ލައިފްސްޓައިލް / ޖަޕާން

ބަސް ތަރުޖަމާކޮށްދޭ ސްމާޓް ފޭސް މާސްކެއް

ބައިނަލްއަގްވާމީ މާކެޓަށް "ސީ-ފޭސް ސްމާޓް މާސްކް" ނެރެވޭނެ ކަމަށް ބެލެވެނީ އަންނަ އަހަރުގެ އެޕްރީލްގެ ފަހުން

ފޭސް މާކަކީ މިހާރު ކޮވިޑް-19އާ ދެކޮޅަަށް ބޭނުންކުރެވޭނެ އެންމެ އާންމު ހަތިޔާރެވެ. މި ބަލިމަޑުކަމާ އެކު މީގެ ކުރިން މާސްކްގެ ބޭނުން ނުޖެހޭ ވަރަށް އިންސާނުންނަށް މި ވަނީ މާސްކަށް ބަރޯސާވާން ޖެހިފަ އެވެ. އެހެންވެ މާސްކަކީ ބޮޑު ވިޔަފާރިއަކަށް ބަދަލުވެފައިވާ އިރު، ބައެއް ޓެކް ކުންފުނިތަކުން އަންނަނީ މާސްކަށް ޒަމާނީ ބޮޑެތި މުހިއްމު ބަދަލުތައް ވެސް ގެންނަން މަސައްކަތްކުރަމުންނެވެ.

ޓެކްނޮލޮޖީގެ އުފެއްދުންތަކަށް އަރާ ހުރި އޭޝިއާގެ ޖަޕާނުގެ ކުންފުންޏަކުން މިހާރު ވަނީ ހާއްސަ ސިފަތަކާ އެކު މާސްކެއް އުފައްދައިފަ އެވެ. "ސީ-ފޭސް ސްމާޓް މާސްކް" ގެ ނަން ދީފައިވާ މި މާސްކް އުފައްދާފައި ވަނީ ޖަޕާނުގެ ސްޓާޓަޕެއް ކަމަށްވާ ޑޯނަޓް ރޮބޯޓިކްސް އިންނެވެ.

މި މާސްކްގެ ހާއްސަ ކަމަކީ އަޅައިގެން ހުންނަން ހުރިހާ ގޮތަކުން ވެސް ފަސޭހަ އެއްޗަކަށްވުމުގެ އިތުރަށް އަޅައިގެން ހުންނަ މީހާގެ މޫނުގެ ހަރަކާތްތަކާއި ދައްކާ ވާހަކަ ވެސް ތަރުޖަމާކޮށްދޭނެ އެއްޗަކަށްވުމެވެ. މޮބައިލް އެޕެއް މެދުވެރިކޮށް ވެސް މި މާސްކާ ކުޅެލެވޭނެ އެވެ.

މާސްކް އެޅުމުން އަނގަޔާ އެކު މޫނުގެ ވަރަށް ބޮޑުބައި ފޮރުވިފައި ހުންނާތީ މިއީ މީހާގެ މޫނުމަތިން ފާޅުވާ ޝުއޫރުތަކާއި އިހުސާސްތައް ވެސް ދެނެގަންނަން ހުރަހަކަށްވެ އެވެ. އެއާ އެކު މާސްކް އަޅައިގެން ވާހަކަ ދައްކާ އިރު، އެހެން މީހުންނަށް އަޑު ނީވުން ފަދަ މައްސަލަތައް ވެސް ދިމާވެ އެވެ.

ޑޯނަޓް ރޮބޯޓިކްސް އިން އުފެއްދި ސްމާޓް މާސްކުން މި މައްސަލަތައް ހައްލުކޮށް ދޭނެ އެވެ. އެގޮތުން މާސްކް އަޅައިގެން ހުންނަ މީހާ ދައްކާ ވާހަކަ އާއި އޭނާގެ އަޑު އަށް ބަހަކުން ތަރުޖަމާކުރެވުމަކީ އެކި ބަހުރުވަތަކުން މުއާމަލާތްކުރާ މީހުންނާ އެކު އުޅެން ވެސް އިތުރު ފަސޭހަކަމެއް ގެނެސްދޭނެ ކަމެކެވެ. މާސްކް ތަރުޖަމާކޮށްދޭ ބަހުރުވަތަކަކީ އިނގިރޭސި، ފްރެންޗް، ސްޕެނިޝް، ޖަޕަނީޒް، ޗައިނީޒް، ކޮރިއަން، އިންޑޮނީޝިއަން އަދި ވިއެޓްނަމީޒެވެ.

ޑޯނަޓް ރޮބޯޓިކްސްގެ ސީއީއޯ ތައިސޫކޭ އޯނޯ ވިދާޅުވި ގޮތުގައި "ސީ-ފޭސް ސްމާޓް މާސްކް" އަކީ ކޮރޯނާވައިރަހުން ރައްކާތެރިކޮށްދޭ އެއްޗަކަށް ވުރެ ބޮޑަށް އާންމުކޮށް މި އަޅާ މާސްކްގެ މަތިން އަޅަން ވަރަށް ރަނގަޅު، ބޭނުންތެރި އުފެއްދުމެކެވެ. އެގޮތުން ގައިދުކުރުމަކީ މިހާރު ކޮންމެހެން ވެސް ކުރަން ޖެހޭ ކަމަކަށްވާތީ ސްމާޓް މާސްކަކީ މީހުންނާ ބައްދަލުވާ އިރު ރައްކާތެރިކަން ހޯދައިދޭނެ އުފެއްދުމެކެވެ.

މި މާސްކް އުފައްދާފައި ވަނީ ޕްލާސްޓިކާއި ސިލިކަން ބޭނުންކޮށްގެންނެވެ. އަދި މާސްކް ފަރުމާކޮށްފައި ވަނީ މައިކްރޮފޯނެއް އެކުލެވޭ ގޮތަށް އޭތި، ބުލޫޓޫތު މެދުވެރިކޮށް ސްމާޓްފޯނާ ގުޅައިލެވޭ ގޮތަށެވެ.

ޑޯނަޓް ރޮބޯޓިކްސް އިން ބުނީ "ސީ-ފޭސް ސްމާޓް މާސްކް" އަކީ ހަތަރު މަހެއްހާ ދުވަހުގެ ތެރޭގައި ކުރިއަށް ގެންދިޔަ ކްރައުޑް ފަންޑިންއެއްގެ ނަތީޖާ ކަމަށެވެ. އަދި މިފަދަ ކަމަކަށް ހަތަރު މަހެއްހާ ދުވަހުގެ ތެރޭގައި އެތައް ދިމާލަކުން ފައިސާގެ އެހީ ލިބުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށް ބުންޏެވެ. އެގޮތުން ޖަޕާނުގެ ކްރައުޑް ފަންޑިން ޕްލެޓްފޯމް ފަންޑިނޯ މެދުވެރިކޮށް ޖޫން މަހުގެ ތެރޭގައި 28 މިލިއަން ޔެން (256،000 ޑޮލަރު) ލިބުނު އިރު، މިދިޔަ މަހުގެ ތެރޭގައި އިތުރު 56.6 ޔެން (539،000 ޑޮލަރު) ލިބުނެވެ.

ޑޯނަޓް ރޮބޯޓިކްސް އިން މިހާރު ތައްޔާރު ވަނީ "ސީ-ފޭސް ސްމާޓް މާސްކް" ލިބޭނެ ގޮތް ހެދުމަށެވެ. އެގޮތުން ފުރަތަމަ ބުރުގައި މި އަހަރުގެ ޑިސެމްބަރު މަހުގެ ޖަޕާނުގެ މާކެޓަށް 5،000-10،000 މާސްކް ނެރޭނެ އެވެ. މާސްކެއްގެ އަގު އުޅޭނީ 40-50 ޑޮލަރުގަ އެވެ. މީގެ އިތުރުން އެޕްގެ ސަބްސްކްރިޕްޝަނަށް އިތުރު އަގެއް ނަގާނެ އެވެ.

ބައިނަލްއަގްވާމީ މާކެޓަށް "ސީ-ފޭސް ސްމާޓް މާސްކް" ނެރެވޭނެ ކަމަށް ޑޯނަޓް ރޮބޯޓިކްސް އިން ލަފާކޮށްފައި ވަނީ އަންނަ އަހަރުގެ އެޕްރީލްގެ ފަހުންނެވެ. އެކަމަކު މިހާރު ވެސް އެމެރިކާ އާއި އިނގިރޭސިވިލާތް ފަދަ ގައުމުތަކުން މާސްކަށް ޝައުގުވެރިކަން ފާޅުކޮށްފައިވާތީ ޕްރޮޑަކްޝަން ފުޅާކުރަން ފަންޑް ހޯދަން އިތުރު ހަރަކާތްތަކެއް ކުރިއަށް ގެންދަން ވަނީ ނިންމައިފަ އެވެ.

0 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 75%
icon sad icon sad 0%
icon angry icon angry 25%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454