ޚަބަރު / ފްލެޓް

ހިޔާ މަޝްރޫއަކީ ގެއްލުނު ފުރުސަތެއް، އެތައް މައްސަލައެއް ނުކުންނާނެ: އޭއޭއެމް

ހިޔާ މަޝްރޫއުގެ ފްލެޓްތަކުގެ މަސައްކަތް ކުރިއަށް ގެންދަނީ: މިއީ މައްސަލަ ބޮޑުވާނެ މަޝްރޫއެއް ކަމަށް އޭއޭއެމް އިން ވަނީ ފާހަގަކޮށްފައި. --ފޮޓޯ/މިހާރު

ހުޅުމާލޭގައި ހިޔާ މަޝްރޫއުގެ ދަށުން ހެދި 7،000 ފްލެޓަކީ، ބޯހިޔާވަހިކަމުގެ ރަނގަޅު މަޝްރޫއަކަށް ގެއްލުނު ފުރުސަތެއް ކަމަށާއި 16 ޓަވަރުގައި 40،000 މީހުން ދިރިއުޅެން ޖެހުމަކީ ސިއްހީ، އިޖުތިމާއީ އަދި ރައްކާތެރިކަމުގެ ގިނަ މައްސަލަތަކެއް ނުކުންނާނެ ކަމެއް ކަމަށް އާކިޓެކްޓްސް އެސޯސިއޭޝަން މޯލްޑިވްސް (އޭއޭއެމް) އިން ނެރުނު ރިޕޯޓްގައި ބުނެފި އެވެ.

ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި އަޅާ ފްލެޓްތަކަށް އެ ޖަމިއްޔާގެ މެމްބަރުންނާއި އާކިޓެކްޗަރު ދާއިރާ އިން ކިޔަވަމުން އަންނަ ދަރިވަރުން ވަދެ ބެލުމަށް ފަހު ނެރުނު ރިޕޯޓްގައި، ޓަވަރުތަކުގައި ތޮއްޖެހުން ބޮޑުވެ ނުކުންނާނެ ނޭދެވޭ އިޖުތިމާއީ މައްސަލަތަކުގެ އިތުރުން ދިރިއުޅޭ މީހުންގެ ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން އެކަށީގެންވާ ފިޔަވަޅުތަކެއް އަޅާފައި ނެތުމުގެ ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ. ހިޔާ ޓަވަރުތަކަށް ޒިޔާރަތްކުރި ޓީމުގައި، އާކިޓެކްޗަ ކިޔަވާ 18 ދަރިވަރުންނާ އެކު ޖުމްލަ 27 މީހުން ބައިވެރިވި އެވެ.

ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި، ސޯޝަލް ހައުސިންގެ ދަށުން އަޅާފައިވާ ފްލެޓްތަކެއް. --ފޮޓޯ: ނިޝާން އަލީ/ މިހާރު

ރިޕޯޓުގައި ބުނެފައިވާ ގޮތުގައި މަޝްރޫއު މިހާރު ގޮސްފައިވާ ހިސާބުން ޑިޒައިނަށް އެއްވެސް ބަދަލެއް ގެނެސްފި ނަމަ މާލީ އަދި ސިޔާސީ ގޮންޖެހުންތައް ކުރިމަތިވާނެ އެވެ. އެހެންވިޔަސް މިހާރު އޮތް ގޮތަށް ކުރިއަށް ގެންގޮސްފި ނަމަ ފަހުން ދިމާވެދާނެ މައްސަލަތައް ގިނަ ކަމަށް ރިޕޯޓްގައި ބުންޏެވެ.

ތޮއްޖެހުން ކުޑަކޮށް، ޑިޒައިން އިސްލާހުކޮށްގެން ރައްކާތެރިކަމާ އެކު ދިރިއުޅެވޭނެ ތަނަކަށް އެ މަޝްރޫއު އަދިވެސް ބަދަލުކުރެވޭނެ ކަމަށް އެ ޖަމިއްޔާ އިން ގަބޫލުކުރާ ކަމަށް ވެސް، ރިޕޯޓްގައި ވަނީ ފާހަގަކޮށްފަ އެވެ.

