އަހަރުގެ ފަހު ކުއާޓަރުގައި ބައެއް މާކެޓްތަކަށް "އެލްޖީ ޕިއުރިކެއާ" ނެރެން ވަނީ އަމާޒު ހިފާފައި
އެލްޖީގެ މާސްކް.
28 އޯގަސްޓް 2020 - 08:21
އަޅައިގެން ހުންނަ އިރު ވައި ސާފުކޮށްދޭ މާސްކެއް ދެކުނު ކޮރެއާގެ އެލްޖީ އިލެކްޓްރޯނިކްސް އިން އުފައްދައިފި އެވެ.
ގެވެހި އިލެކްޓްރޯނިކް ސާމާނަށް މަޝްހޫރު ކުންފުނިން އުފެއްދި މި މާސްކަށް ދީފައިވާ ނަމަކީ "އެލްޖީ ޕިއުރިކެއާ" އެވެ. އެލްޖީން ބުނި ގޮތުގައި މާސްކަކީ އާންމުކޮށް ގޭތެރޭގެ ވައި ސާފުކުރަން ބޭނުންކުރާ ޒާތުގެ ޕިއުރިފަޔާއާ ދާދި އެއްކަހަލަ ގޮތަކަށް މަސައްކަތްކުރާނެ އެއްޗެކެވެ.
މާސްކް އުފައްދާފައި ވަނީީ އަޅައިގެން ހުންނަ އިރު، އެ ވަގުތަކު އެތަނެއްގެ ފިނިހޫނުމިން މިންވަރު ދެނަގަނެވޭ ސެންސައަކާއި ކުޑަ ވަރެއްގެ މޮޓޮރައިޒްޑް ފަންކާއެއް ވެސް އެކުލެވޭ ގޮތަށް، ވައި ސާފުކޮށްދޭ ގޮތަށެވެ. އެގޮތުން މާސްކްގައި 820mAh ގެ ބެޓެރިއެއް އިންނާނެ އެވެ. ޗާޖްކޮށްލައިގެން ލޯ-ޕަވާ މޯޑްގައި މާސްކް އަށް ގަޑިއިރަށް މަސައްކަތްކުރާނެ އެވެ. އަދި ހައި-ޕަވާ މޯޑްގައި ދެ ގަޑިއިރަށް މަސައްކަތްކުރާނެ އެވެ.
LG REVOLUTIONIZES PERSONAL CLEAN AIR WITH PURICARE™ WEARABLE AIR PURIFIER https://t.co/AXBjb135W7
— Adhushan (@Adhushan1) August 27, 2020
އެލްޖީން ބުނި ގޮތުގައި "އެލްޖީ ޕިއުރިކެއާ" އަކީ ކޮވިޑް-19 ފެތުރޭތީ ރައްކާތެރިވާން މާސްކް އަޅަން ޖެހުނަސް މާ ބޮޑު ރައްކާތެރިކަމެއް ނުލިބޭ ކަހަލަ މާސްކް އެޅުމަށް ލިބޭ ހައްލަކަށް ވެސް ވާނެ އެވެ. އެހެންވެ މި މާސްކަކީ އަމިއްލަ އަށް ތައްޔާރުކޮށްގެން ބޭނުންކުރާ ފޮތި މާސްކް ފަދަ އެއްޗިއްސާ ހިލާފަށް ބޭނުންކުރަން މާ އެކަށޭނެ އެއްޗެއް ކަމަށް ބުންޏެވެ.
ނަމަވެސް މި މާސްކަކީ ސީދާ ކޮރޯނާވައިރަހުން ރައްކާތެރިކަން ލިއްބައިދޭނެ އެއްޗެއް ކަމަށް އެލްޖީން އަދި ކަނޑައެއްނާޅަ އެވެ. މާސްކާ ގުޅޭ ޓެސްޓްތަކެއް މިހާރު ކުރިއަށްދާ އިރު އެ ކުންފުނިން މިހާރު އިންތިޒާރުކުރަމުން އަންނަނީ ރަސްމީ އިދާރާތަކުން އެއަށް ހުއްދަ ދޭނެ އިރަކަށެވެ.
"އެލްޖީ ޕިއުރިކެއާ" މާސްކް.
"އެލްޖީ ޕިއުރިކެއާ" މާސްކް އުފައްދާކަން އެލްޖީން އިއުލާންކުރީ މިދިޔަ މަހުގެ ތެރޭގަ އެވެ. އަދި މި މާސްކަށް ހުއްދަ ލިބުމާ އެކު ފުރަތަމަ މަރުހަލާގައި ސޯލްގެ ޔުނިވަސިޓީ ހޮސްޕިޓަލަށް 2،000 މާސްކް ހަދިޔާކުރަން ވަނީ ނިންމައިފަ އެވެ.
"އެލްޖީ ޕިއުރިކެއާ" ރަސްމީކޮށް ބާޒާރަށް ނެރޭނެ އިރަކާއި ވިއްކާނެ އަގެއް އަދި އިއުލާނެއްނުކުރެ އެވެ. އެކަމަކު ހޮވައިލެވޭ ބައެއް މާކެޓްތަކަށް އަހަރުގެ ފަހު ކުއާޓަރުގައި ނެރެން ވަނީ އަމާޒު ހިފައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy