ގޫގުލް ފައިލްސް އަށް އެންކްރީޕްޓް ފޯލްޑާއެއް -- ޑޮކިޔުމަންޓްތައް ރައްކާކުރަން ރައްކާތެރި ތިޖޫރިއެއް
07 އޯގަސްޓް 2020 - 09:35
ގޫގުލް ފައިލްސް އަކީ އެންޑްރޮއިޑް އެޕްލިކޭޝަނެކެވެ. ގޫގުލް އިން އުފައްދައި އާންމު ބޭނުންތަކަށް ޕްލޭ ސްޓޯރުން މި އެޕްލިކޭޝަން ލިބެ އެވެ.
ގޫގުލް ފައިލްސް އަކީ ފޯނުގައި ހުރި ފައިލްތައް ހޯދައި ބަލައި، އެކި ފޯލްޑާތަކުގައި ތަރުތީބިކޮށް ރައްކާކުރަން އެހީތެރިވެދޭ އެޕްލިކޭޝަނެކެވެ. ޑުޕްލިކޭޓް ފައިލްތައް އަދި ބޭކާރު ގޮތުގައި ޖާގަހިފާ ފައިލްތައް ނައްތާލަން ވެސް މި އެޕްލިކޭޝަން އެހީތެރިވެދެ އެވެ. މި އެޕްލިކޭޝަން ފޯނަށް އަޅައި ފުރަތަމަ ބޭނުންކުރަން ފަށާއިރު، ކުރިން ތަޖުރިބާކުރެވިފައި ނެތް ގޮތަކަށް އުޅެގަނެ އެވެ. އިސާހިތަކު ފަރިތަވެ މި އެޕްލިކޭޝަނާ ނުލައި ސްމާޓްފޯން ގެންގުޅެން އުނދަގޫ ވެ އެވެ.
"ގޫގުލް ފައިލްސް އަށް ތިޖޫރިއެއް" ސުރުޚީގައި އޮތެއް ކަމަކު، މަލާމާތުގެ ހިނިގަނޑަކުން ފުއްދައި ނުލާށެވެ. ވެގެން އުޅޭ ގޮތަކީ މި އެޕްލިކޭޝަނަށް "އެންކްރީޕްޓް" ފޯލްޑާއެއް ގޫގުލް އިން އުފައްދައި ދިނީ އެވެ. އަދި އާންމުކޮށް ބޭނުންކުރުމަށް، ބައްރުތައް ވަކިވަކިން ދޫކުރަން ފެށީ އެވެ. މި ފޯލްޑާ އަދި ދިވެހިރާއްޖެއާ ހަމަ އަށް ނައި ނަމަވެސް، ލަސްތަކެއް ނުވެ އަންނާނެ ކަމަށް ބޫގުލްގެ ބަޔާނުން އެނގެ އެވެ.
ގޫގުލް ފައިލްސްގައި "އެންކްރީޕްޓް – ސޭފް ފޯލްޑާ"އެއް ހިމެނުމުން، މުހިންމު ލިޔެކިޔުންތައް ރައްކާކުރާނެ ތިޖޫރިއެއް ލިބުނީ އެވެ. ހުޅުވަން އެދޭ ނަމަ ހަތަރު އަދަދުގެ "ޕިން ކޯޑް"އެއް ޖަހަން ޖެހެ އެވެ. މި ނޫން ގޮތަކަށް ފޯލްޑާ ތެރޭގައި ހުންނަ ފައިލްތައް ނުހުޅުވެ އެވެ.
ފައިލްސް މަސައްކަތްކުރަނީ، ބޭންކް އޮފް މޯލްޑިވްސްގެ "މޮބައިލް ބޭންކިން" އެޕްލިކޭޝަން މަސައްކަތްކުރާ ގޮތަށެވެ. މި ބުނީ ޕާސްކޯޑް ޖަހުމަށް ފަހު، އެހެން އެޕްލިކޭޝަން ހުޅުވައިފި ނަމަ، ފޯލްޑާ އަމިއްލަ އަށް ތަޅުލެވޭ ވާހަކަ އެވެ. އަލުން ހުޅުވަން، އަލުން ޕާސްކޯޑް ޖަހަން ޖެހެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy