ރިޕޯޓް / ސިޔާސީ މަޝްވަރާތައް

ދައްކާނެ ވާހަކައެއް ނެތި، މައްސަލަތައް ހައްލުވީތަ؟

މަޝްވަރާ އަށް ރައީސް ޔާމީން ކަނޑައެޅުއްވި ވަޒީރުންނާ، އދ.ގެ މަންދޫބު ތަމްރަތު ބައްދަލުކުރައްވަނީ: ކޮމަންވެލްތުން ރާއްޖެ ވަކިވުމާ އެކު މަޝްވަރާގެ އަޑު ވަނީ ކެނޑިފައި -- ފޮޓޯ: ޓުވިޓާ

ރާއްޖޭގެ ޝަރުއީ ނިޒާމްގައި ހުރި މައްސަލަތަކާ މެދު ކަންބޮޑުވަނީ ހަމައެކަނި ބޭރުގެ ގައުމުތަކަކުންނެއް ނޫނެވެ. އެއީ ދިވެހިން ކޮންމެ ދުވަހަކު ވެސް ތަޖުރިބާކުރަމުން އަންނަ ހަގީގަތެކެވެ. އަދި އަސާސީ ބައެއް ހައްގުތައް ނިގުޅައިގެންފައިވުމަކީ ވެސް ދައްކާ ދޮގު ވާހަކައެއް ނޫނެވެ. މި ކަންކަމާ ދެބަސްވަނީ ސަރުކާރުންނެވެ.

ރާއްޖެއާ މެދު ފިޔަވަޅު އަޅަން ކޮމަންވެލްތުން ދިން ފަހު އިންޒާރާ އެކު، އެކަންކަން އިސްލާހުކުރާނެ ކަމުގެ ޔަގީންކަން ސަރުކާރުން ދިނެވެ. ޝަރުތެއް ނެތި މަޝްވަރާ އަށް ވެސް އެއްބަސްވި އެވެ. އެކަމަކު ކެބިނެޓުގެ ކުއްލި ނިންމުމަކުން ރާއްޖެ މިވަނީ ކޮމަންވެލްތުން ވަކިވެފަ އެވެ. އެއީ މިހާރު ސަރުކާރުން ދަންނަ ޖަމާއަތެއް ނޫނެވެ.

އެ ޖަމާއަތުން ކުރިމަތިކުރުވި ޕްރެޝަރުތަކުން ރެކެން ސަރުކާރުން ހޯދީ ފަސޭހަ އަދި އަވަސް ހައްލެކެވެ. ކޮމަންވެލްތުގެ ގޮވާލުމާ އެއްގޮތަށް، މަޝްވަރާކޮށްގެން ގޮތްތަކެއް ހޯދާކަށް މިހާރު ނުޖެހޭނެ އެވެ. އެ ޖަމާއަތުން އެކަހަރިވުމާ އެކު ގައުމުގައި ހުރި މައްސަލަތައް ހައްލުވީ ހެއްޔެވެ؟ ޕާޓީތަކާ އެކު އިށީނދެ ދައްކަން ޖެހޭ ވާހަކައެއް ވެސް ނެތީ ހެއްޔެވެ؟

އިސްލާހު ކުރަން ސީމެގުން ހުށަހެޅި ކަންކަން:

- ސިޔާސީ ހުރިހާ ފަރާތްތަކަށް ބައިވެރިވޭ ގޮތަށް، ވަކި މަގުސަދުތަކަކާއި ވަގުތުތަކެއް ކަނޑައަޅައިގެން މަޝްވަރާތައް އަލުން ފެށުން. - ޖަލަށް ލާފައިވާ ސިޔާސީ ބޭފުޅުންނަށް އެނބުރި ސިޔާސީ މައިދާނަށް ވަޑައިގެންނެވޭނެ ގޮތަށް ދޫކޮށްލުން. - ސިޔާސީ ބޭނުންތަކަށް ޓެރަރިޒަމް ގާނޫނުގެ ނާޖާއިޒު ފައިދާ ނެގުން ހުއްޓާލުން. - ޝަރުއީ ދާއިރާގެ މިނިވަންކަމާއި އިންސާފުވެރިކަން ކަށަވަރުކުރުން. - މަދަނީ ޖަމިއްޔާތަކަށް ހަރަކާތްތެރިވެވޭނެ ފަދަ މިނިވަން މާހައުލެއް ގާއިމުކޮށްދިނުން. - ދައުލަތުގެ ތިން ބާރު ވަކިވެފައި އޮތް އޮތުން ކަށަވަރުކޮށްދިނުން.

މަޝްވަރާ އަށް ވީނުވީއެއް ނޭނގެ!

ރާއްޖެއާ ގުޅޭ ގޮތުން ކޮމަންވެލްތުން ފާޅުކުރި ކަންބޮޑުވުންތަކަށް ހައްލު ހޯދަން، ފަށަން އުޅުނު މަޝްވަރާތަކަށް ވީނުވީއެއް މިހާރަކު ނޭނގެ އެވެ. ސީމެގުގެ އެޖެންޑާގައި ރާއްޖެ ހިމެނުމާ އެކު، ކޮންމެ ހަފުތާއަކު ކަހަލަ ގޮތަކަށް ނޫސްވެރިންނަށް މަޝްވަރާއާ ގުޅޭ ގޮތުން ސަރުކާރުގެ ވިސްނުން ހާމަކުރިއަސް އެކަމާ ގުޅޭ ގޮތުން މިހާރު މާ ގިނަ ވާހަކައެއް ސަރުކާރުގެ އެއްވެސް ބޭފުޅަކު ނުދައްކަވަ އެވެ.

މަޝްވަރާއާ މެދު ސަރުކާރުގެ ވިސްނުން ޕާޓީތަކަށް ވެސް ސާފެއް ނޫނެވެ.

ކޮމަންވެލްތުން ވަކިވި ފަހުން މަޝްވަރާއާ ގުޅޭ އެއްވެސް ކަމެއް މި ޕާޓީއަށް އަންގާފައެއް ނެތް. ސަރުކާރުން ކަންކަން ކުރާ ގޮތަކީ، ސިޔާސީ ލީޑަރަކު މަޝްވަރާކުރަން ޖެހެޔޭ ވިދާޅުވެއްޖިއްޔާ ޖަލަށް ލަނީ، ބޭރުގެ ޖަމާއަތަކުން ގޮވާލައިފިއްޔާ އެ ބަޔަކާ ގުޅުން ކަނޑާލައި އެކަހެރި ވަނީ. --އަލީ ނަޒީރު

މަޝްވަރާތަކުގައި ސަރުކާރު ތަމްސީލްކުރައްވާ އިސް މަންދޫބު، ޑރ. މުހައްމަދު ޝައިނީ އެންމެ ފަހުން ވިދާޅުވެފައިވާ ގޮތުގައި އދ.ގެ މަންދޫބު ތަމްރަތު ސެމިއުލް ހުންނެވީ ކުރު ޗުއްޓީއެއްގަ އެވެ. އޭނާ އެނބުރިވަޑައިގަތުމާ އެކު މަޝްވަރާ ފަށާނެ އެވެ.

ކޮމަންވެލްތުގެ ގޮވާލުމާ އެއްގޮތަށް މަޝްވަރާކޮށްގެން ކަންކަން ހައްލުކޮށް، ޝައިނީ ވިދާޅުވެފައިވާ ގޮތުގައި، ސަރުކާރުން އޮތީ ރައްޔިތުންނަށް ދޭން ޖެހޭ ހިދުމަތްތައް ދޭން ކެތްމަދުވެފަ އެވެ. އެކަމަކު ކޮމަންވެލްތުން ވަކިވުމާ އެކު، ސަރުކާރުން ދެއްކި މި ވާހަކަތައް ދެކޮޅެއް ނުޖެހެ އެވެ.

އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ވިދާޅުވީ ޝަރުތަކާ ނުލައި މަޝްވަރާ ކުރަން ކޮމަންވެލްތުން ގޮވާލީ އދ. އިން ކުރިއަށް ގެންދަން އުޅުނު މަޝްވަރާ ވެސް ހުއްޓިފައި އޮތުމުގެ ކަންބޮޑުވުމާ އެކު ކަމަށެވެ. ޕާޓީތަކާ އެކު މި ފަހަރު މަޝްވަރާ ކުރިއަށް ގެންދާނީ އދ. ގެ މަންދޫބާ އެކު ކަމަށް ސަރުކާރުން ބުނެފައިވީ ނަމަވެސް އޭގެ ހަގީގަތެއް އަދި މަޝްވަރާ ބާއްވާނެ ކަމެއް ވެސް ސާފު ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޕާޓީތަކަށް އދ. އިން އަދި ނާންގާ ސަރުކާރުން މަޝްވަރާ ކުރަން އުޅޭ ކަމަކަށް. އަޅުގަނޑުމެންނަކަށް މިހާރު ޔަގީނެއް ނޫން މަޝްވަރާ ކުރާނެ ކަމަކަށް ވެސް. އެއީ، އެކަމަށް އެންމެ ބޮޑަށް ބާރު އެޅި ޖަމާއަތުން ވެސް މިއޮތީ ވަކިވެފައި،" ޝިފާޒް ވިދާޅުވި އެވެ.

މައްސަލަތައް ހައްލުކުރަން ލިބުނު ފުރުސަތުގެ ބޭނުން، ޝިފާޒް ވިދާޅުވި ގޮތުގައި، ސަރުކާރަކުން ނުހިފި އެވެ. އޭގެ ބަދަލުގައި، އެ ހުށަހެޅުންތައް ބޮލާލައި ޖަހައި ސަރުކާރުން އިހްތިޔާރުކުރީ ދެން ވެސް އޮތް އެންމެ ގޯސް މަގު ކަމަށް އޭނާ ވިދާޅުވި އެވެ.

"އިސްލާހުވުމުގެ ބަދަލުގައި ސަރުކާރު ހައްދުފަހަނައަޅައިދާ މަންޒަރު މި ފެންނަނީ. ސިޔާސީ އެއްވެސް ލީޑަރަކަށް މިނިވަންކަމެއް ނެތް. ސިޔާސީ ޕާޓީތަކުގެ އެތެރޭގެ ކަންކަމާ ބެހި، ޖުޑިޝަރީ ބޭނުންކޮށްގެން ސިޔާސީ ޕާޓީތަކުގެ ނިޒާމް ވެސް މިދަނީ ނެތިކޮށްލަމުން،" ޝިފާޒް ވިދާޅުވި އެވެ.

އެމްޑީޕީ އާއި އަދާލަތު ޕާޓީން ބުނިގޮތުގައި ޝަރުތެއް ނެތި މަޝްވަރާ ކުރާނެ ކަމުގެ ޔަގީންކަން ދިނުމަށް ފަހު، ޝަރުތަކަށް ފަހު ޝަރުތެއް ސަރުކާރުން ކުރިމަތި ކުރުވީ އެވެ. މަޝްވަރާގައި ބައިވެރިވާނެ މަންދޫބުން ކަނޑައެޅުމަކީ އެ ޕާޓީއެއްގެ އަމިއްލަ ނިންމުމަކަށް ވާއިރު އެކަމަށް ވެސް ސަރުކާރުގެ ނުފޫޒު ވައްދަން ސިޓީ ފޮނުވި އެވެ.

ސިޔާސީ ޕާޓީތަކުގެ މަޝްވަރާ އަށް ފޮނުވަން ޖެހޭނީ އެ ޕާޓީއެއްގެ ކައުންސިލް ބާއްވައި ކައުންސިލުން ފާސްކުރާ މަންދޫބުންގެ ނަންތައް ކަމަށް ބުނެ ރައީސް އޮފީހުން ޕާޓީތަކަށް އެންގި އެވެ. އެގޮތަށް ސަރުކާރަށް ނޭންގޭނެ ކަމަށް ގިނަ ޕާޓީތަކުން ގަބޫލުކުރާއިރު، މި ނިންމުން އަމާޒުކޮށްފައި ވަނީ ޕީޕީއެމްގެ ފަރާތުން ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން ބައިވެރި ނުކުރަން ވެގެން ކަމަށް ބެލެވެ އެވެ.

މަޝްވަރާގައި ބައިވެރިވާނެ މަންދޫބުން އެ ޕާޓީއެއްގެ ކައުންސިލުން ފާސްކުރާ ގޮތަށް ނިންމަން ރައީސް އޮފީހުން އެދުނު އިރު، އިދިކޮޅު ޕާޓީތަކުން ދެކޭ ގޮތުގައި، އެއީ ސަރުކާރުން ކުރިމަތިކުރުވި ފުރަތަމަ ޝަރުތެވެ. ދެ ވަނަ ޝަރުތަކީ، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވާހަކަތަކުގައި ބައިވެރިނުކުރާނެ ކަން ސަރުކާރުން އެންގުމެވެ. އެ ގޮތަށް ދެ ޕާޓީ އަށް އެންގީ ޕާޓީތަކުން ހުށަހަޅާ މަންދޫބުންނާ އެކު ވާހަކަތައް ކުރިއަށް ގެންދާނެ ކަމަށް ސަރުކާރުން އެއްބަސްވުމަށް ފަހު އެވެ.

އަދާލަތު ޕާޓީގެ މީޑިއާ ކޮމެޓީގެ ރައީސް އަލީ ނަޒީރު ވިދާޅުވީ މަޝްވަރާ ކުރިއަށް ގެންދަން ސަރުކާރުގެ އިހްލާސްތެރި ކަމެއް ނެތް ކަމަށެވެ. މަޝްވަރާ އަށް ޕާޓީތަކަށް ގޮވާލުމަށް ފަހު، ދެން ކަން ކުރާ ގޮތުން އެކަން ވަރަށް ސާފު ކަމަށް އޭނާ ވިދާޅުވި އެވެ.

"ކޮމަންވެލްތުން ވަކިވި ފަހުން މަޝްވަރާއާ ގުޅޭ އެއްވެސް ކަމެއް މި ޕާޓީއަށް އަންގާފައެއް ނެތް. ސަރުކާރުން ކަންކަން ކުރާ ގޮތަކީ، ސިޔާސީ ލީޑަރަކު މަޝްވަރާކުރަން ޖެހެޔޭ ވިދާޅުވެއްޖިއްޔާ ޖަލަށް ލަނީ، ބޭރުގެ ޖަމާއަތަކުން ގޮވާލައިފިއްޔާ އެ ބަޔަކާ ގުޅުން ކަނޑާލައި އެކަހެރި ވަނީ،" ނަޒީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ދިވެހި ސަރުކާރުގެ އަމަލުތަކަށް މުޅި ދުނިޔޭގެ ލޯ އަމާޒުވެފައި އޮތް އިރު، ކޮމަންވެލްތުން ވަކިވެ، މަޝްވަރާ އިން ސަރުކާރަށް ރެކެވޭކަށް ނެތެވެ. އަދި ހުރިހާ ގުޅުންތަކެއް ކަނޑާލައި އެކެހަރި ގައުމެއްގެ ގޮތުގައި ވެސް ކުރިއަކަށް ނުދެވޭނެ އެވެ.

"ނުފޫޒު ގަދަ އެތައް ގައުމުތަކަކުން ވެސް ތަކުރާރުކޮށް އެ ދަނީ ގޮވާލަމުން މައްސަލަތައް ހައްލުކުރަން. މަޝްވަރާނުކޮށް ފިލަން އުޅުނަސް ހައްލެއް ނުލިބޭނެ،" އޭނާ ވިދާޅުވި އެވެ.

"ސަރުކާރުގެ ހުރިހާ އަމަލުތަކަކާ އެކު އަދިވެސް އަޅުގަނޑުމެން މިތިބީ މަޝްވަރާކޮށްގެން ކަންކަން ހައްލުކުރަން ތައްޔާރަށް."

ކާމިޔާބު ވާނެ ފޯމިއުލާއެއް ނޫން!

މަޝްވަރާއާ މެދު ސަރުކާރުގެ ވިސްނުން ހުރި ގޮތެއް ނޭނގޭއިރު، އެ މަޝްވަރާތައް ކުރިއަށް ގެންދަން އުޅުނުު ގޮތުން ވެސް ސިޔާސީ ޕާޓީތަކުގެ ކަންބޮޑުވުންތަކެއް އެބަ ހުއްޓެވެ. އަނެއްކޮޅުން، ޕާޓީތަކުން ހުށަހަޅާ ހުރިހާ ކަމަކަށް ސަރުކާރު ދޫނުދޭނެ ކަން ވެސް ކުރިން ބާއްވަން އުޅުނު މަޝްވަރާތަކުން ސާފުކޮށް އޮތީ ފެންނާށެވެ.

އަދާލަތު ޕާޓީ އަދި އެމްޑީޕީ ގުޅިގެން ބޭއްވި ޖަލްސާއެއްގައި ދެ ޕާޓީގެ މެމްބަރުން --ފޮޓޯ:އަދާލަތު ޕާޓީ

މިފަހަރު ވެސް، އެމްޑީޕީ އާއި އަދާލަތު ޕާޓީ އަދި ޖުމްހޫރީ ޕާޓީގެ ޝަރުތުތަކެއް އެބަ ހުއްޓެވެ. ހުރިހާ ޕާޓީތަކެއްގެ އެންމެ ބޮޑު އަމާޒަކީ މަޝްވަރާ އިން ސިޔާސީ ލީޑަރުން މިނިވަން ކުރެވޭނެ ގޮތެއް ވުމެވެ. އެކި "މަޅިތަކުގައި ބައްދާފައި" ތިބި ލީޑަރުންނަށް ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެވޭނެ މަގެއް ފަހިވުމެވެ. މީގެ ތެރޭގައި ގިނައީ ދިގު މުއްދަތުގެ ޖަލު ހުކުމް އިއްވާފައިވާ ބޭފުޅުންނެވެ.

ސަރުކާރުން ގަބޫލުކުރާ ގޮތުގައި، މިއީ މަޝްވަރާގެ މޭޒުން ހައްލު ހޯދޭނެ މައްސަލަތަކެއް ނޫނެވެ. އެއީ، ތިން ބާރު "ވަކިވެފައިވާ" ނިޒާމެއްގައި، ޖުޑިޝަރީގެ ނިންމުންތަކަށް ސަރުކާރަށް އަތް ބޭނެން ނޯންނާނެތީ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

މި ކަންކަމަށް ބަލާއިރު، މަޝްވަރާ އަށް މިހާރު ކަނޑައަޅާފައި އޮތް ފޯމިއުލާއަކުން ލިބޭނެ ހައްލެއް ނެތެވެ. މަޝްވަރާތައް ކާމިޔާބުވުމަށް ވުރެ ގާތީ ފެއިލްވުމާ އެވެ.

12 ކޮމެންޓް, 23 ރިއެކްޝަންސް

icon happy icon happy 78%
icon sad icon sad 9%
icon angry icon angry 13%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ތެއާސާ

25 October 2016

ސާބަހޭ އަލީ ނަޒީރު. އަލީމެންފަދަ ކެރޭ، ގައުމީ ލޭ ހިނގާ ޒުވާނުން ސިޔާސީމައިދާނުގެ ކުރީ ސަފަށް ނިކުތުމުން މި ގައުމުގެ ކަންކަން ކޮންމެވެސް ދުވަހަކުން ރަގަޅުވެދާނެ ކަމުގެ އުންމީދު އާވެއްޖެ. ގައުމާއިގެން ކުރިއަށް.

The name is already taken The name is available. Register?

ފަޒީލު ލޯންޑްރީ

25 October 2016

މަވާސަލާން ޕީޕީއެމަކައް ވޯޓެއް ދުވަހަކުވެސް ނުލާނަން ކޮބާރިސޯޓު ހިއްސާ

The name is already taken The name is available. Register?

އަޙްމަދު

25 October 2016

ހީވަނީ ސަރުކާރުން ޖުޑީޝަރީއަށް އަތް ނުބާނާހެން ދޮގެއްތޯ.

The name is already taken The name is available. Register?

އަލިބެ

25 October 2016

މިގައުމު ހަމަ މަގަށް އެޅޭނީ ހަރުދަނާ ބައެއް ސިޔާސީ ކަންކަމުގައި ހަރަކާތްތެރިވެގެންނެވެ. ވަކިން ހާއްސަކޮށް އިދިކޮޅު ފަރާތްތަކުގެ ތެރޭގައި އެފަދަ ބައެއް ފެނިގެންނެވެ. އެމް.ޑީ.ޕީގެ ކުރީ ސަފުގައި މިތިބީ ނަޝީދު ބުނާހާ ގޮތަކަށް ރިހަ ވެގެން ތިބެން ޖެހިފައިވާ ބައެކެވެ އެމް.ޑީ.ޕީ އުޅެންވީ ނަޝީދުގެ ނަން ވޯޓު ކަރުދާސް ކޮޅުގައި ބޭއްވުމަކަށް ނޫނެވެ. އެމް.ޑީ.ޕީ އިން އުޅެންވީ އެމް.ޑީ.ޕީގެ ޕްރައިމަރީ އިން ހޮވާ ކެންޑިޑޭޓެއްގެ ނަން ވޯޓު ކަރުދާސްކޮޅުގައި ހިމެނުމަށެވެ. ދެއިރު ދެ ދަޅައަށް ކާ ބޭހެއްހެން ނަޝީދުގެ ނަން ވޯޓު ކަރުދާސް ކޮޅުގައި ބާއްވާނަމޭ ގޮވާ ހަޅޭ ލެވުމުން އެނގިގެންދަނީ އެމް.ޑީ.ޕީގެ ދޯ ހަޅިކަމެވެ.

The name is already taken The name is available. Register?

ހިނި އަންނަނީ

25 October 2016

އެމްޑީޕީ ޕްރައިމަރީ އޮންނާނެ. އެދުވަހަކު ކަލޭވެސް ކެރެންޔާ ވާދަ ކުރަންވީ. އެކަމަކު އެނގޭ ކަމަކީ ރައީސް ނަޝީދު ވާދަ ކުރައްވާ ޕްރައިމަރީއެއްގަ ހޮވޭނީ އެމަނިކުފާނުކަން. ސަބަބަކީ އެއީ އެމްޑީޕީގެ އެންމެ ތާއީދު ބޮޑު ލީޑަރަށްވުން.

The name is already taken The name is available. Register?

އުސްތާޛް ޢިރުފާން ބިން ޢަބުދުﷲ

25 October 2016

"މުޅި އޮޑީގައިވަނީ ހަސަންގެ ދެފައި".. ދެން ކިހިނެތްތޯ މި ޤަޢުމުގެ ޝަރުޢީ ދާއިރާ އިސްލާހުވާނީ؟؟؟؟

The name is already taken The name is available. Register?

މުހަންމަދު ހަމީދު ދިއްދޫ

25 October 2016

ވާހަކައެއް ދެއްކޭކައްނެތް ކޮރަފްޝަނާ ފަސާދައިގެ ތެރެޔައް ގައުމު ގެނބެމުން މިދަނީ

The name is already taken The name is available. Register?

އިހުސާނު

25 October 2016

ކޮމަންވެލްތުގަރާއްޖެބައިވެރިވާކަށްނުޖެހޭ. އެއީ ކޮލޮނީންގެކުލަބެއް

The name is already taken The name is available. Register?

މުނައްވަރު

25 October 2016

ފުރަތަމަ އދ އިން ކުރަންވީ ކަމަކީ މިގައުމު ހަމަމަގަށް އަޅުވަން ސްރީލަންކާގައި ދާއިމީ އޮފީހެއް ހަދާ އެތަނުގައި އދ މަންދޫބު މަސައްކަތް ފަށައިގަންނަންވީ. ގާނޫއަސާސީ ގެ ބާރު ކެޑިހުރިހާ އެއްމެން ޝަރީއަތަށް ހާޒިރުކުރަންވީ.

The name is already taken The name is available. Register?

މިނިވަން ދިވެހި މީހާ

25 October 2016

އ.ދ. ގެ އަސާސަކީ ގައުމުތަކުގެ ދާޚިލީ ކަންކަމާ ބެހުމެއް ނޫން. ރާއްޖޭގެ އެތެރޭގެ މައްސަލަތަށް ހައްލުކުރަން ޖެހޭނީ ވެސް އަދި ހައްލު ކުރާނީ ވެސް ދިވެހިން. ކިތަންމެ އުދަގޫ ވިޔަސް ކޮރަޕްޓު ވިޔަސް ބޭރު މީހުން އައިސް ރާްޖެއާ ތޮޅެން ފުރުސަތެއް ނުދެވޭނެ. ޢެވާނީ އަރައިނުގަނެވޭނެ ހަލާކަކަށް. ލީބިޔާ، އިރާގު، ސީރިޔާ، މިހެން ގޮސް ބަލާލި ކޮންމެ ދިމާލަކުން މިފެންނަނީ ހުޅަގުގެ ގައުމުތަށް ހަލާކު ކުރި އިސްލާމީ ގައުމުތަށް.

The name is already taken The name is available. Register?

ގަޅިބެ

25 October 2016

މިނިވަން ދިވެހި މީހާ، އަށް ބުނެލަންއޮތީ އދ ން ރާއްޖޭގެ ދާޚިލީ ކަންކަމާ ނުބެހުނީމަ ރާއްޖޭގެ ކަންކަން މިދަނީ ރަގަޅަށްހޭ؟ ދެން ތިބުނާ ލީބިޔާ، އިރާޤް، ސީރިޔާ، ހަލާކު ކުރީވެސް އެތަންތާގެ ޕީޕީއެމް ވެރިކަމަށްއަރާ ރައްޔިތުންގެ ހައްގުތައް ފޭރި، އަނިޔާވެރި ވެރިކަމެއްކުރާތީ. ކޮންމެ ގައުމެއްވެސް ހަލާކުވެދަނީ ޤައުމަށް ގައްދާރުވާ ބަޔަކުގެ އަތްދަށަށް ހުރިހާ ބާރުތަކެއް އެރީމަ. އަމާންކަމާ ސުލްހަވެރިކަމާއެކު ވެރިކަންކުރާ އެއްވެސް ގައުމަކަށް އދ އަކުންވެސް ކޮމަންވެލްތަކުންވެސް ފާޑެއްނުކިޔަ.

The name is already taken The name is available. Register?

ސިދުގީ

25 October 2016

ލިޔުންތެރިޔާ ތިއުޅުއްވަނީ އޮޅިގެންނެވެ. ރާއްޖޭގައި ކަންކަން އިސްލާހުކުރަން އެބަހުއްޓެވެ. ޚާއްސަކޮށް ޝަރުއީ ދާއިރާއެވެ. އެކަމަކު ތިކިޔާ ކޮމަންވެލްތުގެ މަގުސަދަކީ އިސްލާހުކުރުމެއްނޫނެވެ. ވަކިމީހަކަށް މިރާއްޖޭގެ ވެރިކަން ހޯދައިދިނުމެވެ. ކޮމަންވެލްތޭ ކިޔާ ޖަމާއަތަކީ ވަކިރަސްކަމަކުން ހިންގާ ޖަމާއަތެކެވެ. މުޅިޖަމާއަތުގެ ސިޔާސަތު ކަޑައެޅިފައިއޮތީ އެރަސްކަމުގެރުހުމުގެ މައްޗަށެވެ. އެކަމަކު އެއީ އާރެއް ބާރެއްނެތް ޖަމާއަތެކެވެ. އެކަން އެޖަމާއަތަކަށް ނުވިސްނެއެވެ. މިހާރު މިއޮތީ ތިޔަކިޔާ ކޮމަންވެލްތުން ވަކިވެފައެވެ. ރާއްޖެއަށް ލިބެމުންއައި އެއްވެސް ކަމަކަށް އުނިކަމެއް އައިހެއްޔެވެ. މިގައުމަކީ މިނިވަން ގައުމެކެވެ. މިގައުމުގައިވެސް އެހެންގައުމުތަކުގައިވެސް އިސްލާހުކުރަންޖެހޭ ކަންކަން ހުންނާނެއެވެ. އެކަމަކު އެއިސްލާހުގެ ނަމުގައި މިގައުމަށް ބިރުދެއްކިގެން ނުވާނެއެވެ. ދިވެހިރާއްޖޭން ކޮމަންވެލްތުން ވަކިވާން ޚިޔާރުކުީތީ ސަރުކާރަށް ނިހާޔަތަށް ކޮންމެ ދިވެހި ދަރިޔަކު ޝުކުރުވެރިވެއެވެ. އެއީ ރާއްޖޭގެ ޝަރުއީ ދާއިރާޔާއި އެހެނިހެން ދާއިރާ އިސްލާހުކުރަން ބޭނުން ނުވާތީއެއްނޫނެވެ. ކޮމަންވެލްތުގެ މަގުސަދަކީ ކޮބައިކަން އެނގޭތީއެވެ. އަދިކޮމަންވެލްތަކީ ދަތްނެތްޖަމާއަތެއްކަން އެނގޭތީއެވެ. ކުޑަގައުމެއްވީމާ އިންޒާރުދީ ބޮޑުގައުމެއްވީމާ ކަމެއްކުރާންނުކެރުމުގެ ސިޔާސަތު ގެންގުޅޭ ޖަމާއަތަކަށްވާތީއެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454