ހޯދޭނެ ކަމަށެވެ. އެކަމަކު، މިނިސްޓަރާއި އެ މިނިސްޓްރީގެ މުވައްޒަފުންނަށް އެކަނި އެކަން ނުކުރެއްވޭނެ ކަމަށް ވިދާޅުވެ އެދިވަޑައިގަތީ އެންމެންގެ އެހީއަށެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި މިނިސްޓްރީގެ އެންމެ ބޮޑު އިސްކަމެއް ދޭނީ ހޭލުންތެރިކަން އިތުރުކުރާށެވެ. ކުއްޖަކާ މެދު ނުވަތަ އަންހެނެއް ނުވަތަ ފިރިހެނަކާ މެދު ވެސް ރޭޕުގެ ނުވަތަ ޖިންސީ ގޯނާގެ އަމަލެއް ހިންގައިފި ނަމަ ތަހުގީގުގެ ޒިންމާ އޮންނަނީ ފުލުހުންނަށެވެ. މިނިސްޓްރީގެ ދައުރަކީ ނަފްސާނީ އެހީތެރިކަމާއި ހިމާޔަތާއި ރައްކާތެރިކަން ދިނުމެވެ. އަދި އެ މާހައުލުން ނުރައްކަލާއި ދެ ވަނަ ފަހަރަށް އެފަދަ ކަމެއް ތަކުރާރުވެދާނެ ކަމަށް ބެލެވޭ ނަމަ ހިމާޔަތް ކުރެވޭނެ (އާއިލާގެ ތެރެއިން) އެހެން މާހައުލަކަށް ނުވަތަ ދައުލަތުގެ ބެލުމުގެ ދަށަށް ގެންދިއުމެވެ.

މިފަދަ މައްސަލައެއްގައި، އާއްމުންގެ ކަންބޮޑުވުމަކީ ކުށަށް ތުހުމަތުވާ މީހާ ވަގުތުން ނުވަތަ ވީ އެންމެ އަވަހަކަށް ހައްޔަރު ނުކުރެވުމެވެ. ނުވަތަ ކޯޓަށް ގެންދިއުމުން ބަންދުކުރާ މުއްދަތު ކުރުވުން ނުވަތަ ލަސްތަކެއް ނުވެ ނިޒާމުގެ ތެރެއިން އޭނާ ދޫވުމެވެ. މި ކަންބޮޑުވުން ޖެންޑާ މިނިސްޓްރީގެ ވެސް އޮންނަ ކަމަށް އައިޝާ ވިދާޅުވި އެވެ.

"މިގޮތަށް ހިތްހަމަނުޖެހޭއިރު ވިސްނާލަން ޖެހޭ ކަމެއް އެބައޮވޭ، ވަރަށް ކުޑަވާނެ ކޯޓުގެ ނިންމުމުގައި ޖެންޑާ މިނިސްޓްރީގެ ރޯލް. އެ ތަހުގީގާ ގުޅިގެން ޕްރޮސިކިއުޓަ ޖެނެރަލް ދައުވާ މިކުރަނީ ނުވަތަ އެ މީހާ ބަންދުގައި ބަހައްޓަން މި ނިންމަވަނީ، އެއީ އެހެން މަސައްކަތެއް،" އައިޝާ ވިދާޅުވި އެވެ.

"މިސާލަކަށް، އަނިޔާ ލިބޭ ކުއްޖަކު ހިމާޔާތް ނުކުރެވޭ ނަމަ ވަރަށް ބޮޑަށް ރުޅި އަންނަން ޖެހޭނެ މިނިސްޓްރީ ދެކެ. ކުއްޖާ އަށް ނުވަތަ އާއިލާ އަށް ހިމާޔަތް ނުދެވޭ ނަމަ އެއީ މިނިސްޓްރީގެ ފަރުވާކުޑަކަން ނުވަަތަ ޒިންމާދާރުވުން ކުޑަ ވީ ކަަމަށް ބެލެވިދާނެ،"

ޖިންސީ ގޯނާގެ މައްސަލަތަކުގައި ޝަރީއަތްތައް ލަސްވުމަކީ މިނިސްޓަރުގެ ވެސް ކަންބޮޑުވުމެކެވެ. މިކަމުގައި ތުހުމަތު ކުރެވޭ މީހުން ދޫވެފައި ތިބި މީހުންގެ މައްސަލަ ވެސް ހައްލުކުަރަން ޕްރޮސިކިއުޓަ ޖެނެރަލާއި ޕޮލިސް ކޮމިޝަނަރާ އެކު އަންނަނީ މަޝްވަރާކުރަމުންނެވެ.

