ބ. ކަމަދޫ: އެ ރަށުގައި ކަރަންޓީނުގައި ހުރި މީހަކު ވަނީ ޕޮޒިޓިވްވެފައި
30 ޖުލައި 2020 - 20:35
ބ. ކަމަދޫގައި ހޯމް ކަރަންޓީނުގެ މުއްދަތު ފުރިހަމަކުރުމަށް ފަހު ޓެސްޓްކުރި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ. އެނގިފައިވާ ގޮތުގައި މާލެ އިން ގޮސް ހުރި އެ މީހާ ޕޮޒިޓިވްވެފައި ވަނީ 14 ދުވަހުގެ ކަރަންޓީނުގެ މުއްދަތު ހަމަކުރުމަށް ފަހު މިއަދު ހެދި ޓެސްޓުންނެވެ.
އެ ރަށުން ވާހަކަ ދެއްކި މީހަކު ބުނީ ޕޮޒިޓިވްވި މީހާ ކަރަންޓީނުގައި ހުރީ އެކަނި ކަމަށާއި އެހެންވެ، އޭނާގެ ސަބަބުން އެހެން މީހަކަށް ބަލި ޖެހުމުގެ ފުރުސަތު ކުޑަވާނެ ކަމަށެވެ.
މާލެ އިން ރަށްރަށަށް ދާ މީހުން 14 ދުވަސް ވަންދެން ކަރަންޓީނުގައި ތިބެން ޖެހޭއިރު، ބައެއް ރަށްރަށުގައި ކަރަންޓީނުގައި ތިބި މީހުން ވަނީ ޕޮޒިޓިވްވެފަ އެވެ. އޭގެ ތެރޭގައި ރ. ދުވާފަރުގައި ކަރަންޓީނުގެ މުއްދަތު ހަމަވި ފަހުން ޓެސްޓް ނެގެޓިވްވެގެން ދޫކޮށްލި ފަހުން ޕޮޒިޓިވްވި ތިން މީހަކު ހިމެނެ އެވެ. އެކަމާ ގުޅިގެން އެ ރަށުގެ 24 މީހަކު ވަނީ ޓެސްޓް ހައްދައިފަ އެވެ. އެކަމަކު އެ އެންމެން ވެސް ނެގެޓިވް އެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފައިވާ ގޮތުގައި ހޯމް ކަރަންޓީނުގައި ތިބޭ މީހުން ޕޮޒިޓިވްވުމަކީ އެ ރަށެއްގެ ރައްޔިތުންނަށް މާބޮޑު ނުރައްކަލެއް ކުރިމަތިވާނެ ކަމެއް ނޫނެވެ. އަދި ކަރަންޓީނު ރަނގަޅަށް ތަންފީޒުކުރާ ނަމަ ރަށުގެ އެހެން މީހުން ބައްޔަށް ހުށަ ނޭޅޭނެ ކަމަށް އެތަނުން ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަސް
31 July 2020
ޕޮޒިޓިވްވި މީހާ އަށް އަވަސް ޝިފާއަކަށް އެދެން. އަހަރެގެ ދުއާއަކީ ތިރަށުން އިތުރު މީހަކު ޕޮޒިޓިވް ނުވުން.
އާދިލާ
30 July 2020
ޝަފާކައްﷲ. އިރާދަކުރެއްވިއްޔާ އިތުރު ބަޔަކަށް ބަލި ނުޖެހޭނެ.