މަޖިލީހުގެ ކޮމިޓީގައި، ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވާހަކަދައްކަވަނީ.-- ފޮޓޯ: މަޖިލިސް
26 އޯގަސްޓް 2020 - 14:52
މަތީ ތައުލީމް ހާސިލްކުރަން މި އަހަރު ލޯނު ލިބޭ ދަރިވަރުން ހޮވާފައިވާނީ އާއްމުކޮށްފައިވާ އުސޫލުތަކާ އެއްގޮތަށް ކަމަށާއި އެ މަސައްކަތްކުރީ ދެފުށްފެންނަ ގޮތަށް ކަމަށް ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގެންނެވި ފަހުން ލޯނަށް ހުޅުވާލާފައިވަނީ އެކަމަށް ބަޖެޓުކޮށްގެން ކަމަށެވެ. އެކަމަކު އޭގެ ކުރިން އެކަން ކޮށްފައިވަނީ ބަޖެޓުނުކޮށްކަން އޭނާ ފާހަގަކުރެއްވި އެވެ.
މިފަހަރު ލޯނު ހުޅުވާލީ ތިން ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެއީ އަލަށް ކިޔަވަން ފަށާ ދަރިވަރުންނާއި މިހާރު ކިޔަވަމުން އަންނަ ދަރިވަރުން އަދި ލާމަރުކަޒީ ގޮތުން ބަހާލާފައިވާ ދާއިރާތަކެވެ.
މިނިސްޓަރު ވިދާޅުވީ އިންތިހާބީ ދާއިރާ ހާއްސަކުރީ ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް ރާއްޖޭގެ އެކި ހިސާބުތަކުގައި ތިބި ކުދިންނަށް މަތީ ތައުލީމް ހާސިލްކުރުމުގެ ފުރުސަތު ލިބޭކަން ކަށަވަރުކުރުމަށް ކަމަށެވެ. އެހެން ނޫނީ މި ފަސް އަހަރު ނިމިގެންދާއިރު ވަކި ދާއިރާއެއްގެ މީހަކަށް ނުލިބިދާނެ ކަމަށް ވިދާޅުވި އެވެ.
މިހާރު ކިޔަވަމުން އަންނަ ދަރިވަރުންނަށް ލޯނު ދިނުމުގައި ބެލީ، އޭނާ ވިދާޅުވި ގޮތުގައި، ވީހާ ވެސް ކުރު މުއްދަތެއްގައި ކިޔެވުން ނިމޭ ދަރިވަރުންނަށެވެ. އެ ކެޓަގަރީން ބެލި މައިގަނޑު އަސާސަކީ މެރިޓް ނޫން ކަމަށާއި ލޯނު ލިބޭ ދަރިވަރުން ހޮވުމުގައި ބޭނުންކުރާ ހުރިހާ ފޯމިއުލާ ޝީޓާއި މާކްސް ދޭ ހުރިހާ ގޮތާއި އުސޫލު ވެބްސައިޓުގައި ހުންނާނެ ކަމަށް ވިދާޅުވި އެވެ.
"އިތުރު ޑޮކިއުމެންޓަކަށް ރެފައެއް ނުކުރަން. ވަރަށް ޓްރާންސްޕޭރެންޓުކޮށް މަސައްކަތްކުރީ. އަޅުގަނޑުމެން ފޮރުވަންޖެހޭ އެއްވެސް ކަމެއް ނޯންނާނެ،" މިނިސްޓަރު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ޔަގީންކަން އަރުވާނަން މި ސަރުކާރުން އަޅުގަނޑުމެން މިކަން ކޮށްފައި މި އޮތީ އިއުލާނުކޮށްފައި އިން، ގެޒެޓުކޮށްފައި އިން އުސޫލާ އެއްގޮތަށް ހަމަ އަކުރުން އަކުރަށް. އެ ޔަގީންކަން ތި ބޭފުޅުންނަށް އަރުވަން."
މަތީ ތައުލީމް ހާސިލްކުރުމަށް ލާމަރުކަޒީ ދާއިރާތަކަށް ޖާގަތައް ކަނޑައަޅާފައި ވިއަސް، ދަރިވަރުން ކިޔެވުން ނިންމުމަށްފަހު އެ ދަރިވަރަކު ނިސްބަތްވާ ދާއިރާއަކަށް ހިދުމަތް ލިބުމާ ގުޅޭގޮތުން މެމްބަރުން ސުވާލުކުރެއްވި އެވެ. އެކަމާ ގުޅިގެން މިނިސްޓަރު ވިދާޅުވީ، ލާމަރުކަޒީ ނިޒާމު ވަރުގަދަކޮށް ރާއްޖެ ތަރައްގީކުރުމަށް ބޭނުންވާ މީހުން ބިނާކުރުމަށް ފުރުސަތުތައް ދޭއިރު، ފުރުސަތު ލިބޭ މީހުން ކިޔެވުން ނިންމުމަށްފަހު އަނބުރާ އައިސް ހިދުމަތް ލިބޭކަން ކަށަވަރުކުރެވޭ ގޮތެއް ހަދަންޖެހޭ ކަމަށެވެ. އެކަމުގައި މަޖިލީހުގެ އެހީތެރިކަމެއް އުފާކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
މިިދިޔަ ފެބްރުއަރީ މަހު އިއުލާނުކުރި ސްޓޫޑެންޓް ލޯނު 514 ދަރިވަރަކަށް ދީފައި ވެ އެވެ. އެ ދަރިވަރުންގެ ކިޔެވުމަށް 151 މިލިއަން ރުފިޔާ ކަނޑައަޅާފައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހައްސާ222
27 August 2020
ލޯން އަށް ދޭ ފައިސާ ބޭންކުމެދުވެރިކޮށް ޓީޓީ ހެދޭނެ ގޮތެއް ހަމަޖައްސާފަ ފައިސާ ދޫކުރުމަށް ގޮވާލަން.
ހައްސާ222
27 August 2020
ލޯން އެކަނި ދިނަސް އަދި ހަމައެއްނުޖެހޭ. 15.42 ގެ ރޭޓުން ދިވެހި ރުފިޔާ ދިނީމަ ބޭންކުން ޓީޓީއެއް ނުވަތަ ޑޮލަރ އެއް ނުވިއްކާ. 20 ރުފިޔާ އަށް ޑޮލަރ ގަނެގެން ލޯން އަށް ދީފައި ހުންނަ ފައިސާާއިން މަދުވާ ބައިދޭނީ ކާކުބާ؟ ބޭންކުނަ ބުނަނީ ކޮލެޖް ފީ އެކަނިކަމަށް ޓީތީވެސް ހަދައިދެވޭނީ. ލިވިންގ އެލަވަންސް ރުފިޔާއިން ޕޭކުރެވޭ ގައުމެއް ބުނެދީބަލަ.
އަސްލު
27 August 2020
އަޅުގަނޑު ދަރިފުޅު މެލޭޝިޔާއިންކިޔަވަަފަ ދެން އޮތްބައި ޑޮކަޓަރކަން ކިޔެވުމަށް ލޯނަށް އެދުނީ ހުރިހާ ޝަރުތެއް ފުރިހަމަވޭ އެކަމަކު ލިސްޓް ނެރުންއިރު ނަމެއްނެތް އަޅުގަނޑުމެންނަކީ ތަނަވަސް ބައެއްނޫން. އެހެންވެ އަދި ކިޔެވޭނެ ގޮތެއްނެތި ކިޔެވުން އޮތީ މިހާރު ހުއްޓިފަ. ކުރިން އެހިސާބަށް ވަޒީފާ އޮތީމައި މިހާރު އެއްވެސް ވަޒީފާއެއްނެތް.
ކޮވެލި ސަރުކާރު
27 August 2020
ލޯނު ދޫކުރަން މިނިސްޓްރީ އެއް ބޭނުން ނުވޭ. މަތީ ތަޢޮލީމު އެންމެ ކުރިއަރާފައިވަާ ގައުމުތަކުން އެކަން ކުރީ މިނިސްޓްރީ އަކާ ނުލާ. ޚަރަދު ކުޑަ ސަރުކާރެއް ހިންގަން ދަސްކުރަން ޖެހޭ. އަހަރެމެން އަތުން ޓެކްސް ނަގައިގެން ބޭކާރު ކަންކަން ކުރާނެ ކަމެއް ނެތް.
ފަރުހާ
26 August 2020
ފްލެޓްކޮމިޓީންވެސް ބުނި ތިހެން..ގޭގެއަށްގޮސް ހާލަތު ބަލާފައޭ ލިސްޓްނެރުނީ..2018ގައި ނިޔާވެފައިވާ މީހުންވެސް ލިސްޓްގަ..
ހޮއުސޫލު
26 August 2020
އުސޫލުންވީމަތޯ އަމިއްލަޔަށް ލޯން އިވަލުއާޓުކޮށްފައި ތިތާ އުޅޭ މުވައްޒަފުން ތިޔަ މައްސަލާގަ ގަވާއިދާ ހިލާފަށާ ނުފޫޒު ފޯރުވައިގެން އޮފީހުން ބޭރުކުރަނީ؟
އަފްޣާނިސްތާނުގެހާމިދުކަރުޒާއީ
26 August 2020
ހުރިހާކަމެއްގައިވެސް އޮންނަނީ ގަނޑުބަޑު. ވަރަށް ރަނގަޅަށް ބަލާންޖެހޭނެ ތިކަން ގޮއްސާއޮތްގޮތެއް.