"ޑިޒައިންގައި [މިހާރު] ހުރި ޕްރައިވެސީ އާއި ސެކިއުރިޓީ މައްސަލަތަކާއި އެއް ފްލޯގައި މިހާ ގިނަ ބަޔަކު ހިނގާބިނގާވެ އުޅެން ޖެހުމުން މިފަދަ މައްސަލަތަކުން އުފެދޭ ނުތަނަވަސްކަން އިތުރުވެ ދިރިއުޅުމުގެ މާހައުލު ތަޣައްޔަރުވާނެ ކަމަށް ބެލެވެ އެވެ. އަދި ދިރިއުޅޭ މީހުންގެ ދުޅަހެޔޮކަމަށް މީގެ ނޭދެވޭ އަސަރުކުރާނެ ކަމަށް ފެނެ އެވެ،" ރިޕޯޓުގައިވެ އެވެ.

ހިޔާ ފްލެޓްތަކުގެ ބައެއް ތަފްސީލް

- 16 ޓަވަރުގައި، 2 ކޮޓަރީގެ 20 އެޕާޓްމެންޓް

- ފްލެޓެއްގެ ބޮޑު މިނަކީ 570 އަކަ ފޫޓް.

- ކޮންމެ ފްލެޓެއްގައި މަދުވެގެން ފަސް މީހުން ދިރިއުޅޭނެ ކަމަށް އެޗްޑީސީން ލަފާކުރޭ.

- އެ އަދަދުން ބަލާއިރު އެއީ ފްލޯއެއްގައި 100 މީހުން. އެހެންކަމުން ކޮންމެ ޓަވަރެއްގައި، ގާތްގަނޑަކަށް 2،400 މީހުން ދިރިއުޅުން އެކަށީގެންވޭ.

- މުޅި 16 ޓަވަރަށް ބަލާ ނަމަ އެ އަދަދު 40،000 އާ ކައިރިކުރާނެ.

- ކޮންމެ ޓަވަރެއްގައި ހުރީ 14 މީހުންގެ ޖާގައިގެ ތިން ލިފްޓް.

ކުޅިވަރު ކުޅޭނެ ތަންތަނާއި ކަސްރަތުކުރާ ތަންތަނާއި ޕާކުތައް ފަދަ ތަންތަން އިމާރާތުގައި ނެތް ކަން ރިޕޯޓުގައި ބުނެފައިވެ އެވެ. އެ ޓަވަރުތަކުގައި މީހުން ދިރިއުޅެން ފަށާއިރު، އެފަދަ ތަންތަން ނެތް ނަމަ، ދުޅަހެޔޮ ސިއްހަތަކަށް އަސަރުކުރާނެ ކަމަށް، އިޖުތިމާއީ މައްސަލަތަކުގެ ތެރޭގައި ހިމަނާފައިވެ އެވެ. އިޖުތިމާއީ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގައި އާއްމުކޮށް، މައުލޫމާތާއި ތަސައްވުރު ބަޔާންކޮށްފައި ހުންނަން ޖެހޭއިރު އެ ސައިޓުގައި އެ މަޝްރުއާ ގުޅޭ އެފަދަ މައުލޫމާތުތައް ނެތް ކަމަށް ވެސް ރިޕޯޓުގައިވެ އެވެ.

ރިޕޯޓުގައި ހުރި ބައެއް ކަންބޮޑުވުންތައް

- ޓަވަރުތަކުގެ ކޮރިޑޯތަކުގެ ރެއިލިން އެޗުޑީސީގެ ޕްލޭނިން ގަވާއިދަކަށް ނުފެތޭ. ދެ ފޫޓު އުސް ފާރުބުރިއެއްގެ މަތީގައި ދެ ފޫޓު އުސް ދަގަނޑު ރެއިލިންއެއް ހަރުކޮށްފައިވާ އިރު ފާރުބުރި އަށް ކުޑަ ކުއްޖަކަށް އެރޭ ގޮތަށް ހުރުމުން ރައްކާތެރިއެއް ނޫން.