"އެންމެން އެކީގައި، މަސައްކަތް ކުރަމުން މި އަންނަނީ މައްސަލަތައް އަވަސް ކުރެވޭތޯ، ނަތީޖާ ވެސް އެބަފެނޭ،" މިނިސްޓަރު ވިދާޅުވި އެވެ.

މިސާލެއް ދައްކަވަމުން ވިދާޅުވީ ގެވެށި އަނިޔާ ފަދަ މައްސަލަތަކުގައި އަބަދުވެސް ކުށްވެރިވަނީ ނުވަތަ އަމިއްލަ އާއިލާއާ ވެސް ދުރުކުރަން މި ޖެހެނީ އަނިޔާ ލިބޭ ފަރާތެވެ. އެކަމަކު އޭގެ ބަދަލުގައި އޭނަ ގައިގައި ތަޅައި އަނިޔާ ކުރާ މީހާ ދުރުކުރުން މާ ރަނގަޅު ކަމަށާއި އެފަދަ މަޝްވަރާތައް ވެސް އެބަދާ ކަމަށް ވިދާޅުވި އެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމާ ދެކޮޅަށް ބަޔަކު އަޑު އުފުލަނީ--. ފޮޓޯ:ނިޝާން އަލީ/މިހާރު

"ބައެއް މީހުންނަށް، އެންގާ މެނޭޖްމެންޓް ފަދަ ތެރަޕީ ދީގެން ވެސް ބިހޭވިއާ ބަދަލުކުރެވޭނެ މީހުން. އެކަމަކު އޭގެ ތެރޭގައި އިސްތިސްނާވޭ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރެވޭ މީހުން،" އައިޝާ ވިދާޅުވި އެވެ.

އެތައް އަހަރަކު ހުކުމް ތަންފީޒުކުރާ ފަހުން ވެސް ގޮސް ސުވާލުކުރާއިރު ބައެއް މީހުންނަކީ ކުރި ކުށާ މެދު ދެރަ ނުވާ މީހުން ކަމަށާއި އެކަމަުގައި އެއްބަސްވިޔަސް ގިނަ މީހުން ދައްކާނީ އެ ކުއްޖެއްގެ ކުށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެފަދަ މީހުންގެ ވިސްނުން ބަދަލުކުރުން އުނދަގޫ ކަމަށް ސައިކޮލޮޖީ ކިޔަވައި ވިދާޅުވެގެން ހުންނެވި އައިޝާ ވިދާޅުވި އެވެ.

"އަނިޔާ އެބަހުރި ގިނަ ބާވަތްތައް، އެއީ ހަމައެކަނި ފިޒިކަލް އެބިއުސްއެއް ނޫން. އަނގައިން ނުބުނެ ތިބުމަކީ ވެސް އަނިޔާ. ފައިސާ ނުދިނުމަކީ ވެސް އަނިޔާ، އަޅާލުމާއި އޯގާތެރިކަން ނުދިނުމަކީ ވެސް އަނިޔާ. މިކަމުގައި ޖެހޭނީ ގިނަ މަސައްކަތްތަކެއް ކުރަން. ހޭލުންތެރިކަން އުފައްދަން، މުޅި މުޖުތަމައުގެ ބައިވެރިވުން ބޭނުންވޭ."

މިނިސްޓު އެދިވަޑައިގަތީ އެންމެންގެ އެހީތެރިކަމަށެވެ. ނަތީޖާ ނެރުމުގައި ހުރިހާ ދާއިރާތަކުގައި އޮންނަ ގުޅުމަކީ އެންމެ މުހިއްމު ކަންތައް ކަމަށް ވިދާޅުވި އެވެ.

