މުނިފޫހިފިލުވުން / ބޮލީވުޑް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

އެކްޓަރު ބޮބީ ޑިއޯލް ކުޅެފައިވާ ވެބް ސީރީޒް "އާޝްރާމް" މި މަހު ސްޓްރީމްކުރާ ގޮތަށް ނިންމައިފި އެވެ.

މި މަހުގެ 28 ގައި އެމްއެކްސް ޕްލެޔާ އިން ސްޓްރީމްކުރަން ހަމަޖެހިފައިވާ ސީރީޒްގެ ޓީޒާއެއް ވެސް މިހާރު ވަނީ ދައްކާލައިފަ އެވެ. މީގެ ޑައިރެކްޓަރަކީ "ރާޖްނީތީ" އާއި "ގަންގާޖަލް" އަދި "ދިލް ކިޔާ ކަރޭ" ފަދަ ކާމިޔާބު ފިލްމުތައް ގެނެސްދިން ޕްރަކާޝް ޖާ އެވެ.

ޖާ ވެބްސީރީޒެއް ގެނެސްދޭ އިރު، އޭނާ ޑައިރެކްޓްކޮށްފައިވާ ފިލްމު "ޕަރީކްޝާ" މި މަހުގެ 6 ގައި ޒީ5 އިން ސްޓްރީމްކުރާނެ އެވެ.

"އާޝްރަމް" ގެ އިތުރުން ވެސް ބޮބީގެ އަތުގައި އެހެން ވެބް ފިލްމެއް އެބައޮތެވެ. އެއީ ޝާހްރުކް ޚާންގެ ފިލްމު ކުންފުނި ރެޑް ޗިލީޒް އެންޓައިންމަންޓުން ޕްރޮޑިއުސްކޮށް ނެޓްފްލިކްސް އިން ސްޓްރީމްކުރަން ހަމަޖެހިފައިވާ "ކްލާސް އޮފް 83" އެވެ.

ބޮބީގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ "ހައުސްފުލް 4" އެވެ.

"ގުންޖަން ސަކްސޭނާ" ގެ ޓްރެއިލާ މިއަދު

ކަރަން ޖޯހަރްގެ ދަރްމާ ޕްރޮޑަކްޝަނުން ގެނެސްދޭ ފިލްމު "ގުންޖަން ސަކްސޭނާ: ދަ ކަރްގިލް ގާލް" ގެ ޓްރެއިލާ މިއަދު ދައްކައިލަން ހަމަޖެހިއްޖެ އެވެ.

ޝަރަން ޝަރުމާ ޑައިރެކްޓްކޮށްފައިވާ ފިލްމު ނެޓްފްލިކްސް އިން ޕްރިމިއާކުރަން ހަމަޖެހިފައި ވަނީ މި މަހުގެ 12 ވަނަ ދުވަހު އެވެ. "ގުންޖަން ސަކްސޭނާ" އަކީ އިންޑިއާ އާއި ޕާކިސްތާނާ ދެމެދު 1999 ގައި ކުރި ކަރްގިލް ހަނގުރާމައިގައި އިންޑިއާގެ ސިފައިން ހެލިކޮޕްޓަރުގައި އުފުލި އިންޑިއާގެ އަސްކަރިއްޔާގެ ފުރަތަމަ އަންހެން ޕައިލެޓް ގުންޖަންގެ ވާހަކަ ކިޔައިދޭ ބައޮގްރަފިކަލް ޑްރާމާއެކެވެ. ފިލްމުގެ ޓައިޓްލް ރޯލް ކުޅުނީ ޖާންވީ ކަޕޫރެވެ.

"ގުންޖަން ސަކްސޭނާ" ގެ ކާސްޓުންގެ ތެރޭގައި އަންގަދު ބޭދީ އާއި ޕަންކަޖް ތުރިޕަތީ ހިމެނެ އެވެ.

އަކްޝޭގެ ވެބް ސީރީޒްގެ ޝޫޓިން އެޕްރީލްގައި

މިދިޔަ އަހަރު އަކްޝޭ ކުމާރު ބޮޑު އަގަކަށް ސޮއިކުރި އެމެޒޯން ޕްރައިމް ވީޑިއޯގެ ވެބް ސީރީޒް "ދި އެންޑް" ގެ ޝޫޓިން އަންނަ އަހަރުގެ އެޕްރީލް މަހުގެ ތެރޭގައި ފަށަން ނިންމައިފި އެވެ.

ކުރިން ނިންމާފައި އޮތީ އަންނަ ޑިސެމްބަރު މަހުގެ ތެރޭގައި ޝޫޓިން ފަށާށެވެ. ނަމަވެސް އަކްޝޭ ސޮއިކޮށްފައި ހުރި ފިލްމުތަކުގެ ޝޫޓިން ލޮކްޑައުންއާ ހެދި މަޑުޖެހި، ލަސްވެފައިވާތީ އެ ފިލްމުތަކުގެ މަސައްކަތްތައް އެންމެ ފުރަތަމަ ވަގުތު ދިނުމަށް ފަހު، ވެބް ސީރީޒަށް ވަގުތު ދޭން ނިންމީ އެވެ.

މިކަމާ ބެހޭ ގޮތުން ޕްރޮޑިއުސަރު ވިކްރަމް މަލްއުތުރާ ބުނީ "ދި އެންޑް" ގެ ޝޫޓިން ފަށާނީ އަންނަ އެޕްރީލް މަހުގެ މެދުތެރޭގައި ކަމަށެވެ. އެގޮތުން ތައްޔާރީތައް މިހާރު ވެސް ވަމުން އަންނަ ކަމަށާއި މިއީ އަކްޝޭގެ ވަރަށް ވަރުގަދަ އެކްޝަންތަކެއް ފެނިގެންދާނެ އެއްޗެއް ކަމަށް ބުންޏެވެ. "ދި އެންޑް" އަކީ އޭނާގެ ފުރަތަމަ ވެބް ސީރީޒް ވެސް މެ އެވެ.

ރާޖަމޯލީ ކޮވިޑަށް ފަރުވާ ހޯދަނީ

"ބާހްބަލީ" ގެނެސްދިން ޑައިރެކްޓަރު އެސްއެސް ރާޖަމޯލީ އާއި އާއިލާގެ ބަޔަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެގެން ފަރުވާ ހޯދަން ފަށައިފި އެވެ.

އޭނާ ކުރި ޓްވީޓެއްގައި ބުނީ ބައްޔަށް ޕޮޒިޓިވި ނަމަވެސް އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށާއި މިހާރު އިންތިޒާކުރަނީ އެންޓިބޮޑީއަށް ކަމަށެވެ. އޭރުން ޕްލަސްމާ ހަދިޔާކުރެވޭނެ ކަމަށާއި އެ މީހުން ތިބީ ހޯމް ކަރަންޓީނުގައި ކަމަށް ވެސް ބުންޏެވެ. ރާޖަމޯލީ އާއި އާއިލާގެ ބަޔަކު ކޮވިޑް-19 އަށް ޕޮޒިޓިވްވި ޚަބަރާ އެކު ފިލްމީ ދާއިރާގެ ވަރަށް ގިނަ ބަޔަކު ޓްވިޓާގައި އަވަސް ޝިފާއަކަށް އެދިފައިވެ އެވެ.

އިންޑިއާގެ އެންމެ ކުޅަދާނަ ޑައިރެކްޓަރުންގެ ތެރޭގައި ހިމެނޭ ރާޖަމޯލީގެ ކުރިއަށް އޮތް ފިލްމަކީ އަންނަ އަހަރު ގެނެސްދޭ "އާރްއާރްއާރް" އެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454