- ބޭސްމަންޓް ޕާކިންގައި ސާވިސް ހޮޅިތައް ބެރިދަށުން އަޅާފައިވާ ގޮތުން ނުރައްކާ މިންވަރަށް ތިރި. އެކަށީގެންވާ ސައިނޭޖް ނެތް.

- ފްލޯއެއްގައި 16 ފްލެޓް ހުންނަ ޓަވަރެއްގައި އިމަޖެންސީ ލިފްޓާ އެކު ހުންނަނީ 14 މީހުންގެ ތިން ލިފްޓް. މިއީ 384 ފްލެޓް، ނުވަތަ ގާތްގަނޑަކަށް 1500 މީހުން ބޭނުންކުރާނެ ތަނެއް.

- ފްލޯއެއްގައި 20 ޔުނިޓް ހުންނަ ޓަވަރެއްގައި އިމަޖެންސީ ލިފްޓާ އެކު ޖުމްލަ ހަތަރު ލިފްޓް. މިއީ ގާތްގަނޑަކަށް 1900 މީހުން ބޭނުންކުރާނެ ލިފްޓް.

- ޕީކް ގަޑިތަކުގައި ލިފްޓް ބޭނުންކުރަން ދަތިތަކެއް ކުރިމަތިވާނެ.

- ލިފްޓުން ނުކުންނަ ލޮބީގައި ބައެއް ކަހަލަ ސާވިސް ފޮށިތައް އަތުޖެހޭ ހިސާބުގައި ހުރުމުން އެ ތަކެއްޗަށް ގެއްލުން ލިބުން އެކަށީގެންވޭ. ލޮބީގެ ތަނަވަސްކަން ނިސްބަތުން ކުޑަ.

- ފްލެޓްތަކުގައި ކޮރިޑޯ އަށް ވާ ގޮތަށް (ކަހާލެވޭ) އެއް ކުޑަދޮރު ހުންނައިރު މިއީ ސެކިއުރިޓީ އާއި ޕްރައިވެސީގެ މައްސަަލައެއް.

- ސިޓިން ރޫމާއި ބަދިގެ އާއި ކާގެ އެއްކޮށް ހުރިއިރު ބަދިގޭގެ ޑިޒައިނާއި ބައެއް މިންގަނޑުތައް އެކަށީގެންވާ ވަރަށް ވުރެ ކުޑަ.

- އިމާރާތްތަކުގައި ކުނި އުކާލުމުގެ ނިޒާމް ފުރިހަމައެއް ނޫން. ޕްލޭނިން ގަވާއިދާ އެއްގޮތަށް އެއްވެސް ފްލޯއެއްގައި ކުނި އެއްކުރެވޭނެ ތަނެއް ނެތް.

- އަލިފާނާއި ދުމުން ރައްކާތެރި ކުރެވޭނެ ސެޕަރޭޝަން ޒޯންތަކެއް ނެތް.

- ޓަވަރެއްގެ ތިރީ ފްލޯތަކުގައި އެކީ އަލިފާން ރޯވެއްޖެ ނަމަ މީހުން ސަލާމަތްކުރަން މަތީ ފްލޯތަކަށް ފޯރާނެ ވަސީލަތްތައް ރާއްޖޭގައި ނުހުރޭ.

- ޓަވަރުތަކުގައި ދިރިއުޅޭނެ މީހުންނާއި ސެކިއުރިޓީ ބަލަހައްޓާނެ ނިޒާމެއް ނެތް.

ރިޕޯޓުގައި ބުނީ އެ ޓަވަރުތައް މިހާރު ހުރި ގޮތުން ނަމަ، މީހުން ދިރިއުޅުން ފިޔަވައި އެހެން އެއްވެސް ޚިދުމަތެއް އެތަނުގައި ނުހިމެނޭ ކަމަށެވެ. އެކަމަކު އެޗްޑީސީން ބުނެފައިވާ ގޮތުގައި، މީހުން ދިރިއުޅެން ފަށަންވާއިރަށް ކޮންމެ ޓަވަރެއްގެ ވެސް ގްރައުންޑް ފްލޯގައި ފިހާރަތައް ފަދަ ޚިދުމަތްތައް ލިބޭނެ އިންތިޒާމް ހަމަޖައްސާނެ އެވެ.

އޭއޭއެމްގެ ރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތުގައި މަތީ ޑެންސިޓީއެއްގައި އަގުހެޔޮ، ސޯޝަލް ހައުސިން އުސް އިމާރާތްތައް ހެދުމަކީ ދުނިޔޭގެ އެކި ގައުމުތަކުގައި 1960 ވަނަ އަހަރުން ފެށިގެން ކުރަމުން އަންނަ ނަމަވެސް ގިނަ ފަހަރު ފެއިލްވެފައިވާ މަޝްރޫއުތަކެކެވެ.

މި ޕްރޮޖްޓަކީ ވެސް އެ އިމާރާތްތަކުގައި ދިރިއުޅޭނެ ފަރާތްތަކަށް އިތުރު ތަކްލީފްތަކެއް އުފުލަން ޖެހޭ ޕްރޮޖެކްޓަކަށް ވުން އެކަށީގެންވެ އެވެ. މިއީ ރަނގަޅު ޕްރޮޖެކްޓެއް އެކުލަވައިލަން ގެއްލުނު ފުރުސަތެކެވެ.

ހިޔާ ފްލެޓްތަކަކީ "ކޮތަރު ކޮށިތަކެއް" ވަރުގެ ތަންތަން ކަމަށް އާއްމުންގެ ތެރެއިން ބަޔަކު ސިފަކުރުމުން، އެ ތަންތަނުގެ ޖާގަ ބޮޑުކޮށް ފްލެޓްތަކުގެ އަދަދު މަދުކުރަން ސަރުކާރުން ވިސްނި އެވެ. އެކަމަކު ފަހުން އެ ނިންމުން ބަދަލުކުރީ އެވެ.

އޭއޭއެމުން ބުނެފައިވަނީ ފްލެޓްތަކުގައި އާއްމުން ދިރިއުޅެން ވައްދަން ޖެހޭނީ ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން ހުރި މައްސަލަތައް ހައްލުކުރުމަށް ފަހު ކަމަށެވެ.

ހައުސިން މިނިސްޓްރީން ބުނެފައިވާ ގޮތުގައި ފްލެޓްތަކުގައި މީހުންނަށް ދިރިއުޅެން ފެށޭވަރުވާނީ އަދި އަށް މަސް ފަހުންނެވެ. އެކަމަކު މިއީ ލަސް ތާރީޚެއް ކަމަށް ބުނެ، އާންމުންގެ ހިތްހަމަނުޖެހުންތަކެއް އެބަ ހުއްޓެވެ.

ރާއްޖޭގައި މިހާތަނަށް ހިންގި ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫއުގައި ފްލެޓް ލިބުނު މީހުންގެ ލިސްޓް ކުރީ ސަރުކާރުން ނެރުނެވެ. އެކަމަކު އެއީ ނާއިންސާފު ލިސްޓެއް ކަމަށް ބުނެ މި ސަރުކާރުން އަންނަނީ އާ ލިސްޓުތަކެއް އެކުލަވާލަމުންނެވެ. އެ ލިސްޓުގައި ފްލެޓް ލިބޭނީ އެންމެ ހައްގުވެރިންނަށް ކަމުގެ ޔަގީންކަން ސަރުކާރުން ދެ އެވެ.

140 ކޮމެންޓް, 147 ރިއެކްޝަންސް

icon happy icon happy 3%
icon sad icon sad 8%
icon angry icon angry 88%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ފަހުދު

03 August 2020

ރާއްޖޭގަ އާކިޓެކްޓުން އިމާރާތް ބަލަނީ އެތަން ހަދާ ނިމުނީމަތަ؟ ގައިމު އެހެން ގައުމުތަކުގަ ފުރަތަމަ އިމާރާތް ކުރަނީވެސް އާކިޓެކްޓުން ޑިޒައިން ކުރާގޮތަކައް.

The name is already taken The name is available. Register?

ލަފާހިޔާ

29 July 2020

މާލޭގަ ޕްލޭންކޮށްގެންބާ މިހާރު މީހުންއުޅޭ ތަންތަން އެހުރި ގޮތަށް އެހުރީ؟ މާލޭގަ ހުއްދަ ލިބިގެންބާ ފޮއްޓެއްގެ ތެރޭ މީހުން އުޅެ ދިރިއުޅުން ހުސްވަނީ؟ މާލޭގަ ހުއްދަ ދީގެންބާ ތޮއްޖެހިގެން މީހުންތައް ދިރިއުޅެ އުމުރު އެހުސްކުރަނީ؟ ދިރިއުޅޭނެއޭ ހީނުވާ އެތައްތަނެއްގަ މާލޭގަ މީހުން އެއުޅެނީ ހަމަދިރިއުޅޭ ފެންވަރު ހުރެގެންބާ؟ އަދިވެސް ކިތަންމެ ރިޕޯޓެއް ހެދިދާނެ ތިޔަހެން. ގޯސްކޮށް ހުރި ކަންކަން ރަގަޅުކޮށްފަ ކަމެއްކޮށްދޭން ނޫޅެ ހަމަ ވަގުތު ބޭކާރުކުރަނީ ތިޔަ.

The name is already taken The name is available. Register?

އެހާމޮޅު

29 July 2020

އެ ފްލެޓްތަކުގެ މައްސަލަ ބަލަން މިސަރުކާރު އެހާ ގާބިލްކަން ދައްކާއިރު އެތަނުގަ ހުރި މައްސަލަތައް ހައްލުކުރުމުގެ މޮޅުކަން ދެއްކޭނެބާ؟ ބުނާ ގޮތަށް އުޅެން ނުވާވަރުގެ ތަންތަން ކަމަށްވާނަމަ އުޅެވޭނެވަރު ކޮށްފަ ދޭން ކެރޭނެބާ؟ އެހާ ގޯސްކޮށް ކޮށްފަ ހުރި ކަމެއް، އެހުރި ގޮތަށް ރައްޔިތުންނަށް ދަތިވާނެ ގޮތަކަށް އޯގާތެރި ސަރުކާރަކުންވިއްޔާ ނުދޭނެ. އެކަމު ރަގަޅުކޮށްފަ ދެވޭނެ ގޮތަކަށް ދިނުމުގެ ގާބިލްކަން ހުރިކަމާމެދު ޝައްކު.

The name is already taken The name is available. Register?

ރީތި މޫސަ

29 July 2020

އަޅެ ކިހާބޮޑުކަމެއް ތިބޭނުންބަޔަކަށްދީފަ ތަކުލީފުއުލަންނުޖެހޭ ގޮތަށް ފުލެޓްއަޅާބަލަ

The name is already taken The name is available. Register?

މަސްވެރިޔާ

28 July 2020

ކޮންމެވެސް އެއްޗެކޭ ކިއުއްވައިގެން ފުލެޓްތައް ނިންމާ މީސްމީހުނާ ހަވާލުކުރުން ލަސްކުރަނީ މާލޭގައި މާސިންގާ ކުލިދީގެން ދިވެހިން ދިރިއުޅޭ މާދަތި ތަންތަނުގެ އަގުވެއްޓިދާނެތީ. ގޮތެއް ފޮތެއްނެތް މީހުންގެ ޚިޔާލު.

The name is already taken The name is available. Register?

ހަސަންދީ

28 July 2020

ދުލުކުރީގަ އޮންނަނީ ސިންގަޕޫރު، ދުނިޔޭގެ އެއްވެސް ތަހުޒީބު ޤައުމަކުން ފުލެޓްވިޔަސް އަދި މާރސްޓަރ ޕުލޭނެއް ހެދިޔަސް ސިޔާސީ ވެރިންނެއް އެކަމެއް ނުކުރާނެ ހުރިހާ ޕުލޭނެއްވެސް ހަދާނީ އެކަންކަމުގެ ޤާބިލިއްޔަތު ލިބިގެންވާ ބޮޑެތި ރިސާރޗުތައް ހަދާ ޔުނިވާރސިޓީތަކުން ސިޔާސީ ވެރިން ކަންކުރީމަ ވާނެގޮތް މި ފެންނަނީ

The name is already taken The name is available. Register?

ނެކްސްޓް ޖެން

28 July 2020

“އާމް” ތީ އަޅެ އެއްވެސް ބަލައިލުމެއްވެސް ނެތް ބައެއްތަ. ސީދާ ފެންނަން ހުންނަ ކަންތައް ނެތޭ ކިޔާފަ. ކައިރި ބޮޑު ދެ ޕާރކް، ގްރައުންޑްގަ އެތައް ފިހާރަ ތަކާ ޒަރޫރީ ހުރިހާ ބޭނުމެއް ފުރިހަމަވާން. ފަޔަރ ރޭޓެޑް ސިޑި އާއި ލިފްޓް އަދިވެސް އެތައް ކަމެއް. ނޭގެންޔާ ރަނގަޅު ރިސާރޗް އެއް ހެެދުންވެސް އެއީ ނެތް ކަމެއް ނޫން. ޕްރޮފެޝަނަލުން ތަކެކޭ ބުނަންވެސް ލަދު. ކުރިންވެސް އެެއްވެސް ބުރަދަނެއް އޮތް ބައެއް ނޫން. ތި ނެރެގެންވެސް ތިވީ އިތުރައް ފަލީހަތް.

The name is already taken The name is available. Register?

ކަނބިލި

28 July 2020

ބޯހިޔާވަހިކަ މަށް ކެތް މަދުވެފައި ތިބި ރައްޔިތުންނަށް ތިޔަ ފަދަ ސިޔާސީ ރިޕޯޓްތަކުން ލިބޭނެ ސިޔާސީ ފައިދާއެއް ނެތް. ރަނގަޅުކުރެވެން ހުރި ކަ މެއް ރަނގަޅު ކޮށްފާ ނަ މަވެސް ހައްގުވެރިންނަށް ފުލެޓްތައް ހަވާލުކޮށްފައި މި މަޝްރޫޢަށްވުރެ ފުރިހަ މަ މަޝްރޫއެއް ހިންގާފައި ރައްޔިތުންނަށް ދައްކާބަލަ.

The name is already taken The name is available. Register?

ކޮށްބަލަދެން

28 July 2020

އަޅެ އެމްޑީޕީގެ ކިބައިގައި ފިރިހެންވަންތަ ކަމެއް ހުރި ނަމަ ހިޔާ މަޝްރޫއަށް ވުރެން ބޮޑު މަޝްރޫއުއެެއް ހުޅުމާލޭގައި ހަމަ ޗައިނާގެ ބޭންކް އިން ލޯން ނަގައިގެން ފަށާ ނިންމަބަލަ ކޮންމެ އެޕާރޓްމެންޓެއްގައި 5 ހާސް އަކަފޫޓް ހުންނަވަރަށް

The name is already taken The name is available. Register?

ކަކުނިބޯ

29 July 2020

ލޯނުތަކަށް ޒިންމާވަނީ އެނެގިބައެއްނޫން ދިވެހިދައުލަތް އެލޯނެއްނެގި ޕާޓީ އެއް ނޫނީ ރައީސްއެއްނޫން ބަތަކައްކާ ކުޅޭހެން ލޯނުނަގަނަގާގެން ހަދާކަށް

The name is already taken The name is available. Register?

ހިބަރުވަދު

28 July 2020

ތިޔަ ފުލެޓްތަކަށް އެއްވެސް ބަދަލެއް ގެންނާނެކަމެއްނެތެވެ. ތިޔަތަންތަން ބޭނުންވެގެންތިބި މީހުންނަށް ދޭންވީއެވެ. އެމީހުންނަށް ހަމަބުއްދީގައި ވިސްނައި ފިކުރުކުރެވޭނީ އެތަންތަނަށް ވަދެތިބެގެންނެވެ. އުފުލަންޖެހޭ ތަކުލީފުތައްވެސް އެނގޭނީ އޭރުންނެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454