ފަސް ސަރަހައްދެއްގައި ރައްކާތެރި ހިޔާތަކެއް

އަނިޔާ އަށް ހުށަހެޅޭ ކުދިން ދައުލަތުގެ ބެލުމުގެ ދަށުން ރައްކާތެރިކަން ފޯރުކޮށްދޭން އެކަށީގެންވާ ފަދަ ތަންތަން ނެތުމަކީ ވެސް ވަރަށް ބޮޑު ގޮންޖެހުމެކެވެ. އެކަމަށް އެހީ ހޯދުމަށް މިނިސްޓްރީން ވަނީ ބޭރުގެ އެކި ފަރާތްތަކުގައި އެދިފަ އެވެ.

"މި ޕްރޮޖެކްޓް އަޅުގަނޑުމެންނަށް ކާމިޔާބު ވެއްޖެ ކަމަށް ވަނީ ވިއްޔާ ރާއްޖޭގެ ފަސް ތަނެއްގައި އަޅުގަނޑުމެންނަށް މި ގޮތަށް ދިމާވާ ހާލަތްތަކުގައި ރައްކާތެރިކަމާ އެކު މީހުން ބޭތިއްބޭނެ މާހައުލެއް ގާއިމް ވާނެ. މީހުން ވެސް ތަމްރީން ވެސް ކުރެވޭނެ،" އައިޝާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކުޑަކުދިންގެ ހިޔާތަކެކޭ އެއްގޮތަށް އަނިޔާ ލިބޭ އަންހެނުން އެކަހެރި ކުރަން ވެއްޖެ ނަމަ ވެސް ބައިތިއްބާނެ ތަނެއް ހޯދުމުގެ މަސައްކަތް ކުރިއަށް އެބަދާ ކަމަށެވެ. އެހީ ހޯދުމުގެ ގިނަ ކަންކަން ކުރިއަށް އެބަގެންދާ ކަމަށް ވިދާޅުވި އެވެ.

ކުޑަކުދިންގެ ހިޔާގެ ދޮރު ލެއްޕުން: ބޮޑު ހިތްހަމަޖެހުމެއް

މަގާމާ ހަވާލުވެވަޑައިގެންނެވި އިރު ހުރި މައްސަލަތަކުގެ ތެރެއިން މިނިސްޓަރުގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ދައުލަތުގެ ބެލުމުގެ ދަށުގައި ކުދިން ބައިތިއްބާ ވިލިމާލޭގެ ހިޔާ އެވެ. އެތަނުގައި އުމުރުން 15-18 ދެމެދުގެ 50 އަށް ވުރެން ގިނަ ކުދިން ތިބެ އެވެ. ޖާގަ އަށް ވުރެ މާ ގިނަ އަދި އެކި އުމުރުގެ ކުދިން ތޮއްޖެހިގެން ދިރިއުޅެމުން އަންނަ އެތަން މިނިސްޓަރު ސިފަކުރެއްވީ ދޮރު ނުލެއްޕޭ ތަނެއްގެ ގޮތުގަ އެވެ. މާނައަކީ ކުދިން ބޭނުންވާ ގަޑިތަކުގައި، އެކި ގޮތްގޮތުން އެތަނުން ބޭރުވުމެވެ.

"ކުދިންގެ އަޚުލާގާއި ކަންކަން ހުރި ގޮތުން އެތަނުގައި ދޮރު ލައްޕައި ތަޅުލައިފިއްޔާ ތަޅުވެސް ހަލާކުކޮށްލާފައި ނުކުމެގެންދޭ. ރޭގަނޑު ނިދަން ނުވަންނަ ކުދިން ވެސް ތިބި. ވަރަށް މަސައްކަތް ކުރަން ޖެހުނު އެ ކުދިންނާ އެކު. އަމިއްލަ އަށް ގޮސް ވެސް އެ ކުދިންނާ އެކު ވަގުތު ހޭދަކޮށް އުސޫލުތަކަކާ އެއްޗެހި ކަނޑައެޅިން،" އައިޝާ ވިދާޅުވި އެވެ.

މިދިޔަ އޭޕްރީލް މަހުން ފެށިގެން މިހާތަނަށް ހިޔާގައި ހިނގާފައި ވަނީ ދެތިން ހާދިސާއެއް ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. އެތަނުގެ ކުދިންގެ އުޅުމާއި އަޚުލާގަށް ހެޔޮބަދަލުތަކެއް އަންނަމުން ދިއުމަކީ ލިބިވަޑައިގަންނަވާ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށް ވިދާޅުވި އެވެ.

އައިޝާ ވިދާޅުވި ގޮތުގައި އުނދަގޫތަކެއް ތަހައްމަލު ކުރަން ޖެހިފައި ތިބި ކުދިންތަކެއް އެތަނުގައި ރައްކާތެރިކަމާ އެކު ބެލެހެއްޓެނު ކަމަކީ ކާމިޔާބެކެވެ.

ޖެންޑާ މިނިސްޓަރު އައިޝަތު ދީދީ: ގެވެށި އަނިޔާ ރިޕޯޓްކުރަން ބާރުއަޅާ "ގެވެށި ގުޅުން" ކެމްޕޭން ލޯންޗްކުރައްވައި ވާހަކަ ދައްކަވަނީ.

"އެ ކުދިންނަށް ވެސް ވިސްނުންތަކެއް އަޅުގަނޑު އެބަ ގެންގުޅެން. ބޮޑެތި ކުދިންތަކުގެ ތެރޭގައި ވެސް އެބަތިބި ލިޔަންކިޔަން ނޭނގޭ ކުދިން ވެސް. އަދި ލިޔަންކިޔަން އެނގުނަސް އެ ކުދިންގެ އުމުރާ އެއްވަރު ގްރޭޑެއްގައި ކިޔެވޭނެ ގޮތެއް ނެތިފައި ތިބި ކުދިން. އެހެންވީމާ ހޯމް ސްކޫލިން ވެސް ހަދަން އެބަޖެހޭ،" އައިޝާ ވިދާޅުވި އެވެ.

އަނެއް ވިސްނުމަކީ، މިނިސްޓަރު ވިދާޅުވީ، ސެޓްފިކެޓް ކޯސްތަކެއް ހެދުމަށް ފަހު އެ ކުދިންނަށް ވަޒީފާ ހޯދައި ދިނުން ކަމަށެވެ. ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންނަށް ގޮތެއް ހޯދައި ނުދީ 18 އަހަރު ވުމުން ގެއަށް ދާށޭ ނުވަތަ މަގުމަތިވާން ދޫކޮށްލުމަކީ "ވަރަށް ދެރަކަމަކަށް ވާނެ" ކަަމަށް ވިދާޅުވި އެވެ.

"އެ ކުދިން ދޫކޮށްލަން ވާނީ ދުނިޔޭގައި އުޅެވޭނެ ގޮތެއް ހޯދައި ދީފައި،" މިނިސްޓަރު ވިދާޅުވި އެވެ.

ސޯޝަލް ވޯކަރުންނާ މެދު ވިސްނުންތަކެއް

އެއް މުއައްސަސާއަކަށް ޖެންޑާ މިނިސްޓްރީގައި މަސައްކަތް އިންތިހާ އަށް ގިނަ އެވެ. ކުޑަކުދިންނާއި އަންހެނުންގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އުމުރުން ދުވަސްވީ މީހުންގެ ހައްގުތައް ރައްކާތެރިކޮށްދިނުން ވެސް އޮތީ އެކަށައަޅައިފަ އެވެ. މި ހުރިހާ ކަމަކާ ހަވާލުވެ ތިބީ މިނިސްޓްރީގެ ސޯޝަލް ވޯކަރުންނެވެ.

