މާލެ އަތޮޅު ވިލިވަރުގައި ހަދާފައިވާ ކަރަންޓީން ފެސިލިޓީގެ ކޮޓަރިތައް.---ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ
13 އޯގަސްޓް 2020 - 19:48
ވިލިވަރުގައި ކަރަންޓީން ފެސިލިޓީއެއް ހެދުމަށް ބިޑް ކޮމިޓީން މަސައްކަތް ހަވާލު ކުރާނެ ބައެއް ނުނިންމަނީސް، އެ މަސައްކަތް ހަވާލުކޮށް އެއްބަސްވުމުގައި ސޮއި ކޮށްފައިވާ ކަމަށް އޮޑިޓް އޮފީހުން ބުނެފި އެވެ.
ކޮވިޑާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީން ކުރި ހަރަދުތަކާ ގުޅިގެން ކޮށްފައިވާ ކޮމްޕްލަޔަންސް އޮޑިޓްގައިވާ ގޮތުން މި އަހަރުގެ ފެބްރުއަރީ މަހުގެ 3 ވަނަ ދުވަހު މިނިސްޓްރީގެ ސީނިއާ މެނޭޖްމަންޓުން މި މަސައްކަތް ކުރަން ނިންމައި، މި މަސައްކަތް އަމިއްލަ ކުންފުންޏަކާ ހަވާލުކުރުމަށް ބިޑް ކޮމެޓީގެ ނިންމުމަކަށް އެދުނެވެ. އަދި މިކަމާ ގުޅިގެން މާޗް 5 ވަނަ ދުވަހު ބިޑް ކޮމެޓީގެ ބައްދަލުވުމުގައި، އެ މަސައްކަތް އެ ކުންފުންޏާ ސިންގަލް ސޯސް ޕްރޮކިއުމަންޓް އުސޫލުގެ ދަށުން ހަވާލުކޮށްފައިވެ އެވެ. އެހެން ނަމަވެސް ބިޑް ކޮމިޓީން ހުއްދަ ދީފައިވާ ކަމަށް އޮތީ މާޗް މަހުގެ 16 ވަނަ ދުވަހު އެވެ.
މި މަސައްކަތަށް ޖުމްލަ 6.3 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވެ އެވެ. އެގޮތުން މަސައްކަތުގެ އަގުގެ ގޮތުގައި 2.1 މިލިއަން ރުފިޔާ ހިމަނާފައިވާ އިރު ބޭނުންވާ މެޝިނަރީ އަށް 2.8 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. އަދި ކަރަންޓީން ފެސިލިޓީއަށް ބޭނުންވާ ފަރުނީޗަރާއި އިކުއިޕްމަންޓަށް 1.1 މިލިއަން ރުފިޔާ ހޭދަކުރި އެވެ. މީގެ އިތުރުން ކަރަންޓީން ފެސިލިޓީ ސާފު ކުރުމާއި ދަތުރުތަކަށް ބޭނުންވާ އެހެނިހެން ހަރަދުތަކަށް ތިން ލައްކަ ވަރު ހޭދަކޮށްފައިވެ އެވެ.
ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިލިވަރު ކަރަންޓީން ފެސިލިޓީ ބައްލަވައިލައްވަނީ.---ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ
މި މަސައްކަތް އެ ކުންފުންޏާ ހަވާލުކުރުމުގައި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ ދަށުން އެ ކުންފުނީގެ މާލީ އަދި ފަންނީ ގާބިލުކަން ޔަގީން ކުރިކަމެއް ލިޔެކިއުމުން އެނގޭކަށް ނެތް ކަމަށް އޮޑިޓް އޮފީހުން ބުނެ އެވެ.
މި މަސައްކަތަށް ބޭނުންވާނެ ތަކެތި އެސްޓީއޯ މެދިވެރިކޮށް ހޯދަން ފިނޭންސް މިނިސްޓްރީގެ ހުއްދައަކަށް އެދިފައިވާއިރު، މިކަމުގެ މަސައްކަތް ކުރާނެ ފަރާތެއް ސިންގަލް ސޯސް އުސޫލުގެ ދަށުން ބަޔަކާ ހަވާލުކުރުމަށް، ފިނޭންސްގެ ހުއްދައަކަށް އެދިފައިނުވާކަން ވެސް އޮޑިޓް އޮފީހުން ފާހަގަކުރެ އެވެ.
މި މަސައްކަތަށް ބޮޑު ހޭދައެއް ކޮށްފައިވާ އިރު އެތަނުގެ އަގު ސަރުކާރުން އަދާކުރީ ކުރަން ޖެހޭ އިންސްޕެކްޝަންތައް ފުރިހަމަނުކޮށެވެ.
ވިލިވަރުގައި 30 ރޫމްގެ ކަރަންޓީން ފެސިލިޓީއެއް ހަދާފައިވެ އެވެ. މި މަސައްކަތް ކޮށްފައިވަނީ ޓޫރިޒަމްގެ ޓްރަސްޓް ފަންޑުންނެވެ. އޮޑިޓް ރިޕޯޓުގައި މިކަން ހަވާލުކުރި އަމިއްލަ ކުންފުނީގެ ނަން ހާމަކޮށްފައި ނުވާ އިރު ޓޫރިޒަމް މިނިސްޓްރީން މީގެ ކުރިން ބުނެފައިވަނީ އެ މަސައްކަތް ކޮށްފައިވަނީ ސަރުކާރު ހިއްސާވާ ގިނަ ކުންފުނިތަކާއި މުއައްސަސާތަކުގެ ބައިވެރިވުމާ އެކު ކަމަށެވެ. އެގޮތުން އެމްޑަބްްލިއުއެސްސީ އާއި އެސްޓީއޯ އައި ފުލުހުންގެ ބައިވެރިވުން ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރައްޔެތު.
14 August 2020
ކޮން މެ ސަރުކާރެއް އަޔަސް ވަނީ މިވަރު. ވަކި ރަނގަޅު އެކަކުވެސް އެބައުޅޭތަ. ެެެެެެެެެެެެެެެެ މީ ސިޔަސީ ކޮ މެންޓެއް ނޫން. ގައު މުގެ ހަލަތާއި މެދު އުން މީދު ކެނޑިއްޖެ. 2023 ގަ މި އެން މެން ގޭދޮށައް ހިނގަން ފަށާނެ. ވީހާލެއްގަ ވާން އަހަރު މެން ތިބޭނީ.
މަނާލްް
13 August 2020
އަލީ ވަހީދު ބުނި ފްލޯޓިން ހޮސްޕިޓަލެއްގެ ވާހަކައަކާ ވިލިވަރު ކަަރަންޓީނު ފެސިލިީޓީއެއްގެ ވާހަކައަކާ، މިފަދަ އެތައް ވާހަކައެއް ދައްކާ އެތައް އަވާމެންދުރެއް ރައްޔިތުންނަށް ދެއްކި. ހުރިހާ އެއްޗެއް ތޮޅިއަށްދޯ ހަމަ ފޮނުވާލީ؟ ފައްކާ ސައިބޯނި ބޮއްކެއް.
ރިހާން
13 August 2020
ތިކަން އޮންނާނީ ސިފައިން ލައްވައި ކުރުވާފަ..ފައިސާދިނީ އެހެން ބަޔަކަށް..
ރިހާން ދޮންބެ
14 August 2020
ފުލުހުން އޮޅުވާ ނުލައްވާ. މީ ދެ މުއައްސަސާ އެއް
ޒަންޖަބީލު
13 August 2020
ތި ވިލިވަރު ފެސިލިޓީގެ ފޮޓޯއެއްވެސް ލީނަ މަ އެނގޭނެ ތީ ކިހާ މިލިޔަނެއް ހަރަދު ކޮއްފަ ހުރި ތަނެއްކަން....
ހަޒާނާ
13 August 2020
ހުސް ވާހަކަ އެވެ. ސިޔާސީ ބޮޑުންގެ މައްސަލަ އެއް ބަލާ ހުކުމަކާ ހަމަ އަށް ނުދެއެވެ. މައްސަލަ ބަލަން ނުކެރެންޔާ ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތެވެ.