ސައިކަލުތަކެއް ޕާކް ކޮށްފައި: ދުއްވާލަން ގެންދިޔަ ސައިކަލެއް ގެއްލުމުން އޭގެ ފުރިހަމަ އަގު ދައްކަން ކުރި ހުކުމް ވަނީ ދަމަހައްޓާފައި -- ފޮޓޯ/މިހާރު
31 އޯގަސްޓް 2020 - 18:32
ދުއްވާލަން ގެންދިޔަ ސައިކަލެއް ގެއްލުނު މައްސަލައެއްގައި ސައިކަލުގެ ފުރިހަމަ އަގު ދައްކަން ސައިކަލާ ހަވާލުވި މީހާގެ މައްޗަށް ކުރި ހުކުމް ހައި ކޯޓުން މިއަދު ދަމަހައްޓައިފި އެވެ.
އޮގަސްޓް، 2017 ގައި މީހެއްގެ ސައިކަލު ދުއްވާލަން ގެންގޮސް ޕާކް ކޮށްފައި ހުއްޓާ ވަގަށް ނެގި މައްސަލައެއްގައި ސައިކަލުގެ ވެރިމީހާ ދައުވާކުރީ ސައިކަލާ ހަވާލުވެގެން ދިޔަ މީހާގެ މައްޗަށެވެ. އެ މީހާގެ މައްޗަށް ސިވިލް ކޯޓުން 2018 ވަނަ އަހަރު ހުކުމްކުރީ އެ ސައިކަލުގެ ފުރިހަމަ އަގަށްވާ 94،000ރ. އެއް މަސް ތެރޭގައި ދެއްކުމަށެވެ.
އެ މައްސަލަ އޭނާގެ ފަރާތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ ބޭނުން ކުރުމަށް ފަހު އަނބުރާ ހަވާލުކުރާ ގޮތަށް އާރިއާއެއްގެ ގޮތުގައި ގެންދާ މުދަލެއް ގެއްލުނީ ނުވަތަ ހަލާކުވީ އެ މުދަލަކާ ހަވާލުވި މީހާގެ އިހުމާލުން ކަމަށް ނުވިޔަސް، އޭގެ އަގު އެ މީހަކު އަދާ ކުރަން ޖެހޭނެ ކަމަށް އިސްލާމީ ޝަރީއަތުގެ ޖުމްހޫރު އިލްމުވެރިން އިއްތިފާގުވާ ކަމަށެވެ. އެ މައްސަލާގައި އެ މީހާ ސައިކަލު ގެންދިޔައީ އަނބުރާ ގެންނަ ގޮތަށް ކަމަށްވާތީ އެއީ އާރިއާގެ ރުކުންތައް ފުރިހަމަވާ މުއާމަލާތެއް ކަމަށް އެ ހުކުމުގައިވެ އެވެ.
މީގެ އިތުރުން އެ ސައިކަލު ވަގަށް ނެގިި މީހަކު ހޯދި އަދި އޭނާގެ މައްޗަށް ޖިނާއީ ކުށް ސާބިތުވެއްޖެ ނަމަ، ސައިކަލުގެ އަގަށް ދައްކަން ޖެހުނު ފައިސާ އެ މީހަކު އަތުން ހޯދުމުގެ ބާރު ސައިކަލާ ހަވާލުވި މީހާއަށް އޮންނާނެ ކަމަށް ދަށު ކޯޓުން ކަނޑައަޅާފައިވާތީ އެ ހުކުމް ރަނގަޅު ކަމަށް ހައި ކޯޓުގެ ހުކުމުގައިވެ އެވެ.
އެ މައްސަލަ ބެއްލެވީ ފަނޑިޔާރު ހުސައިން ޝަހީދާއި ފަނޑިޔާރު އަބްދުﷲ ހަމީދު އަދި ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުކުމްދާރީ
01 September 2020
ދުއްވާލަން ގެންދިޔަސް ގޭދޮރުމަތީ ބައިންދައިގެން ބަރުގަނޑު އަޅާލަ އަޅަލާ ބަހައްޓަން ގެންދިޔަސް ސައިކަލާ ހުންނާނީ ގެންދިޔަ މީހާގެ ފުރިހަމަ ޒިންމާގެ ފަށުގައެވެ އެހެންވީމަ ފާޅުކަން ބޮޑު ގޮތެއްގަ ޙުކުމް ފުރިހަމަވެފާ ޝަރީއަތުން ދިން ޖަވާބު މޮޅެވެ
އަޙްމަދު އަލި ދީދީ
01 September 2020
ޑިޕްރިސިއޭޓުވެސް ނުވޭތަ ތިޔަ ސައިކަލެއް
ރަދީފްއޮފިޝިއަލް
01 September 2020
ހެހެހެހެ.ގަނެގެން 2 މަސް ނުވަނީސް ފްރެންޑްއަތުން ސައިކަލް ގެއްލުނީމަ އަދި އެހާ ބޮޑުތަނުން ޑިޕްރިސިއޭޓް ނުވާނެ ދޯ.އެކަމަކު މިހާރު އޭގެ ވެލިއު ހުންނާނީ ޑިޕްރިސިއޭޓްވެފަ.
ހަސަނު
01 September 2020
މީ ވަރަށް ރަނގަޅު ނިންމުމެއް... ދެން މަ ދުވަހަކުވެސް މީހެއްގެ ސައިކަލު ބޮރޯ ނުކުރާނަން...
އަބްދުރަހީމް ޕައިތަގަރަސް
01 September 2020
ބަލަގަ މަގޭ ރައްޓެއްސެއްވެސް މަގޭއަތުން ސައިކަލެއް ބޮރޯކޮށްލިތަނާ ވަގަށް ނެގި. ނަމަވެސް މަނުދަން އެސޮރު ގޮވައިގެން ކޯޓަކަށް. މަގޭ ރަހުމަތްތެރިކަން ސައިކަލަކަށްވުރެ މަށަށް މާއަގުބޮޑު
ޖާބެ
31 August 2020
މިކަނުގަ ތަހުގީގީ އިދާރާކޮބާ ، ސައިކަލު ހޯދޭހާ ވަސީލަތް މަދީތަ ކޮބާ ދައުލަތު މުއައްސަސާތކުގެ ޒިން މާ ، ނަތީޖާ އެއް ހާސިލްނުވާ ބަޔަކައް ރައްޔިތުންގެ ޓެކްސް ފައިސާ ދައްކަނީ ކީއްކުރަން. މިހާތަނައް އޭނަގެ އަތުން ނެގި ޓެކްސް އިން ބަދަލުދޭން ފެނޭ، ސިޔާސީ މީހުންނަކައް ނޫން ހަ މައެކަނި ބަދަލު ހައްގުވަނީ
ބުޅާ ލޯބި2
31 August 2020
ސައިކަލު ބާ ވީމާ ރައްޓެއްސެއްގެ ބޮލުގަ އަޅުވާ ބަދަލު ހޯދުމުގެ ކޭސްތައް އިތުރު ނުވާނެބާ. ވ އިތުބާރުހުރި މީހެއްގެ އެއްޗަކައް ނޫނީ ނާރާތި