ޖެންޑާ މިނިސްޓްރީގެ ހުރިހާ މުވައްޒަފުންގެ ކުރިއެރުމާ މެދު މިނިސްޓަރުގެ ވިސްނުން ހުރިއިރު، އެންމެ ބޮޑު ދައްޗެއް މިވަގުތު ކުރިމަތިވެފައި ވަނީ ކޭސް ވޯކަރުން ނިސްބަތުން މަދުވުން ކަމަށް ވިދާޅުވި އެވެ.

އެ މައްސަލަ އަށް ހައްލު ހޯދޭނީ، މިނިސްޓަރު ވިދާޅުވި ގޮތުގައި ރަށުގެ އާބާދީގެ ނިސްބަތުން ކޭސްތައް ހަވާލުކުރުމެވެ. ގާނޫނުގައި ކަނޑައަޅާފައިވާ ގޮތުން ނަމަ ކޮންމެ ކޭސް ވޯކަރަކަށް އެއްފަހަރާ ގިނަވެގެން ގެންގުޅެވޭނީ 25 މައްސަލަ އެވެ. އެކަމަކު އެވްރެޖްކޮށް މިހާރު ކޮންމެ ކޭސް ވޯކަރަކު 75 މައްސަލަ ގެންގުޅެ އެވެ.

ކުޑަކުދިންނަށް ކުރާ އަނިޔާތަކާ ދެކޮޅަށް ހޭލުންތެރިކުރުވަން ހަދާފައިވާ ޕޯސްޓަރެއް---

މިނިސްޓަރު ވިދާޅުވީ ރައީސް އޮފީހުން ވެސް ހުއްދަ ލިބިގެން މިހާރު ވާނީ ވަރަށް ގިނަ މަގާމްތައް އުފައްދާފައި ކަމަށެވެ. ތިން ފިޔަވައްސަކަށް ބަހާލައިގެން ނަމަވެސް މުވައްޒަފުން ލިބޭތޯ ބަލަމުން އަންނަ ކަމަށާއި ބަޖެޓް ކުޑަކުރަން މަޖުބޫރުވެފައި އޮތުމުން ވަގުތީ ގޮތުން މައްސަލަ ހައްލު ނުވެ އޮތީ ކަމަށް އައިޝާ ވިދާޅުވި އެވެ.

ކުރިއާ ޚިލާފަށް މިހާރު ކުރަމުން އަންނަ އެއް ކަމަކީ ކޭސް ވޯކަރުންނަށް ކްލިނިކަލް ސުޕަވިޝަން ފެށުމެވެ. މިއީ ކޭސްވޯކަރަކު ބަލާ މައްސަލަތަކާ ގުޅޭ ގޮތުން ރަނގަޅު ކުރަން ހުރި ކަންކަން ދެނެގަނެ، ވާހަކަ ދެއްކުމެވެ. ޖެންޑާ މިނިސްޓްރީގެ ކޭސްވޯކަރުންގެ ސުޕަވިޝަން ކުރިއަށް ގެންދަނީ ޔުނިސެފްގެ އެހީތެރިކަމާ އެކު އޮންލައިންކޮށެވެ.

ވަގުތުކޮޅެއް ނަގާނެ، ބަދަލެއް ގެނެވޭނެ

ރާއްޖޭގައި 45،000 ކުޑަކުދިން ތިބި އިރު، ކޮންމެ އަތޮޅެއްގައި ތިބޭ ސޯޝަލް ވޯކަރުންނަށް އެކަނި ކުދިންނާއި އަންހެނުން ރައްކާތެރިކޮށް ނުދެވޭނެ ކަން މިނިސް ފާހަގަކުރެއްވި އެވެ.

"ގޭތެރެއިން ހިމާޔަތް ދޭން ޖެހޭ. އާއިލާ އިން، ސްކޫލް ތެރެއިން، އަވަށްޓެރިން މިހެން ގޮސް މުޅި މުޖުތަމައު ވެސް ދައުލަތާ އެކު މަސައްކަތް ކުރަން ޖެހޭ. މި ނެޓްވޯކް ގާއިމްކުރެވިއްޖާ ބަދަލު ގެނެވޭނެ. އެ ނިޒާމް ގާއިމްކުރަން ވަގުތުކޮޅެއް ނަގާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

"މިސާލަކަށް ރަށު ތެރޭގައި ވާހަކަ ދައްކަނީ މިވެނި ގެއެއްގައި މިހެން އެބަވެއޭ. އެ ހިސާބުން ކޮންމެވެސް ބައެއްގެ ބާރު އެބަ އޮންނަން ޖެހޭ އެ ގެއަށް ބޯކޮއްޕާލަން. އެ ގޭގައި ތިބޭ މީހުންނާ އެކު މަސައްކަތްތަކެއް ކޮށްލަން. އެހެން އުޅެވެން ފަށައިފި ކަމަށް ވަންޏާ ބަދަލެއް އަންނާނެ. އޭރަށް ޖެހިލުން ވާނެ އެފަދަ ކަންކަން ކުރަން،"

މިކަމަށް ކޮމިއުނިޓީ ގްރޫޕްތަކެއް އުފެއްދުމަކީ ވެސް މިނިސްޓަރު ވިދާޅުވި ގޮތުގައި ވިސްނުމެކެވެ.

މި ހުރިހާ މަސައްކަތްތަކެއް ކުރަން ފަށައި، މިނިސްޓަރު އަންނަނީ ކަމާބެހޭ އިދާރާތަކާ އެކު ގާތް ގުޅުމެއް ބާއްވައި މައްސަލަތަކަށް ހައްލު ހޯދޭނެ ގޮތްތަކަކަށް ވިސްނަވަމުންނެވެ. މިނިސްޓަރު ވިދާޅުވާ ގޮތުގައި، ޒަމާނުއްސުރެން ނާއުއްމީދުވެފައި އޮތް މި މައްސަލައިގައި އިންސާފުގެ ދޮރު ހުޅުވޭނެ އެވެ.

15 ކޮމެންޓް, 8 ރިއެކްޝަންސް

icon happy icon happy 13%
icon sad icon sad 0%
icon angry icon angry 88%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރިއަލިޓީީ

21 July 2020

ހަގީގަތުގެ ބޭނުންތެރި ވަޒީފާތައް އުފައްދަން ބަޖެޓެއް ނުލިބޭ. އެކަމު އެންމެ ބޮޑެތި ސިޔާސީ މަގާމްތައް އުފައްދަންވީމަ ބަޖެޓްހުރޭ. މުޖުތަމައަށް ފައިދާވާ ކަމެއް ކުރަން ފައިސާ ނުހުރޭ ސިޔާސީ މީހުން ކުރަން ބޭނުންވާ ކަންކަމަށް ފައިސާ ހުރޭ. މިއީ ހަގީގަތަކީ.

The name is already taken The name is available. Register?

ދޮންމަނިކެ

21 July 2020

ކޮންއިރަކުން ހުޅުވޭ ދޮރެއްބާ ކޮބާބާ ދޮރު ތާށިވާން ޖެހޭ ސަބަބަކީ

The name is already taken The name is available. Register?

ކަބުލޮ

21 July 2020

ހަދާން ނައްތާނުލާތި...ގެވެށި އަނިޔާ ލިބެނީ ހަމައެކަނި އަންހެނުންނާ ކުޑަކުދިންނަކަށްނޫން...ގެވެށި އަނިޔާގެ ޝިކާރައަކަށްވެފަތިބި ފިރިހެނުންވެސް މަދެއްނޫން.... މިކަންތައްތަކަށްވެސް ބެއްލެވުން އެދެން... ގެވެށި އަނިޔާ އާ ޖިންސީ ފުރައްސާރަ ކުރުމާބެހޭގޮތުން ދިރާސާއެއްކުރައްވަން ވެސް އެބަޖެހޭ ނޫންތޯ...

The name is already taken The name is available. Register?

މައި

21 July 2020

ރޯޔަލް ޓަޗް އަދި މިހާރުގެ ސަރުކާރާ ގުޅުންހުރި މީހުންގެ ފަރާތުން އަނިޔާ ލިބުނު މީހުންނަށް އިންސާފު ލިބިއްޖިއްޔާ 0-100 ޓޮލެރެންސްގެ ތެރެއިން ކޮންމެވެސް މިންވަރެއް ގަބޫލްކުރެވިދާނެ. ތަހުގީގުކުރަންވާނީ ކުށަށްބަލައިގެން. ރޯޔަލްތޯ ހުރީ ކޮންޕާޓީއެއްގަތޯ ބަލާފައެއްނޫން.

The name is already taken The name is available. Register?

އަމީހައިކަލް

21 July 2020

ދިވެހި ދައުލަތުގެ އިސްމަގާމު ދިނުމުގައި އަބަދުވެސް ބަލަނީ، ހަމައެކަނި މަގާމުގެ ދަހިވެތިކަމުގައި އުޅޭ މީހުންނަށް މަގާމު ދޭން. ތެދުވެރި، ގައުމުދެކެ ލޯބިވާ ހިންގުންތެރި މީހުންނަށް މަގާމުދިންނަަމަ ރާއްޖެ މިހާލަތަކަށް ނުވެއްޓޭނެކަން ޔަގީން. ރި ވަޒީރަކީ މާކުރިން ފެއިލްވެފަ ހުރި މީހެއް

The name is already taken The name is available. Register?

މުބީނު މާރނީ

21 July 2020

ކައްޗަށް އެޅޭ ބިންގަލެއް ކެއްޗާއި ހަމައަށް ނެގި އަސް އޮންނާނީ ކައްޗަށް. މިއީ އަދާލަތު ގެ ސްލޮޓެއް !!! މަޖީދިއްޔާ ގައި އިބޫ ގެ ކްލާސް ޓީޗަރު ވީމާ ދިނަސް ދޭންވާނީ ކަންތައް ކުރެވޭ މީހުންނަށް. ކުރިން "ފެއިލް ނުވާ" މީހުންނަށް.

The name is already taken The name is available. Register?

ތެދުބަސް

21 July 2020

މާގިނަ ވާހަކަ ދައްކާނެ ކަމެއްނެތް. މިދިޔަ 40 އަހަރު ގައުމުގެ ވެރިކަން ކުރީވެސް، ވަޒީރުކަން ކުރީވެސް، މުއައްސަސާތައް ހިންގީވެސް، ގާބިލުކަމެއްނެތް ބައެއް. ޢެ އެންމެން ފެއިލްވީމާ ގައުމު މިހާލަތައް ވެއްޓުނީ. އަދިވެސް އެ އާއިލާތަކަށް ނިސްބަތްވާ މީހުން ބޭފުޅުހެދި ބޮޑާވެފަ ތިބެނީ. ގައުމު ފެއިލްވީ އެމީހުންގެ ސަބަބުންކަންވެސް ނޭންގޭ ކަހަލަ

The name is already taken The name is available. Register?

އުއްމީދު ފެނަށް

21 July 2020

މިނިސްޓަރު މާކުރިން ފެއިލްވެެއްޖެ. މަައުމޫނު ދައުރުގައި ވަޒީރުކަންކޮށް، ފެއިލްވީމާ މިއަދު އޭގެ ހިތި މިފެންނަނީ. ދެން ތި ވަޒީރަށް ކުރެވޭނެ ކަމެއް ނެތް!

The name is already taken The name is available. Register?

ބަބުރަންޖީ ހާޖީ

21 July 2020

ކޮންމެމީހަކުވެސް އަންނަނީ ތިވަރަށް ފޮނިކަނޑާފާ. އެކަމަކު ދައުރު މެދަކެއްހާތަނުން ޖެހެނީ ކަނޑާފޮނުވާލަން.

The name is already taken The name is available. Register?

ޖަމީލުބެ

21 July 2020

އަޅުގަޑު ހީކުރީ، ޕާޓީ އެކްޓިވިސްޓުން ނުކުމެ ޝިދާތާ ބޭރުކޮށްލުމުން ހުރިހާ ކަމެއް ހައްލުވީ ކަމަށް!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454