ފުލުހުންތަކެއް ސަފުގައި މަޑުކޮށްލައިގެން: އަހުލާގީ މައްސަލަތަކާ ގުޅިގެން މި އަހަރު 12 ފުލުހަކު ވަޒީފާއިން ވަނީ ވަކިކޮށްފައި --. ފޮޓޯ:ނިޝާން އަލީ/މިހާރު
24 ޖުލައި 2020 - 20:12
ފުލުހުންނާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލަތައް ތަހުގީގު ކުރުމަށް ފަހު، މި އަހަރުގެ މިހާތަނަށް 12 ފުލުހަކު ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް، ޕްރޮފެޝަނަލް ސްޓޭޑަޑްސް ކޮމާންޑުން ބުނެފި އެވެ.
ފުލުހުންގެ އަހުލާގީ އަދި އިދާރީ ކުށްތައް ބެލުމަށް އުފައްދާފައިވާ އެ ކޮމާންޑުން މިރޭ އާއްމު ކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ފުލުހުންނާ ގުޅޭ 97 މައްސަލައެއް މި އަހަރު އެތަނަށް ވަނީ ހުށަހަޅައިފަ އެވެ. އޭގެ ތެރޭގައި އެންމެ ގިނައީ ގަވައިދާ ހިލާފުވުމުގެ މައްސަލަތަކާއި އިހުމާލުވުމާއި ބަދުއަހުލާގީ މައްސަލަތަކުގެ އިތުރުން މަގާމާއި ނުފޫޒުގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ މައްސަލަތަކެވެ.
ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މީގެ ތެރެއިން 18 މީހަކާ މެދު ފިޔަވަޅު ވަނީ އަޅައިފަ އެވެ. އޭގެ ތެރެއިން ވަޒީފާއިން ވަކިކޮށްފައިވަނީ ބަދުއަހުލާގީ މައްސަލަތަކާއި ބާރުގެ ބޭނުން ނަހަމަ ގޮތުގައި ކުރުމާއި ގަވައިދާ ހިލާފުވުމާއި ފުލުހެއްގެ ގައިގާ ހުންނަން ޖެހޭ އަހުލާގީ މިންގަނޑުތަކާ ހިލާފުވެފައިވާ މީހުންނެވެ.
ވަޒީފާއިން ވަކިކުރުމުގެ އިތުރުން، ވަޒީފާ އަދާކުރާތަން ބަދަލުކުރުމާއި ރޭންކު ދަށްކުރުމާއި ހާއްސަ ތަމްރީނު ފުރިހަމަކުރުވުމާއި ކައިރިން ސުޕަވައިޒް ކުރެވޭ ގޮތަށް ވަޒީފާ އަދާކުރަން ޖެހުން ފަދަ ފިޔަވަޅުތައް އަޅާފައި ވެ އެވެ.
ފުލުސް އޮޮފީހުން ބުނިގޮތުގައި ވޭތުވެ ދިޔަ ހަތަރު އަހަރުގެ ތެރޭގައި ފުލުހުންނާ ގުޅޭގޮތުން އެންމެ ގިނައިން މައްސަލަ ހުށަހަޅާފައިވަނީ 2017 ވަނަ އަހަރެވެ. އެ އަހަރު 141 މައްސަލަ ހުށަހަޅާފައިވާއިރު 58 ފުލުހަކަށް ވަނީ ފިޔަވަޅު އަޅާފަ އެވެ. މިދިޔަ އަހަރު ވެސް 40 ފުލުހުންނަށް ފިޔަވަޅު އަޅާފައިވާއިރު އޭގެ ތެރޭގައި ގިނައީ މަސައްކަތަށް ނުނިކުމެގެންނާއި މާރާމާރީ ހިންގައިގެން ފިޔަވަޅު އެޅި މީހުންނެވެ.
ޕްރޮފެޝަނަލް ސްޓޭޑަޑްސް ކޮމާންޑުން ބުނިގޮތުގައި އަހުލާގީ ކުދި ކުށްތަކަށް ދޭ އެންމެ ބޮޑު އަދަބެއްގެ ގޮތުގައި އާއި އަހުލާގީ ބޮޑެތި ކުށްތަކަށް ދެ އެންމެ ކުޑަ އަދަބެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ރޭންކު ދަށްކުރުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ބައިރޯ
24 July 2020
ބަޢާވާތް ކުރި ހުރިހާ މީހުން ވަކިކުރަން ޖެހޭ
1828
24 July 2020
ބަޢާވާތެއް ނުކުރޭ. އެހެންނަމަވެސް 2012 ފެބްރުއަރީ 07 އަދި 08 ގައި ފުލުހުން ހިންގި ލާއިންސާނީ އަމަލުތައް އަދި ދައުލަތުގެ މުދަލަށް ގެއްލުންދިން މައްސަލަތަށް އަދި ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ކުރި މައްސަލާ އެ ފުލުހުންނާމެދު ފިޔަވަޅު އަޅަންޖެހޭ.
ކަތްދައްތަ
25 July 2020
އެދުވަހު ބާރުގެ ބޭނުން ނުކުރިނަމަ ގައުމު މިހެނެއް ނޯންނާނެ. އަޅިޔަށް ހަދާލީސް
ވިލާގަޑެއްގެ ދަށުގައި ޤައުމު
24 July 2020
ފަނޑިޔާރުނާއި ފުލުހުން ނަށް އަދަބު ދޭ ވާހަކަ އަދި ފިޔަވަޅު އަޅާ ވާހަކަ ދައްކަނީ ފަނޑިޔާރުން ނާއި ފުލުހުން ނަށް ބިރުދައްކާފައި ބައިތިއްބާން ވެގެން ނެވެ.
ޣެރި
24 July 2020
ދެން އަންނަބުރެއްގައި 3 އަހަރުގެ މުސާރަޔާއެކު އަބުރާވަޒީފާލިބޭނެ!
ހިހިހިހިހިހިހ
24 July 2020
މިސަރުކާރުން ވި ވައުދެއް އެއީ ސިޔާސީ ބޭނުމަށާއި ނުހައްޤުން ވަޒީފާއިން ވަކިކޮށްފައިވާ ފަރާތަކަށް ވަޒީފާ އަނބުރާ އައިއާދަކޮށްދިނުން. އެކަމަށް ކޮމިޝަނެއްވެސް ހަދައި އެކަމަށް އެދެން ރައީސް އޮފީހުން ހުޅުވާވެސްލި. އެތައްބަޔަކު ފޯމްވެސްލި. މިއަދާ ހަމައަށް އެއްވެސް ޚަބަރެއް ނުވާ އެތަކެއް ރައްޔިތުން އެބަތިބި. މިހާރު އެކަމަކު ރައްޔިތުންވަނީ އުންމީދު ކަނޑާލާފައި. ދެން އަންނަ ސަރުކާރަކަށްވެސް ވާނީ އެވަރު. ނަމަވެސް ވެރިކަމަށް އަންނަން ތިބުނާ 'ޓައިޓަލް' ބޭނުންކުރާނެ.އެއީޝައްކެތްއޮތްކަމެއްނޫން
އިންސާފް
24 July 2020
މޯލްޑިވްސް ޕޮލިސް ސަރވިސްގައި 'ޑިސިޕްލިނަރީ އަދި އިދާރީކުށަތަކާއި، އެ ކުށްތަކަށް އަދަބުދިނުމާބެހޭ ގަވައިދު' (2017/R-12) ގައި ކުށްތައް ކެޓަގަރީ ކުރެވިފައިއެއްނުވޭ އަދި އަދަބު ދިނުމުގައި މިނެކިރޭނެ މިންގަނޑެއް ނޯވޭ. އޮންނަނީ ޑިސިޕްލިނަރީ ބޯޑްގެ މެމްބަރުންނަށް އަދަބު ކަނޑއެޅުމުގެ އިހްތިޔާރު ހިތަކަށްދީފައި. އެކަމުގެ ސަބަބުން އަދަބު ކަނޑައެޅުމުގައި ވަރަށް ބޮޑަށް އެކި ފުލުހުންނާމެދު ތަފާކުރޭ. ނަތީޖާއެއްގެ ގޮތުން ވަޒީފާއިން ވަކިރާ ގިނަ މައްސަތައް ކޯޓަށްހުށަހަޅާ.
ހަޤީޤަތަކީ. . .
24 July 2020
ހަޤީޤަތަކީ މޯލްޑިވްސް ޕޮލިސް ސަރވިސްގައި އަދި ފުލުހުންގެ ވެރިންގެ މެދުގައި ދަށު ރޭންކުގެ ފުލުހުންނާމެދު ވަރަށް ބޮޑަށް 'ފެވަރރިޓިޒަމް' ގެންގުޅޭކަން. އަދި ބޯޅަޖަހައިގެން ވެރިންގެ ރުހުން ހޯދުންވެސް އޮންނަކަން. ވެރިންނާ ދެކޮޅަށް ކަންކަމުގައި ބަސްބުނާ ފުލުސް އޮފަސަރ 'އުލުގައި' ބަހައްޓަން ވެރިން މަސައްކަތްކުރޭ. ހާޤީޤަތާއި ކުރިމަތިލާން ގިނަވެރިން ޖެހިލުންވޭ އަދި ބޭނުމެއްނުވޭ. އާހިރު ނަތީޖާއަކީ އެ ފުލުސް އޮފިސަރު 'ރާޒުވާ ކުޅިއަކަށް' ބަދަލުވެގެންދާތަން.
ޕޮލިސް ސަޖަންޓް އ.ރ.ސ
24 July 2020
ހިތަށް އެރިއަދަބެއް ހިތަށްއެރިގޮތަކަށް ދެނީ. އަހަރެންނަކީ އެކަމުގެ އަލުގަދަ ހެެއްކެއް. ސަރޖެންޓް ރޭންކްގައި އަދި އަހުލާޤީ ކުލަ ދެފަހަރަށް ލިބިފައި ހުއްޓައި ފުރަތަމަ ޖެހުނު އަހްލާޤީ މައްސަލަކަމަށް ބުނާ މައްސަލާގައި އިތުރު އެއްވެސް އަދަބެއް ދިނުމެއްނެތި ފުރަތަމަ ފަހަރުން ވަޒީފާއިން ވަކިކުރީ. ޚިދުމަތް ކުރި މުއްދަތަކީ 11 އަހަރު. އެއީ ފުރަތަމަ ޖެހުނު އަހްލާޤީ މައްސަލަ. އެވެސް އާދައިގެ ބަހުން އޮފިސަރަކަށް މެސެޖްކޮށްގެން. ވަޒީފާއިން ވަކިކުރީ 2015ގައި.